ފިތްކަނޑައިގެންދާވަރޭ ކުރެވޭ ފަރަގު އިހުސާސްތަކުން
ހިތްތަކަށް އޮބިނޯވެއޭ ހަޑި ފެތުރެމުންދާ އަޑުތަކުން
ފިޠުރަތުން ލެއްވެވި ހިމޭން ދޫކޮށް އަރާމާ ލައްޒަތާ
ފިތުނަވެރި ކުރުވާ ޙަރާމީ އެދުމަކަށް އުއްޑުން ވުމުން
ފިތްކަނޑައިގެންދާވަރޭ ކުރެވޭ ފަރަގު އިހުސާސްތަކުން
ހުދު ލިބާހާ ކުލަޓައީ އާ އޮފުއަރާ ނަލަ ބޫޓަކުން
އަދު ކޮބައިހޭ ހައިބަތެއް އަމަލުން ހުތުރު އޮރިޔާންވުމުން
ފިތްކަނޑައިގެންދާވަރޭ ކުރެވޭ ފަރަގު އިހުސާސްތަކުން
މޫނުފުޅުގައި ބޭރުފުށުގައި ލެއްވި އިންސާނީ ވިދާ
ތޫނުފިލިކަން ނެތިދަނީއޭ ހަނދުމަތައް ކޮއްޓާލުމުން
ފިތްކަނޑައިގެންދާވަރޭ ކުރެވޭ ފަރަގު އިހުސާސްތަކުން
ނުރުހެވޭ ތިޔަ ތަޚުތުގައި އިނދެ ދުރުތިބީން އިރު އަޑުއަހާ
ކުރެވެމުންދާ ބަހުސުގައި އެބަ ލަދުގަނޭ އަޑުއުފުލުމުން
ފިތްކަނޑައިގެންދާވަރޭ ކުރެވޭ ފަރަގު އިހުސާސްތަކުން
ލަދުގަނޭ މަޖުނޫނު ހޭ ބަލަ އާއިލީ މޫނަށް ޓަކައި
ނަދުރުވީ ލައިލާ ލަދުން ގިސްލާނެ ވަރު ވިސްނާލުމުން
ފިތްކަނޑައިގެންދާވަރޭ ކުރެވޭ ފަރަގު އިހުސާސްތަކުން