Support Us

އެންމެން އަޅުގަނޑާ މެދު އުއްމީދު ކަނޑާލި ދުވަހު…

އެއް ދުވަހަކު ޢަޞްރު ނަމާދަށް އަހަރެން މިސްކިތަށް ދިޔައީމެވެ. ނަމާދުކޮށް ނިމުމުން ހަވީރުގެ ޛިކްރުތައް ކިޔުމަށް، މިސްކިތުގެ ތަނބެއްގައި ލެނގިލައި ފޯނުންބަލައިގެން ޛިކްރުތައް ކިޔުމަށް ކުރިމަތީގައި ފޯނު ބޭވީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ދެފަރާތް ހޯދަމުން މިސްކިތުގެ ދޮރުން ވަތް ޢުމުރުން ގާތްގަނޑަކަށް ދިހަވަރަކަށް އަހަރުގެ ކުއްޖެކެވެ.

އަހަރެންގެ ގާތަށް އައިސް ބިރުން އަޑު ތުރުތުރު އަޅާ ޙާލު އެ ކުއްޖާ ސުއާލުކުރިއެވެ.

"ޝައިޚް އަތުވެއްޖެ ހެއްޔެވެ؟!"

އަހަރެން ބުނީމެވެ. "ކޮން ޝައިޚެއް ހެއްޔެވެ؟!"

އެސޮރު ބުންޏެވެ. "ކުދިންނަށް ޤުރްއާން ޙިފްޒްކޮށްދޭ ޝައިޚެވެ!"

އެތާނގައި ޤުރްއާން މުދައްރިސެއް ވީ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެހެނަސް އެސޮރުގެ މޫނުމަތިން ބިރުގެންފައި ހުރިކަން ފެންނާތީ މަޑުމަޑުން އަހަރެން ބުނީމެވެ.

"ނޫނެކެވެ! އަދި ނާދެއެވެ. ބޭބެ ކައިރީ އިށީންނާށެވެ!"

އެސޮރު އަހަރެން ކައިރީ އިށީނދެ މުޞްޙަފު ހުޅުވައި ޞަފުޙާތައް އެއްކޮޅުން އަނެއް ކޮޅަށް އުކަން ފެށިއެވެ. މަޑުމަޑުން އަހަރެން ބުނެލީމެވެ.

"ކޮއްކޮ ކޮން ސޫރަތެއް ތި ދަސްކުރަނީ؟"

އަހަރެން އެހެން ބުނުމުން އެސޮރު ހަމަޖެހިލުމަށް ފަހު ބުންޏެވެ.

"ބޭބޭއެވެ! އަޅުގަނޑަށް ސޫރަތް ރަނގަޅަށް ދަސްވަންދެން ބޭބެއަށް އަޅުގަނޑު ކިޔަވާތަން ބަލާލަދެވިދާނެ ހެއްޔެވެ؟ އަޅުގަނޑުގެ ހިތުދަސްކުރުން ދަށްކަމުން ބައްޕަ ހުންނަވަނީ އަޅުގަނޑާ މެދު މާޔޫސްވެފައެވެ! އަބަދުމެ އެކަމުގެ ޝަކުވާ ކުރާތީވެ ބައްޕަގެ ކިބައިން ޤުރްއާން ދަސްކޮށްދޭން އެދުމަށް އަޅުގަނޑު ލަދުގަނެއެވެ. އަދި ޝެއިޚްގެ އަރިހަށް ގޮސް ކިޔައިދިނުމުގައި ކުށް ޖެހޭތީ ބައްޕަ ހުންނަވަނީ ރުޅި އައިސްފައެވެ! އަޅުގަނޑު އެހާ މޮޅެއް ނޫނެވެ. ބައެއް ކަލިމަތަށް އަޅުގަނޑަށް ވަރަށް އުނދަގުލެވެ."

ހިނިތުންވެލަފައިއި އެކުއްޖާގެ އަތުން މުޞްޙަފު ނަގަމުން އަހަރެން މަޑުމަޑުން ބުނީމެވެ.

"ކޮއްކޯއެވެ! ބޭބެއާ ކައިރިވެލާށެވެ!"

އަހަރެން ކިޔަވަން ފެށުމުން އެސޮރު އަހަރެންގެ އަޑުދަށުން ކިޔަވަން ފެށިއެވެ.

ފަނަރަ ވަރަކަށް މިނެޓު ފަހުން އަމިއްލައަށް އަހަރެންނަށް ކިޔައިދިނުމަށް އަހަރެން އެދުނީމެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. އެ ހިނދު އަހަރެން ހަނދާންވީ އަހަރެންގެ ޝައިޚް އަހަރެންނަށް އެއް ދުވަހަކު ބުނި ވާހަކައެއް މަތިންނެވެ.

"ތިބާއަށް ޙިފްޒްކުރަން އުނދަގޫވެއްޖެ ނަމަ އާޔަތްތައް ފަހުމްވުމަށްފަހު ދެން ޙިފްޒް ކުރުމަށް މަސައްކަތް ކުރާށެވެ. ފަހެ އާޔަތްތައް ޙިފްޒްކުރުމީ، ތިބާއާއި ސުވަރުގެއާ ދެމެދު ވާ ބޮޑު ދޮރެއްގެ ތަޅެއް ކަމުގައި ދެކޭށެވެ. ވީމާ ތިބާ އެތަޅުގެ ތަޅުދަނޑި ހޯދައި އެ ހުޅުވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އޭރުން އެދޮރު ހުޅުވިދާނެއެވެ."

ދެން އަހަރެން އެ ކުއްޖާގެ މޫނަށް ބަލައިލި ހިނދު، ޖެހިލުންވާ ޙާލު ބޮޑުވައި އިނގިއްޔަށް ފިއްތާލަ ފިއްތާލާ އިނެވެ. އަހަރެން ހިނިތުންވެލައިފައި މަޑު މަޑުން ބުނެލީމެވެ.

"އާނ.. ކޮއްކޯ.. ޙިފްޒް ކުރުން އަދި އިހަށް ބަހައްޓާށެވެ! މި އާޔަތްތަކުގެ މާނަ އަކީ ކޮބައިކަން ކޮއްކޮއަށް އެނގޭ ހެއްޔެވެ؟ ﷲ ސުބްޙާނަހޫ ވަތަޢާލާ މި އާޔަތްތަކުން އަންގަވަނީ ކީކޭކަން އެނގޭ ހެއްޔެވެ؟"

އަހަރެން އެ އާޔަތްތައް ޝަރަޙަ ކޮށްދެމުން ގޮސް ސޫރަތް ނިމިއްޖެއެވެ. އަދި ސޫރަތް ދެބުރަކަށް ކިޔުމުން އަހަރެންގެ އަޑުދަށުން އެސޮރު ވެސް ކިޔަވަމުން ގެންދިޔައެވެ.

އެއަށްފަހު އަމިއްލައަށް ކިޔުމަށް އަހަރެން އެދުނީމެވެ. ބައެއް އާޔަތްތައް ކިޔެވުމަށް ފަހު އާޔަތެއް ހަނދާން ނެތިއްޖެ ނަމަ ނޫނީ އާޔަތެއް އުނދަގޫ ވެއްޖެ ނަމަ ހީނލުމަށް ފަހު އަހަރެންނަށް ބުނާނެއެވެ.

"މި އާޔަތުގައި އެވާ ވާހަކަ ކިޔައިދޭން ހެއްޔެވެ؟"

އެހެން މަސައްކަތް ކޮށްލުމަށް ފަހު އެސޫރަތް އެސޮރަށް ދަސްވެއްޖެއެވެ. އިޚްލާޞް ސޫރަތް ފަދައިން އެހާމެ ފަސޭހަކަމާ އެކު ދަސްވެއްޖެއެވެ.

އިރުކޮޅަކުން ޝައިޚާއި ދަރިވަރުންތައް އަތުވެއްޖެއެވެ. އަދި އަހަރެންގެ ކިބައިން ދިޔުމަށް އިޛްނައަށް އެދުނެވެ. އަހަރެން ބުނީމެވެ.

"ކޮއްކޯއެވެ! ކޮއްކޮ ސަމާލުވަންވީ ކަމެއް ބުނެދެން ހެއްޔެވެ؟"

ހީނލައިފައި އާނއެކޭ ބުނުމުން އަހަރެން އެސޮރުގެ އަތުގައި ހިފައި ދޮނެއް ދެމުން ބުނީމެވެ.

"އޭ މިވެނި އެވެނި މީހާއެވެ. އަންނާށޭވެ. ތިބާއަށް ބުނެވޭނޭ ދުވަހެއް އަދި އަންނާނެއެވެ. ތިބާ ގޮސް… قرآن ކިޔެވުމަށް ތިބާ ކުރެން އެދެވޭނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއާއި އެއިލާހުގެ މަލާއިކަތުން ތިބާގެ ކިޔެވުން އަޑު އައްސަވާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ކޮއްކޮ ކިޔެވުމަށް ލޯބި ނުކުރާނަން ހެއްޔެވެ؟ އަދި މިވެނި އެވެނި ސޫރަތެއް ކިޔަވާށެވެ! ކޮއްކޮ އަށް ބުނެވޭކަށް ނޭދޭނަން ހެއްޔެވެ؟"

ދެން އަހަރެން އެ ސޮރުގެ ކޮނޑުގައި ފިރުމާލަމުން ޢިބާރާތްކޮޅެއް ބުނެލީމެވެ. އަހަރެން ކުޑައިރު މީހަކު އަހަރެންނަށް އެފަދައިން ބުނި ނަމައޭ އަހަރެން އަބަދުމެ ހިތަށް އަރައެވެ.

"ތިބާ މިހާރު ތި ތައްޔާރުވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ކިޔެވުމަށެވެ. ފަހެ ފޫހިކަމެއް ނެތި، އުއްމީދު ކަނޑާނުލައި އަދި ތިބާގެ ނުކުޅެދުންތެރިކަމަށް ވިސްނުމެއް ނުބަހައްޓައި ޝަކުވާއެއް ނުކޮށް ކިޔަވާލާށެވެ.

ފަހެ ޤުރްއާން ދޫކޮށްލާނެ ކޮންމެ ޢާލަމަކީ ޖާހިލެކެވެ.

ތިބާ ބޮޑުވެ ތިބާ ތީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފޮތުގެ ޙާފިޡަކަށް ވާނެއެވެ. އަދި މީސްތަކުންގެ އިމާމަކަށް ވެ ތިބާ ތީ ދުނިޔެމަތީގައި މޮޅު މީހަކަށް ވާހުށްޓެވެ.

ތިބާގެ ތިލާވަތު އަޑު ފުރިގެންވާނީ ޚުޝޫޢަތްތެރިކަމުންނެވެ.

އަދި އާޚިރަތުގައި ވެސް ތިބާ ވާހުށީ ކަރާމާތް ތެރިވެގެންވާ ޙާލު "މާތްވެގެންވާ ހެޔޮލަފާ މަލާއިކަތުން" ކުރިމަތީގައެވެ.

ފަހެ ޤުރްއާނުގެ ޙައްޤުގައި އޭގެ އަހްލުވެރިން ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ މާތްކުރައްވާފައެވެ. ޤުރްއާނީ އެ އިލާހުގެ ކަލާމްފުޅެވެ. އަދި ފަހެ އޭގެ އަހްލުވެރިންނާ މެދު އެއިލާހު ލޯބިވެވޮޑިގެންވާ ފަދައިން އެހެން ބަޔަކާ މެދު ލޯބިވޮޑިގެނެއް ނުވެއެވެ.

ﷲ ގަންދީ ބުނަމެވެ. އެ އިލާހުގެ ކަލާމްފުޅު ޚާލިޞްކަމާ އެކު ކިޔެވި ދުލަކަށް، އުފުލި ހިތަކަށް، އަޑުއެހި ކަންފަތަކަށް، ދުށް ލޮލަކަށް ދުވަހަކު ވެސް އެ އިލާހު ޢަޛާބު ނުދެއްވަވާނެއެވެ.

ހެޔޮ ޚަބަރު ހުއްޓެވެ! ޒުވާން ދުވަސްވަރު ﷲ ސުބްޙާނަހޫ ވަތަޢާލާގެ އާޔަތްތަުގެ ހިޔަލުގައި ތިބާ ހޭދަކޮށްފީމެވެ…"

އަދި އޭނާގެ ބޮލަށް ދޮނެއް ދެމުން ބުނީމެވެ.

"ޝައިޚްގެ އަރިހަށްދާށެވެ! ގޮސް ކޮއްކޮ ތިކިޔަވަނީ ރަޙްމާންވަންތަ އިލާހުގެ ޢަރުޝިކޮޅުގެ ހިޔަލުގައި ކަމަށް ހީކޮށްލާށެވެ! ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާގެ އަޑު އައްސަވާނެއެވެ. ކޮއްކޮއަށް ވާނެކަން ބޭބެއަށް ޔަޤީނެވެ."

ދެން ޝެއިޚްގެ އަރިހަށް އެސޮރު ހިނގައްޖެއެވެ. އަދި ކޮންމެ ދުވަހަކު ޝެއިޚް އަންނަންދެން އަހަރެން އޭނާއަށް މިސްކިތުގައި ހިތުދަސްކޮށްދިނުމަށް އެހީތެރިވީމެވެ. ކޮންމެއަކަސް ދެ މަސް ދުވަހަށް ފަހު އަހަރެންގެ ގެ ބަދަލުވާން ޖެހިގެން އެސޮރާ އަލްވަދާޢު ކިޔަން ޖެހުނެވެ. އޭގެ ފަހުން އެސޮރެއް ނުދެކެމެވެ. އަދި އަހަރެންނަށް އެނގުން ގޮތުގައި އޭނާގެ ޝައިޚް ވެސް އެހެން މިސްކިތަކަށް ބަދަލުވިއެވެ.

ހަތް އަހަރަށް ފަހު…. އެއް ދުވަހަކު އަހަރެންގެ މަސައްކަތް ނިމުމަށްފަހު ކާރެއްގައި ދަމުން މަޣްރިބު ނަމާދުކޮށްލުމަށް ޑްރައިވަރު މިސްކިތަކަށް މަޑުކޮށްލިއެވެ. ފަހެ އަހަރެން މިސްކިތަށް ވަދެ، ނަމާދަށް ސަފަށް ވަތް ހިނދު ހަނދެއް ފަދަ މޫނެއްގެ ވެރި ޒުވާނެއް އަންނަނިވި ކަލިމަތަށް ކިޔަމުން ދިޔަތަން ދުށީމެވެ.

(سَوُّوا صُفُوفَكُمْ, فَإِنَّ تَسْوِيَةَ الصُّفُوفِ مِنْ إِقَامَةِ الصَّلاةِ)

(ތިޔަބައިމީހުންގެ ސަފުތައް ތެދުކުރާށެވެ. ފަހެ ހަމަ ކަށަވަރުން ސަފުތައް ތެދުކުރުމީ ނަމާދު ފުރިހަމަވެގެންވާ ކަމުގެ ތެރޭގައިވާ ކަމެކެވެ.)

އެ ޒުވާނާގެ ސިފަތަކަކީ އަހަރެންނަށް ވަަރަށް ރަނގަޅަށް އެނގޭ ސިފަތަކެކެވެ. ނަމަވެސް އޭނާ ފެނުނު ތަނެއް ހަނދާނެއް ނެތެވެ. އެ ޒުވާނާގެ އަޑީ ޔަޢުޤޫބުގެފާނުގެ ހިތްޕުޅަށް ހިތްވަރު ދެއްވި ފަދަ، މޫސާގެފާނުގެ މަންމާފުޅަށް އެކަމަނާގެ ދަރިފުޅު އެނބުރި ލިބުމުން ލިބުނު އުފާވެރިކަން ފަދަ، ޒަކަރިއްޔާގެފާނަށް ޔަޙްޔާގެފާނުގެ ހެޔޮ ޚަބަރު ލިބުމުން ލިބުނު ހިތްހަމަޖެހުން ފަދަ، އަޑެއްހެން އަހަރެންނަށް ހީވެގެން ދިޔައެވެ.

ފަހެ އަހަރެމެން ތިބީ ނަމާދުގައި ނޫންނަމަ އިތުރަށް ކިޔެވުމަށް އަހަރެން އެދުނީހެވެ. އަހަރެންގެ ހިތަށް ލިބުން ފަރުވާއެއް ފަދަ އެވެ. ސަޖިދައިގައި އެޒުވާނާގެ ނަން ހަނދާވޭތޯ މަސައްކަތް ކުރަމުން އަހަރެން ދުޢާކުރީމެވެ.

"އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އެޒުވާނާ އަށް އިތުރު ކޮށްދެއްވާށިއެވެ!!"

ނަމާދު ނިމުމަަށް ފަހު ޛިކުރު ތަސްބީޙަ ކިޔުމަށް އަހަރެން އިށީނދެލައިގެން އިންދައި ދެން ފެނުނީ އެއްކަލަ ޒުވާނާ އަހަރެންގެ ކުރިމަތީގައި ހުއްޓި އަހަރެންގެ ބޮލަށް ދޮނެއް ދިން ތަނެވެ. އަދި ބުންޏެވެ:

"އަހަރެން މިއަދު މިވާ މަޤާމުގެ ސަބަބަކީ (ﷲ ތަޢާލާއަށް ފަހު) ތިބާކަން ޤިޔާމަތް ދުވަހު ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އަހަރެން ހެކި ވާނަމެވެ."

އަހަރެންނަށް އަދިވެސް އެއީ ކާކުކަން ސީދާ ނޭނގޭތީ "ތީ ކާކު ތޯ؟" އަހަން އުޅެނިކޮށް އޭނާ އަހަރެންގެ ވާހަކަ މެދުކަނޑާލަމުން ބުންޏެވެ.

"ބޭބޭއެވެ! އަޅުގަނޑަށް ސޫރަތް ރަނގަޅަށް ދަސްވަންދެން ބޭބެއަށް އަޅުގަނޑު ކިޔަވާތަން އެއްބުރަށް ނޫނީ އެއަށްވުރެއް ގިނައިން ބަލާލަދެވިދާނެ ހެއްޔެވެ؟ އަޅުގަނޑުގެ ހިތުދަސްކުރުން ދަށްކަމުން ބައްޕަ ހުންނަވަނީ އަޅުގަނޑާ މެދު މާޔޫސްވެފައެވެ."

އެޒުވާނާ ހިނިތުން ވެލިއެވެ. އަހަރެންނަށް އެ ޒުވާނާގެ ލޮލުން ކަރުނަތައް އޮހެރެމުން ދާތަން ފެނުނެވެ. އަދި ބުންޏެވެ.

"މިހާރު އަޅުގަނޑު މަތިން ހަނދާންވެއްޖެތޯއެވެ؟!"

ތެދުވެ އަހަރެންގެ ގައިގައި ބައްދާލަމުން ބުންޏެވެ:-

"ފަހެ އަޅުގަނޑު ޤުރްއާން ހިތުދަސްކޮށްފީމެވެ. އަދި އެކަމުގެ ސަނަދުވެސް ހޯދާފީމެވެ. އަދި މިހާރު އަޅުގަނޑު މީ މުދައްރިސެކެވެ."

"ބޭބޭއެވެ! ﷲގެ އިރާދަފުޅުން ކަރާމަތްވެގެންވާ ތާޖުގެ ހެޔޮ ޚަބަރު ހުއްޓެވެ. އަޅުގަނޑާ މެދު ލޯތްބާއި އޯގާތެރިކަމުން މުޢާމަލާތް ކުރިއެވެ. ބޭބެގެ އޯގާތެރިކަން އަޅުގަނޑުގެ ހިތުގައި ބައްދައިލިއެވެ. ބޭބެ އަށް ނޭނގުނު ނަމަވެސް އަޅުގަނޑަށް އެންމެ ލޮބުވެތިވެގެންވާ އެއްޗަކީ ކީރިތި ޤުރުއާން ކަމުގައި ބޭބެ ހަދައިދިނެވެ. އަޅުގަނޑު ބޭބެގެ ގާތަށް އައީ ޟަޢީފެއްގެ ގޮތުގައެވެ. ފަހެ ބޭބެ އެ ޟަޢީފުކަން އަހަރެންގެ ބާރެއް ކަމަށް ބަދަލު ކޮށްދިނެވެ.

"އިން ޝާއަ ﷲ ބޮޑު ވެގެންވާ އަޖުރެއްގެ އުފާވެރިކަން ބޭބެއަށް ހުއްޓެވެ! އަޅުގަނޑު އުނގެނުނު އެއްޗަކުންނާއި އަޅުގަނޑު އެހެން ކުދިންނަށް އުނގަންނައިދޭ އެއްޗެއްގެ އަޖުރުވެސް ބޭބެއަށް އިންޝާﷲ ލިބޭނެއެވެ!

"ބޭބޭއެވެ! އެހެން އެންމެން އަޅުގަނޑާ މެދު އުއްމީދު ކަނޑާލި ދުވަހު ބޭބެ އަޅުގަނޑާ މެދު އުއްމީދު ކުރެއްތީވެ، ޝުކުރިއްޔާއެވެ."

އެ ޒުވާނާ އަހަރެންގެ ބޮލަށް ދޮނެއް ދެމުން އެހެން ކުދިންނަށް އުނގަންނައިދިނުމަށް ހިނގައްޖެއެވެ."

އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނަކީ ޤުރްއާނުގެ އަހްލުވެރިން ކަމުގައި ލައްވާށިއެވެ. އާމީން!

-وقفوهم إنهم مسؤولون-

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *