Support Us

ޢިބްރަތް: ބައްޕަގެ ދަރަނި އަދާކޮށްދިން ދަރިފުޅަށް ލެއްވި ނިޢުމަތުގެ ވާހަކަ

އެއީ ވަރަށް ބޮޑު ދަރަނިވެރިއެކެވެ. އެއް ދުވަހެއްގައި އޭނާގެ ގޭގެ ދޮރުގައި މީހަކު ޓަކިޖެހިއެވެ. ދޮރު ހުޅުވީ އެ މީހާގެ ދަރިފުޅެވެ. ސަލާމެއް ނުގޮވައި އެއްވެސް އިޙްތިރާމަކާ ނުލައި މީހަކު ގޭތެރެއަށް ވަދެގަނެ އޭނާގެ ގައިގައި ހިފައި ހަޅޭލަވައިގަތެވެ.

"ތިބާ ﷲ އަށް ބިރުވެތިވާށެވެ! ކަލޭގެ ބޮލުގައި އެޅިފައިވާ ދަރަނިތައް އަދާކުރާށެވެ! ދެނެއް ކެތެއްނުވާނެއެވެ! އަހަރެން މިހާރު ކެއްކުރަންޖެހޭ ވަރަށްވުރެ ވެސް ބޮޑަށް ކެއްކޮށްފީމެވެ! ކަލެއާ މެދު އަހަރެން ކަންކުރަންވީ ކިހިނަކުން ހެއްޔެވެ؟"

ބައްޕަ އެ ޙާލުގައި ފެނި ދަރިފުޅު ފެންކަޅިވެއްޖެއެވެ. އަދި އެމީހާ އަށް ބުންޏެވެ:

"އަހަރެންގެ ބައްޕަގެ ބޮލުގައި ކިހާ ބޮޑު ދަރަންޏެއް ވޭހެއްޔެވެ؟"

އޭނާ ބުންޏެވެ. "90,000 ރިޔާލަށްވުރެ ވެސް ބޮޑު ޢަދަދެކެވެ."

ދަރިފުޅު ބުންޏެވެ. "ބައްޕަގެ ގައިން ދޫކޮށްލައިފައި ހަމަޖެހިލާށެވެ. ހެޔޮކޮށް ވިސްނާށެވެ!"

މިހެން ބުނެ އަވަހަށް ކޮޓަރިއަށް ވަދެ ފައިސާ ބޮނޑިއެއް ހިފައިގެން ނުކުތެވެ. އޭގައި ވަނީ އޭނާ ވަރަށް ދުވަސް ވަންދެން ކައިވެންޏަށް އެއްކުރަމުން އައި 27,000 ރިޔާލެވެ.

އެ ފައިސާތައް އެ މީހާއަށް ވަގުތުން ދިނެވެ. އަދި ބާކީބައި ވަރަށް ވެސް އަވަހަށް އިންޝާﷲ ރައްދުކޮށްދޭނެ ކަމަށް ވަޢުދުވިއެވެ. އެ ވަގުތު ބައްޕަ އަށް ކެތްނުވެގެން ރޮއިގަތެވެ. އަދި އެ ފައިސާގައި ނުހިފައި ދަރިފުޅަށް ރައްދުކޮށްދިނުމަށް އެ މީހާ ކުރެން އެދުނެވެ. ދަރިފުޅު އެއަށް ބޭނުންޖެހޭކަމާއި ދަރިފުޅުގެ އެއްވެސް ކުށެއް މިކަމުގައި ނެތް ކަމަށް ބުނެ އާދޭސްކުރިއެވެ. އެހެނަސް އެ ފައިސާގައި ހިފުމަށް ދަރިފުޅު ބުންޏެވެ. އަދި މީގެ ފަހުން ބައްޕަ ކައިރިއަށް އައުމުގެ ބަދަލު އޭނާ ކައިރިއަށް ފައިސާ ހޯދުމަށް އައުމަށް ވެސް އެދުނެވެ.

ދެން ދަރިފުޅު އެނބުރި ބައްޕަގެ ބޮލަށް ބޮސްދެމުން ބުންޏެވެ.

"ލޯބިވާ ބައްޕާއެވެ! ބައްޕަގެ ޤަދަރު އެ ފައިސާގެ ޢަދަދަށް ވުރެ އެތައް ގުނައެއް ބޮޑެވެ. ބައްޕަގެ ހުރިހާ ދަރަންޏެއް ދައްކައިދެވޭ ވަރަށް ވެސް ފައިސާ އަހަރެންގެ އަތުގައި ހުރިނަމަ، ދައްކައިދިނީމުހެވެ. އެކަމަކު ބައްޕަގެ ތި ޠާހިރު ތުނބުޅިއަށް ލޮލުން ކަރުނަ ތިއްކެއްވެސް ވެއްޓޭތަން ދެކޭކަށް އަހަރެން ނޭދެމެވެ."

ދަރިފުޅުގެ އެ ވާހަކަތައް އިވި ކުރި އަސަރުން ބައްޕަ އަށް ރޮވުނެވެ. އަދި ދަރިފުޅަށް ބޮސް ދޭ ޙާލު އެ ދަރިފުޅަށް ދުޢާކޮށްދެމުން ދިޔައެވެ.

"ޔާ ﷲ! އަހަރެންގެ ދަރިފުޅާ މެދު ރުހިވޮޑިގެންވާށިއެވެ. އަދި ދަރިފުޅުގެ ކޮންމެ ކަމެއްގައި އެހީތެރިވެވޮޑިގެން ވާށިއެވެ!"

ޖެހިގެން އައި ދުވަހު ދަރިފުޅު މަސައްކަތުގައި ވަރަށް ބޮޑަށް މަޝްޣޫލުވެ އުޅެނިކޮށް، އޭނާގެ އެކުވެރިއެއް ޒިޔާރަތްކުރިއެވެ. އެކުވެރިޔާ ނުފެންނަތާ ވަރަށް ދުވަސް ވެއްޖެއެވެ.

އެކުވެރިޔާ ބުންޏެވެ:

"އަޚާއެވެ. އަހަރެން އޮފީހުގެ ވަރަށް އިސް މަޤާމެއްގައި އުޅޭ މީހަކާ އެކު އިއްޔެ ބައްދަލުވުމަކަށް ދިޔައީމެވެ. އޭނާ އަހަރެންގެ ކިބައިން އިޚްލާޞްތެރި، ވަފާތެރި، މަސައްކަތް ކުރުމަށް ޝައުގުވެރިވާ އަދި ޚުލްޤު ހެޔޮ ޒުވާން ކުއްޖަކު ހޯދައިދިނުމަށް އެދުނެވެ. އަހަރެންނަށް ތިބާ މެނުވީ މި ވަޒީފާއަށް އެކަށީގެންވާ މީހެއް ނުފެނުނެވެ. އޭނާއާ ބައްދަލުކޮށްލުމަށް އަހަރެންނާ އެކު މިއަދު ހަވީރު ހިނގާށެވެ!"

ޒުވާނާ އުފަލުން ފޮޅުނެވެ. އަދި ބުންޏެވެ:

"ފަހަރެއްގައި އެއީ އަހަރެންގެ ބައްޕަގެ ދުޢާގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އިޖާބަކޮށްދެއްވީއެވެ."

މިހެން ބުނެ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދުކޮށް، އެކުވެރިޔާއާ އެކުގައި ހަވީރު ދިޔައެވެ. އެ މީހާއަށް އެ ޒުވާނާ ފެނުމާ އެކު އޭނާ ވަރަށް ހިތްހަމަޖެހިފައި ބުންޏެވެ.

"މިއީ ސީދާ އަހަރެން ހޯދަމުންދާ ޒުވާނާއެވެ." އަދި އެއްސެވެ. "މިހާރު ތިބާގެ މުސާރައަކީ ކޮބާ ހެއްޔެވެ؟"

ސުވާލަށް ޖަވާބު ދެމުން ޒުވާނާ ބުންޏެވެ. "5,000 ރިޔާލެވެ."

އެމީހާ ބުންޏެވެ:

"މާދަމާ ގޮސް ތިބާގެ ވަޒީފާއިން ވަކިވުމުގެ ސިޓީ ލާށެވެ. އަދި މިއަދުން ފެށިގެން ތިބާގެ މުސާރައަކީ 510,000 ރިޔާލެވެ. އަދި ކޮމިޝަނެއްގެ ގޮތުގައި %10, އަދި ކާރަކާއި ގެއެއްގެ ބަދަލުގައި މުޅިއެކު ދެ މުސާރައެވެ. އަދި ކޮންމެ ހަ މަހަކު ތިބާގެ ގޭގެ ތަކެތި އާކޮށްލުމަށް އިތުރު މުސާރައެއް ތިބާއަށް ލިބޭހުއްޓެވެ."

އެހެން ބުނިތަނާހެން ޒުވާނާ އަށް ރޮވުނެވެ. އަދި އަމިއްލައަށް ބުނެލެވުނެވެ.

"ބައްޕާއެވެ. ހެޔޮކަމުގެ ޚަބަރު ހުއްޓެވެ!"

މި މަންޒަރު ފެނި އެ މީހާ ރުއިމުގެ ސަބަބަކީ ކޮބައިތޯ އަހާލުމުން، ޒުވާނާ އޭނާގެ ވާހަކަ އެއްކޮށް ކިޔައިދިނެވެ. އަދި ވަޤުތުން ވަޤުތަށް ބައްޕަގެ ހުރިހާ ދަރަންޏެއް އެއްކޮށް ދައްކާ ޚަލާޞް ކުރުމަށް އޭނާގެ އެސިސްޓެންޓަށް އެންގިއެވެ. ފަހެ އެ ޒުވާނާގެ ފުރަތަމަ އަހަރުވެސް ފައިދާ ގޮތުގައި ބައި މިލިޔަން ރިޔާލަށްވުރެ މަދުނުވާ އަދަދެއް ލިބުނެވެ."

ވާހަކައިން ލިބިދޭ ޙިކްމަތީ:

މައިންބަފައިންނަށް ހެޔޮކޮށް ހިތުމީ އެންމެ މަތިވެރި އަދި ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެންމެ ބޮޑަށް ކުއްތަންކޮށްދޭނެ ޢަމަލުތަކުގެ ތެރިންވާ ޢަމަލެކެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމުން ރަޙްމަތް ލިބި، ބޮޑެތި މުޞީބާތްތަކުން ސަލާމަތް ކޮށްދެއެވެ.

އެ ދެ މީހުންނަށް ހެޔޮކޮށް ހިތުމަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ، އެ އިލާހުގެ ފޮތުގައި ވަޙީ ކުރައްވާފައިވަނީ އެންމެ މުހިއްމު އަދި އެންމެ މަތިވެރި އަޅުކަން ކަމުގައިވާ، އެ އިލާހު ތަވްޙީދު ކުރުމާ ވިދިގެންނެވެ. އެ އިލާހު ވަޙީކުރައްވާފައިވެއެވެ:

{وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَاناً إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيماً..}

މާނައީ: (އެ ކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުންކުރެ އެކަކު، ނުވަތަ އެ ދެ މީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެ ދެ މީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެ މީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެ މީހުންނަށް ބަސްބުނާށެވެ!)

-وقفوهم إنهم مسؤولون-

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *