Support Us

ރާބިޠަތުލް ޢާލަމިލްއިސްލާމީގެ އަމީން ޢާންމު  އައްޝައިޚު މުޙައްމަދު ބިން ޢަބްދުލްކަރީމުލް ޢިސާ

މާތްﷲއަށް ޙަމްދުކޮށް ސަނާ ދެންނެވުމަށް މި ބަރަކާތްތެރި ވަގުތުކޮޅުގެ ބޭނުން ހިފަން ގޮވާލައްވައިފި

މާތްﷲއަށް ޙަމްދުކުރުމަށާއި އެކަލާނގެއަށް ސަނާ ދެންނެވުމަށާއި މި ބަރަކާތްތެރި ވަގުތުކޮޅު ޒިކުރުކުރުމަށާއި ދުޢާކުރުމަށާއި ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ޙަޟްރަތަށް ތަޟައްރުޢުވުމަށް ޓަކައި ބޭނުން ކުރުމަށް ޙައްޖާޖީންނަށާއި މުސްލިމުންނަށް ރާބިޠަތުލް ޢާލަމިލްއިސްލާމީގެ އަމީން ޢާންމު  އައްޝައިޚު މުޙައްމަދު ބިން ޢަބްދުލްކަރީމުލް ޢިސާ ގޮވާލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލެއްވީ މިއަދު ޢަރަފާތުގެ މަޝްޢަރުގައި ނަމިރާ މިސްކިތުގައި ޢަރަފާތު ދުވަހުގެ ޚުޠުބާ ދެއްވަމުންނެވެ.

އޭނާ ޚުޠުބާގައި ވިދާޅުވިއެވެ. "ﷲގެ ގެފުޅުގެ ޙައްޖާޖީންނޭވެ! ދުނިޔޭގެ އެތަންމިތާނގައި ދިރިއުޅޭ މުސްލިމުންނޭވެ! މިއަޅާގެ ނަފްސަށާއި ތިޔަ އެންމެ ތަކުންނަށް ﷲއަށް ތަޤްވާވެރިވުމަށް ވަޞިއްޔަތް ކުރުމެވެ. ފަހެ ހަމަކަށަވަރުން ދަތުރުވެރިޔާއަށް ލިބިގެންވާ އެންމެ ރަނގަޅު ކޮއްތަކީ ތަޤްވާވެރިކަމެވެ."

ހަމަ އެފަދައިން ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެ ގަތުމަށް ވެސް އަޅުގަނޑު ވަޞިއްޔަތް ކުރަމެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (وَسَارِعُوٓاْ إِلَىٰ مَغۡفِرَةٖ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا ٱلسَّمَٰوَٰتُ وَٱلۡأَرۡضُ أُعِدَّتۡ لِلۡمُتَّقِينَ- އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ.)) އެހެން ބަސްފުޅެއްގައި ވެއެވެ. ((وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ- އަދި ތިޔަބައިމީހުން ހެޔޮކަންތައްކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ.))

އޭނާ ވިދާޅުވި ގޮތުގައި ހެޔޮ ކަންތައް ކުރުމުގައި އަވަސްވެ ގަތުމަކީ މުސްލިމުންގެ ސުލޫކު ބައްޓަންކޮށްދޭ އިސްލާމީ އަގުތަކަށް ބޯލެނބުމަށް ދަހިވެތިވުމެވެ. އޭނާގެ ސުލޫކާއި އަޚްލާޤު ރިވެތިކޮށްދީ ޖަރީކޮށްދެނީ މި އަގުތަކެވެ.

އޭނާ ވިދާޅުވި ގޮތުގައި  ޢާންމު ގޮތަކަށް ބަލާއިރު ރިވެތި އަޚްލާޤަކީ އެންމެހާ މީސްތަކުން އޭގައި ބައިވެރިވާ އަގެކެވެ. މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް ބަލައިގަންނަ ކަމެކެވެ. އެއީ ބަހާއި ޢަމަލު ހެޔޮމަގަށް އަޅުވައިދޭ ސުލޫކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَقُولُوا لِلنَّاسِ حُسْنًا- އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ!)) އެހެން ބަސްފުޅެއްގައި ވަޙީ ކުރެއްވިއެވެ. ((وَلَا تَسۡتَوِي ٱلۡحَسَنَةُ وَلَا ٱلسَّيِّئَةُۚ ٱدۡفَعۡ بِٱلَّتِي هِيَ أَحۡسَنُ فَإِذَا ٱلَّذِي بَيۡنَكَ وَبَيۡنَهُۥ عَدَٰوَةٞ كَأَنَّهُۥ وَلِيٌّ حَمِيمٞ- ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި عداوة ތެރިކަމެއްވާ މީހާ، ގާތް رحمة ތެރިޔަކު ފަދައިން ވެދާނެތެވެ.))

ޢަރަފާތުގެ ޚުޠުބާ ކުރިއަށް ގެންދަވަމުން ޝައިޚު ޢީސާ ވިދާޅުވިގޮތުގައި މުސްލިމުންނަކީ ޤަދަރުވެރީން ނުދަންނަ މީހުންނާއި ޖާހިލުންނާއި ބޭކާރު ޖަދަލުތައްކޮށް ފުރައްސާރަކުރާ މީހުންނަށް ފުރަގަސްދޭ ބައެކެވެ. އެމީހުން ލަވާ ހަޅޭއްލެވުންތަކުގެ އަޑު އެމީހުންނެއް ނާހާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِذَا سَمِعُواْ ٱللَّغۡوَ أَعۡرَضُواْ عَنۡهُ وَقَالُواْ لَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡ سَلَٰمٌ عَلَيۡكُمۡ لَا نَبۡتَغِي ٱلۡجَٰهِلِينَ- އަދި އެއުރެންނަށް ބޭކާރު ވާހަކަ އިވޭހިނދު، އެއުރެން އެއިން އެއްކިބާވެގަނެތެވެ. އަދި އެއުރެން ބުނެތެވެ. ތިމަންމެންނަށް، ތިމަންމެންގެ عمل ތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ عمل ތަކެވެ. ތިމަންމެންނާ ތިޔަބައިމީހުންނާ ވަތްކެވެ. (އެހެނީ) ތިމަންމެން جاهل ންނާއެކު އުޅުމަކަށް ނޭދެމުއެވެ.)) ޝައިޚު ވިދާޅުވި ގޮތުގައި އެމީހުންނާއެކު ޖަދަލު ކުރުމަކީ ނުވަތަ އެމީހުންނަށް ރައްދު ދިނުމަކީ އެމީހުންގެ ޤަދަރު އުފުލިގެން ހިނގައިދާނެ ކަމެކެވެ. އެމީހުންގެ މަޝްރޫޢުތައް ކާމިޔާބުވެގެންދާނެ ކަމެކެވެ. އެކަމުން އެމީހުންނަށް އުފާލިބޭނެތެވެ. އެމީހުންނާ ކުރިމަތިލާން ވާނީ އިސްލާމްދީނުގެ ޙިކްމަތުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *