Support Us

މަރުވެފައިވާ ކަނޑުގެ އަޑިން ފެނިފައިވާ ލޫޠޫ ޤައުމުގެ ބައެއް މީހުންގެ ބިރުވެރި މަންޒަރެއް.

ކޮންމެހެން ވެސް ކިޔާލަން މުހިންމު: ލިވާޠުގެ ނުބައިކަމާއި އޭގެ ޢުޤޫބާތް

ﷲ ސުބްޙާނަހޫ ވަ ތަޢާލާ އާދަމުގެފާނު ހެއްދެވުމަށްފަހު އެކަލޭގެފާނުގެ ބައިވެރިއެއް ކަމުގައި (އަނބިކަނބަލެއް ކަމުގައި) ހެއްދެވީ ޙައްވާގެފާނެވެ. ހެއްދެވީ އަންހެނެކެވެ. އެއީ މި އިންސާނާގެ ރިސާލަތުގެ ތެރޭގައި ދުނިޔެ އާރާސްތުކުރުން ހިމެނޭތީއެވެ.

ދެ ފިރިހެނުން ގުޅިގެން ނުވަތަ ދެ އަންހެނުން ގުޅިގެން ދުނިޔެ ބިނާކުރުމަށް ބޭނުންވާ އަތްތަކެއް، ސިކުނޑިތަކެއް ނުލިބޭނެއެވެ. އަދި ދެ ފިރިހެނުންގެ ކިބައިން (ނުވަތަ ދެ އަންހެނުންގެ ކިބައިން) އެކަކު އަނެކަކަށް ހިތްހަމަޖެހުމާއި ލޯތްބެއް ވެސް ނުލިބޭނެއެވެ. މި ކަން ބަޔާން ކުރައްވާ މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَتَفَكَّرُونَ [1]– ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.))

އެހެންކަމުން މި ރީތި މަގު ދޫކޮށް ނުބައި މަގު އިޚްތިޔާރުކުރުމަކީ ﷲގެ ކޯފާއަށް ހާސާވެގެންދާނެ ކަމެކެވެ. އެއީ ﷲ އިންސާނުންނަށް އަރާމު ޙާޞިލުކުރުމަށް ކަނޑައަޅުއްވާފައިވާ އިން ފަހަނަޅައި ދިޔުމެކެވެ.

ﷲ ޖައްލަ ވަ ޢަލާ ޙައްދުތައް ކަނޑައަޅުއްވައި މި ޙައްދުތައް ޤާއިމުކުރުމަށް އެންގެވީ ޖަރީމާތަކާއި ނުބައި ޢަމަލުތަކަށް ހުރަސްއަޅުއްވައި ފަސާދައިންނާއި އުރެދުންތަކުން މުޖްތަމަޢާއި ފަރްދުން ރައްކައުތެރި ކުރެއްވުމަށާއި އިސްލާމީ ޝަރީޢަތުގައި ރައްކައުތެރިކުރުމަށް އަންގަވައިފައިވާ މަޤާޞިދުތައް ޙިމާޔަތް ކުރެއްވުމަށް ޓަކައެވެ. މި މަޤާޞިދުތަކަކީ ދީނާއި ނަސްލާއި ނަފްސާއި ބުއްދިއާއި މުދާ ރައްކައުތެރި ކުރުމެވެ. މި ފަސް މަޤްޞަދަށް ފަސް ޟަރޫރިއްޔާތޭ ވެސް ކިޔެއެވެ. މި ނަން ދެވުނީ އެ ކަންކަން ރައްކައުތެރިނުކޮށް މީސްތަކުންގެ ޙަޔާތް ރައްކައުތެރި ނުކުރެވޭނެތީއެވެ.

ޒިނޭކުރުން މާތް ﷲ މަނާކުރެއްވީ ނަސަބާއި ނަސްލު ރައްކައުތެރި ކުރެއްވުމަށް ޓަކައެވެ. ވައްކަންކުރުމާއި ފޭރުން މަނާކުރެއްވީ މުދަލާއި ނަފްސު ރައްކައުތެރިކުރެއްވުމަށް ޓަކައެވެ. ޤަޛްފުކުރުން މަނާކުރެއްވީ އަބުރު ރައްކައުތެރިކުރެއްވުމަށްޓަކައެވެ. ރާބުއިން ޙަރާން ކުރެއްވީ ބުއްދި ރައްކައުތެރި ކުރެއްވުމަށް ޓަކައެވެ.

އިސްލާންދީނުގައި ޙައްދުތަކާއި ތަޢުޒީރުތައް ކަނޑައަޅުއްވައިފައި ވަނީ ޖަރީމާތަކުން އިސްލާމީ މުޖްތަމަޢު ތާހިރުކުރެއްވުމަށް ޓަކައެވެ. މި ޖަރީމާތަކަށް ކަނޑައަޅުއްވައިފައިވާ އަދަބު ދިނުމުގެ ސަބަބުން މުޖްތަމަޢު އަމާން މުޖއްތަމަޢަކަށް ވެގެންދާނެއެވެ. ދީނާއި ނަފްސާއި ނަސްލާއި އަބުރާއި ބުއްދިއާއި މުދާ  ރައްކައުތެރިކުރެވިގެން ދާނެއެވެ.

މާތްﷲ ޙަރާންކުރައްވައިފައިވާ ފާޙިޝް ޢަމަލުތަކުގެ ތެރޭގައި ޒިނޭކުރުމާއި ލިވާޠުކުރުން ވެއެވެ. ޒިނޭ އަކީ ޙަރާމްކުރައްވާފައިވާ ބޮޑު ފާފައެކެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޒިނޭއަކީ ހުރިހާ މިއްލަތްތަކެއްގައިވެސް މަނާކުރެވިފައިވާ ޢަމަލެކެވެ. ޒިނޭކުރުން މަނާކުރެވިފައިވަނީ ނަސަބާއި އަބުރު ރައްކައުތެރިކުރުމަށްޓަކައެވެ. މާތްﷲ ވަޙީކުރައްވަނީ ((وَلَا تَقْرَ‌بُوا الزِّنَىٰ  إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا[2] އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަ ކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.))

ޒިނޭ ޙަރާންކުރެއްވި ފަދައިން ލިވާޠު ވެސް ވަނީ ޙަރާންކުރައްވައިފައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ ޒިނޭކުރުމަށްވުރެވެސް ނުބައިކަން ބޮޑު ޢަމަލެކެވެ. ކީރިތި ޤުރްއާނުގައި މާތްﷲ އަންގަވަނީ ((وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ إِنَّكُمْ لَتَأْتُونَ الرِّ‌جَالَ شَهْوَةً مِّن دُونِ النِّسَاءِ بَلْ أَنتُمْ قَوْمٌ مُّسْرِ‌فُونَ[3]– އަދި لوط ގެފާނު، އެކަލޭގެފާނުގެ قومގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.))

މާތްﷲ މި އާޔަތުގައި ލިވާޠު ސިފަކުރައްވާފައި މިވަނީ އެއީ ފާޙިޝް ޢަމަލެއް ކަމަށް ވަޙީކުރައްވައެވެ. ފާޙިޝް ޢަމަލަކީ ހުތުރުކަން ބޮޑު ކަންތައްތަކެވެ. މިކަމާ ހެދި، ﷲ ލޫޠުޤައުމުގެ މީހުންގެ މައްޗަށް ވަނީ އެހެން އެއްވެސް ބަޔަކަށް ނުދެއްވާފަދަ ވޭންދެނިވި ބޮޑު ޢަޛާބެއް ފޮނުއްވައި، އެމީހުން ނައްތައިލައްވައިފައެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((مَنْ وَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ فَاقْتُلُوا الْفَاعِلَ وَالْمَفْعُولَ بِهِ[4]– ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ޢަމަލު ހިންގާ މީހަކު ތިޔަބައިމީހުންނަށް ފެނިއްޖެނަމަ ފަހެ، ތިޔަބައިމީހުން އެކަން ކުރާމީހާ އާއި އެކަންކުރެވޭމީހާ ޤަތުލުކުރާށެވެ!))

ހަމަ އެފަދައިން އަންހެނުންގެ މެދުގައި އެއް ޖިންސުން ޖިންސީ ޢަމަލު[5] ހިންގުމަކީ ވެސް ޙަރާންވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((سِحاقُ النِّسَاءِ بَيْنَهُنَّ زنَا[6]– އަންހެނުންގެ މެދުގައި ސިޙާޤުކުރުމަކީ ޒިނޭއެވެ.))

މަރުވެފައިވާ ކަނޑުގެ އަޑިން ފެނިފައިވާ ލޫޠޫ ޤައުމުގެ ބައެއް މީހުންގެ ބިރުވެރި މަންޒަރެއް.

ލިވާޠުކުރުން

ލިވާޠަކީ: ފިރިހެނުން ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިންގުމެވެ. ނުވަތަ ފުރަގަސް ފަރާތުގައި ޖިންސީ ގުޅުން ހިންގުމެވެ.

މާލިކާއި ޝާފިޢީ އާއި އަޙްމަދު ވިދާޅުވާ ގޮތުގައި ލިވާޠުކުރުމަކީ ޙައްދު ވާޖިބުވާނެ ކަމެކެވެ. އެކަމުގައި ޒިނޭކުރުމުގެ މަފްހޫމު ހިމެނޭތީ އެކަން ކުރާ މީހުންގެ މައްޗަށް ޒިނޭގެ ޙައްދު ޤާއިމުކުރެވޭނެއެވެ.

ލިވާޠު ކުރާ މީހުންގެ ޢުޤޫބާތް:

މިކަމުގައި ޢިލްމުވެރިންގެ ރައުޔު ތަފާތެވެ.

  • މާލިކީންނާއި ޙަންބަލީންގެ ރައުޔު: ލިވާޠުކުރާމީހާގެ އަދަބަކީ ރަޖްމުކުރުމެވެ. މިކަމުގައި ބިކްރުވެރިއެއް މުޙްޞަނެއް ތަފާތެއްނެތެވެ. މިކަމުގެ ދަލީލަކީ ރަސޫލުﷲގެފާނުގެ ބަސްފުޅު ((مَنْ وَجَدتَّمُوْهُ يَعْمَل عَمَل قَوْمُ لُوْطٍ فَاقُتُلُوْا الفَاعِلَ وَالْمَفْعُوْلٌ بِهِ[7] – ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުޅަމުންދިޔަ ޢަމަލުކުރި މީހަކު ތިޔަބައިމީހުންނަށް ފެނިއްޖެނަމަ އެކަންކުރި މީހާ އާއި ކުރެވުނުމީހާ މަރާލާށެވެ!)) އެހެން ބަސްފުޅެއްގައިވެއެވެ. ((ފަހެ، ތިޔަބައިމީހުން، މަތީގައި އޮތް މީހާއާއި ދަށުގައި އޮތްމީހާ ރަޖްމުކުރާށެވެ!))[8]
  • ޝާފިޢީން ވިދާޅުވާ ގޮތުގައި ލިވާޠުކުރާ މީހާގެ އަދަބަކީ ޒިނޭގެ އަދަބެވެ. ލިވާޠުކުރި މީހަކީ މުޙްޞަނެއް ކަމުގައިވާނަމަ އޭނާގެ އަދަބަކީ ރަޖްމު ކުރުމެވެ. މުޙްޞަނަކަށް ނުވާނަމަ އޭނާގެ އަދަބަކީ ސަތޭކަ ފަހަރުން ޙައްދު ޖެހުމަށްފަހު އަރުވައިލުމެވެ. މިކަމުގެ ދަލީލަކީ އަބޫ މޫސަލް އަޝްޢަރީގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِذَا أَتَى الرَّجُلُ الرَّجُل فَهُمَا زَانِيَان[9]– ފިރިހެނަކު ފިރިހެނަކާއެކު ފާޙިޝް ޢަމަލެއް ހިންގައިފިނަމަ (ލިވާޠު ކޮށްފިނަމަ) ފަހެ އެ ދެ މީހުންނަކީ ޒިނޭކުރި ދެމީހުންނެވެ.)) މިހެންވެ ޝާފިޢީން ޒިނޭއަށް ޤިޔާސް ކުރައްވަނީއެވެ. ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ލިވާޠުކުރެވުނު މީހާގެ އަދަބަކީ މުޙްޞަނަކަށް ވިޔަސް ޣައިރު މުޙްޞަނަކަށް ވިޔަސް ޙައްދުޖަހައިފައި އަރުވައިލުމެވެ.
  • ޙަނަފީން ވިދާޅުވާ ގޮތުގައި ލިވާޠުކުރާމީހާގެ އަދަބަކީ ތަޢުޒީރެވެ.
  • ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި ލިވާޠުކުރި މީހާގެ އަދަބަކީ ރަޖްމުކުރުމެވެ. އެކަމަކު ލިވާޠު ކުރެވުނުމީހާގެ އަދަބަކީ ގައިގައި ޙައްދުޖަހާފައި އަރުވާލުމެވެ. ލިވާޠުކުރެވުނީ މުޙްޞަނެއް ކަމުގައި ވިޔަސް، ޣައިރު މުޙްޞަނެއް ކަމުގައި ވިޔަސް، ޙުކްމުގައި ތަފާތެއް ނެތެވެ. އެކަމަކު މިގޮތަށް ވިދާޅުވާ ބޭކަލުންގެ ދަލީލެއްނެތެވެ. އަދި އިންސާފަށް ބަލައި އިރު މި ޙުކްމުގައި އިންސާފުވެސް ކުޑަކަން ފާހަގަކުރެވެއެވެ.

سِحاقُ (އަންހެނަކު އަންހެނަކާއެކު ޖިންސީ ގުޅުން ހިންގުން)

މިއީވެސް ޙަރާން ކަމެކެވެ. ބޮޑުވެގެންވާ ފާފައެކެވެ. މިކަމުގެ އަދަބާ ބެހޭގޮތުން ޢިލްމުވެރިންގެ ރައުޔު ތަފާތެވެ.

  • ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ ޒިނޭކުރުން ފަދަ ޢަމަލެކެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. ((سِحاقُ النِّسَاءِ بَيْنَهُنَّ زنَا[10]– އަންހެނުންގެ މެދުގައި ސިޙާޤު ކުރުމަކީ ޒިނޭއެވެ.)) މީގެ އިތުރަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((إِذَا أَتَى الرَّجُلُ الرَّجُلَ فَهُمَا زَانِيَانِ وَإِذَا أَتَتْ اَلْمَرْأَةُ المرأةَ فَهُمَا زَانِيَتانِ[11]– ފިރިހެނަކު ފިރިހެނަކާއެކު އުޅެފިނަމަ އެ ދެ މީހުންނަކީ ޒިނޭކުރި ދެމީހުންނެވެ. އަދި އަންހެނަކު އަންހެނެކާއެކު އުޅެފިނަމަ އެ ދެ މީހުންނަކީ ޒިނޭކުރި ދެމީހުންނެވެ.)) މި ބަސްފުޅުތަކަށް ބައްލަވައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އަންހެނަކު އަންހެނަކާއެކު ޖިންސީ ގުޅުން ހިންގައިފި ނަމަ އެ ދެ މީހުންނަށް ޒިނޭކުރުމުގެ އަދަބު ދެވޭނެއެވެ.
  • އަނެއްބައި ބޭކަލުން ވިދާޅުވާ ގޮތުގައި މިކަމުގެ އަދަބަކީ ތަޢުޒީރެވެ.
ލޫޠު ޤައުމުގެ މީހުން އަނދައި ދެލިގަނޑަކަށް ވުމުން ހިލަގަނޑުގަނޑަށް ބަދަލު ކުރެއްވި… މަރުވެފައިވާ ކަނޑުން ނަގައި ދާރުލްއާސާރަށް ގެންދެވިފައިވާ ބައެއް ހިލަގަނޑުތައް

ލިވާޠުގެ ނުބައިކަން

ލިވާޠުކުރުމަކީ ވަރަށް ނުބައި އަދި ވަރަށް ނުރައްކާތެރި ފާޙިޝް ޢަމަލެކެވެ. މުޖްތަމަޢުގައި ނުރައްކާތެރި ބަލިތައް ފަތުރާ ވެސް ކަމެކެވެ. އެއިޑްސް ބަލީގެ އެންމެ ބޮޑު ސަބަބަކީ ލިވާޠެވެ. އަދި މިއަދު ފެތުރެމުން މި ދާ މަކުނުވިދުރިއަކީ ވެސް، ދިރާސާތައް ބުނާގޮތުގައި ދެ ފިރިހެނުން ހިސާބަށްވުރެ ގިނައިރު އެއްތާވެ އެކީގައި އުޅުމުގެ ސަބަބުން ޖެހެމުންދާ ބައްޔެކެވެ.

ލިވާޠަކީ ނުބައި ފާޙިޝް ޢަމަލެކެވެ. މާތް ﷲ އެ ކަމާމެދު ރުހިވޮޑިނުގަންނަވާ ހަޑިމުޑުދާރު ޢަމަލެކެވެ. މި ހަޑިހުތުރު ޢަމަލަށް އަރައިގަންނަ މީހުންނަކީ ޖަނަވާރުންނަށްވުރެ ހަޑި ހުތުރު ފާޙިޝް ޢަމަލެއް ހިންގާ ބަޔެކެވެ. އަޅުގަނޑުމެންނަށް ޖަނަވާރުންގެ ތެރެއިން މިފަދަ ޢަމަލެއް ނުފެނެއެވެ. ކުކުޅެއް ކުކުޅެއްގެ ގައިމައްޗަށް އަރާތަނެއް ނުފެނެއެވެ. ކުއްތާއެއް ކުއްތާއެއްގެ ގައިމައްޗަށް އަރާތަނެއް ނުފެނެއެވެ. މިއީ ޝައިޠާނާއާއި އޭނާގެ އަޢުވާނުން ގޮވައިލާ މުޑުދާރު ކަމެކެވެ. މާތްﷲ މިކަމުގެ ނުބައިކަން އަންގަވައި ވަޙީ ކުރެއްވިއެވެ. ((وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ ٱلْعَٰلَمِينَ ‎﴿٨٠﴾‏ إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ [12]– އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.))

ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((لَعَنَ اللهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ لعن اللهُ من عمل عملَ قومِ لوطٍ لعن اللهُ مَن عمل عملَ قومِ لوطٍ[13]– ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ޢަމަލާ އެއްގޮތަށް ޢަމަލު ކުރާ މީހާއަށް  ﷲ ލަޢުނަތް ލައްވާނެއެވެ. (މި ފަދައިން ތަކްރާރު ކުރައްވާ ތިންފަހަރު ޙަދީސް ކުރެއްވިއެވެ.))

މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި މާތްﷲ ރުއްސުންލެއްވި އަބޫބަކްރުގެފާނުގެ ޚިލާފަތުގައި ފިރިހެނަކު (އަންހެނަކާއެކު ޝަހްވާނީ އެދުންތައް ފުއްދާ ގޮތަށް) ފިރިހެނަކާއެކު އެދުން ފުއްދަމުންދާ ޚަބަރު ލިބިވަޑައިގަތުމުން އޭނާ އަލިފާނަށް ލައި އަންދައިލެއްވުމަށް ޓަކައި މާތްﷲ ރުއްސުންލެއްވި ޚާލިދު ބުނުލް ވަލީދު ފޮނުއްވިއެވެ. އަބޫބަކްރުގެފާނުގެ މި ޢަމަލު ޞަޙާބީން ވަނީ ބަލައިގެންފައެވެ. އެހެނަސް އިބްނު ޢައްބާސް ވިދާޅުވާ ގޮތުގައި ((ލޫޠީން ޖެހޭނީ އުސްތަނެއް މަތިން ވައްޓައިލާ މަރައިލާށެވެ. އޭނާ ވެއްޓެމުންދާއިރު އޭނާ ގަޔަށް ގައު އުކައި ރަޖަމުކުރާށެވެ.))

ލޫޠު ޤައުމުގެ މީހުން އަނދައި ދެލިގަނޑަކަށް ވުމުން ހިލަގަނޑުގަނޑަށް ބަދަލު ކުރެއްވި… މަރުވެފައިވާ ކަނޑުން ނަގައި ދާރުލްއާސާރަށް ގެންދެވިފައިވާ ބައެއް ހިލަގަނޑުތައް.

ލޫޠުގެފާނުގެ ޤައުމުގެ މީހުންނަކީ ކޮންބައެއް؟

ލޫޠުގެފާނުގެ ޤައުމުގެ މީހުންނަކީ ފަލަސްޠީނުގެ ޢަމޫރާއާއި ސަދޫމުގައި ދިރިއުޅުނު ބައެކެވެ. އެމީހުންނަށް ތެދުމަގު ދެއްކެވުމަށް ޓަކައި މާތް ﷲ ފޮނުއްވި ރަސޫލަކީ އިބްރާހީމުގެފާނަށް ބޮޑުބޭބެ ވިދާޅުވާ ލޫޠޫގެފާނެވެ. އެކަލޭގެފާނު، އެމީހުންނަށް، އެމީހުން ފާޅުގައި ކުރަމުންދިޔަ ފާޙިޝް ޢަމަލުތަކާ ދުރުވުމަށް ގޮވައިލެއްވިއެވެ. އެމީހުންނަކީ އެ ރަށްތަކުގެ އަންހެނުންނާ އެކަހެރިވެ ފިރިހެނުންނާއެކު ޖިންސީ އެދުންތައް ފުއްދަމުން ދިޔަ ބައެކެވެ. މާތްﷲގެ ބަސްފުޅުތަކުން އެނގޭގޮތުގައި ލިވާޠު ކުޅިއަކީ އެމީހުން އީޖާދުކުރި ފާޙިޝް ޢަމަލެކެވެ. އެމީހުންނަށް އެ ކުޅި ވީ ވަރަށް ރީތި ކަމަކަށެވެ. އެމީހުންގެ ކުލަބުތަކުގައި ފާޅުގައި ލަދެއް ޙަޔާތެއް ނެތި ފިރިހެނުންނާއެކު ޖިންސީ ޢަމަލުތައް ހިންގިއެވެ. އެމީހުންގެ ރަށަށް ބޭރުން ފިރިހެނަކު އަތުވެއްޖެނަމަ އެމީހަކާއެކު ގަދަކަމުން ވިޔަސް މި ޢަމަލު ހިންގިއެވެ.

ލޫޠު ޤައުމުގެ މީހުންނަކީ ލިވާޠުކުރުމުގެ އިތުރަށް މަގުފޭރުމާއި ޖުވާކުޅުމާއި ފިރިހެނުން އަންހެން ހެދިގެން އުޅުނު ބައެކެވެ. އެމީހުން ފޭރާން ލައިއުޅޭއިރު ލިބާހުގެ ގޮށްތައް ނާޅުވައެވެ. ޢައުރަ ރަނގަޅަށް ނިވާނުކޮށެވެ. އެމީހުން އަންހެނުންނާ އެކަހެރިވުމުގެ ސަބަބުން އެ ޤައުމުގައި ސިޙާޤު ވެސް ވަނީ ފެތުރިފައެވެ.

ލޫޠުގެފާނުގެ އަނބިކަނބަލުން ކަމަށް ބުނެވޭ ހިލަގަނޑު

ލޫޠު ޤައުމު ހަލާކު ކުރެއްވުން

މާތްﷲ ލޫޠު ޤައުމުގެ މީހުން ހަލާކު ކުރައްވަން އިރާދަކުރެއްވި ހިނދު ވަރަށް ރީތި ފިރިހެނުންތަކެއްގެ ސިފައިގައި މަލާއިކަތުންތަކެއް  ފޮނުއްވިއެވެ. މި މަލާއިކަތް ބޭކަލުންނާ ބައްދަލުވެވަޑައިގަތީ ލޫޠުގެފާނު ދެ ދަރިކަނބަލުންނާއެވެ. އެ ދެ ބޭފުޅުން މި މީހުންނަށް މަރްޙަބާ ވިދާޅުވި ގެއަށް ގެންދެވިއެވެ. ޤައުމުގެ މީހުންގެ ކިބައިން ސަލާމަތް ކުރައްވަން ވެގެންނެވެ. އެއަށްފަހު ލޫޠޫގެފާނު ވަޑައިގެން އެމީހުންނަށް މަރްޙަބާ ވިދާޅުވެ މެހެމާނުންގެ ގޮތުގައި ގެކޮޅަށް ވެއްދެވިއެވެ. ލޫޠުގެފާނުގެ އަނބިކަނބަލުންނަށް މި ރީތި ކުދީންތައް ފެނިވަޑައިގަތުމުން ސިއްރުސިއްރުން ގެއިން ނުކުމެވަޑައިގެން ޤައުމުގެ މީހުންނަށް، ރީތި ކުދީންކޮޅެއް ލޫޠުގެފާނުގެ ގެކޮޅުގައި ތިބި ޚަބަރު ދެއްވިއެވެ. ޤައުމުގެ މީހުން މި ކުދީންނާއެކު ލިވާޠު ކުރަން ބޭނުންވާތީ އެ ކުދީންކޮޅު ގެންދާން ވެގެން ލޫޠުގެފާނުގެ ގެކޮޅަށް ދިޔައެވެ. ލޫޠުގެފާނު މި ކަމާ ދެރަފުޅުވެ ހައްދަވާނެ ގޮތެއް އެނގިވަޑައިނުގެން މި ކަމުން ސަލާމަތްކޮށް ދެއްވުމަށް ﷲއަށް ދުޢާ ދެންނެވިއެވެ. އެހިނދު މި މީހުން އެމީހުންގެ ޙަޤީޤަތް ލޫޠުގެފާނަށް ހާމަކުރެއްވިއެވެ. އެއީ ﷲގެ ރަސޫލުންކަމަށާއި އެބޭކަލުން ފޮނުއްވީ އެ ޤައުމު ހަލާކު ކުރެއްވުމަށް ކަމަށް ލޫޠުގެފާނަށް ދެންނެވިއެވެ. ލޫޠުގެފާނާއި އެކަލޭގެފާނަށް އީމާންވެގެން ތިބި މަދު މީސްކޮޅު ސަލާމަތްކޮށްދެއްވާނެ ކަމުގެ ހެޔޮ ޚަބަރު ވެސް ދެއްވިއެވެ.

މާތް ﷲ މިކަން ބަޔާން ކުރައްވާ ވަޙީ ކުރެއްވިއެވެ. ((وَلَمَّا جَآءَتْ رُسُلُنَا لُوطًا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَٰذَا يَوْمٌ عَصِيبٌ ‎﴿٧٧﴾‏ وَجَآءَهُۥ قَوْمُهُۥ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا۟ يَعْمَلُونَ ٱلسَّيِّـَٔاتِ ۚ قَالَ يَٰقَوْمِ هَٰٓؤُلَآءِ بَنَاتِى هُنَّ أَطْهَرُ لَكُمْ ۖ فَٱتَّقُوا۟ ٱللَّهَ وَلَا تُخْزُونِ فِى ضَيْفِىٓ ۖ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ ‎﴿٧٨﴾‏ قَالُوا۟ لَقَدْ عَلِمْتَ مَا لَنَا فِى بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ ‎﴿٧٩﴾‏ قَالَ لَوْ أَنَّ لِى بِكُمْ قُوَّةً أَوْ ءَاوِىٓ إِلَىٰ رُكْنٍ شَدِيدٍ ‎﴿٨٠﴾‏ قَالُوا۟ يَٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓا۟ إِلَيْكَ ۖ فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱلَّيْلِ وَلَا يَلْتَفِتْ مِنكُمْ أَحَدٌ إِلَّا ٱمْرَأَتَكَ ۖ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمْ ۚ إِنَّ مَوْعِدَهُمُ ٱلصُّبْحُ ۚ أَلَيْسَ ٱلصُّبْحُ بِقَرِيبٍ ‎﴿٨١﴾‏ فَلَمَّا جَآءَ أَمْرُنَا جَعَلْنَا عَٰلِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ‎﴿٨٢﴾‏ مُّسَوَّمَةً عِندَ رَبِّكَ ۖ وَمَا هِىَ مِنَ ٱلظَّٰلِمِينَ بِبَعِيدٍ[14] ‎- އަދި ތިމަންރަސްކަލާނގެ رسول ން (އެބަހީ: ملائكة ން) لوط ގެފާނުގެ އަރިހަށް ވަޑައިގަތް ހިނދު (قوم ގެމީހުންގެ فاسد ކަމުގެ ސަބަބުން، އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅު ދަތިވިއެވެ. އަދި ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ. (77) އަދި އެކަލޭގެފާނުގެ قومގެ މީހުން އެކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އައޫއެވެ. ކުރިން އެއުރެންނަކީ، ނުބައި (فاحش) ކަންތައްތައް ކޮށްއުޅުނު މީހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! މިތިބީ އަހުރެންގެ (އެބަހީ: قوم ގެ) އަންހެން ދަރިންނެވެ. (ތިޔަބައިމީހުން شرعى ގޮތުން އެކަނބަލުންނާ ކާވެނިކުރާނަމަ) އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟ (78) އެއުރެން ދެންނެވޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ އަންހެން ދަރިންނާމެދު އެއްވެސް حق އެއް (އެބަހީ: އެއްވެސް ބޭނުމެއް) ތިމަންމެންނަށް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެތެވެ. އަދި ހަމަ ކަށަވަރުން، ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތެވެ. (79) އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންފައިވާނަމައެވެ! ނުވަތަ ބާރުގަދަ ފަރާތަކަށް ދެވޭނެނަމައެވެ! (80) އެބޭކަލުން ދެންނެވޫއެވެ. އޭ لوط ގެފާނެވެ! ހަމަކަށަވަރުން، ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ބޭކަލުންނީމުއެވެ. ކަލޭގެފާނާ ހަމަޔަށް އެއުރެންނަކަށް واصل އެއް ނުވެވޭނެތެވެ. ފަހެ، ރޭގަނޑުން ބައެއްގައި ކަލޭގެފާނުގެ أهل ވެރިންނާއެކު، ނުކުމެވަޑައިގެން ހިންގަވާށެވެ! އަދި ތިޔައިގެ ތެރެއިން އެކަކުވެސް، ކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި އެނބުރި ފަސްނުބަލާށެވެ! ހަމަކަށަވަރުން، އެއުރެންނަށް (އެބަހީ: އެ كافر ންނަށް) ޖެހޭކަމެއް އެކަނބުލޭގެއަށްވެސް ޖެހޭނެތެވެ. ހަމަކަށަވަރުން، އެއުރެންނަށް ކަނޑައެޅިގެންވާ ވަގުތަކީ ހެނދުނު ފަތިހެވެ. ފަތިސް ވަގުތު، ގާތުގައި ނުވޭހެއްޔެވެ؟ (81) ދެން ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمرފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި ފާހަގަކުރައްވާފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ.))

މާތްﷲ ލޫޠުގެފާނަށް އަމުރުކުރެއްވީ އިރުއެރުމުގެ ކުރިން އެ ރަށުން ފައިބައިވަޑައިގަތުމަށެވެ. އަދި ފަހަތް ނުބެއްލެވުމަށެވެ. އެއީ ﷲގެ ގަދަފަދަ ޢަޒާބު ފެނިވަޑައިގެންފާނެތީއެވެ. އެމީހުންގެ ރަށް ބަންޑުން ޖެއްސެވުމަށް ޓަކައި ޖިބްރީލުގެފާނު ވަޑައިގެން އެއް ވަރަފުޅުން އެ ރަށް އުޑުގެ ވިލާތަކާ ހަމައަށް އުފުއްލަވައިލެއްވުމަށް ފަހު ރަށް ބަންޑުންވާ ގޮތަށް ވައްޓައިލެއްވިއެވެ.

މި ސަހަރު މިއަދު ފެންނާން މި އޮތީ މަރުވެފައިވާ ކަނޑު (ޑެޑް ސީ) ގޮތުގައެވެ. މިއީ އެއްވެސް ދިރުމެއް ނެތް ލޮނު ރަހަ ވަރަށް ގަދަ ކަނޑެކެވެ. އެއްވެސް އެހެން ކަނޑަކާ ގުޅުމެއް ނެތް ތަނެކެވެ. މި ކަނޑަށް ލޮނު ކަނޑު، ލޫޠު ކަނޑު، އިރުމަތިފަރާތު ކަނޑު، ފާ ކަނޑު (ފާ ވަސް ދުވާލެއް ބޮޑުކަމުން) ވެސް ކިޔެއެވެ. މަރުވެފައިވާ ކަނޑަކީ ދުނިޔޭގައި އޮތް އެންމެ ތިރި ބިމެވެ. މި ކަނޑު އޮންނަނީ ދުނިޔޭގެ ކަނޑުގެ ސަތަޙައަށްވުރެ 400 މީޓަރު ތިރީގައެވެ. މި ކަނޑުގެ ދިގުމިނަކީ 67 ކޯލީމީޓަރެވެ. އެންމެ ފުޅައި ހިސާބުގެ ފުޅައުމިނަކީ 18 ކީލޯމީޓަރެވެ.

މިއީ މާތްﷲ ލޫޠީންނަށް ދެއްވި ޢަޒާބުގެ މަތިން ހަނދުމަކޮށްދޭ ތަނެކެވެ. ޢިބްރަތް ލިބިގަނެ އެފަދަ ފާޙިޝް ޢަމަލުތަކާ ދުރުހެލިވާށެވެ!

 

[1] – الروم : 21

[2]– الإسراء : 32

[3]–  الأعراف : 80 – 81

[4] – رواه أبو داود والترمذى وابن ماجه وأحمد والبيهقى والحاكم

[5] – މިކަމަށް ޢަރަބިބަހުން ކިޔަނީ [ސިޙާޤު] އެވެ.

[6] – رواه أبو يعلى والطبرانى ( انظر مجمع الزوائد : 6 / 256 )

[7]– رواه  بن ماجة ، الترمذى ، أبى داود

[8]– حاشية الدسوقى : 4/ 314 ،

[9]– البيهقى

[10] – رواه أبو يعلى والطبرانى ( انظر مجمع الزوائد : 6 / 256 )

[11] – رواه البيهقى

[12]  – الأعراف : 80-81

[13]  – أخرجه ابن حبان (٤٤١٧)، والطبراني (١١/٢١٨) (١١٥٤٦)، والحاكم (٨٠٥٢)

[14] – هود : 77- 83

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
41111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *