އަޑުއިވޭ، ލޯމަތި މިވާ އެކި ޙާދިސާ މޭރުންކުރޭ
ކަނޑުވަމުން އެހެނަސް ފެތޭ ގައުމަށް ޓަަކައި ހޭހަންކުރޭ
ފަރުފަރާ ގިރިއަށް ބަލައިގެން ދަތުރުގައި މިސްރާބުދީ
ހަރުދަނާ އީމާނުގައި ގައުމުގެ ޒަރޫރަތު އިސްކުރޭ
އަންނަ ޙަމަލާ ކޮޅުކޮޅުން ބިންދާ އެ ރާޅުގެ ހޮޅިތެރޭން
ފެންނަ ހިނދު ޢަޒުމާއެކީ ހަތިޔާރުތައް އަތްމަތިކުރޭ
ކޮޅިގަނޑާ އެކު ވާރެއާ ގަދަ ވައިތެރޭ އޮޑި ދިޔަވިޔަސް
މޮޅިވެ ބިތްޖެހިފައި ނުތިބެ، ދިޔަ ހިއްކުމަށް ހިތްވަރުކުރޭ
ޣަރަގުވާން ދޫކޮށްނުލައި ހުޅަނގުން ނަގާ ޠޫފާނުގައި
ދަރަނިވެރި ގައުމުގެ ދަރީން ބަޠަލުންފަދައިން މޭ ދިއްކުރޭ
ނޫ ކަށީން ނެރެ ހިތްވަރާއެކު ބަނދެ ކަމަރު ޖޯޝާއެކީ
މޭކަރާ ގޮތްނުވެ ޒުވާނުން ނިޔަތުގައި ފައިހަމަކުރޭ
ޙާލަތާއި ޒަމާން ރޮމުން ނިޔަނެތި ކުރާ އާދޭސްތަކަށް
މާލަކުން ނޫން! "ދިވެހި ލޭ ހުރިނަމަ" އެ، ލޭ ގުރުބާންކުރޭ
