Support Us

ޙައްޤަށް ރުޖޫޢަވުމަކީ މާތް ކަމެއް

ކުށް ޤަބޫލުކުރުމަކީ ނަފުސަށް ވަރަށް ބުރަ ކަމެކެވެ. އެއީ ދިރުވައިލަން ވަރަށް ހިތި އެއްޗެކެވެ. މި ކަން ކުރެވޭނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމުގެ ސިފައިން ގަހަނާ އެޅިގެންނެވެ. ﷲގެ ވަޖުހުފުޅު އަދައިގެންނެވެ.

އިންސާނާއަކީ ހަނދާންނެތުމާއި ކުށްކުރުމަށް ހާސާވެފައިވާ މަޚްލޫޤެކެވެ. ކީރިތި ރަސޫލާ ﷺގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އެންމެ މާތް މީހަކީ ހެދޭ ކުށްކުށަށް  އިޢުތިރާފުވެ ކުށަށް ތައުބާވެ ﷲގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވާ މީހާއެވެ. ކައު ރަސޫލާ ޙަދީސް ކުރެއްވިއެވެ. ((كلُّ ابنِ آدمَ خَطاءٌ وخيرُ الخطائينَ التَّوابونَ [1]– ކޮންމެ އާދަމުގެދަރިއަކީ ގިނަގިނައިން ކުށް ކުރެވޭ މީހެކެވެ. ކުށްކުރެވޭ މީހުންކުރެ އެންމެ ހެޔޮ ރަނގަޅު މީހަކީ ގިނަގިނައިން ތައުބާވާ މީހުންނެވެ.))

ކީރިތި ޤުރްއާނުގައި ޙައްޤަށް އެނބުރިގޮސްފައިވާ މީހުންގެ ވަރަށް ގިނަ މިސާލުތަކާއި ވާހަކަތައް އައިސްފައި ވެއެވެ.

  • އާދަމުގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ޚައްލްޤު ކުރެއްވުމާ ބެހޭ ގޮތުން އައިސްފައި ވެއެވެ. ((وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً قَالُوا أَتَجْعَلُ فِيهَا مَنْ يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ * وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ فَقَالَ أَنْبِئُونِي بِأَسْمَاءِ هَؤُلَاءِ إِنْ كُنْتُمْ صَادِقِينَ * قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا إِنَّكَ أَنْتَ الْعَلِيمُ الْحَكِيمُ [2]– ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި آدم ގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ حقيقة ތަކެވެ.) ދެން، އެކަލާނގެ އެތަކެތި ملائكة ންނަށް ހުށަހަޅުއްވައި، وحى ކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ دعوى ގައި) ތެދުވެރިންކަމުގައި ވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން خبر ދީބަލާށެވެ! އެ ملائكةން ދެންނެވޫއެވެ. އިބަރަސްކަލާނގެ ހުސް طاهرވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.)) އިމާމު އައްޠަބަރީ ވިދާޅުވާ ގޮތުގައި މަލާއިކަތުންނަށް އެބޭކަލުންގެ ބަސްފުޅުގައި ކުށް ހިމެނިގެންވާކަން އެނގިވަޑައިގަތުމުން އަދި މި ބަސްފުޅު ވިދާޅުވެވުނީ ޢިލްމާއި މަޢުލޫމާތު ލިބިވަޑައިގެން ނުވާ ޙާލަތެއްގައި ތިއްބަވައިގެންކަން އެނގިވަޑައިގަތުމުން އެބޭކަލުން ﷲއަށް ތައުބާވެ ވަޑައިގަތެވެ. އެބޭކަލުން ދެންނެވިއެވެ." އިބަރަސްކަލާނގެ ހުސް طاهرވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ." މި ގޮތަށް އެބޭކަލުން އެބޭކަލުންގެ ކުށަށް އިޢުތިރާފުވެ ވަޑައިގެން ﷲ ގެ ޙަޟްރަތަށް (ޙައްޤަށް) އެނބުރި ވަޑައިގެންނެވިއެވެ.
  • ކީރިތި ޤުރްއާނުން ފެންނަ ދެވަނަ މިސާލަކީ އާދަމުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ﷲގެ އަމުރުފުޅާ ޚިލާފުވެ ވަޑައިގެންވުނު ހިނދު ލަޢުނަތް ލެއްވި އިބްލީހާ ޚިލާފަށް އެ ކުށަށް އެ ދެކަނބަލުން އިޢުތިރާފުވެ ވަޑައިގެން ﷲގެ ޙަޟްރަތަށް އެނބުރިވަޑައިގަތުމެވެ. އެ ކުށަށް މާފުދެއްވުމަށް އެދިވަޑައިގެންނެވުމެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَنْ تِلْكُمَا الشَّجَرَةِ وَأَقُلْ لَكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُبِينٌ قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنْ الْخَاسِرِينَ [3]– އަދި އެ ދެކަނބަލުންގެ ވެރިރަސްކަލާނގެ، އެ ދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ތިމަންރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ؟ އަދި ހަމަ ކަށަވަރުން، شيطان އާއީ، ތިޔަ ދެކަނބަލުންނަށް بيان ވެގެންހުރި عداوة ތެރިއެއް ކަމަށް وحى ނުކުރައްވަން ހެއްޔެވެ؟ އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެން ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.))
  • ކުށް ޤަބޫލުކޮށް ޙައްޤަށް ރުޖޫޢަވުމަކީ ޙައްޤުކަން އެނގިގެންދާ މިސާލުތަކުގެ ތެރޭގައި ފިރްއަޢުނުގެ ޖާދޫގަރުން ސިޙްރާ ދުރުހެލިވެ ޢާލަމުތަކުގެ ވެރިރަސްކަލާނގެއަށް އީމާން ވުން ވެއެވެ. ފާޅުކަން ބޮޑު ގޮންޖެހުމަކަށް ފަހު އެމީހުން މޫސާގެފާނަށް އީމާންވެ އަމާންދީ ޖާދޫހެދުން ހުއްޓައިލިއެވެ. މާތްﷲ މި ކަން ބަޔާން ކުރައްވައި ވަޙީކުރެއްވިއެވެ. ((فَأُلْقِيَ السَّحَرَةُ سَاجِدِينَ قَالُوا آمَنَّا بِرَبِّ الْعَالَمِينَ رَبِّ مُوسَى وَهَارُونَ [4]– ފަހެ، އެ ޖާދޫގަރުން سجدة އަށް ތިރިވެއްޖައޫއެވެ. އެއުރެން ބުނޫއެވެ. عالم ތަކުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ. (އެއީ) موسى ގެފާނާއި، هارون ގެފާނުގެ ވެރިރަސްކަލާނގެއެވެ.))
  • ސަލާމު ލެއްވި ޔޫސުފުގެފާނުގެ ބޭބޭފުޅުން އެކަލޭގެފާނާ ދެކޮޅަށް ރޭއްވެވި ނުބައި ރޭވުމަށް އިޢުތިރާފުވެ ވަޑައިގެން އެ ކުށަށް ތައުބާވެ ވަޑައިގަތެވެ. އެބޭފުޅުން ޔޫސުފުގެފާނު އަވަހާރަކޮށްލުމަށް ޓަކައި ފުން ވަޅަކަށް ވައްޓައިލެއްވިއެވެ. އަދި ބަފައިކަލުން ޔަޢުޤޫބުގެފާނު އަރިހަށް ވަޑައިގެން މިނިކާކުއްތާއެއް ޔޫސުފުގެފާނު ކައިލީ ކަމަށް ދެންނެވިއެވެ. އެބޭފުޅުން މި ކުށަށް އިޢުތިރާފުވެ ވަޑައިގަންނަވަމުން ވިދާޅުވިއެވެ. ((تَاللَّهِ لَقَدْ آثَرَكَ اللَّهُ عَلَيْنَا وَإِنْ كُنَّا لَخَاطِئِينَ [5]– އެއުރެން ދެންނެވޫއެވެ. اللَّه ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން، اللَّه ތިމަންމެންގެ މައްޗަށް ކަލޭގެފާނު މަތިވެރިކުރައްވައި، މާތްކުރެއްވިއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވަނީ، ކުށްވެރިން ކަމުގައެވެ.))
  • މިޞްރުގެ ޢަޒީޒުގެ އަނބިކަނބަލުން ޒުލައިޚާ ވެސް ވަނީ އެކަމަނާގެ ކުށަށް އިޢުތިރާފުވެ ވަޑައިގެން ޔޫސުފުގެފާނުގެ ކުށެއް ނެތްކަން ހާމަކުރައްވައި ތައުބާވެ ވަޑައިގެންފައެވެ. ޔޫސުފުގެފާނު ޖަލަށް ލެވުނު ތުހްމަތަކީ އެކަލޭގެފާނާ ގުޅުން ހުރި ކަމެއް ނޫންކަމަށް ޢަޒީޒުގެ އަނބިކަނބަލުން މިޞްރުގެ ރަސްގެފާނުގެ ދަރުބާރުގައި އިޢުތިރާފުވެ ވަޑައިގަތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((قَالَتْ امْرَأَةُ الْعَزِيزِ الْآنَ حَصْحَصَ الْحَقُّ أَنَا رَاوَدتُّهُ عَنْ نَفْسِهِ وَإِنَّهُ لَمِنْ الصَّادِقِينَ[6]– العزيزގެ އަންހެނުން ބުންޏެވެ. މިހާރު حق ތެދު ފާޅުވެއްޖެއެވެ. އެކަލޭގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނީ، ތިމަންނާއެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތެދުވެރިންގެ ތެރެއިންނެވެ.))
  • މޫސާ عليه السلام ދުނިޔެ މަތީގައި މާތް ﷲގެ ޒާތުފުޅު ދެކެވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ. މިއީ ކުށެއްކަން އެނގިވަޑައިގަތުމުން އެކަލޭގެފާނު ތައުބާވެ ވަޑައިގެން ﷲގެ ޙަޟްރަތަށް ރުޖޫޢަވެ ވަޑައިގަތުމަށް އަވަސްވެ ވަޑައިގަތެވެ. މާތް ﷲ މި ކަމާ ބެހޭގޮތުން ވަހީ ކުރެއްވިއެވެ. ((قَالَ رَبِّ أَرِنِي أَنظُرْ إِلَيْكَ قَالَ لَنْ تَرَانِي وَلَكِنْ انظُرْ إِلَى الْجَبَلِ فَإِنْ اسْتَقَرَّ مَكَانَهُ فَسَوْفَ تَرَانِي فَلَمَّا تَجَلَّى رَبُّهُ لِلْجَبَلِ جَعَلَهُ دَكًّا وَخَرَّ مُوسَى صَعِقًا فَلَمَّا أَفَاقَ قَالَ سُبْحَانَكَ تُبْتُ إِلَيْكَ وَأَنَا أَوَّلُ الْمُؤْمِنِينَ [7]– ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ذات ފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ. އެހެނެއް ކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ! ފަހެ، އެ ފަރުބަދަ، އެހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ذات ފުޅު ފެނިވަޑައިގެންފާނެތެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ފަރުބަދަޔަށް تجلّى ވެވޮޑިގަތް ހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ. އަދި موسى ގެފާނު، ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެއަށް ތިމަންއަޅާ توبة ވެއްޖައީމެވެ. އަދި إيمان ވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ.))
  • ކުށް ޤަބޫލުކުރުމުގެ ރިވެތި ނަމޫނާ ﷲގެ ރަސޫލުބޭކަލުންގެ ކިބައިން ވަނީ ދައްކަވައިފައެވެ. ނޫޙޫގެފާނުގެ ދަރިކަލުން ކަނޑުގައި ޣަރަޤުވެގެންދާތަން ފެނިވަޑައިގަތުމުން އެ ދަރިކަލުން ސަލާމަތްކޮށްދެއްވުމަށް ﷲއަށް ދެންނެވިއެވެ. އެހިނދު އެކަމާ މާތްﷲ ރުހިވޮޑިނުގަންނަވާކަން އެންގެވުމުން ނޫޙުގެފާނު ތައުބާވެވަޑައިގަތުމަށް އަވަސްވެވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ފާފަ ފުއްސަވާދެއްވުމަށް ދެންނެވިއެވެ. މި ކަން ބަޔާން ކުރައްވާ ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((وَنَادَى نُوحٌ رَبَّهُ فَقَالَ رَبِّ إِنَّ ابْنِي مِنْ أَهْلِي وَإِنَّ وَعْدَكَ الْحَقُّ وَأَنْتَ أَحْكَمُ الْحَاكِمِينَ  قَالَ يَا نُوحُ إِنَّهُ لَيْسَ مِنْ أَهْلِكَ إِنَّهُ عَمَلٌ غَيْرُ صَالِحٍ فَلَا تَسْأَلْنِي مَا لَيْسَ لَكَ بِهِ عِلْمٌ إِنِّي أَعِظُكَ أَنْ تَكُونَ مِنْ الْجَاهِلِينَ قَالَ رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ وَإِلَّا تَغْفِرْ لِي وَتَرْحَمْنِي أَكُنْ مِنْ الْخَاسِرِينَ[8]– نوح ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް مناجاة ދެންނެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. މި އަޅާގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، މި އަޅާގެ ދަރި ވަނީ، މި އަޅާގެ أهل ވެރިންގެ ތެރެއިންނެވެ. އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ وعد ފުޅަކީ، حق ބަސްފުޅެވެ. އަދި އިބަރަސްކަލާނގެއީ، حكم ކުރައްވާ، އެންމެ عدل ވެރި ރަސްކަލާނގެއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. އޭ نوح ގެފާނެވެ! ހަމަކަށަވަރުން، އެ ދަރިކަލުން، ކަލޭގެފާނުގެ أهل ވެރިންގެ ތެރެޔަކުން ނުވެއެވެ. ހަމަކަށަވަރުން، އެ ދަރިކަލުންގެ عمل އަކީ، ރަނގަޅުނޫން عمل އެކެވެ. ފަހެ، ކަލޭގެފާނަށް އެކަމަކާމެދު، އެނގުމެއްނުވާ ކަންތަކަށްއެދި، ތިމަންރަސްކަލާނގެ حضرة އަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، جاهلންގެ ތެރެއިން ކަލޭގެފާނު ވެދާނެތީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް نصيحة ތެރިވެވޮޑިގެންވަމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަން އަޅާއަށް، އެކަމަކާމެދު އެނގުމެއްނުވާ ކަމަކަށް، އިބަރަސްކަލާނގެ حضرة އަށް އެދި ދެންނެވުމުން، ތިމަންއަޅާ ސަލާމަތްކުރެއްވުން އެދި، އިބަރަސްކަލާނގެ حضرة ން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. އިބަރަސްކަލާނގެ ތިމަން އަޅާޔަށް ފާފަ ނުފުއްސަވާނަމަ، އަދި رحمة ނުލައްވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިމަން އަޅާ ވެދާހުށްޓެވެ.))

ރަސޫލާގެ ސުންނަތުން ފެންނަ ނަމޫނާ

ކީރިތި ރަސޫލާގެ ސުންނަތުން ފެންނާން ހުރި މި ފަދަ ހެޔޮ މިސާލުތައް މަދެއް ނޫނެވެ. ކީރިތި ރަސޫލާ ﷺ އަކީ އެންމެ ނަމޫނާ މުރައްބީ ކަމުގައި ވާތީ އެކަލޭގެފާނުގެ ލޮބުވެތި ދަރިވަރުން ވެސް ވެފައި ވަނީ ލާމަސީލު މިސާލުތަކަކަށެވެ. އެއިން ޞަޙާބީއަކަށް ކައު ރަސޫލާގެ އަރިހުން އެނގިވަޑައިގެންފައިވާ ޙުކުމެއް އެނގިވަޑައިނުގަންނަވާ ޞަޙާބީއަކަށް ހަމަ ދަންނަވާއިރަށް އެ ޙުކުމަކަށް ޢަމަލު ކުރައްވަން ފަށްޓަވައެވެ. މާތްﷲ ރުއްސުންލެއްވި ޚައްބާބުގެފާނުގެ އިނގިލިފުޅުގައި ރަން އަނގޮޓިއެއް އޮތްތަން މާތްﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނަށް ފެނިވަޑައިގަތުމުން މި އަނގޮޓި އެއްލައިލައްވާކަށް އަދިވެސް ނުވޭތޯ ދެންނެވިއެވެ. ޚައްބާބު ހީފުޅުކުރެއްވި ކީރިތި ރަސޫލާ ﷺ އެކަން މަނާކުރެއްވީ ޙަރާންވެގެންނޫންކަމަށެވެ. އިބްނު މަސްޢޫދު އެއީ ފިރހެނުންނަށް ޙަރާން އެއްޗެއްކަމަށް ދެންނެވުމުން ޚައްބާބުގެފާނު އެ އަނގޮޓި ވަގުތުން އެއްލައިލެއްވިއެވެ.

ކުށް ޤަބޫލުކޮށް ޙައްޤަށް ރުޖޫޢަވުމުގެ މާތް ސިފައަކީ ވަކި މީހަކަށް ވަކި ގިންތިއަކަށް ވަކި މިންތިއަކަށް އޮތް ކަމެއްނޫނެވެ. ޙައްޤު މަގަށް ތަބާވާން އެދޭ ކޮންމެ މީހަކު އަދި އަމިއްލަ ނަފްސަށް ތެދުވެރިވާން ބޭނުންވާ ކޮންމެ މީހަކު ކުށެއްކަން ހަމަ އެނގޭއިރަށް މި ކުށާ އެއްކިބާވާން ޖެހޭނެއެވެ. ޙައްޤަށް ރުޖޫޢަވާން ޖެހޭނެއެވެ. މާތް ﷲ ރަޙްމަތްލެއްވި އިމާމު ޝާފިޢީގެފާނު ވިދާޅުވިއެވެ. ((ޙައްޤާ ދެކޮޅަށް ފައިވިދެލައި ޖަދަލުކުރާ މީހަކީ އަހުރެންގެ ލޯމަތީގައި ޤަދަރެއް ހުރި މީހެއްނޫނެވެ. އެހެނެއްކަމަކު ޙައްޤު ޤަބޫލުކުރާ މީހަކީ އަހުރެންގެ ގާތުގައި ހައިބަތު ހުރި މީހެކެވެ." އެކަލޭގެފާނަކީ ކުށެއްކަން ހަމަ އެނގިވަޑައިގަންނަވާއިރަށް އެ ކުށަކާ ދުރަށް ޖެހިވަޑައިގެންނެވި ޢާލިމެކެވެ. އެކަލޭގެފާނު ވިދާޅުވަނީ ((އަހުރެންގެ ކޮންމެ ބަހަކީ ކީރިތި ރަސޫލާ ﷺގެ ބަސްފުޅެކެވެ. އަހުރެންގެ ބަހާ ރަސޫލާގެ ބަސްފުޅަކާ ޚިލާފުވާނަމަ އަހުރެންގެ ބަސް ފާރުބުޑަށް ޖަހާށެވެ.)) ޝާފިޢީގެފާނު އަބަދުވެސް ވިދާޅުވަމުން ވަޑައިގެންފައި ވަނީ ތިޔަބައިމީހުން ތިމަންކަލޭގެފާނު ކޮޕީނުކުރާށެވެ.

ކުށް ޤަބޫލުކޮށް ޙައްޤަށް ރުޖޫޢަވުމަކީ އެދެވިގެންވާ ކަމެކެވެ. މިހެންވެ ނޭނގޭކަން ޤަބޫލުކުރުމަކީ ވެސް މަތިވެރި ސިފައެކެވެ. މުސްލިމު ޢިލްމުވެރީން ދީނީ ޙުކުންތައް ބަޔާންކޮށް ދެއްވުމަށްފަހު ((الله أعلم– އެންމެ މޮޅަށް ދެނެވޮޑިގަންނަވަނީ ﷲއެވެ.)) އޭ ވިދާޅުވަނީ މިހެންވެގެންނެވެ. އެނގޭކަމަށް ހެދި ނޭނގޭ މަސްއަލަތަކުގެ ތެރެއަށް ވަދެ މާ ދަންނަ މީހަކަށް ހެދިގެން އަޑުގަދަކުރުމަކީ އިސްލާމްދީން ގޮވައިލާ ކަމެއްނޫނެވެ. ދީން ގޮވައިލަނީ ނޭނގޭ މީހާ ސުވާލު ކުރުމަށެވެ. އޮޅުން ފިލުވުމަށެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ [9]– ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައިވާނަމަ، علم ގެ أهل ވެރިންނާ سؤال ކުރާށެވެ!))

އިސްވެދިޔަ ފަދައިން ﷲގެ މަތިވެރި މަލާއިކަތުން ވަނީ އެބޭކަލުންނަށް އެނގިވަޑައިނުގަންނަވާ ކަމަކާ ބެހޭގޮތުން ބަސްފުޅެއް ވިދާޅުވެވުނީތީ އެކަމާމެދު ދެރަފުޅުވެ ހިތާމަކުރައްވައި ﷲގެ ޙަޟްރަތުން  މާފަށް އެދިވަޑައިގެންފައެވެ. އެބޭކަލުން މާތްﷲއަށް ދެންނެވިއެވެ. ((سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا [10]– އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ.)) މާތް ﷲ ރަޙްމަތްލެއްވި އިމާމު ޤުރްޠުބީ ވިދާޅުވިއެވެ. މި ބަސްފުޅުން އެނގެނީ މަލާއިކަތުންނާއި ނަބީބޭކަލުންނާއި ބޮޑެތި ޢާލިމުންނާ އެއްބީދައިން ސުވާލުގެ ޖަވާބު ނޭނގޭނަމަ "اللَّهُ أَعْلَمُ" އޭ ބުނަން ޖެހޭނެ ކަމެވެ. ނުވަތަ މަށަކަށް ނޭނގެއޭ ބުނުމެވެ.

ﷲ ތަޢާލާ ވަނީ ކީރިތި ރަސޫލާ ﷺ އަށް މި މާތް އަދަބު ދަސްކޮށް ދެއްވައިފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((يَسْأَلُكَ النَّاسُ عَنْ السَّاعَةِ قُلْ إِنَّمَا عِلْمُهَا عِنْدَ اللَّهِ [11]– قيامة ވުމުގެ ވަގުތާމެދު މީސްތަކުން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ علم ވާކަން ކަށަވަރީ، اللَّه ގެ حضرة ގައެވެ.))

މީހަަކު މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢުމަރާ މަސްއަލައަކާ ބެހޭގޮތުން ސުވާލެއް ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. "ތިޔަ ކަމާ ބެހޭގޮތުން މަށަށް އެއްޗެއް އެނގިފައެއް ނުވެއެވެ." އެމީހާ ދިޔުމުން އިބްނު ޢުމަރު ވިދާޅުވިއެވެ. "އިބްނު ޢުމަރު ބުނި ބަހުގެ ރަނގަޅުކަމާއެވެ! ނޭނގޭ ކަމަކާ ބެހޭ ގޮތުން ސުވާލު ކުރެވުމުން މަށަށް ނޭނގެއޭ ބުނެފިއެވެ."

[1] – أخرجه الترمذي (٢٤٩٩)  وأحمد (١٣٠٤٩) وابن ماجه (٤٢٥١)

[2]  – البقرة: 30 – 32

[3]  – الأعراف: 22، 23

[4]  – الشعراء: 46- 48

[5]  – يوسف : 91

[6]  – يوسف: 51

[7]  – الأعراف: 143

[8]  – هود: 45- 47

[9]  – الأنبياء : 7

[10]  – البقرة: 32

[11]  – الأحزاب: 63

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *