Support Us

ޙައްޖުމަހުގެ ދިހަ ދުވަސް: ބަރަކާތާއި ހެޔޮކަމުގެ މޫސުން

މުސްލިމު އިންސާނާގެ ޙަޔާތަކީ ޞާލިޙު ޢަމަލުތަކުން އާރާސްތުވެފައިވާ ބިނާއެކެވެ. އޭނާއަކީ ދާއިމީ ސިފައެއްގައި ޝަރްޢީ ޢިބާދާތުތަކުން އާރާސްތުވެފައިވާ ކާއިނެކެވެ. މިކަމުގެ ސަބަބުން އޭނާގެ މުޅި ޙަޔާތް ބަދަލުވެފައި ވަނީ ޞާލިޙު ޢަމަލަށާއި ރިވެތި ބަސްތަކަށެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ޙަޟްރަތަށް މިސްރާބު ޖަހައިފައިވާ އުޅަނދަކަށެވެ. ވަރުބަލިކަމެއް ފޫހިކަމެއް މެދުކެނޑުމެއް ނެތިއެވެ. މީގެ މާނައަކީ މުސްލިމު އިންސާނާގެ މުޅި ޙަޔާތް ވާންޖެހޭނީ ޢިބާދާތަށާއި ޠާޢަތަށާއި ﷲގެ ޙަޟްރަތަށް ކުއްތަންކުރަނިވި ޞާލިޙު ޢަމަލުތަކަކަށެވެ. އޭނާގެ ޙަޔާތުގެ ކޮންމެ ބައެއް ވާންޖެހޭނީ ﷲގެ ޙަޟްރަތާ އޭނާ ގުޅުވައިދޭ ވައުފަށަކަށެވެ.

މުސްލިމު އިންސާނާގެ ޙަޔާތް ﷲގެ މަންހަޖާ އެކަހެރިވެގެން ނުވާނެއެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުމުގެ ދާއިރާއިން ބޭރުވެގެން ނުވާނެއެވެ. އޭނާގެ ރޭގަނޑާއި ދުވާލުގެ ގަނޑިތައް ބަހާފައި އޮންނާނީ ﷲ އަންގަވައިފައިވާ ފަރްޟު ފަސް ނަމާދު އަދާކުރުމުގެ ގިއުގަނޑުގެ ތެރޭގައެވެ. ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހު އަދާ ކުރާންޖެހޭ ހުކުރުނަމާދު އަދާކުރުމުގެ މަގުގައެވެ. ކޮންމެ އަހަރަކު ހިފާން ފަރްޟު ކުރައްވައިފައިވާ ރަމަޟާން މަހުގެ ރޯދަ ހިފުމުގެ އަލިކަމުގެ ތެރޭގައެވެ. މި ރޯދަ ހިފާ ނިމުނަސް އޭނާ ﷲގެ ޙަޟްރަތުން ބޭރަކަށް ނުނުކުންނާނެއެވެ. ޝައްވާލު މަހުގެ ސުންނަތް ހަ ރޯދައިގެ ސަބަބުން އޭނާ އަލުން މި ދަރުބާރަށް ވަންނާނެތެވެ. އޭގެ އިތުރަށް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުގެ ރޯދައެވެ. އަދި  ކޮންމެ މަހެއްގެ މެދު ފޮއި ރޯދައެވެ. އޭނާގެ ޞާލިޙު ޢަމަލުތައް ﷲގެ ޙަޟްރަތުގައި ސާފުކަމާއި ތަޤްވާވެރިކަމާއެކު ޤަބޫލުވަނިވި ޢަމަލަކަށް ވޭތޯއެވެ.

އަޅުކަމުގެ މަޖާލާ އޭނާ ދުރުވެގެން ނުދާނެއެވެ. ނަމާދާއި ރޯދައިގެ އިތުރަށް ޙައްޖާއި ޢުމްރާގެ މަނާސިކުތަކާއި ޝަޢީރާތައް ވެއެވެ. ޙައްޖުގެ  ފަރީޟާތަކުގައި އަވަދިނެތިގެންނުވާ މުސްލިމު އަޅާއަށް ޢަރަފާތު ދުވަހުގެ ރޯދައާއި ޢާޝޫރާ ދުވަހާއި ތާސޫޢާ ދުވަހުގެ ރޯދައަކީ ވެސް ނަފްސު ޠާހިރުކޮށްދޭ މުޠައްހިރާތުތަކެކެވެ.

އަޅުކަމާއި ޠާޢަތުގެ މައިދާނުގައި ދެން އޮތީ ޒަކާތެވެ. ޒަކާތް އަދާކުރާން ޖެހޭ މީހާއަށް އެއީ މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވާ ފަދައިން އޭގެސަބަބުން އޭނާ ޠާހިރު ކޮށްދެއްވާނެ ކަމެކެވެ. އަދި އެއީ އޭނާގެ ހެޔޮކަން އިތުރުކޮށްދެއްވާނެ ކަމެއްވެސް މެއެވެ.

ހެޔޮކަމުގެ މައިދާނަކީ ސަރާސަރު މައިދާނެކެވެ. މިސްކީނުންނަށާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުމާއި ރަޙިމުގެ ގުޅުން ވާޞިލުކުރުމާއި މުޖްތަމާއުގައި ތިމާއާއެކު ދިރިއުޅޭ މީހުންނަށް އިޙްސާންތެރިވުމަކީ ވެސް ހަމަ އަޅުކަންތަކެވެ. ތިމާގެ ގޭގައި ތިމާގެ އަނބިމީހާއަށާއި ތިމާގެ ދަރީންނަށް އެހީތެރިވެ ދިނުމާއި އެމީހުންނާއެކު ރިވެތި މަގުން މުޢާމަލާތު ކުރުމަކީ ވެސް ހަމަ ހެޔޮކަމުގެ ދާއިރާގައި ހިމެނޭ ލުއި ފަސޭހަ ޢަމަލުތަކެކެވެ. މި ހުރިހާ ކަމަކީވެސް މުސްލިމު އިންސާނާގެ ޙަޔާތް ދެމެހެއްޓެނިވި ގޮތަކަށް ހެޔޮ ޢަމަލުތަކުން ވިދާ ބަބުޅާ ޢަމަލުތަކެއްގެ ގޮތުގައި ލެހެއްޓެވުމަށް ޓަކައި ލައްވަވައިފައިވާ ޢަމަލުތަކެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((فَإِذَا فَرَغْتَ فَانْصَبْ [1] – ފަހެ، ކަލޭގެފާނު) دين އަށް ގޮވައިލެއްވުމުގެ މަސައްކަތުން (އަވަދިވެވަޑައިގަންނަވާހިނދު، ފަހެ، ކަލޭގެފާނު) އަޅުކަން ކުރެއްވުމުގައި (ވަރުބަލިވެ ވަޑައިގަންނަވާށެވެ!))

އެހެންކަމުން މުސްލިމު އިންސާނާއަކީ އަހަރީ މޫސުންތަކަކާއި ފޯވަހިތަކެއްގެ ތެރޭގައި ދިރިއުޅޭ މަޚްލޫޤެކެވެ. އޭނާއަކީ އަބަދުވެސް މި ފުރްޞަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ދަހިވެތިވާ މީހެކެވެ. އޭނާއަކީ އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ކުއްތަންކުރުވާ ހެޔޮ ބަސްތަކާއި ހެޔޮ ޢަމަލުތައް އަދާކުރުމަށް ރައްކައުތެރިވާ މީހެކެވެ.

އަޅުގަނޑުމެންނާ މިއަދު އިސްތިޤްބާލުކޮށްފައި މިވާ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ މިފަދަ ބަރަކާތްތެރި ފޯވައްސެކެވެ. މި ކަމާ ބެހޭގޮތުން ހުރި ބައެއް ބަސްފުޅުތައް ތިރީގައި މި ވަނީއެވެ.

ޤުރްއާނުގެ ބަސްފުޅުތައް

  • ﷲ ތަޢާލާ ޙައްޖު ސޫރަތުގެ 27 ވަނަ އާޔަތާއި 28ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. ((وَأَذِّنْ فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالاً وَعَلَى كُلِّ ضَامِرٍ يَأْتِينَ مِنْ كُلِّ فَجٍّ عَمِيقٍ* لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ – އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. އެއީ އެއުރެންނަށް ހުރި (دينى އަދި دنيوى) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ اسم ފުޅު ހަނދުމަކޮށް އުޅުމަށެވެ.)) މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން އިބްނު ކަޘީރު ރިވާކުރައްވާ ގޮތުގައި "އެނގިގެންވާ ދުވަސްތައް" އަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ.[2]
  • الحق تبارك وتعالى ވަޙީ ކުރެއްވިއެވެ. ((وَالْفَجْرِ* وَلَيَالٍ عَشْرٍ [3]– ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ.)) އައްޠަބަރީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވާ ގޮތުގައި ޢިލްމުވެރީން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މި ދިހަ ރެއަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ރެއެވެ.[4] އިބްނު ޢައްބާސުގެފާނާއި އިބްނުއް ޒުބައިރުގެފާނާއި މުޖާހިދާ ޙަވާލާދެއްވާ އިބްނު ކަޘީރު ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ރެއެވެ[5]. މި ދެ އާޔަތުން އެނގޭ ގޮތުގައި ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް އެނގެއެވެ. މާތް ﷲ މި ދިހަ ރޭ ގަންދެއްވާ ބަސް ވަޙީ ކުރެއްވުމާއި އެއީ މާތްކަމާއި މަތިވެރިކަމުގެ ގޮތުން އެނގިގެންވާ ދުވަސްތަކެއް ކަމަށް ވަޙީ ކުރެއްވުމުންނެވެ.

ރަސޫލާގެ ސުންނަތުން އެނގޭ ބަސްފުޅުތައް

ކީރިތި ރަސޫލާ ﷺ ޠާހިރު ސުންނަތަށް ބަލާއިރު މި ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން އަންގައިދޭ އެތައް ބަސްފުޅުތަކެއް ވެއެވެ. އޭގެ ތެރޭގައި

  • ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((أَفْضَلُ أَيَّامِ الْدُّنْيَا أَيَّامُ الْعَشْرِ[6] ދުނިޔޭގެ އެންމެ މާތް ދުވަސްތަކަކީ ޙައްޖުމަހުގެ ދިހަ ދުވަހެވެ.)) އެކަލޭގެފާނު މުސްލިމުންނަށް އަމުރު ކުރައްވަނީ" މި ދުވަސްތަކުގައި ތަކްބީރާއި ތަޙްމީދާއި ތަހްލީލާއި ތަސްބީޙަ ކިޔުން ގިނަ ކުރުމަށެވެ."[7]
  • މާތް الله އެ ދެބަފައިކަލުންނަށް ރުއްސުން ލެއްވި އިބްނު ޢައްބާސްގެފާނުގެ އަރިހުން ބުޚާރީ ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ فَقَالُوا يَا رَسُولَ اللَّهِ وَلَا الْجِهَادُ فِي سَبِيلِ اللَّهِ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: وَلَا الْجِهَادُ فِي سَبِيلِ اللَّهِ إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ[8] – މި ދިހަ ދުވަހަށް ވުރެ، الله ގެ ޙަޟްރަތުގައި ޞާލިޙު ޢަމަލުތައް ކުރުން ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ. އެބޭކަލުން ދެންނެވޫއެވެ. އޭ الله ގެ ރަސޫލާއޭވެ! الله ގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. اللهގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އޭނާގެ ނަފްސާއި މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާ އެކު އެބުރިނައި މީހާ ފިޔަވައެވެ.))
  • މާތް ﷲ ރުއްސުންލެއްވި ޖާބިރުގެފާނު އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީސް ކުރެއްވިއެވެ. ((إنَّ العَشْرَ عَشْرُ الأضْحى، والوِترَ يومُ عَرَفةَ، والشَّفعَ يومُ النَّحر[9]– ހަމަކަށަވަރުން ދިހަ ދުވަހަކީ އަޟްޙާގެ ދިހަ ދުވަހެވެ. ވިތުރިއަކީ ޢަރަފާތު ދުވަހެވެ. ޝަފަޢު އަކީ އުޟްޙިޔާ ކަތިލާ ދުވަހެވެ.))
  • މާތް ﷲ އެ ދެބަފައިކަލުން ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((ما من عملٍ أزكى عند اللهِ ولا أعظمَ أجرًا من خيرٍ يعملُه في عَشرِ الأَضحى. قيل: ولا الجهادُ في سبيلِ اللهِ؟ قال: ولا الجهادُ في سبيلِ اللهِ، إلا رجلٌ خرج بنفسِه وماله فلم يرجِعْ من ذلك بشيء[10]– އަޟްޙާގެ ދިހަ ދުވަހުގައި ކުރާ ހެޔޮ ޢަމަލަށް ވުރެ ﷲގެ ޙަޟްރަތުގައި ޠާހިރުކަން ބޮޑު އަދި ދަރުމަ މަތިވެރި ޢަމަލެއް ނުވެއެވެ. ދެންނެވުނެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް ތޯއެވެ. ޙަދީސް ކުރެއްވިއެވެ. اللهގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އޭނާގެ ނަފްސާއި މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާ އެކު އެބުރިނައި މީހާ ފިޔަވައެވެ.))

މި ބަސްފުޅުތަކުން މި ދިހަ ދުވަހަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސްކަން އެނގެއެވެ.

ދިހަ ދުވަހުގެ މާތްކަން

އިސްވެދިޔަ ވާހަކަތަކުން ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތް ދުވަސްތަކެއްކަން އެނގިއްޖެއެވެ.

  • އެއީ މި ދުވަސްތައް ގަންދެއްވައި މާތްﷲ ބަސް ވަޙީ ކުރެއްވުމެވެ. މުހިއްމު އަދި މާތް އެއްޗެއް ގަންދެއްވާ މެނުވީ ﷲ ހުވައެއް ނުކުރައްވާނެއެވެ.
  • މާތް ﷲ މި ދިހަ ދުވަހުގައި ﷲއަށް ޛިކުރު ކުރުމަށް ވަނީ އަމުރު ކުރައްވައިފައެވެ. މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއެވި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((ما من أيّامٍ أعظَمُ عندَ اللهِ ولا أحَبُّ إليه العَمَلُ فيهِنَّ من هذه الأيّامِ العَشْرِ، فأكْثِروا فيهِنَّ من التَّهْليلِ والتَّكْبيرِ والتَّحْميد [11]– މި ދިހަ ދުވަހުގައި ކުރާ ހެޔޮ ޢަމަލަށްވުރެ ﷲގެ ޙަޟްރަތުގައި މަތިވެރިކަން ބޮޑު އަދި ލޮބުވެތިކަން ބޮޑު އެހެން ޢަމަލެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެ ދުވަސްތަކުގައި ތަހްލީލު ކިޔުމާއި ތަކްބީރު ކިޔުމާއި ތަޙްމީދު ކިޔުން ގިނަކުރާށެވެ!))
  • މި ދިހަ ދުވަހުގެ ތެރޭގައި ތަރްވިޔާގެ ދުވަސް [12] ހިމެނެއެވެ.
  • މި ދިހަ ދުވަހުގެ ތެރޭގައި ޢަރަފާތު ދުވަސް ހިމެނެއެވެ. ޢަރަފާތު ދުވަހަކީ އެންމެ މާތް ދުވަހެވެ. އެ ދުވަހަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ފާފަ ފުއްސަވާ ދެއްވާ ދުވަހެކެވެ. އެއީ މާތްﷲ އެކަލާނގެ އަޅުތަކުންގެ ކިޔަމަންތެރިކަމާއި ތަޤްވާވެރިކަމާއި ޚުޝޫޢަތްތެރިކަން އެކަލާނގެ މަލާއިކަތުންނަށް ދައްކަވައި އެކަމާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެ ދުވަހެކެވެ. މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތގައި ޢަރަފާތު ދުވަހަށްވުރެ ގިނައިން މާތް ﷲ މީސްތަކުން ނަރަކައިން މިންޖު ކުރައްވާ އެހެން ދުވަހެއް ނުވެއެވެ. [13]
  • މި ދިހަ ދުވަހުގެ ތެރޭގައި (ليلة جَمع) ވެއެވެ. ލައިލަތު ޖަމަޢަކީ މުޒްދަލިފާގައި ޙައްޖުވެރީން ރޭކުރާ ރެއެވެ. ޢަރަފާތުން ފައިބައިގެން ޙައްޖުވެރީން މިނާއަށް ދާ މަގުމަތީގައި މުޒްދަލިފާގައި މަޑުކޮށް މަޣްރިބާއި ޢިޝާ ޖަމްޢުކޮށް ޤަޞްރުކޮށް ނަމާދުކޮށް އެ ބިމުގައި މަޑުކޮށް ނިދާލާނެއެވެ.
  •  ޙައްޖުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ޢަރަފާތުގައި ހުންނަންޖެހޭ ދުވަސް (ޙައްޖު މަހުގެ ނުވަވަނަ ދުވަސް) ހިމެނެނީ މި ދިހަ ދުވަހުގެ ތެރޭގައެވެ.
  • މި ދިހަ ދުވަހުގެ ތެރޭގައި ބޮޑު ޢީދު ދުވަސް ވެއެވެ. އެއީ އުޟްޙިޔާ ކަތިލާ ދުވަހެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إنَّ أعظمَ الأيّامِ عندَ اللَّهِ تبارَكَ وتعالى يومُ النَّحرِ ثمَّ يومُ القُرِّ- [14]ﷲ ތަބާރަކަ ވަ ތަޢާލާގެ ޙަޟްރަތުގައި އެންމެ މާތްކަން ބޮޑު ދުވަހަކީ ޢުޟްޙިޔާ ދުވަހެވެ. ދެން ޤުއްރު[15] ދުވަހެވެ.))
  • އުޟްޙިޔާ ކަތިލުން ހިމެނެނީ މި ދިހަ ދުވަހުގެ ތެރޭގައެވެ. އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ.
  • ޝައިޚުލް އިސްލަމި އިބްނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަށްވުރެ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން ބޮޑެވެ. އެހެނަސް ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ޙައްޖުމަހުގެ ފަހު ދިހައިގެ ރޭތަކަށް ވުރެ މާތްވެގެންވެއެވެ.
  • މި ދުވަސްތަކުގެ މާތްކަމުގެ ތެރޭގައި الله ގެ ނިޢުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށް ދެއްވުން ވެއެވެ. މި ކަމާ ވިދިގެން މީސްތަކުން މި ދީނަށް ބައިބަޔަށް ވަންނަން ފެށްޓިއެވެ. الله ގެ ނިޢުމަތްތައް ފުރިހަމަ ކުރެއްވި ފުރިހަމަ ކުރެއްވުމުގެ ތެރޭގައި، އިސްލާމްދީން އެހެން ދީންތަކުގެ މައްޗަށް ފާޅު ކުރެއްވުން ހިމެނެއެވެ. އެ ދުވަސްވަރު ޢަރަބިކަރައިގައި ޔަހޫދީ ދީނާއި ނަޞްރާނީ ދީނާއި މަޖޫސީ ދީނާއި ވަޘަނިއްޔަތު ވަނީ ފެތުރިފައެވެ. އިސްލާމްދީން ޢަރަބި ކަރައަށް ފެތުރި އެ ކަރައިގެ ބިންތަކުން އެހެން ހުރިހާ ދީންތަކެއް ވަނީ ފުހެވިގެން ގޮސްފައެވެ.

މި ދިހަ ދުވަހު ކުރެވިދާނެ ބައެއް ހެޔޮ ޢަމަލުތައް

  • މި ދިހަ ދުވަހުގެ ތެރޭގައި ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި الله އަށް ޛިކްރު ކުރުން ހިމެނެއެވެ. الله ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބަހަކީ ޛިކްރެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި އެ ކަމުގެ ސަބަބުން ނަޖާވުން ލިބޭނެ ކަމެކެވެ. ޛިކްރު ކުރާ މީހާ ކުފްރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ގިނި ހިލަތަކުގެ ފިހުމުން ރައްކައުތެރިކޮށް ދެއްވާނެއެވެ. الله އަށް ޛިކްރު ކުރާ މީހާގެ މައްޗަށް الله ގެ ރަޙްމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންވާނެތެވެ. އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. މާތް الله ފަރްޟު ކުރެއްވި އެންމެހާ އަޅުކަންތަކާ ޛިކްރު ކުރުމާ ދެމެދުގައި ހަރުދަނާ ގުޅުމެއްވެއެވެ.
  • ސުންނަތް ނަމާދުތައް ކުރުން އިތުރުކުރުން: މުސްލިމުން އަދާކުރާ ފަރްޟު ނަމާދުތަކުގައި ޖެހޭ ލަތްގަނޑުތަކާއި ކިލާތަކުން އެ ނަމާދުތައް ސާފުކޮށްދޭ ބުލީޗަކީ ސުންނަތް ނަމާދެވެ. ސުންނަތް ނަމާދުގެ ސަބަބުން ﷲ ތަޢާލާގެ ލޯބި ލިބެއެވެ. ﷲ އޭނާގެ ދުޢާތައް އިޖާބަކުރެއްވުން ވެއެވެ. އެ ކަމުގެ ސަބަބުން ﷲގެ ޙަޟްރަތުގައި އޭނާގެ ދަރަޖަ އުފުލިގެން ދެއެވެ. މާތްﷲ ރުއްސުންލެއްވި ޘައުބާނުގެފާނު ކީރިތި ރަސޫލާއަށް ދެންނެވިއެވެ. "އަޅުގަނޑު ސުވަރުގެ ވައްދަވާނެ ޢަމަލެއްގެ ވާހަކަ ވިދާޅުވެ ދެއްވާނުތޯއެވެ؟ އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((عَلَيْكَ بكَثْرَةِ السُّجُودِ لِلَّهِ، فإنَّكَ لا تَسْجُدُ لِلَّهِ سَجْدَةً، إلّا رَفَعَكَ اللَّهُ بها دَرَجَةً، وحَطَّ عَنْكَ بها خَطِيئَةً [16]– ﷲއަށް ޓަކައި ތިބާ ސަޖިދަކުރުން ގިނަކުރާށެވެ! ތިބާ ﷲއަށް ކުރާ ކޮންމެ ސަޖިދައަކަށް ތިބާގެ ދަރަޖައެއް އުފުއްލަވާނެތެވެ. އަދި ތިބާގެ ކިބައިން ފާފައެއް ފުއްސަވާ ދެއްވާނެތެވެ.))
  • އުޟްޙިޔާ ކަތިލުން: ޢީދު ދުވަހުވެސް އަދި އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުން ދުވަހެއްގައި ވެސް އުޟްޙިޔާ ކަތިލެވިދާނެއެވެ. އުޟްޙިޔާގައި ހޭދަކުރުމާއި ފިދާވުމާއި ޤުރްބާންވުމުގެ މާނަތައް ހިމެނެއެވެ.
