Support Us

ޙައްޖުގެ އަޅުކަން: އިސްލާމްދީނުގެ މުހިއްމު ރުކުނެއް

ޙައްޖަކީ އިސްލާމްދީނުގެ ބޮޑެތި ރުކުންތަކުގެ ތެރެއިން ރުކްނެކެވެ. އަރަހުށި މާތް ވަނީ އެކަލާނގެ ބަރަކާތްލެއްވި ކަޢުބަތު ﷲއަށް ގޮސް ޙައްޖުވުމަށް އަމުރުކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَأَذِّنْ فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَى كُلِّ ضَامِرٍ يَأْتِينَ مِنْ كُلِّ فَجٍّ عَمِيقٍ [1]އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ.))

މާތް ﷲ ޙައްޖު ފަރްޟު ކުރައްވާފައިވަނީ މާލީގޮތުންނާއި ޖިސްމާނީ ގޮތުން ކުޅަދާނަވެގެންވާ މީހުންނަށެވެ. الله جَلَّ ذِكْرُهُ ވަޙީކުރެއްވިއެވެ. ((وَلِلَّـهِ عَلَى النّاسِ حِجُّ البَيتِ مَنِ استَطاعَ إِلَيهِ سَبيلًا ۚ وَمَن كَفَرَ فَإِنَّ اللَّـهَ غَنِىٌّ عَنِ العـٰلَمينَ[2] – އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصد ކޮށްގެންދިއުމީ، (އެބަހީ: حج ވުމަކީ) اللَّه އަށްޓަކައި މީސްތަކުންގެ މައްޗަށް އޮތް واجب އެކެވެ.))

ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((أَيُّهَا النَّاسُ قَدْ فَرَضَ اللَّهُ عَلَيْكُمُ الْحَجَّ، فَحُجُّوا[3]– އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ ޙައްޖު ފަރްޟު ކުރައްވައިފިއެވެ. ފަހެ ތިޔަބައިމީހުން ޙައްޖުވާށެވެ!))

ﷲގެ މި އަމުރުފުޅަށް އިޖާބަދީ އެންމެ މާތް ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.މާތް ﷲ އެކަމަނާއަށް ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ދެންނެވިއެވެ. ((އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެން ކަލޭގެފާނުގެ އަރިހުގައި ނުކުމެ ޖިހާދު ކުރުމެއް ނެތްތޯއެވެ؟ ހަމަކަށަވަރުން ކީރިތި ޤުރްއާނުން ޖިހާދު ކުރުމަށްވުރެ މާތް ޢަމަލެއް އަޅުގަނޑަކަށް ނުފެނެއެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((لَا وَلَكُنَّ أَحْسَنُ الْجِهَادِ وَأَجْمَلُهُ حَجُّ الْبَيْتِ حَجٌّ مَبْرُورٌ[4]– ނޫނެކެވެ. ތިޔަ ކަނބަލުންނަށް ލިބިގެންވާ އެންމެ ރަނގަޅު އަދި އެންމެ ރިވެތި ޖިހާދަކީ ގެފުޅުގެ އަރިހަށް ގޮސް މަބްރޫރު ޙައްޖެއްވުމެވެ.))

މަބްރޫރު ޙައްޖުވެރިޔާއަށް މާތް ﷲ ދެއްވާ ނިޢުމަތްތައް މަތިވެރިއެވެ. އޭނާގެ ކުށްފާފަތް ފުއްސަވާ ދެއްވައި އޭނާ އޭނާގެ މައިމީހާގެ ބަނޑުން އުފަންވި ދުވަހުގެ ސާފުޠާހިރުކަން މައްޗަށް އަބުރާ ރުޖޫޢަ ކުރެއްވުމެވެ. އޭނާގެ ފަތް ސާފު ޞަފްޙާތަކަކަށް ބަދަލުކުރެއްވުމެވެ. މިކަމުގެ ސަބަބުން އޭނާއަށް ސުވަރުގެ ޖާމިނުވުމެވެ. މާތް ﷲ ރުއްސުން ލެއްވި އަބޫހުރައިރަތުގެފާނު ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ[5]– މަބްރޫރު ޙައްޖަށް ސުވަރުގެ ނޫން އެހެން ޖަޒާއެއް ނުވެއެވެ.))

ޙައްޖުގެ މަނާސިކުތައް

ޙައްޖަކީ އެކަމުގައި ތަފާތު މަނާސިކުތަކަކާއ ކިޔަމަންގަތުންތަކެއް ހިމެނޭ މާލީ އަދި ޖިސްމާނީ އަޅުކަމެކެވެ. ޠަވާފުކުރުމާއި ޞަފާމަރްވާގައި ހިނގުމާއި ނަމާދުކުރުމާއި ދުޢާކުރުމާއި ހަދްޔު ކަތިލުމާއި ބޯ ބޭލުމާއި ނުވަތަ ބޯކޮށުމާއި މިނާގައި ރޭކުރުމާއި ޛިކްރުކުރުމާއި ތަކްބީރު ކިޔުމާއި ޢަރަފާތުގައި ހުރުން ފަދަ ތަފާތު އަޅުކަންތަކެއް ހިމެނޭ ދިގު އަޅުކަމެކެވެ. ޙައްޖުގެ ދުވަސްތަކުގައި މި އަޅުކަންތައް ހިމެނޭތީ އެކަލާނގެ ޙައްޖުގެ ދުވަސްތައް އެންމެ މަތިވެރި ދުވަސްތައް ކަމުގައި ލެއްވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((مَا مِنْ يَوْمٍ أَفْضَلُ عِنْدَ اللهِ مِنْ يَوْمِ عَرَفَةَ، يَنْـزِلُ اللهُ تَعَالَى إِلَى سَمَاءِ الدُّنْيَا، فَيُبَاهِي بِأَهْلِ الأَرْضِ أَهْلَ السَّمَاءِ، فَيَقُولُ: انْظُرُوا إِلَى عِبَادِي، جَاؤُونِي شُعْثاً غُبْراً ضَاحِينَ، جَاؤُوا مِنْ كُلِّ فَجٍّ عَمِيقٍ، يَرْجُونَ رَحْمَتِي، وَلَمْ يَرَوْا عِقَابِي، فَلَمْ يُرَ يَوْمٌ أَكْثَرُ عِتْقاً مِنَ النَّارِ، مِنْ يَوْمِ عَرَفَةَ [6]– ﷲގެ ޙަޟްރަތުގައި ޢަރަފާތު ދުވަހަށްވުރެ މާތްކަން ބޮޑު ދުވަހެއް ނުވެއެވެ. އެ ދުވަހު ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެ، އުޑުގެ އަހްލުވެރިންގެ ގާތުގައި ބިމުގެ އަހްލުވެރިންނާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެތެވެ. އެހިނދު ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހން ތިމަންރަސްކަލާނގެ އަޅުންނަށް ބަލައިބަލާށެވެ! އެބައިމީހުން ތިމަންރަސްކަލާނގެ ޙަޟްރަތަށް އައިސް އެތިބީ ބޯހޭވި ހިރަފުހުން ތަތްތެޅި ކާރޫބާރޫ ބޮޑުކަމުގެ ތެރޭގައެވެ. އެބައިމީހުން އައިސްފައި މިވަނީ ދުރު ހިސާބުހިސާބުންނެވެ. އެބައިމީހުން ތިމަންރަސްކަލާނގެ ޢިޤާބު ނުދެކި ތިމަންރަސްކަލާނގެ ރަޙްމަތަށް އެދެއެވެ. ޢަރަފާތު ދުވަހަށްވުރެ ގިނައިން ނަރަކައިން މުއްތިކުރެއްވޭނެ އެހެން ދުވަހެއް ނުވެއެވެ."

މާތް ﷲ އެމީހަކަށް ޞިއްޙަތާއި ދުޅަހެޔޮކަމާއި ތަނަވަސްކަން ދެއްވި ކޮންމެ މީހަކު ޙައްޖުގެ ފަރީޟާ އަދާކުރުމަށް އަވަސްވެ ގަންނާންވާނެއެވެ! ލިބުނު ފުރްޞަތު ބީވެގެން ދިޔަދީގެން ނުވާނެއެވެ! މާތް ﷲ ޙައްޖުވެރިންނަށާއި ޢުމްރާވެރިންނަށް ދެއްވުމަށް ވަޢުދުކުރައްވާފައިވާ މަތިވެރި ސަވާބާއި ދަރުމަ ނަގާނުލައި އެ ކަމަށް އިސްނަގާން ވާނެއެވެ. މަބްރޫރު ޙައްޖަކަށް އެދި ﷲއަށް ދުޢާ ދަންނަވާން ވާނެއެވެ.

ޙައްޖުވުމަށް އެދޭމީހާ އޭނާގެ މުދާ ރަނގަޅު ޙަލާލު މުދަލަކަށް ހަދާންވާނެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ޙަލާލު ކުރެއްވި ރަނގަޅު މުދަލުން ހޭދަކުރާ އެއްޗެއް މެނުވީ ﷲ ޤަބޫލު ނުކުރައްވާނެތެވެ. ތިބާގެ ދަރަންޏެއް އޮތްނަމަ ޙައްޖަށް ދިޔުމުގެ ކުރިން އެ ދަރަނި އަދާކުރާން ވާނެއެވެ. ނުވަތަ އެ ދަރަނިވެރިޔާގެ ކިބައިން ހުއްދަ ހޯދާންވާނެއެވެ. ލޮބުވެތި ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((إِنَّ اللَّهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّباً[7] – ހަމަކަށަވަރުން ﷲ އީ ހުރިހާ ރިވެތި ސިފަތަކެއްގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ރަނގަޅު ޢަމަލުތައް މެނުވީ ޤަބޫލު ނުކުރައްވާނެތެވެ.))

މަބްރޫރު ޙައްޖެއް ލިބޭނީ ޙައްޖުގެ އަޅުކަންތައް އަދާކުރާނެ ގޮތް ދަސްކޮށް އެ މަނާސިކުތައް އަދާކުރާން ޖެހޭ ގޮތަށް އަދާކުރީމައެވެ. ޙައްޖުގެ ރުކުންތަކާއި ވާޖިބުތަކާއި ސުންނަތްތައް ރަނގަޅަށް އަދާކޮށްގެންނެވެ. މި ކަންތައްތައް އެނގި، އަލިކަމާއި ހިދާޔަތުގެ ތެރޭގައި ޙައްޖުވުމުންނެވެ. ކީރިތި ރަސޫލާ ﷺ ޙައްޖަތުލްވަދާޢުގައި އަޅުގަނޑުމެންނަށް ވަނީ ޙައްޖުގެ މަނާސިކުތައް ދަސްކުރުމަށް އަންގަވައިފައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((لِتَأْخُذُوا مَنَاسِكَكُمْ، فَإِنِّي لَا أَدْرِي لَعَلِّي لَا أَحُجُّ بَعْدَ حَجَّتِي هَذِهِ [8]– ތިޔަބައިމީހުންގެ މަނާސިކުތައް ތިމަންކަލޭގެފާނުގެ ކިބައިން ލިބިގަންނާށެވެ! ތިމަންކަލޭގެފާނުގެ މި ޙައްޖަށްފަހު ތިމަންކަލޭގެފާނަށް އެހެން ޙައްޖެއް ވެވަޑައިގެންނެވޭނެ ކަމަކަށް އުއްމީދެއް ނުކުރެއްވެއެވެ.))

ތަމްރީނުތަކެއް 

އިންސާނާއަކީ ރުހުނަސް ނުރުހުނަސް ﷲގެ އަޅެކެވެ. ﷲއަށް އީމާންވާ މީހާ އޭނާގެ މައްޗަށް ﷲ ފަރްޟު ކުރެއްވި ކަންތައްތައް އަދާކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާނެއެވެ. ﷲ މަނާކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އަތުކުރި އޮޅައިލާނެއެވެ. ﷲގެ ޙުދޫދުތަކަށް އަރައެއް ނުގަންނާނެއެވެ. ﷲގެ ޙުރްމަތްތަކަށް އިޙްތިރާމު ކުރާނެއެވެ. ޙައްޖުވެރިޔާ އިޙްރާމު ބަންނަ ހިސާބުން ޙައްޖު ވެރިޔާ އެވަނީ އޭނާގެ ނަފްސުގެ މައްޗަށް ޙައްޖުގެ މަނާސިކުތައް އަދާކުރުން ލާޒިމުކޮށްފައެވެ. އޭނާ އިޙްރާމް ބަންނަމުން ހަރު އަޑުން ކިޔަނީ ((لبَّيك اللهمَّ لبَّيك)) އެވެ. އެބަހީ: މި އަޅާ އިބަރަސްކަލާނގެއަށް އިޖާބަދީފީމެވެ. މި ހިސާބުން ޙައްޖު ވެރިޔާގެ މައްޗަށް ދުރުހެލިވަން ޖެހޭ މަނާ ކަންތައްތަކެއް ވެއެވެ. އަދާކުރާން ޖެހޭ ވާޖިބުތަކެއް ވެއެވެ. މިއީ ﷲއަށް ކިޔަމަން ގަތުމަށް ދެވޭ ތަމްރީނުތަކެކެވެ. ﷲގެ އަމުރުފުޅުތަކަށް އިޖާބަދިނުމަށާއި ﷲ މަނާކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަށް ދެވޭ ޢަމަލީ ތަމްރީނުތަކެކެވެ. ޙައްޖުވެރިޔާ އޭނާގެ ޢަޒްމު ވަރުގަދަކޮށް، ހިތްނިޔަތް ޚާލިޞްކޮށް ހެޔޮ ރަނގަޅު ގޮތުގައި މަނާސިކުތައް އަދާކުރުމުގައި ބުރަ އުފުލައިފިނަމަ އޭނާއަށް އެ ލިބުނީ ވަރުގަދަ ތަމްރީނެކެވެ. ބާރުގަދަ ހަކަތައެކެވެ.

މަނާސިކުތައް

ޙައްޖުގައި ދުވަސްތަކެއް ވެއެވެ. މި ދުވަސްތަކުގައި އަދާކުރަން ޖެހޭ ޢަމަލުތަކެއް ވެއެވެ. ފެށެނީ އިޙްރާމު ބަނުމުންނެވެ. އެއީ ނިޔަތާއި ޢަޒްމެވެ. ހިތްނިޔަތް ޚާލިޞް ކުރުމެވެ. އެއަށްފަހުގައި އޮތީ ގެފުޅުގެ ވަށައިގެން ކުރާ ޠަވާފެވެ. ދެން ޞަފާއާއި މަރްވާއާ ދެމެދުގައި ކުރާ ސަޢުޔެވެ. އެއަށްފަހު ޙައްޖުމަހުގެ އަށްވަނަ ދުވަހު މިނާއަށް ދިޔުމެވެ. ނުވަވަނަ ރޭ މިނާގައި ރޭކުރުމަށް ފަހު ނުވަވަނަ ދުވަހު ޢަރަފާތަށް ދިޔުމެވެ. އެ ބަރަކާތްތެރި ބިމުގައި އިރުއޮއްސެންދެން ތިބުމަށް ފަހު މުޒްދަލިފާއަށް ދިޔުމެވެ. ޢީދު ދުވަހު މިނާއަށް ގޮސް ހިލައުކައި ބޯބާލައި ހަދްޔު ކަތިލުމެވެ. އެއަށްފަހު ތަޙައްލުލުވެ ޠަވާފުލް އިފާޟާ ކުރުމެވެ. އެއަށްފަހު މިނާގައި ދެ ދުވަހު ނުވަތަ  ތިން ދުވަހު ތިބެ ޖަމްރާތަކަށް ހިލައުކުމެވެ. ޙައްޖު ނިންމައިލުމުގެ ގޮތުން ދެން އޮންނާނީ ވަދާޢީ ޠަވާފެވެ. މިއީ ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކާ ދުރުހެލިވަމުންދާ ދިޔުމުގައި ކެތްތެރިވުމަށް ލިބޭ ތަމްރީނުތަކެކެވެ. މާތްﷲގެ  ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا اصْبِرُوا وَصَابِرُوا وَرَابِطُوا وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ [9]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (ދުޝްމަނުންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، ދުޝްމަނުން އަތުވެދާނޭ މަގުތަކަށް ބަލަބަލާ جهاد ކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.))

ބުރަ އަޅުކަމެއް

ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެކެވެ. އެކަމުގައި ތިމާގެ ޖާނާއި މުދާ ހޭދަކުރަން ޖެހޭ ކަމެކެވެ. އެކަމުގައި ދަތުރުފަތުރު ހިމެނެއެވެ. މީސް ބޯކަމާއި  ކާރޫބާރޫ ބޮޑުކަން ހިމެނެއެވެ.ކެތްތެރިކަމަށާއި، ޚުޝޫޢަތްތެރިކަމަށާއި މަޑުމައިތިރިކަމަށް ބޭނުން ވެއެވެ. މިހެންވެ ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ ((مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّه[10]– حج ވުމުގެ ތެރޭގައި جماع ވުމެއް، އުރެދުމެއް ނެތި، ﷲ ގެ ވަޖްހުފުޅަށް ޓަކައި ޙައްޖުވި މީހާ އޭނާގެ މައިމީހާގެ ބަނޑުން ވިހޭ ދުވަސް ފަދައިން އެނބުރި ޙަޔާތަށް އަތުވެއްޖެއެވެ.)) އެފަދަ މީހާއަށް މާތްﷲ އެވަނީ މަބްރޫރު ޙައްޖެއް ދެއްވައިފައެވެ. މަބްރޫރު ޙައްޖުގެ ޖަޒާއަކީ ސުވަރުގެއެވެ.

ބަރަކާތްތެރި ދުވަސްތަކެއް

މާތް ﷲ ޙައްޖުމަހުގެ ތެރޭގައި ބަރަކާތްތެރި ދުވަސްތަކެއް ލައްވާފައި ވެއެވެ. އޭގެ ތެރޭގައި ޙައްޖު މަހުގެ ދިހަދުވަސް ހިމެނެއެވެ. މި ދިހަ ދުވަހަކީ އަހަރުގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަސްތަކެވެ. އެ ދުވަސްތަކުގައި ކުރާ ޞާލިޙު ޢަމަލުތަކުގެ ސަވާބު މަތިވެރިވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَا مِنْ عَمَلٍ أَزْكَى عِنْدَ اللَّهِ عَزَّ وَجَلَّ وَلَا أَعْظَمَ أَجْرًا مِنْ خَيْرٍ تَعْمَلُهُ فِي عَشْرِ الْأَضْحَى [11] ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގައި ތިބާ ކުރާ ޢަމަލަކަށް ވުރެ، އަރަހުށި މާތް ﷲގެ ޙަޟްރަތުގައި ޠާހިރުކަން ބޮޑު ސަވާބު އިތުރު ޢަމަލެއް ނުވެއެވެ.))

މި ބަސްފުޅުން އެނގޭގޮތުގައި އިންސާނާ އަހަރުގެ އެހެން ދުވަސްތަކުގައި ކުރާ ހެޔޮ އަމަލުތަކަށް ވުރެ މި ދިހަ ދުވަހުގެ ތެރޭގައި ކުރާ ހެޔޮ ޢަމަލުތަކުގެ ސަވާބު ބޮޑުވެގެން ވެއެވެ. އެއީ ޙައްޖު މޫސުމުގެ ތެރޭގައި ހިމެނޭ ދުވސްތަކެއް ކަމުގައިވާތީއެވެ. އެ ދުވަސްތަކުގެ ތެރޭގައި ޢަރަފާތު ދުވަސް ހިމެނޭތީއެވެ. އަރަފާތު ދުވަހުގައި ހިފާ ރޯދައަކީ އޭނާގެ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވާ ދެއްވާނެ ކަމެކެވެ. މިދިހަ ދުވަސް ނިމެނީ ބޮޑު ޢީދު ދުވަހުންނެވެ.އެއީ އުޟްޙިޔާގެ ދުވަހެވެ. ﷲއަށް ޝުކްވެރިވުމަށް ޓަކައި ނަޢަމު ސޫތްޕެއް ކަތިލުން ސުންނަތް ވެގެންވާ ދުވަހެވެ.

[1]  –  الحج : 27

[2]  – آل عمران : 97

[3]  – رَوَاهُ مُسْلِمٌ

[4]  – رَوَاهُ الْبُخَارِيُّ

[5]  – رَوَاهُ الْبُخَارِيُّ وَمُسْلِمٌ

[6]  – رَوَاهُ ابْنُ خُزَيْمَةَ وَابْنُ حِبَّانَ

[7]  – رَوَاهُ مُسْلِمٌ

[8]  – رَوَاهُ مُسْلِمٌ

[9]  – آل عمران: 200

[10]  – صحيح البخاري

[11]  –  سنن الدارمى

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *