Support Us

ޢަރަފާތު ދުވަހުގެ މާތްކަމާއި މަތިވެރިކަން

ރޭދުވާލާއި މަސްތަކާއި އަހަރުތައް ފާއިތުވަމުންދަނީ ވަރަށް އަވަހަށެވެ. މި ދުވަސްތަކާއި ރޭތަކާއި މަސްތަކުގެ ތެރޭގައި މާތްﷲ މާތްކުރައްވައި މަތިވެރިކުރައްވައިފައިވާ ދުވަސްތަކަކާއި މޫސުންތަކަކާއި ފޯވަހިތަކަކާއި މުނާސަބާތުތަކެއް ވެއެވެ. މާތް ﷲ މީސްތަކުންނަށް މި ދުވަސްތަކާއި ރޭތަކުގެ ފައިދާ ލިބިގަތުމަށް ގޮވައިލެއްވިއެވެ. މި ދުވަސްތަކާއި ރޭތަކުގެ ޤަދަރު އުފުއްލަވައި މީސްތަކުންނަށް މި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ﷲގެ ޙަޟްރަތަށް ކުއްތަންވުމަށް ލިބިފައިވާ ވަސީލަތަކަށް ހެދުމަށް މާތް ﷲ ހަނދާންކޮށް ދެއްވަތެވެ.

މިފަދަ މުނާސަބަތުތަކުގެ ތެރޭގައި ޢަރަފާތު ދުވަސް (ޙައްޖު މަހުގެ ނުވަވަނަ ދުވަސް) ވެއެވެ. މި ދުވަހުގެ މާތްކަމާއި މަތިވެރިކަން މުޖްމަލު ގޮތެއްގައި ބަޔާންކޮށްލާނަމެވެ.

  • ޢަރަފާތު ބިމަކީ ބުނެވޭގޮތުގައި އާދަމުގެފާނާއި ޙައްވާގެފާނު މި ބިމަށް ފޮނުއްވުމުން އެ ދެކަނބަލުން ފުރަތަމަ ފަހަރަށް އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުވެވަޑައިގެން ތަޢާރުފުވެ ވަޑައިގެންނެވި ބިމެވެ.
  • ޢަރަފާތު ދުވަހަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ [1]– ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عدد އަކީ، اللَّه ގެ حضرة ގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، حرمة ތެރި ވެގެންވެއެވެ.) ޙުރްމަތްތެރިވެގެންވާ ހަތަރު މަހަކީ ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި، މުޙައްރަމު މަހާއި ރަޖަބު މަހެވެ. ޢަރަފާތު ދުވަހަކީ ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހެވެ.
  • ޢަރަފާތު ދުވަހަކީ ޙައްޖުގެ މައްސަރުތަކުގެ ތެރޭގައި ހިމެނޭ ދުވަހެކެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ. (الْحَجُّ أَشْهُرٌ مَعْلُومَاتٌ [2]– حج ގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ.) ޙައްޖުގެ މައްސަރުތަކަކީ ޝައްވާލު މަހާއި ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހެވެ.
  • ޢަރަފާތު ދުވަހަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކަނޑައަޅުއްވައި އެންގެވި ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހެކެވެ. އެއީ އެ ދުވަހާ ބެހޭގޮތުން ތާރީފުގެ ބަސް ވަޙީ ކުރެއްވި ދުވަހެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ[3]– އެއީ އެއުރެންނަށްހުރި (دينى އަދި دنيوى) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ اسم ފުޅު ހަނދުމަކޮށް އުޅުމަށެވެ.) މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު ވިދާޅުވެފައިވާ ގޮތުގައި މާތް ﷲ ކަނޑައަޅުއްވައި އެންގެވި ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.
  • ޢަރަފާތު ދުވަހަކީ މާތް ﷲ އެ ދުވަސްތަކެއް ގަންދެއްވައި ބަސް ވަޙީ ކުރެއްވި ދިހަ ދުވަހުގެ ތެރޭގައި ހިމެނޭ އެއް ދުވަހެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَيَالٍ عَشْرٍ [4]– އަދި ދިހަ ރޭ ގަންދެއްވަމެވެ.) އިބްނު ޢައްބާސުގެފާނު ވިދާޅުވެފައިވާ ގޮތުގައި މި ދިހަ ދުވަހަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.
  • ޢަރަފާތު ދުވަހަކީ މާތް ﷲ އެންމެ މާތް ކުރެއްވި ދިހަ ދުވަހުގެ ތެރޭގައި ހިމެނޭ ދުވަހެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ فَقَالُوا يَا رَسُولَ اللَّهِ وَلَا الْجِهَادُ فِي سَبِيلِ اللَّهِ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: وَلَا الْجِهَادُ فِي سَبِيلِ اللَّهِ إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ[5]– މި ދިހަ ދުވަހަށް ވުރެ، ﷲގެ ޙަޟްރަތުގައި ޞާލިޙު ޢަމަލުތައް ކުރުން ލޮބުވެތިކަން ބޮޑު ވެގެންވާ ދުވަސްތަކެއް ނުވެއެވެ.  އެބޭކަލުން ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އެކަމަކު މީހަކު އޭނާގެ ނަފްސާއި މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާ އެކު އެބުރި ނައި މީހާ ފިޔަވައެވެ.)
  • ޢަރަފާތު ދުވަހަކީ މާތް ﷲ މި ދީން ފުރިހަމަކޮށް ދެއްވި ދުވަހެވެ.
    މާތް ﷲ ޢަރަފާތު ދުވަހު ރަސޫލާ ޢަރަފާތުގައި ހުންނަވަނިކޮށް ބާވައިލެއްވި ބަސްފުޅުގައި ވެއެވެ. (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا [6]– މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.)
  • ޢަރަފާތު ދުވަހަކީ ރޯދަ ހިފުން ސުންނަތްވެގެންވާ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހެކެވެ. އަދި ކިއެއްހެއްޔެވެ؟ ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރު ކުރެވުނު ކުށް ފާފަތަކާއި ކުރިއަށް އޮތް އަހަރުގައި ކުރެވިދާނެ ކުށް ފާފަތައް ފުއްސަވާ ދެއްވާނެ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ގެ އަނބިއަނބިކަނބަލުންގެ އަރިހުން ރިވާވެގެންވާ ގޮތުގައި އެކަލޭގެފާނު ޙައްޖު މަހުގެ 9ވަނަ ދުވަހާއި ޢާޝޫރާ ދުވަހާއި ކޮންމެ މަހަކު ތިން ދުވަހާއި ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ރޯދަފުޅު ހިއްޕެވިއެވެ.ނަމަވެސް ޙައްޖުވެރިޔާއަށް ޢަރަފާތު ދުވަހު ރޯދަ ހިފުން ސުންނަތް ވެގެން ނުވެއެވެ.