  • ޞަދަޤާތް ކުރުން ގިނަކުރުން: ޞަދަޤާތަކީ އެކަމުގައި ވަރަށް ގިނަ މާނަތަކެއް ހިމެނޭ ކަމެކެވެ. އެހެން މީހުންނަށް އިޙްސާންތެރިވުމާއި އަޅައިލުން އެކަމުގައި ހިމެނެއެވެ. އެކަމުގެ ސަބަބުން މުޖްތަމަޢުގެ ފަރްދުންގެ މެދުގައި ގުޅުންތައް ބަދަހިވެގެންދާނެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((مَنْ ذَا الَّذِي يُقْرِضُ اللَّهَ قَرْضاً حَسَناً فَيُضَاعِفَهُ لَهُ وَلَهُ أَجْرٌ كَرِيمٌ [17] – ހެޔޮވެގެންވާ ދަރަންޏަކުން اللَّه އަށް ދަރަނިދޭހުށީ (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، އެމީހަކަށްޓަކައި (އެކަމުގެ) ދަރުމަ، އެކަލާނގެ ގިނަގުނަކުރައްވާނެތެވެ. އަދި އެމީހަކަށް ދީލަތިވެގެންވާ ދަރުމަހުށްޓެވެ.)) ޞަދަޤާތް ކުރުމަށް ހިތްވަރު ދެއްވައި ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((ކޮންމެ މުސްލިމަކުވެސް ޞަދަޤާތް ކުރުން ހުށްޓެވެ. އެބައިމީހުން ދެންވިއެވެ. އޭ ﷲގެ ނަބިއްޔާއޭވެ! ޞަދަޤާތް ކުރާނެ އެއްޗެއް ނެތް މިހާ ޞަދަޤާތް ކުރާނީ ކިހިނެއްތޯއެވެ؟ ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. އަތުން މަސައްކަތެއްކޮށް އޭނާގެ ނަފްސަށް ފައިދާކޮށްދީ ޞަދަޤާތް ކުރާނީއެވެ. އެބައިމީހުން ދެންނެވިއެވެ. ކުރާނެ މަސައްކަތެއް ލިބފައި ނުވާ މީހާ ހަދާނީ ކިހިނެއްތޯއެވެ؟ ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ބޭނުން ޖެހިފައިވާ މީހާއަށް އެހީވެދޭށެވެ. އެބައިމީހުން ދެންނެވިއެވެ. އެކަން ނުކުރެވުނުނަމަ؟ ރަސޫލާ ޙަދީސް ކުރެއްވިއެވެ. ހެޔޮކަމެއްކުރާށެވެ. އަދި ނުބައި ކަންކަމާ ދުރުހެލިވާށެވެ. ފަހެ ހަމަކަށަވަރުން އެއީ ޞަދަޤާތެކެވެ. [18]))
  • ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުން: ކީރިތި ރަސޫލާ ﷺ އަކީ ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހާއި ޢާޝޫރާ ދުވަހާއި ކޮންމެ މަހަކު ތިން ދުވަހާއި ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަފުޅު ހިއްޕެވި ބޭކަލެކެވެ.[19] ޢަރަފާތު ދުވަހުގެ ރޯދައަކީ ވަރަށް ސަވާބު އިތުރު މާތް ރޯދައެކެވެ. ކީރިތި ރަސޫލާ ﷺ އާ ޢަރަފާތު ދުވަހުގެ ރޯދައާ ބެހޭގޮތުން ސުވާލު ދެންނެވުމުން ޙަދީސް ކުރައްވައިފައިވާ ގޮތުގައި އެއީ ވޭތުވެ ދިޔަ އަހަރުގެ ފާފަތަކާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވާ ދެއްވާނެ ކަމެކެވެ. [20]
    މި ދިހަ ދުވަހުގައި ކުރެވިދާނެ ހެޔޮކަންތައްތައް ވަރަށް ގިނައެވެ. ހެޔޮލަފާ މުސްލިމަކީ މިފަދަ މޫސުންތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ މީހާއެވެ.

[1] – الشرح : 7

[2]  – ابن كثير ، 1413هـ ، ج 3 ، ص 239

[3]  – الفجر : 1 – 2

[4]  –  الطبري ، 1415هـ ، ج 7 ، ص 514

[5]  – ابن كثير ، 1414هـ ، ج 4 ، ص 535

[6]  –  رواه البزار وابن حبان وصححه الألبانى

[7]  – رواه أحمد والطبرانى

[8]  – رواه الترمذى

[9]  – أخرجه النسائي في «السنن الكبرى» (١١٦٧٢)، وأحمد (١٤٥١١)

[10]  – أخرجه البخاري (٩٦٩) بنحوه، والدارمي (١٧٧٤)

[11] – أخرجه أحمد (٥٤٤٦) واللفظ له، وعبد بن حميد (٨٠٥)، والطحاوي في «شرح مشكل الآثار» (٢٩٧١)

[12]  – ތަރްވިޔާ ދުވަހަކީ ޙައްޖު މަހުގެ އަށްވަނަ ދުވަހެވެ. ޙައްޛުގެ މަނާސިކުތައް ފެށެނީ މި ދުވަހުއެވެ.

[13]  – رواه مسلم ، الحديث رقم 3288

[14] – رواه أبو داود ، الحديث رقم 1765

[15]  – ޤުއްރު ދުވަހަކީ ޙައްޖު މަހުގެ 11 ވަނަ ދުވަހެވެ.

[16]  – صحيح مسلم ٤٨٨

[17]  – الحديد : 11

[18]  –  رواه البخاري ، الحديث رقم 1445

[19]  –  رواه أبو داود ، الحديث رقم 2437

[20]  –  رواه مسلم ، الحديث رقم 2747

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *