އޭ ކަނޑާ، ތިޔަ ކަނޑުގެ ރާޅަށް އަޅު ކުރީމެ އަމާނަތެއް!
ލޭ ކަރުނަ ތިއްކެއްގެ ސިއްރެއް އެކުލެވޭ ހިތި ރާހަތެއް!
ލޮލުގެ ބޮނޑިޔާ، ރަވައަށާ، އެސްފިޔަތަކަށް ނޭނގޭނެހެން
ކޮލުގެ ސަަތަހައިން ވަގުވަގުން ފޫދުނު އެއީ ހަމަ ޢިބުރަތެއް!
ތަދުތަކާ، ވޭނާއި، ކެކުޅުން، ލަދުތަކެއް ޝާމިލު މެވާ
ބަދު ނަސީބުގެ ކަރުނަޔަސް، އަހުރެންގެ އޭ މިލްކީޔަތެއް!
ޒީލަ ގަދަ ފުން ކަނޑުތެރަށް އެ އަސަރު އެކީގައި ގަންބަވާ
ޖީލުތައް ގުޅިގެން ޒަމާން، ހޯދަން ނުދެއްޗެ އިޝާރަތެއް!
ތިލަވެގެން އޮވެ ފެންމަތީގައި، ބަނދަރުވާން އައްސޭރިއެއް
ހަމަ ހިލާ ނުމެދޭތި އެސޮރަށް، ޖާގައެއް ކުޑަ ފުރުޞަތެއް!
ރާޅުތައް ނަފުރަތުގެ ހޮޅިލައިން، އޮއިވަރާއެކު ދުރު-ދުރަށް
ވާޅުނުވެ ގެންގޮސްލަދީ! ނަހަދާތި އަމުދުން ޙީލަތެއް!
ކަރުނަތިއްކާ އެކު މި ޖިސްމާ، ފިކުރު، ވިންދާ، ނޭވަޔާ
ގެންދަވާތޯ އެދި ދެމޭ ޙާލިސް ހިތެއްގައި ދަޢުވަތެއް!
ކުރު ޙަޔާތް ނިންމާލަމުން، އަހުރެން ދަނީއޭ ވަކިވެގެން!
ޙުރުމަތާ އެކުގައި ހިތާ! މިއަކީ އަޅާގެ ވަސިއްޔަތެއް!