ދިޔައިމާ ފަސްގަނޑުން ފެނުނީ ހަނދާން އެތަކެއް ގަޔާވީހާ
ޚިޔާލުގެ ލޯ ގަތައި މި ލަނީ ދެތިން ލަފުޒޭ ހިތަށްއެރިހާ
އުފާ އުފަލުން ދުވަސް ފަށަމުން އަހަރު ބޮޑު ޢީދު ލައިގަތުމުން
ނުފާޑުގެ ވިސްނުމާ ފިކުރުން ވަނީ ޠާހިރު ހިތެއް ހުރިހާ
ފަށާ ދުވަހުގެ ނަމާދާ އުޟުހިޔާ ދަރުމައިގެ ބަރަކާތުން
ރަށާ މާހައުލުގައި ސުންނަތުގެ ނޫރޭ ބަބުޅަނީ އަލިހާ
ކޮލާ މޫނުން ވަމުން ހިނިތުން ގުޅާލާ އަތްއަތާއި ހިތާ
ކުލާ ފެންޖެހުމުގައި ފެނުނީ، ދުވަސް މާޒީވެގެންދިޔަހާ
ޖަހާ ފަލިރޭހުގައި ގުގުމާ ވަށައި ސާބަހުގެ ތަރުޙީބުން
އިހާ ފަހުގައި ޒަމާނުގެ އޮތް ގުޅުން ދައްކައިދެނީ ޞަފްޙާ
ނެރޭ ކޯޑީގެ ޖަޒުބާތާ، ދަމާ ބޮޑުވަލުގެ ފޯރީގައި
ކެރޭ ޅަޒުވާނުނާ ގިންތީތަކުން ބައިވެރިވިޔޭ ތިބިހާ
ސަގާފަތް ދިރުވުމާ ގެއްލޭ ހުނަރު އާލާކުރަން ގުޅިގެން
މަގާމެއް ފަންތިއެއް ބާކީ ނުކޮށް އުޅުނީ އެކީ ވީހާ
އެކަކު އަނެކަކު ކަމޭހިތުމާ ހިނގާ މިންތީގެ ހަމަހަމަކަން
އެކަން، މި ކަމާ ދެވަރު ނުވެޔޭ ނިމޭއިރު ވެސް ކަމެއް ކުރިހާ
