Support Us

"ހަދިޔާގެ ދަންމަޅި" ކުރިމަތީ

އުދުހިފައި ދޫންޏެއް އުޅުނު މިނިވަން ކަމާއެކު އުޑުމަތީ
ހުދު ވިލާ ކަފަމުން ނުހަނު ޖޯޝާއެކީ ފުސްތައް މަތީ

މަޝްރިޤާ އަދި މަޣްރިބުން، އުތުރާއި، ދެކުނުން އަންނަ ވައިން
ފަސްނުޖެހި ރެކެމުން ދިފާޢުވެ، ދައްކަމުން ގަދަ ހިންމަތީ

ނިސްބަތުން ކުޑަޔަސް، ދުނިޔެ ދިންހާ ފިލާވަޅަކައި އެކީ
ވިސްނުމާ ބުއްދީގެ ބޭނުން ދޫނި ކުރިއޭ ޙިކުމަތީ

ދުރު ދަތުރުކޮށް މަންޒިލެއް އަމަނާ ޢަމާނުގެ ހޯދުމަށް
ފުރުސަތެއް އޮތްތޯ ބަލަން އުދުހުނެ އެ މާތް ނިޔަތުގެ މަތީ

ގަދަ ފިނީގައި އުތުރު ކަރައިން އައުމުގައި ފިޔަ ގަނޑުވެގެން
މަދަދުވެރި "ހޫނެއް" ލިބުން އެދި ޖެއްސިޔޭ ގޮސް ބިންމަތީ

ހީ ފިލާތޯ އިންތަނާ ވިނަ ކާން އެތާ އޮތް ގެރި އައިސް
ހާޖިތައް ދިޔަ ދޫނި ފޮރުވާ، ގެއްލި ދާހެން ޙުރުމަތީ

ހޫނުކަން އިޙުސާސްވެގެން ލިބުނޭ އަރާމެއް ހަށިގަނޑަށް
ތޫނު ވަތްކެތް ދަށުވިކަން، އެވަގުތު އެނގެން ނެތް ގޮތްމަތީ

ބިންގަނޑާ އެކު ތަތްވެފަައި ހަރަކާތް ކުރަން ބާރެއް ނުލެވި
އިންތަނުން ގުޑިލާން އުޒުރުވެރި، ވީ އެ ނެތި ވަރު އަތްމަތީ

ޙާލުގައި ޖެހި ބިކަވެފައި އިންދާ އެހެން ބުޅަލެއް ދަމުން
ކާލިޔޭ ފިކުރެއް ނުކޮށް ފުރުޞަތުގެ ފުރިހަމަކަންމަތީ

ޖާހިލެއް ނޫންނަމަ މިދިން އިންޒާރު ވިސްނޭނޭ ޔަޤީން
ޝާހިލާ، ޝާހިލްގެ ޤަލަމުން ހެކިވަމޭ ހައްޤުގެ މަތީ

މުސްތަޤިލް މިނިވަންކަމާ، ޙުރުމަތްވެގެންވި ސިޔާދަތާ
ހުސްއަތާ ދޫކޮށްނުލާ "ހަދިޔާގެ ދަންމަޅި" ކުރިމަތީ

 

ޅެމުގެ ޚިޔާލާތު: ޑރ.އަބްދުލް ޤަފޫރު އަބްދުލް ރަޙީމްގެ ލިޔުމެއް ބަލައިލުމަށް ފަހުގައި…

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *