Support Us

ދޮރު ފޮތިގަނޑު ކަހާލުމުގެ ސިއްރު

އަހަރެމެން އެންމެ ކުޑައިރުންސުރެ ގެއިން ނުކުމެގެން ދުވެފައި ކުޅެން ދާތަން ނޫނީ ކައިރީ ހުރި ކަންމަތި ފިހާރައަކަށް މެޓައެއް ގަންނަން ދާތަން ދޮރު ފޮތިގަނޑު ކަހާލައިގެން ނުވަތަ އެފަދަ ގޮތަކަށް ބަލަން ތިބުމީ ގިނަ މަންމައިން އަބަދުމެ ކޮށް އުޅޭ ކަމެކެވެ. މިއަދުގެ ބަހުން ބުނާ ނަމަ އެއީ އޭގެ ޒާތުގައި ވެސް "ލޯބީގެ މުޅިން އެހެން ލެވެލް އެއްގެ ސްޓޯރީއެކެވެ."

އެއަށްފަހު އަހަރެމެން ތަންކޮޅެއް ބޮޑުވެ ސްކޫލަށް ދުމެއް ޖަހާފައި ދާއިރުވެސް ގޭގެ ދޮރުފޮތިގަނޑު ކަހާލައި އެ ލޮބުވެތި ރާނީ ހިނިތުންވާ ޙާލު އަހަރެމެންނަށް ބަލާތަން ފެނެއެވެ. އެފަދަ ރީތި ހިނިތުންވުމެއް ދުވަހަކު ވެސް ނުދެކެމެވެ.

އަހަރެމެން ބޮޑުވެ ޒުވާނުންނަށް ވެއްޖެއެވެ. އަދިވެސް އެކަމަނާ ހަމަ އެފަދައިން އެއްވެސް ފޫހިކަމެއްނެތި އަހަރެމެންނަށް ބަލަމުން ގެންދެއެވެ. އަހަރެމެން ބޮޑުވުމުން ހީކުރީ އެހެން ކަން ނުހިނގާނެ ކަމަށެވެ! ހިތާމައަކީ ގިނަ ދަރިންނަށް ހީވާ ގޮތުގައި އެއީ އެކުދިންގެ "ފްރީޑަމް" ނަގާލުން ކަމުގައި ދެކޭތީއެވެ.

އެ މައިންގެ އެ ޙަރަކާތް ފުރިގެން ވަނީ ލޯތްބާއި ސަލާމަތްތެރިކަމުން ކަމެއް އަހަރެންމެންނަކަށް ނޭނގެއެވެ! އެމައިންގެ ލޯތަކުން އަހަރެމެން އޮބައިލަންދެން އެމައިންގެ ދޫތައް ވަނީ އަހަރެމެންނަށްޓަކައި ހެޔޮ ދުޢާ ކުރުމުގައި ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ!

އަދި އެ ފޮތިގަނޑު ހިއްލައި ނޫނީ ކަހާލުމަށް ފަހު އެ ވެއްޓިއްޖެނަމަ ދެން ދުވަހަކު ވެސް އަނބުރައި އެ ނުނެގޭނެކަން އަހަރެމެންގެ ގިނަ ދަރިންނަށް ޙަޤީޤަތުގައި އިޙްސާސް ވަނީ ވަޤުތު ފާއިތުވުމަށްފަހުގައެވެ. އެ ފޮތިގަނޑު ވެއްޓުމާ އެކު ތިބާގެ ޙަޔާތަށް ވެސް އަބަދުގެ އަބަދަށް ބޮޑުވެގެންވާ އަނދިރިކަމެއް ވެރިވާނެތެވެ.

ޔާ ރައްބު، އަޅަމެންގެ މައިންގެ ފާފަ ފުއްސަވައި، ރަޙްމަތްލައްވައި ސުވަރުގޭގެ އެންމެ މަތިވެރި މަޤާމު އެ ކަނބަލުންނަށް މިންވަރު ކޮށްދެއްވާށިއެވެ. އާމީން!

-وقفوهم إنهم مسؤولون-

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *