Support Us

ދިވެހި ދަރިންނޭ!

ދިރިތިބޭށޭ އޭ ދަރީންނޭ އަންނަ ރާޅުގެ ހުޅިމަތީ
ކުރިއަރައިދާށޭ ސަމާލުވެ އޭގެ އެނބުރޭ ހޮޅިމަތީ

ޤައުމަކީ އައްޔާ އަނދިރި ހިއްޗާ ފޮނީގެ ހަނދާނެކޭ
ޝައުޤުގައި ގުއްޓެެއް އަޅައިފާނެޔެ ދުނިޔެ ބޮނބިފަޅިމަތީ

އަބަދުވެސް އުންމީދު ބާއްވާށޭ ވިދާ އީމާނުގާ
ބަދަލު ނާންނާނޭ އުޑުގެ ދޮރުކޮޅުތަކާ ދަންފުޅިމަތީ

ބާޒުހެން އުދުހެން ކެރޭށޭ އާސުމާނަށް ގޮސްއަރާ
ބާރު ޠޫފާނީ ވަޔާ އެކު ފާޅުވާހާ ކޮޅިމަތީ

އޭ ޒުވާނާއޭ ތިބާއީ އަނގުރު އަލިފާނޭ އަނދާ
ދޭށެ ހީފިލުވުން އަނދޮޅު ފިނޑިހިތްތަކަށް ވީ މޮޅިމަތީ

އަލި އުޖާލާ ވިދުވަރޭ ތިޔައީ ބިމުން ފަތުރާލެވޭ
ބަލި ޒަމީރުތަކަށް ވިދުންދޭށޭ މި ކުރު ދަންފަޅިމަތީ

ހަކަތަޔާ ހިތްވަރު ނެރޭށޭ އެކަތަޔާއި ފުރާނައިން
ކެކިއަރާ ހަތުރުން އެހެން ތިބެ މެކި ޖަހާހާ ކުޅިމަތީ

ކޮންމެ ޣާޒީއެއްގެ މާނަޔަކީ ވަފާޔާ ޙިކްމަތޭ
އުންޑަޔަށްވުރެ ކީއްވެހޭ ރުކަކަށް ޖަހާލި އެ ވަޅި މަތީ

މީ ދިވެހި ޤައުމޭ ޒަމާން ހައިރާންކުރުވި ތާރީޚުގާ
ފީއަޑުން ރޮއްވާލިޔޭ ދުޝްމަނަކު ނަމަ ގޭ އޮޅިމަތީ

އޭ ފޮޅޭ ފިނިފެން މަލާ ހިނިތުންވެލާށޭ މި ބިމުގާ
ގޭގެޔާ ދަނޑުފަނގުތަކާ އެކި މަގުމަގާއި އަނގޮޅިމަތީ

އަހަރެމެން މި ވަޠަން ދިފާޢުކުރާނަމޭ ފަހު ނޭވަޔަށް
ފަހަރުގައި މުޅި ދުނިޔެ އެކަމާނުރުހުނަސް އޮތް ރުޅިމަތީ

ތިން ހަތަރުހާސް އަހަރު މިނިވަން ހިޔަލުގާ ދިވެހީންތިބީ
ހިންގަހިންގާ ވަނިކޮށޭ ކަނޑިތައް މި ޤައުމުގެ ދޮޅިމަތީ

މީ ވަޠަން މީ ދިވެހި ބިން މީ މަންމަ އަދި ރޫޙާ ހިތާ
ވީ މި ލޮބުވެތި ކަރުނައޭ ދިވެހީންގެ ދެލޮލުގެ ކަޅިމަތީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *