ކައު އިލާހީ ބަސްފުޅު ތެދުކުރުމޭ އަޖުރުވެރީ
ކައު ރަސޫލާގެ ހަދީޘް ފާޅުކުރުން ދަރުމަވެރީ
ދައުރުވާ ޝިރުކުގެ ވިހަ ސިހުރުވެރީންތައް ނެތިކޮށް
ގައުމުގައި ބާޠިލު އެނބުރޭ ފޮހެލުން ބުއްދިވެރީ
ތޮފި އަޅައި މާތް ދީނުގެ ނަމުގައި ތިބެ ހަންފަތުރައި
ލެފި ނަހީއާ ހަޑި ހުތުރަށް އެރުމޭ ފާފަވެރީ
ލަދު ތަދާ ޚުލްގު ނެތަމަ ކަންފަތިވެވި ދާ ގޮތަކުން
ދެދުނިޔޭގައި މީހާ ގެއްލިދިއުން ޙައްޤުވެރީ
މާލު މުދަލަށް ދަހިވެތިވީމަ އެވާ ބޭޒާރުން
ޙާލަތުން ފެނި ޢިބުރަތް ސޫރަވުމޭ ޞުލްޙަވެރީ
ކެހިވެރިން ޖެއްސި މަޅީގައި ބެދި ކަސްތޮޅުއެޅިގެން
ބެހިއޮޔާ ޣަރަގު ޙަޔާތް، ވެވި ނުދިއުން ޞަބުރުވެރީ
ދީނުގައި ހުރި މަތިވެރި މާތް އަގުތައް ނަގަހައްޓައި
ބީނުވާ ގޮތުގައި ވަޙުދަތު ފެތުރުން ޝަރަފުވެރީ

One Response
ވަރަށް ހިތްގައިމު ޅެމެއް.