ޙައްޖުގެ ވަދާޢީ ބަސްފުޅުން އުއްމަތުގެ ހައިބަތު އުފުލަޔޭ
ޙައްޖުގެ އެ މާތް އަޅުކަން އަދާ ކުރުމުން ހިތަށް ލުއިކަންދެޔޭ
މި ޝަހަރު، މިމަސް ހުރުމަތްވިހެން، ތިޔަ މީސްތަކުން ދަންނާށެވީ
މުސްލިމު އަޚާގެ ފުރާނަޔާ، މުދަލާއި ޙުރުމަތްތެރިވެޔޭ
ޙައްގުގެ މަގާ ޒިންމާތަކާ ކަނބަލުންގެ މާތްކަން އިއްވަމުން
ޙައްގާއި ޤަދަރާ އަންހެނުން، ވާކަން ބަޔާންކޮށްދެއްވިޔޭ
ދީނުގެ ފަރުޟުތައް އިސްކުރަން، ދީނަށްޓަކާ ހިއްމަތްކުރަން
ހާނާލުމަށް ނަފްސާ ހިތާ، ބަސްފުޅު ވަޙީ ކޮށްދެއްވިޔޭ
މޮޅު ދެރަ ކަތެއް ނުމެވާނެކަން، ކަޅު ދޮން ފަރަގު ނުބެލޭނެކަން
އުޅުމާ ޢަމަލު ތަޤްވާއަކީ، ތިލަފަތުގެ ބަރުކަން އިއްވިޔޭ
ކޮޅަކަށް ޖެހެން ކުޅަދާނައެއް، މަޙުޝަރު ބިމުން ނުމެވާނެކަން
ކުޅަހާ ޢަމަލުތައް އެދުވަހުން، ކުރަނީ ވަޒަންކަން އެންގިޔޭ
ހިފުމަށް ސަބަބުތައް ދައްކަވާ، ބަސްފުޅު ފަހުމްކޮށް ދެއްވަވާ
ހިފުމަށް ގޮތާ ފޮތް ދެއްވަވާ، ވަގުތާ ޒަމާން ގަންދެއްވިޔޭ