  • ޢަރަފާތު ދުވަހަކީ މުސްލިމުންނަށް ޢީދު ދުވަހެއް: ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (يومُ عَرَفةَ، ويومُ النحْرِ، وأيامُ مِنًى، عيدُنا أهلَ الإسلامِ وَهِىَ أَيَّامُ أكْلٍ وشُربٍ [7]– ޢަރަފާތު ދުވަހާއި ބޮޑު ޢީދު ދުވަހާއި މިނާގެ ދުވަސްތަކަކީ އަހުރެމެން މުސްލިމުންގެ ޢީދުތަކެކެވެ.އެއީ ކެއުމާއި ބުއިމުގެ ދުވަސްތަކެކެވެ.)
  • ޢަރަފާތު ދުވަހަކީ ދުޢާކުރުން އިތުރުވެގެންވާ ދުވަހެއްކަމުގައި ކަމުގައިވުން: ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ [8]– އެންމެ ރަނގަޅު ދުޢާއަކީ ޢަރަފާތު ދުވަހު ކުރާ ދުޢާއެވެ.)
  • ޢަރަފާތު ދުވަހުގައި މާތް ﷲ ނަރަކައިން މުއްތި ކުރައްވާ މީހުންގެ ޢަދަދު ގިނަވުން. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْداً مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ [9] – ޢަރަފާތު ދުވަހަށް ވުރެ ގިނައިން އެހެން އެއްވެސް ދުވަހެއްގައި، ﷲ އެކަލާނގެ އަޅުން، ނަރަކައިން  މުއްތި ނުކުރައްވަތެވެ. ހަމަކަށަވަރުން އެކަލާނގެ އެ ދުވަހު ކުއްތަންވެ ވޮޑިގަތުމަށް ފަހު މަލާއިކަތުންނަށް އެކަމާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. ފަހެ، އެކަލާނގެ ވަޙީ ކުރައްވާނެތެވެ. އެބައިމީހުން އެދެނީ ކޮން ކަމެއް ހެއްޔެވެ؟)
  • ޢަރަފާތުގެ އަހްލުވެރީންނާމެދު ﷲ ފަޚްރުވެރިވެ ވޮޑިގަތުން. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (إِنَّ اللَّهَ عَزَّ وَجَلَّ يُبَاهِي مَلاَئِكَتَهُ عَشِيَّةَ عَرَفَةَ بِأَهْلِ عَرَفَةَ فَيَقُولُ: انْظُرُوا إِلَى عِبَادِي أَتَوْنِي شُعْثاً غُبْراً [10]– ހަމަކަށަވަރުން އަރަހުށި މަތިވެރި ﷲ ޢަރަފާތު ދުވަހު ހަވީރު، އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހްލުވެރިން ދައްކަވާ އެކަމާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. ފަހެ އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހުން ނިކަން ތިމަންރަސްކަލާނގެ އަޅުންނަށް ބަލައިބަލާށެވެ!އެމީހުން ދަތުރުގެ ވަރުބަލިކަމާއެކު ބޯހޭވި ހިރަފުހާ ތަތްތެޅިގެންވާ ޙާލުގައި އެ ތިބީ ތިމަންރަސްކަލާނގެ ޙަޟްރަތަށް އައިސްފައެވެ.)
  • ތަކްބީރު ކިޔުން: ޢަރަފާތު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޔާމުއް ތަޝްރީޤުގެ ތިންވަނަ ދުވަހުގެ ޢަޞްރު ނަމާދު ނިމެންދެން ފަރްޟު ކޮންމެ ނަމާދަކަށްފަހު ތަކްބީރު ކިޔުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ޢަލީގެފާނާއި އިބްނު މަސްޢޫދުގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި  ތަކްބީރު ކިޔުން އޮތީ ފަރްޟު ފަސްނަމާދަށް ފަހުގައެވެ.
  • ޢަރަފާތު ދުވަހަކީ ޙައްޖުގެ އެންމެ މުހިއްމު ރުކުން އަދާކުރެވޭ ދުވަސް. އެއީ ޢަރަފާތު ބިމުގައި ހުރުމެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (الحَجُّ عَرَفَةٌ [11]– ޙައްޖަކީ ޢަރަފާތެވެ.)

[1]  – التوبة : 36

[2]  –  البقرة : 197

[3]  –  الحج : 28

[4]  –   الفجر : 2

[5]  –  رواه الدارمي وحسن إسناده الشيخ محمد الألباني في كتابه إرواء الغليل.

[6]  –   المائدة : 3

[7]  – أخرجه أبو داود (٢٤١٩)، والترمذي (٧٧٣)، والنسائي (٣٠٠٤)، وأحمد (١٧٣٧٩) باختلاف يسير وصححه الألباني

[8]  – صححه الألباني في كتابه السلسة الصحيحة ، أخرجه الترمذي (٣٥٨٥)

[9] –  مسلم : 1348.

[10] –  أخرجه أحمد (٧٠٨٩) والطبراني (١٣/٦٠٤) (١٤٥٢٢)

[11]  – متفق عليه

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *