Support Us

މަންމާ! ކީއްވެތޯ އަޅުގަނޑަށް ރެއިންބޯ ކުލައިގެ ތަކެތި ގަނެނުދެނީ؟!

މަންމާ، ކީއްވެތޯ އަޅުގަނޑަށް ރެއިންބޯ ކުލައިގެ ތަކެތި ގަނެނުދެނީ…؟!

އެއީ ރަނގަޅު ކަމަކަށް ނުވާތީ ދަރިފުޅާ!

އެކަމަކު މަންމާ، އެއީ ރެއިންބޯގެ ކުލަތަކެއްނުން، ހާދަ ރީއްޗޭ އެ ކުލަތައް! އަދި އެއީ ޤުދުރަތީ ކުލަތެކެއްނު!

ލައްބަ، އަސްލުވެސް އެއީ ވަރަށް ރީތި ކުލަތަކެއް. އެކަމަކު ވަރަށް ގޯސް މީހުންތަކެއް އެ ކުލަތައް ބޭނުންކޮށްގެން، ރަމްޒުކޮށްދެނީ ވަރަށް ވެސް ބޮޑު ޙަރާމް ކަމެއް! އެހެންވީމާ، މިވަޤުތު މިޘާލަކަށް އެކުލަތައް ވާ ހެދުމެއް ލުން ރަނގަޅެއް ނުވާނެ! އެއީ އެފަދަ ކުލަތައް ބޭނުންކުރާ މީހުންނަކީ، އެމީހުންގެ އެ ގޯސް ހަޑި ކަންތަކަށް ހިތްވަރުދީ އެކަމަށް ތާއީދުކުރާ ބަޔަކު ކަމުގައި އެމީހުން ދެކޭތީ!

އެއީ ކޮން ކަހަލަ ގޯސް ކަމެއް މަންމާ؟

އެކަމަކީ ލޫޠް ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން ކޮށް އުޅުނު ކަމެއް. އެއީ ވަރަށް ބޮޑަށް ވެސް ޙަރާމް ކުރައްވާފައިވާ ކަމެއް. އެކަމުގެ ސަބަބުން ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ގަދަފަދަ ޢަޛާބު ދެއްވެވި.

މަންމާ! ކޮއްކޮއަށް އެވާހަކަ ފަށައިގެން ކިޔައިދެއްވަފާނަންތޯ؟

ލައްބަ! ކުރީ ޒަމާނުގައި ސަދޫމް އޭ ކިޔުނު ޤައުމެއް ވި. އަދި އެ ޤައުމުގެ މީހުން ވަރަށް ވެސް ބޮޑު ފާޙިޝް ޢަމަލެއް ކޮށް އުޅުނު. އެއީ ފިޠްރަތާ ނުގުޅޭ އަދި އިންސާނާގެ ބުއްދި އާއި ސިކުނޑި ވެސް ޤަބޫލުނުކުރާ ހަޑި މުޑުދާރު ޢަމަލެއް!

މަންމާ! އެއީ ކޮން ޢަމަލެއް؟ އެމީހުން ކީއްކުރީ؟

އެމީހުންގެ ފިރިހެނުން މީހުން ކައިވެނިކޮށް އުޅުނު. ލައްބަ، ފިރިހެނުން ފިރިހެނުންނާ ކައިވެނިކޮށް އުޅުނު.. އެއީ ބުއްދި ޤަބޫލުކުރާ ކަމެއް ނޫން. ކޮންމެ ކުއްޖަކަށް ވެސް ވަނީ މަންމައަކާއި ބައްޕައެއް. ބައްޕައަކާއި ބައްޕައެއް ނޫނެންނު! ނޫނީ މަންމައަކާއި މަންމައެއް ވެސް ނޫނެންނުން ދޯ!

މަންމާ، ދެން ކިހިނެއްވީ؟

އެމީހުންނަށް ހެޔޮ ރަނގަޅު ގޮތް ބަޔާންކޮށްދިނުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވީ އެ އިލާހުގެ ނަބިއްޔާ ލޫޠް ޢަލައިހިއްސަލާމް. އެކަލޭގެފާނު އެމީހުންނަށް ރަނގަޅު ގޮތް ބުނެދީ، އެމީހުން ކޮށް އުޅުނު ފާޙިޝް ޢަމަލު ނަހީ ކުރެއްވި. އަދި އެ މީހުންނަށް އާދައިގެ އިންސާނުން ފަދައިން ވުމަށާއި، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވެ އެ އިލާހު ޙަރާމް ކުރެއްވި ކަންކަމުން ދުރުވުމަށް އެކަލޭގެފާނު ގޮވާލެއްވި! ނަމަވެސް އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް މަލާމާތް ރައްދުކޮށް، އެމީހުން ކޮށް އުޅުން ޙަރާމް، ފާޙިޝް ޢަމަލު ކުރަމުން ގެންދިޔަ. އެކަމަކު އެއީ އެކަމުގެ ގަދަފަދަ ޢަޛާބު އަތުވެއްޖައުމަށް ދާންދެން.

އެއީ ކިހިނެއް؟

އެއް ދުވަހެއްގައި ވަރަށް ވެސް ރީތި، މޫނުތައް އުޖާލާ މީހުންތަކެއް އެ ރަށަށް ދިޔަ. އެމީހުން ބޭނުންވީ އެ ރަށަށް ވަނުމަށް. ކޮންމެއަކަސް އެފަދަ ޙަރާމް ޢަމަލުތަކެއް ކުރާ ރަށެއްގެ ތެރެއަށް ވަނުމީ އެފަދަ މީހުންނަށް ވަރަށް ވެސް ބޮޑުވެގެންވާ ބިރަކަށްވި.

ދެން ކިހިނެއް ވީ؟

ލޫޠު ޢަލައިހިއްސަލާމް ބިރުފުޅުގެން ހާސްވެވަޑައިގެންނެވި. އެހެނީ އެ ރަށުގެ މީހުންނަށް ރަށަށް އައި މެހެމާނުން ފެނި އެފަދަ ޙަރާމް ކަމެއް އެބޭފުޅުންނާ މެދު ކޮށްފާނެތީ!

ދެން އެކަލޭގެފާނު ކީއްކުރެއްވީ؟

އެކަލޭގެފާނު މެހެމާނުންނަށް އެންގެވީ ރޭގަނޑުގެ އަނދިރިކަން ފެތުރުމުން ރަށުގެ އެއްވެސް މީހަކަށް ނުފެންނާނެ ފަދައިން، ރަށަށް ވަނުމަށް. އަދި އެކަލޭގެފާނުގެ ގެކޮޅަށް މެހެމާނުންގެ ގޮތުގައި ވަނުމަށް ވެސް އެދިވަޑައިގެންނެވި! ހަމަ އެފަދައިން އެ މެހެމާނުން ރޭގަނޑުގެ އަނދިރިކަން ފެތުރުމުން އެކަލޭގެފާނުގެ ގެކޮޅަށް މެހެމާނުންގެ ގޮތުގައި ވަދެވަޑައިގެން، އެކަލޭގެފާނު އެމީހުންނަށް މެހެމާންދާރީ އަދާކުރެއްވި. ނަމަވެސް ކަން ހިނގައިދިޔައީ އެކަލޭގެފާނު ހިތްޕުޅަށް ވެސް ނާރާ ގޮތަކަށް.

މަންމާ ކިހިނެއް ވީ؟

އެކަލޭގެފާނުގެ އަނބިމީހާ ގޮސް އެރަށުގެ މީހުން ކައިރީގައި، ލޫޠް ޢަލައިހިއްސަލާމްގެ މެހެމާނުންގެ ގޮތުގައި ވަރަށް ރީތި ބޭކަލުންތަކެއް ވާކަމުގެ ޚަބަރުދިން. އިސާހިތަކު މުޅި ރަށުތެރެއަށް އެވާހަކަ ފެތުރުނު. އަދި ކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި އެ ރަށުގެ މީސްތަކުން އެކަލޭގެފާނުގެ ގެކޮޅު ކުރިމައްޗަށް އެއްވި. އަދި އެކަލޭގެފާނުގެ މެހުމާނުން އެމީހުންނަށްޓަކައި ނެރުމަށް އަމުރު ކުރި.

ދެނޯ މަންމާ؟

ލޫޠު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެފަދަ ޙަރާމް ޢަމަލުތައް ދޫކޮށްލުމަށް ނަޞޭޙަތްތެރިވެވަޑައިގެންނެވި. އަދި އަންހެނުންނާ ކައިވެނި ކުރުމަށް ގޮވާލެއްވި. އެންމެ ޠާހިރު އަދި ފިޠްރަތީ ގޮތަކީ ވެސް އެއީ ކަމަށް އެމީހުންނަށް ހަނދާން ކޮށްދެއްވަމުން ގެންދެވި. އެކަމަކުވެސް އެމީހުން އެކަލޭގެފާނަށް މަލާމާތްކޮށް ޖޯކު ޖެހި. އެކަލޭގެފާނު ބޭނުންވީ އެކަލޭގެފާނުގެ މެހެމާނުން ޙިމާޔަތް ކުރެއްވުމަށް. ނަމަވެސް އެކަން ކުރާނީ ކިހިނެއް ކަމާ މެދު އެކަލޭގެފާނުވީ ކަން ބޮޑުވެވަޑައިގެންފައި.

ދެން ކިހިނެއް ވީ؟

ޙަޤީޤަތުގައި އެ މެހެމާނުންނަކީ ކޮން ބައެއްކަން ދަރިފުޅަށް އެނގޭތަ؟ އެ މެހެމާނުންނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މާތްވެގެންވާ މަލާއިކަތް ބޭކަލުން. އެބޭކަލުންގެ އިސް ބޭކަލަކަށް ހުންނެވީ، އެންމެ މާތް އަދި އަހަރެމެންގެ ނަބިއްޔާ ﷺ ގެ އަރިހަށް ވަޙީ އައިގެން ވަޑައިގެންނެވި މަލާއިކަތާ، ޖިބްރީލް ޢަލައިހިއްސަލާމް. އެބޭކަލުން ލޫޠް ޢަލައިހިއްސަލާމަށް އެބޭކަލުންގެ ޙަޤީޤަތް ބަޔާން ކޮށްދެއްވައި، ހަމަޖެހިވަޑައިގެން ބިރުފުޅު ނުގަތުމަށް ދެންނެވި. އަދި ޤައުމުގެ މީހުންނަށް އެކަލޭގެފާނަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ކަމަށް ވެސް ދެންނެވި. ޤައުމުގެ މީހުން ގެޔަށް ވަންނަން މަސައްކަތް ކުރަމުންގެންދިޔަ. ޖިބްރީލް ޢަލައިހިއްސަލާމް އެމީހުންގެ މައްޗަށް އެކަލޭގެފާނުގެ ފިޔަފުޅުން އެންމެ ފަހަރަކު ވިހުރުވާލެއްވުމުން، ﷲ ތަޢާލާ އެބައި މީހުންގެ ލޯތައް ކަނުކުރެއްވި. އެހެންވެ އެމީހުންނަށް ގެޔަކަށް ނުވަދެވުނު.

މަލާއިކަތް ބޭކަލަކުން ލޫޠް ޢަލައިހިއްސަލާމަށް އެކަލޭގެފާނުގެ އަހްލުވެރިންނައިގެން (އެކަލޭގެފާނުގެ އަނބިމީހާ ފިޔަވައި) އެ ޤައުމުން ނިކުމެވަޑައިގެންނެވުމަށް އެންގެވި. އަދި ފަތިހުގެ ވަޤުތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ، ގަދަފަދަ ޢަޛާބު އެޤައުމުގެ އަހްލުވެރިންގެ މައްޗަށް ފޮނުއްވާނޭކަން ވެސް އެންގެވި. އަދި ނިކުމެވަޑައިގަންނަވާ ހިނދު، ކޮންމެ ކަމެއް ހިނގައިދިޔަކަމުގައި ވީނަމަވެސް ކޮންމެ ފަދަ އަޑެއް އިވުނު ކަމުގައި ވީނަމަވެސް، އެއްވެސް މީހަކު ފަހަތަށް އެނބުރި ބެލުމަށް ނަހީ ކުރެއްވި.

ދެން ލޫޠު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ އަނބިމީހާ ފިޔަވައި އެކަލޭގެފާނުގެ އަހްލުވެރިންނައިގެން އެ ޤައުމުން ނިކުމެވަޑައިގެންނެވި.

ދެންފަހެ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅު އައި ހިނދު ޖިބްރީލްގެފާނު އެކަލޭގެފާނުގެ ފިޔަފުޅުން އެ ޤައުމު އުފައްލަވައި، ވަރަށް ވެސް މައްޗަށް އަރައި ވަޑައިގެންނެވި. އެ ޤައުމުގެ މީހުންގެ ހަޅޭކުގެ އަޑު އުޑުގައިވި މަލާއިކަތް ބޭކަލުންނަށް އިވިވަޑައިގަންނެވި. އަދި ދޮންކުރި އަލިފާނުގެ ގިނި ހިލައިން ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހުންގެ މައްޗަށް ވާރޭ ވެއްސެވި. މުޅި ޤައުމާއި އޭގެ އަހްލުވެރިން އެއްކޮށް ހަލާކުވެ ނެތިދިޔުމުން، އެޤައުމު އޮތް ފުށް ނޫން އަނެއް ފުށަށް ބަންޑުން ޖައްސަވައި ކުރީ އޮތް ތަނަށް ރައްދުކުރެއްވި.

ކުރު ގޮތަކަށް އެޤައުމުގެ މީހުންގެ ވާހަކަ މިއީ ދަރިފުޅާ..

ބައެއް މީހުން ލޫޠުގެފާނުގެ ޤައުމުގެ މީހުން ކޮށް އުޅުނު ފާޙިޝް ކަންތައް މިހާރުވެސް ކުރަމުން އެބަދޭ. އަދި އެމީހުން ބޭނުން ވަނީ އެހެން މީހުން ވެސް އެމީހުން އެކުރާ ހަޑި މުޑުދާރު ޢަމަލަށް ރުހުމަށް. އަދި އެމީހުންގެ ރަމްޒެއްގެ ގޮތުގައި ރެއިންބޯގެ ކުލަތައް ހިފައި، ހުރިހައި ދިމާލެއްގައި އެ ފަތުރަމުން އެބަދޭ. ހެދުމުގައްޔާއި ކުޅޭތަކެއްޗާއި ޓީވީތަކާއި ސިނަމާތަކުގައި އަދި ބޮޑެތި އިމާރާތްތަކުގައި ވެސް އެމީހުން މި ކުލަތައް ފަތުރަމުން އެބަދޭ. އެހެން ކަންކުރުމުން އެމީހުން ބޭނުންވަނީ އަހަރެމެން އެއާ މެދު އެއީ އާދައިގެ ކަމެއް ކަމަށް ދެކި ރުހުމަށް. އެ މީހުން ބޭނުންވަނީ ޤާނޫނާއި ޤަވާޢިދުތައް އެމީހުންގެ ހަވާ ނަފްސަށް ފެތޭނެހެން ބަދަލު ގެނައުމަށް.

އެހެނެއް ކަމަކު އަހަރެމެންނެއް މަޑަކުން ނުތިބޭނަން. އެމީހުންގެ ހަޑި މުޑުދާރު ޢަމަލު އަހަރެމެން ޤަބޫލެއް ނުކުރާނަން. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަބިއްޔާ ލޫޠު ޢަލައިހިއްސަލާމް ފަދައިން އެކަމާ ދެކޮޅުވެރިވެ އެއީ ބޮޑުވެގެންވާ ޙަރާމް ކަމެއް ކަމުގައި ބުނަމުން ދާނަން. އެއީ މުޅި ދުނިޔެ އެކަމަށް ރުހުނު ކަމުގައި ވިޔަސް، އިންޝާ ﷲ، ޙަރާމް ކަމެއް ވާނީ ހަމަ ޙަރާމްކަމަށް.

ތިޔަބައިމީހުންގެ ކުދިންނަށް މިކަމާ ބެހޭ ގޮތުން އުނގަންނައިދީ ހޭލުންތެރި ކުރައްވާށެވެ!

-وقفوهم إنهم مسؤولون-

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *