Support Us

މިނިވަންދުވަހުގެ ޝުއޫރު

މިނިވަންދުވަހެއްގެ އިރު ފެނުން ތޮޅިލައިފިއޭ މިސާޙަތަށް
ހިނިތުންވި ރަންހަނދާންތަކެއް ދިރުވައިދެމުން އިޝާރަތަށް

ދިވެހީންގެ ފަސްގަނޑޭ މިއީ އިސްކަން ދެވުނު ސަލާމަތަށް
ދިވެހީންގެ ލޭ އަބަދު އެދޭ މިނިވަންކަމެއްގެ ޣާޔަތަށް

ޣާޒީރަދުންގެ ހިއްވަރާ މަތިވެރި ޖިހާދު ފަންވަރާ
ޢާޖިޒު ކުރުވި އެ ބުންވަރުން އަލިކޮށްލިއޭ މި އުންމަތަށް

ވިއްސާލި ގަދަ ތަފާލަކުން ޣާޒީ ހަސަންގެ ހިކުމަތުން
ބައްސާލިއޭ އެ ދުޝްމިނުން އިއްޒަތް ދެމުން ރިއާސަތަށް

ނާސިރުގެ ތޫނު ހަމަލަތައް ފޮނުވާލި ބާރު އުންޑަތައް
ވާސިލު ވިޔޭ އަމާޒަކަށް ލިބުނޭ ދިރުން މި ރާޔަތަށް

ނޫކަށިފުރާ ހުސެން ޝަހީދު ދެއްކެވި މިސާލު ލާމަސީލު
ދޫކޮށްލިއޭ ފުރާނަފުޅު ގައުމަށް ޓަކައި ހިމާޔަތަށް

މިނިވަންދުވަސް އަޔަސް މިތާ މިނިވަންކަމެއް މިއަދު ކޮބާ؟
މިނިވަންކަމެއް ނެތޭ ހިނގާ ވިސްނާއިރުން ސިޔާސަތަށް

ގައުމީ ސަލާމަތޭ ކިޔާ ފޮރުވަން އުޅޭ އެ ސިއްރުތައް
ގައުމީ ދެލިން ލިޔާކަމުން ބިރު އެބަގަނޭ މި ހާލަތަށް

ގައުމެއްގެ ފުން ކަރާމަތާ ގުޅިފައި ވަނީ އެ ހައިބަތާ
ގައުމުގެ އަމިއްލަވަންތަކަން ލިބިފައި ވުމޭ އެ ދައުލަތަށް

މިނިވަންކަމޭ ދުލުން ގޮވާ ގޮވެލިން ނެތޭ ފުދޭކަށެއް
މިނިވަންކަމުގެ މުލައްދަނޑިން ހިއްވަރު ނެރޭށެ އަތްއަތަށް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *