Support Us

ވިސްނުމަށް ފަހެ ކީއްވެފައިހޭ އަދު ވަނީ

އަދު ވަނީ ފަހެ ކީއްވެފައިހޭ މާތްވި އިންސާނިއްޔަތަށް
އަދު ނެތިއްޖޭ ކުލުނު ލޯތްބާ ހިތްތަކުން ހުރި ހިތްތަކަށް

ގެއްލި ނޭގޭ ދިޔަތަނެއް ވެސް ރީތި ހުރިހާ ސިފަތަކެއް
ފެންނަނީ އަދު ބަދުނަސީބުގެ ދުނިޔެއެއް އޮތް ލޯތަކަށް

ދެމެދުގާ ދެ އަޚުންގެ ވެސް މިއޮތީ ތަޅާފޮޅުމޭ ހިނގާ
ދެމެދަކުން އެއްވެސް ނެތޭ ނިމުމެއް ފެށޭ ހަރަކާތްތަކަށް

އެވެނިތާ ހުޅު ރޯކުރާއިރު މިވެނިތާ ގަތުލޭ އޮތީ
ނުއެނގެއޭ ކީއްކަން މިއުޅެނީ ވާން މި އަންނަ ޒަމާންތަކަށް

އިސްޖަހައިގެންނޭ ތިބީ ނުބަލަން މިތިބަ އެންމެން މިތާ
އިސްވެރިންގެ ޚިޔާނަތާ މަކަރާ ދޮގާ ހީލަތްތަކަށް

މަގުތަކާ ހަނިގޯޅިއާ މައިދާންތަކާ އަދި މީސްތަކުން
އަޑުނަގާ ތިބެގެން ރޮނީއޭ ފެންނަ ހަޑި ކަންތައްތަކަށް

ގިސްލަމުން ގޮވަނީ ކޮބައިހޭ އިއްޔެ އޮތް އެކުވެރި ގުޅުން
މިސްކިތާ މުންނާރު ވެސް ރޯ އަޑުއިވޭ ކަންފަތްތަކަށް

މުޅި ބިމަށް ވިހަލައިފިޔޭ ވިހަ ހަރުފައެއް އައި ލޫދިފާ
ކުޅިބަލަން ތިއްބާ މިހިރަ ކުރަނީ އަސަރު ދެން ހަށިތަކަށް

ގޭތެރޭގައި ގޭގެ ބައްތިން ހުޅުޖަހާ ރޯކޮށްފިއޭ
އޭގެ ކޮށްފައި ދިލަ އަސަރު މިވަނީ މިއަދު ކަންކޮޅުތަކަށް

މިބިމަކީ މިކަހަލަ ބިމެއް ނޫނޭ ކުރިން ފިނޑި ހޭރުވޭ
މިބިމުގާ ކުރިމަތިލިއޭ އެތަކެއް އެ އައި ހަމަލާތަކަށް

އަދު ކޮބައިހޭ އެފަދަ އެއްވެސް ހިއްވަރެއް ހުރި ކެރުމަކާ
އަދު ނެތޭ އޮތް ރައްކަލެއް ލެއަށާއި ގައުމީ އަގުތަކަށް

ކޮންމެ ބުރުގާއެއްގެ ކަންގަނޑު ގައި ވަނީ ލޭކަރުނައޭ
ކޮންމެ ގަހަނާއެއްގެ ޒީނަތް ހުށަހެޅިއްޖޭ ޒަޚަމަކަށް

ކަންމިހެން ދާއިރު ހިނގާ މަތިވެރިވި ދީން ވެސް ކުކުރަމުން
ކޮންމެވެސް އޮވެގެން ކަނެއްގައި އެބަ ގޮވާ ފަރުވާއަކަށް

ލޯތަކަށް ގައުމުގެ މިހާލަތު އެބަފެނޭ ހަމަ ސާފުކޮށް
ގޯތި ގެދޮރާ ހަރުމުދާ ހުރި ލޫޓުވޭތީ ވެދުމަކަށް

ތާކުވޭހޭ ހައިއަތެއް އުފުލަން މިކަން ޝަކުވާ އަކަށް
ކާކު ބޮލުގައިހޭ މިކަން އަޅުވަން އޮތީ އިލްޒާމަކަށް

ކުށުގެ ވާހަކަ ދޫތަކާ ގުޅިފައި ވިއަސް އުފުލަންޖެހޭ
ކުށުގެ ހިއްސާއެއް ވެއޭ ހަމަ ކޮންމެ ގައުމުގެ ފަރުދަކަށް

ތަރިތަކެއް ހުރިހާ ތިބީ އުޑުގާ އަމާނާ އުފަލުގާ
ތަރިތަކެއް ޚަންޖަރު ނުނަގައޭ ދެކޮޅުވެރި ހަމަލާއަކަށް

ލެއްވި މަތިވެރި ޝަރަފުގައި މިބިމުގެ ޚަލީފާއިން ކަމަށް
ވެއްޓުނީ އިންސާނުނޭ ނިކަމެތި މިފަދަ ދެރަ ހާލަކަށް

ދެކި މިހާލަތު ދުނިޔެ އެބަ ކުރެއޭ މަލާމާތް ފާޅުގައި
ހެކި ފެނޭ ގައުމުން ދިވެހި ދުނިޔޭގެ ވާނެ މިސާލަކަށް

ދެން ނެތީހޭ ލޯތްބަކާ ކުލުނެއް ލިބެން މިހަޔާތުގައި
ގެންދެވޭނީހޭ ޖަނާޒާ ކޮންމެވެސް ސަހަރާ އަކަށް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *