Support Us

ޚުޠުބަތުލް ވަދާޢުގެ ދަރެސްގާހު

މި އުއްމަތަށް ޢިއްޒަތާއި ޤަދަރު ލިބުނީ މި މަތިވެރި ދީނުގެ ސަބަބުންނެވެ. މި ދީން ﷲ ފުރިހަމަކޮށް ދެއްވީ މި ބަރަކާތްތެރި ޙައްޖު މަހުގެ ނުވަވަނަ ދުވަހުގައެވެ. އެ ދުވަހު ކީރިތި ރަސޫލާ ﷺ ޢަރަފާތުގެ ޠާހިރު  ބިމުގައި ޙައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރައްވަމުން ދަނިކޮށް މާތްﷲ ބާވައިލެއްވި ބަސްފުޅަކީ "ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا [1]– މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."

ކީރިތި ރަސޫލާ ﷺ މި ކުރެއްވި މި ޙައްޖަށް ޙައްޖަތުލް ވަދާޢުގެ ނަންދެވިފައި ވެއެވެ. އެއީ އެކަލޭގެފާނު ކުރެއްވި އެންމެ ފަހު ޙައްޖު ކަމުގައި ވީތީއެވެ. އެކަލޭގެފާނުގެ އަރިހުގައި މި ޙައްޖުގައި ދޮޅު ލައްކައެއްހާ މުސްލިމުން ބައިވެރިވިއެވެ. އެ ޒަމާނަށް ބަލާއިރު މިއީ ވަރަށް ބޮޑު  ޢަދަދެކެވެ. މި ދުވަހު ޢަރަފާތުގައި ހުންނަވައި ލޮބުވެތި ރަސޫލާ އެކަލޭގެފާނުގެ އުއްމަތަށް ވަރަށް މުހިއްމު ޚުޠުބާއެއް ދެއްވިއެވެ.

ކީރިތި ރަސޫލާ ﷺ ގެ މި ޚުޠުބާގައި ﷲގެ ފޮތާއި އެކަލޭގެފާނުގެ ސުންނަތުގައި ހިފެހެއްޓުމަށް އަޅުގަނޑުމެންނަށް އަމުރު ކުރައްވައިފައިވެއެވެ. މި ޚުޠުބާގައި އިސްލާމުދީނުގެ އުޞޫލުތަކާއި އެ ދީނުގެ ޤަވާޢިދުތައް ބަޔާންކޮށް ދެއްވާފައިވެއެވެ. އޭގެ މަތީގައި ބިނާ ކުރެވޭ އަޚްލާޤީ ޤާނޫނުތަކުގެ އަސާސުތަކާއި، އޭގެ މަތީގައި ޢާއިލާ ބިނާކުރެވޭ ތަބުތަކުގެ ތަރަހަ ބަޔާންކޮށް ދެއްވާފައިވެއެވެ. މި ޚުޠުބާގައި ޖާހިލީ ޒަމާނުގެ ނުބައި އާދަކާދަތައް ބިންމަތީ ވަޅުލައްވައި، މި އާދަކާދަތަކާ ދުރުހެލިވުމަށް އަމުރު ކުރެއްވިއެވެ. އަޅުގަނޑުމެންގެ ޙަޔާތް ބާއްޖެވެރި ކުރުމަށް ޓަކައި މި ޚުޠުބާގައި އައިސްފައިވާ ނަބަވީ ބަޔާނުން ދަރުސްތަކާއި ޢިބްރަތްތައް ޙާޞިލުކުރަން މިއަދު ވަނީ ޖެހިފައެވެ.

އިންސާނީ ޙައްޤުތަކުގެ އަސާސު

ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ "يَا أَيُّهَا النَّاسُ: أَلا إِنَّ رَبَّـكُمْ وَاحِدٌ، وَإِنَّ أَباكُمْ وَاحِدٌ، أَلا لا فَضْـلَ لِعَرَبيٍّ عَلَى أَعْجَمِيٍّ، وَلا لِعَجَمِيٍّ عَلَى عَرَبيٍّ، وَلا لأَحْمَرَ عَلَى أَسْوَدَ، وَلا أَسْوَدَ عَلَى أَحْمَرَ، إِلاَّ بالتَّقْوَى[2] –މާނައީ: އޭ މީސްތަކުންނޭވެ! އަޅެ ދަންނައެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ ބައްޕައަކީ ހަމަ އެކެކެވެ. އަޅެ ދަންނައެވެ! ޢަޖަމީއެއްގެ މައްޗަށް އަރަތްބަކަށް، އަދި އަރަތްބެއްގެ މައްޗަށް ޢަޖަމީއަކަށް، އަދި ކަޅުމީހެއްގެ މައްޗަށް ދޮންމީހަކަށް، އަދި ދޮންމީހެއްގެ މައްޗަށް ކަޅު މީހަކަށް ހަމަ އެއްވެސް އިތުރު ކަމެއް ލިބިގެން ނުވެއެވެ. ތަޤްވާ ވެރިކަމުން މެނުވީއެވެ." ކީރިތި ރަސޫލާ ﷺ މި އެޅުއްވި ބިންގަލަކީ އިންސާނީ ޙައްޤުތަކުގެ އަސާސެވެ. މި ބަސްފުޅުގައި މިވަނީ ނަސްލީ އިމްތިޔާޒުގެ މޫތައް އަބަދުގެ އަބަދަށް އުފުރައި ލައްވައިފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާ ގޮތުގައި މީހެއްގެ ނަސްލުގެ ސަބަބުން، ނުވަތަ ކުލައިގެ ސަބަބުން ނުވަތަ ޖިންސުގެ ސަބަބުން ނުވަތަ ޤަބީލާގެ ސަބަބުން ނުވަތަ ރަށުގެ ސަބަބުން އެއްވެސް މީހަކަށް މޮޅުކަމެއް ނެތެވެ.އެކަކު އަނެކަކަށް ވުރެ މޮޅު ވެވޭނީ ތަޤްވާވެރި ކަމުގެ ސަބަބުންނެވެ. މާތް ﷲ ވަޙީ ކުރައްވަނީ "يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ [3]– އޭ މީސްތަކުންނޭވެ! ހަމަ ކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. "މިއީ އެއްބައިވަންތަކަމަށާއި ބައިބައިނުވުމަށާއި އިސްލާމީ އުޚުއްވަތްތެރިކަމަށް ގޮވައިލާގޮވައިލުމެކެވެ. މިއީ މުސްލިމުން، ރަށުވަންތަކަމުން ޢާލަމީވަންތަކަމުގެ މައިދާނަށް ނުކުތުމަށް ގޮވައިލާގޮވައިލުމެކެވެ. ކޮންމެ މުސްލިމަކު ކޮންމެ ތަނެއްގައި ހުއްޓަސް ދުނިޔޭގެ އެންމެހައި ކަންކޮޅުތަކުގައި ތިބި އިސްލާމުދީނުގެ ދަރީންނާއެކު، އިޙްސާސުގެ ގޮތުންނާއި ޢަމަލީ ގޮތުން އޭނާ ބަނދެލެއްވުމަށް ޓަކައެވެ. އަދި އެއީ ހިދާޔަތުގެ މަތީގައި އުއްމަތުގެ ބަސް ޖަމާކުރެއްވުމަށް ޓަކައެވެ. އެއީ އުއްމަތުގެ ދަރީންގެ ހިތްތައް ތަޤްވާވެރިކަމުގެ މަތީގައި ދެމެހެއްޓެވުމަށާއި، އެންމެތަކުންނަށް ހެޔޮކަން ލިބޭ ގުޅިފައިވާ ޢަމަލުތައް ކުރުމަށް ޢަޒްމު އައުކޮށް ދެއްވުމަށް ޓަކައެވެ. މާތް ﷲ ރުއްސުންލެއްވި ސަލްމާނުލް ފާރިސީއަށް ދެންނެވުނެވެ. ތިބާއަކީ ކާކުގެ ދަރިއެއް ހެއްޔެވެ؟ ވިދާޅުވިއެވެ. މަށަކީ އިސްލާމުދީނުގެ ދަރިއެކެވެ.

މިއިން އެނގެނީ އިސްލާމީ ރިސާލަތަކީ ބައިނަލްއަޤްވާމީ ރިސާލަތެއް ކަމެވެ. މާތްﷲ މި ރިސާލަތު ބާވައިލެއްވީ ހުރިހާ ޤައުމުތަކަކަށާއި ހުރިހާ އުއްމަތްތަކެއްގެ ހެވާއި ލާބައަށް ޓަކައެވެ. މިހެންކަމުން އަޅުގަނޑުމެން މި އެއްބައިވަންތަކަން ހިތްމައްޗަށް ގެނެސް، މުޖްތަމަޢުގެ ސަލާމަތަށް ޓަކައި އަތުކުރި އޮޅައިލަމާ ހިނގާށެވެ! ވަޠަނުގެ އަމްނާއި، ސަލާމަތާއި، ހަމަޖެހުމަށް ޓަކައި މަސައްކަތް ކުރުމަށް ޢަޒްމު ކަނޑައަޅަމާ ހިނގާށެވެ!

ފުރާނައާއި މުދަލުގެ ޙުރްމަތްތެރިކަން

ކީރިތި ރަސޫލާ ﷺ ޚުޠުބަތުލް ވަދާޢުގައި ދެން ބައްލަވާލައްވައިފައި ވަނީ މީސްތަކުންގެ ފުރާނަތަކާއި މުދަލުގެ ޙުރްމަތްތެރި ކަމަށެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ: "أيُّهَا النَّاسُ: إِنَّ دِمَاءَكُمْ وَأَمْوَالَكُمْ حَرَامٌ عَلَيْـكُمْ كَحُرْمَةِ يَوْمِكُمْ هَذَا، فِي شَهْرِكُمْ هَذَا، فِي بَلَدِكُمْ هَذَا [4]– މާނައީ: އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މި ދުވަހާއި، ތިޔަބައިމީހުންގެ މި މަހާއި، ތިޔަބައިމީހުން މި ރަށް ޙުރްމަތްތެރި ކުރައްވައިފައިވާ ފަދައިން، ތިޔަބައިމީހުންގެ ލެއާއި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މައްޗަށް ޙުރްމަތްތެރި ވެގެންވެއެވެ." މިއީ އިންސާނާގެ އަސާސީ އެންމެ މުހިއްމު ދެ ޙައްޤު ކަމަށް އިންސާނީ ޙައްޤުތަކުގެ މޭސްތިރީން ބުނެއެވެ. އެއީ ދިރި އުޅުމުގެ ޙައްޤާއި މިލްކުވެރިކަމުގެ ޙައްޤެވެ. އިންސާނީ ޙައްޤުތަކަށް އަޑުންއަޑުނަގައި ގޮވައިލާ މީހުންގެ މާކުރިން، ފަނަރަ ސައްތަ އަހަރު ކުރިން އިސްލާމުދީނުގެ ނަބިއްޔާ މި ވަނީ މުޅި ދުނިޔެއަށް މި ކަން އިޢުލާނު ކުރައްވައިފައެވެ. އިސްލާމުދީނުގައި މި ދެ ޙައްޤު ހޯއްދަވައި ދެއްވައިފައި މި ވަނީ ހަމަ އެކަނި މުސްލިމުންނަކަށް ނޫނެވެ. ކޮންމެ އިންސާނަކަށް ވެސް މި ދެ ޙައްޤު ލިބިފައިވާކަން މި ވަނީ ކަށަވަރުކޮށް ދެއްވައިފައެވެ. އެހެނަސް މިއަދު އެމީހުންގެ އަމިއްލަ ވަޠަނުގައި، ދިރި އުޅުމުގެ ޙައްޤުން މަޙްރޫމުވެފައިވާ ފަލަސްޠީނުގެ ކިތައް މިލިޔަން މީހުން އެބަ ތިބިތޯއެވެ؟ އަމާންކަމާ އެކު އަމިއްލަ ބިމުގައި އުޅެވެން ނެތިގެން ރަށް ދޫކޮށް ކިތައް މިލިޔަން މީހުން ކަނޑު ހުރަސްކޮށް މާޔޫސް ދަތުރުތައް ކުރަމުން އެބަ ދޭތޯއެވެ؟

ކީރިތި ރަސޫލާ ﷺ ގެ މި ނަބަވީ އިރްޝާދުން ހޭލުންތެރިކަން ލިބިގެން އަޅުގަނޑުމެންގެ ނަފްސުތަކާއި އެހެން މީހުންގެ ނަފްސުތައް ރައްކައުތެރި ކުރުމަށް ތެދުވަމާ ހިނގާށެވެ! އަޅުގަނޑުމެންގެ  ފުށުން އެއްވެސް މީހަކަށް ގޯނާއެއް، ގެއްލުމެއް ފޯރިޔަ ނުދެމާ ހިނގާށެވެ! މުޖްތަމަޢާއި ވަޠަނުގެ ޙިމާޔަތުގައި އަތާއިއަތް ޖޯޑު ކުރަމާ ހިނގާށެވެ! ކީރިތި ރަސޫލާ ﷺގެ މި މަތިވެރި އިރްޝާދުގެ އަޑު އިވުމަށް ފަހު އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު، ހަލާކު ކުރަނިވި މީހަކަށް ވެގެން ނުވާނެއެވެ. ކޮންމެ މީހަކު ވެސް ވާން ޖެހޭނީ ބިނާ ކުރަނިވި މީހަކަށެވެ. މީސްތަކުންގެ ފުރާނަތައް ނައްތައިލައި މީހަކަށް ވެގެން ނުވާނެއެވެ. މީސްތަކުންނާ ނުރައްކާތެރި ބަލާތައް ކުރިމަތި ކުރާ ފަރްދަކަށް ވެގެން ނުވާނެއެވެ. މާތްﷲގެ ވަޢީދުގެ ބަސްފުޅު އަހާށެވެ! އެކަލާނގެ ވަޙީ ކުރައްވަނީ "وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَآؤُهُۥ جَهَنَّمُ خَـٰلِدًا فِيهَا وَغَضِبَ ٱللَّهُ عَلَيْهِ وَلَعَنَهُۥ وَأَعَدَّ لَهُۥ عَذَابًا عَظِيمًا [5]– އަދި، قصد ގައި مؤمن އަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، اللَّه، އެމީހާގެ މައްޗަށް ކޯފާލައްވައި لعنة ލެއްވިއެވެ. އަދި، ބޮޑުވެގެންވާ عذاب އެމީހާއަށް ތައްޔާރު ކުރެއްވިއެވެ." ﷲގެ ވަޢީދާއި، އިންޒާރުގެ ބަސްފުޅު ކިހާ ގަދަފަދަތޯއެވެ؟ އެ ފަދަ މީހާއަށް ހުރީ ﷲގެ ގަދަފަދަ ކޯފާއާއި، ﷲގެ ދާއިމީ ލަޢުނަތާއި، ﷲގެ ބިރުވެރި ނަރަކާގައި ތާއަބަދަށް ދެމި ހުރުމެވެ. މާތްﷲ އަޅަމެން މި ފަދަ އަޛާބުތަކާއި ކޯފާތަކުން ރައްކައުތެރި ކުރައްވާށިއެވެ!

ޢާއިލީ ގުޅުންތައް

ޙައްޖަތުލް ވަދާޢުގައި ކީރިތި ރަސޫލާ ﷺ އިސްލާމީ ޢާއިލާ ރައްކައުތެރި ކުރުމަށް ގޮވައިލެއްވިއެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ ޙައްޤުތައް ބަޔާން ކޮށްދެއްވިއެވެ. ދެމަފިރިންގެ ދެމެދުގައިވާ ގުޅިފައިވާ އަދަބުތައް ކުރައްސަވައި ދެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވީ "اتَّقُوا اللهَ فِي النِّسَاءِ، فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانَةِ اللهِ، وَاستَحْـلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللهِ [6]– މާނައީ: ތިޔަބައިމީހުންގެ އަނބީންނާ މެދު ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން އެކަނބަލުން ލިބިގެންފައި ވަނީ ﷲގެ އަމާނަތެއްގެ ގޮތުގައެވެ. އެކަނބަލުންގެ ކިބައިން އަރާމު ޙާޞިލުކުރުން ހުއްދަކޮށްގަންފައި ތިޔަ ވަނީ ﷲގެ ކަލިމަފުޅުގެ މަތިންނެވެ." ﷲގެ އަމާނަތެކޭ އޮތް ބަސްފުޅުން ސާފުކޮށް އެނގޭ ގޮތުގައި، އަންހެނުންނަށް ގޯނާކުރުމާއި އަނިޔާވެރިވުމާއި އެކަނބަލުންގެ ޤަދަރުވައްޓައިލުމާއި، އެކަނބަލުންނަށް ބޭއިޙްތިރާމު ކުރުމަކީ އިސްލާމުދީން މަނާކުރާ ކަންތައްތަކެއް ކަން އެނގެއެވެ.އެހެނީ އަމާނަތަކީ އެ އަމާނަތުގެ ވެރިފަރާތާ ޙަވާލު ކުރަން ޖެހޭނެ އެއްޗެކެވެ. އެއަށް ގެއްލުމެއް ލިބިއްޖެ ނަމަ އެކަމަށް ޖާމިނުވާން ޖެހޭނެއެވެ. އަނބިން ﷲގެ އަމާނަތަކަށް ވާތީ އެ ކަނބަލުންނަށް ރައްކައުތެރިވާން ޖެހޭނެއެވެ. އެ ކަނބަލުން ރިވެތި ގޮތުގައި ބަލައި ބަލަހައްޓަން ޖެހޭނެއެވެ. އެކަނބަލުންނަށް ލިބިގެންވާ ޙައްޤުތައް ކޯޓާ ހަމައަށް ނުގޮސް ލޯތްބާއި ކުލުނާއި ނިޔަނެތިކަމުގެ ތެރެއިން ލައިފައި ދޭންވާނެއެވެ. ރަނގަޅު ދަރީންތަކެއް ތަރްބިޔަތު ކުރެވޭނީ މި މަގުންނެވެ. ހެޔޮ ލަފާ މުޖްތަމަޢެއް ބިނާ ކުރެވޭނީ ދެމަފިރިން ގުޅިގެން ކުރާ މަސައްކަތުންނެވެ.

ރަސޫލުﷲގެފާނުގެ ބަސްފުޅުގައި ﷲގެ ކަލިމަފުޅުގެ މަތިން ހުއްދަކޮށް ގަނެވިފައިވާ ބަޔެއްކަން އޮތުމުން އެނގެނީ ދެމަފިރިންގެ ޢަޤްދުގެ މުޤައްދަސް ކަމެވެ. މި ޢަޤްދަށް ރައްކައުތެރިވާން ޖެހޭނެ ކަމެވެ. އެހެންކަމުން މި ޢަޤްދު ރޫޅިގެން ހިނގައިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

ﷲއަށް ތަޤްވާވެރިވާށެވެ! ﷲ ޙައްދުތަކެއް ކަނޑައަޅުއްވާފައިވާ ކަން ދެނެގަނެ އެ ޙައްދުތަކަށް އަރައިނުގަންނާށެވެ! ﷲ ފަރްޟުތަކެއް ފަރްޟު ކުރައްވައިފައިވާކަން ދެނެގަނެ އެ ފަރްޟުތައް ނާޅައި އަދާ ކުރާށެވެ! އެ ކަލާނގެ މުންކަރާތްތަކެއް ނަހީ ކުރައްވައިފައިވާކަން ދަނެ އެ މުންކަރާތްތަކާ ވައިވެސް ނޭޅޭށެވެ! ކީރިތި ރަސޫލާ ﷺ ޙައްޖަތުލް ވަދާޢުގައި ދެއްވި މި ޚުޠުބާއިން ފިލާވަޅުތަކާއި ޢިބްރަތްތައް ޙާޞިލު ކުރާށެވެ! އެކަލޭގެފާނު ޙަދީޘް ކުރައްވަނީ "وَقَدْ تَرَكْتُ فِيكُمْ مَا لَنْ تَضِلُّوا بَعْدَهُ إِنْ اعْتَصَمْتُمْ بِهِ كِتَابُ اللَّهِ [7]– ތިޔަބައިމީހުން އޭގައި ހިފަހައްޓައިފި ނަމަ، ތިމަންކަލޭގެފާނަށް ފަހު ތިޔަބައިމީހުން ގެއްލެނިވެގެން ނުދާނެ އެއްޗެއް ތިޔަބައިމީހުންގެ ތެރެއަށް ތިމަންކަލޭގެފާނު ދޫކުރައްވައިފީމެވެ. އެއީ ﷲގެ ފޮތެވެ."

 

[1] – المائدة :3

[2] –  مسند أحمد ( 38 / 474)

[3] – الحجرات : 13

[4] – رواه أحمد ومسلم

[5] – سورة النساء / 93 .

[6] – رواه مسلم وابن ماجه وابن حبان

[7] – رواه مسام وابن ماجه وابن حبان

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *