ތަރިތައް ވިދާނީ ފަލަކުގާ އައުދާނަ އޭގެ މަޤާމުގާ
ތިރިޔަށް ބިމަށް އައިސް ބީހިއެއްނޫޅޭނެޔޭ ބަދުނާމުގާ
ޔޫސުފް ނަބީގެ އެރުއުޔަތާ ރޫޙެއް ސުޖޫދުގެ އައިގޮތާ
މޫރިތި އެ ކީރިތި ޢަޡުމަތާ ނޫރޭ ދުށީ ޕޭޣާމުގާ
މަގު ނޭނގި އެހެރަ މުސާފިރާ ވަގުތަށް ބަލާ މޮޅު މާހިރާ
މަގު ލިބިގަތީ ތަރިހަނދުއިރާ އަގުހުރި އެ ދޭ އިލްހާމުގާ
ލެއްވެވި ޤަސަމް ރައްބުލްޢުލާ ދެންފަނޑުނުވާނޭހެން ފިލާ
އެންމެންގެ ހިތްތަކުގައި ދުލާ ގެންނެވި ވަޙީގެ ކަލާމުގާ
ދުނިޔޭގެ ކަނދުރާ ކަންފަތާ ތުނި މޫނު ދެފަޔާ ނޭފަތާ
އުނަގަނޑު އިނގިލިތައް މުޅިއަތާ ޒީނަތްވަނީ މި ނުޖޫމުގާ
ރޭތައް ވެލީމާ ރޯޝަނީ ބިންތައް ހިމޭން ނޭވާލަނީ
މޭތައް މަލާ ގަސްތައް ހެނީ ދޭ މަސްތުގާ އެ އަރާމުގާ
ހުރިހާފަލަކުތައް ބުރުޖުތައް ދުރުގާތް މިކައުނީ ދަތުރުތައް
ދިރުމާ މަރާ ފުން ސިއްރުތައް ފުރިހަމަވެޔޭ މި ނިޒާމުގާ
މީ ތަރިތަކަށް ހުރި ހައިބަތޭ މީ އޭގެ ޤަދަރާ ޢިއްޒަތޭ
ފީ ކުނިތަކާ ގޮނޑުތަކުތެރޭ އެ ނިމޭނެހޭ އިލްޒާމުގާ