ހިތާ ނަފުސާ، ބިރުން ރޮއެރޮއެ ހަލާކުވެގެން ހިނގައިދާނޭ
މިތާ މިހިނގާ ނުބައި ކަންކަން، މުޞީބާތެއް އަތުވެދާނޭ
ކަލާނގެ ޙަރާމް ކުރެއްވެވި އެންމެހާ ފާޙިޝް ޢަމަލު ގިނަވުން،
ބަލާ ބަލިމަޑު ކަމާ ކޯފާ، އެތަނަކަށް ހަމަ އަތުވެދާނޭ
ބަލާޔާ އަދި މުޞީބާތާ އެތަނަކަށް އަންނަ ވަގުތެއްގައި،
ހަލާކުވެގެން، ތަނާ، މީހުން، އެކީގައި ނެތި ހިނގައިދާނޭ
ޙަރާމް ކަންތައް ޙަލާލު ކަމަށް ހަދައިގެން ކޮން އުޅޭ ނަމައީ،
ކަލާނގެ ޢަޒާބު ތައް، އެކި ސިފަ ސިފާގައިވެސް އަތުވެދާނޭ
ހަލާކާ އަދި ނުރައްކާތައް އެތަނަކަށް އަންނަ ވަގުތެއްގައި،
ހަލާކުވެގެން އެ ޢަމަލެއް ކުޅަ ބަޔަކު ނޫނަސް ހިނގައިދާނޭ
އަބުރުވެރި ޢިއްޒަތާ ޤަދަރާ ޝަރަފުވެރި މުސްލިމުން މެދުގައި،
ޢަދުލު އިންސާފު ނެތް ބިމުގައި ޤަތުލުތައް ޢާއްމު ވެސްވާނޭ
"ސަދޫމުގެ ހަޑި ހުތުރު ފާޙިޝް ޢަމަލުތައް ޙައްދު ފަހަނައެޅުން،
ސަދޫމަށް އައި، ނުބައި ކޯފާ، އެއިން ޢިބްރަތް ލިބެންވާނޭ"
އިލާހީ އަމުރުފުޅު އައުމުން ބިލާހުންތައް ހަލާކު ވުމުން،
ނިޔާފުޅު އަންނަ ހިނދު، ޙައްޤަށް، އިލާހީ ނަޞްރު ދެއްވާނޭ
ނުބައި ފާޙިޝްކަމާ އަދި އެންމެ ބިރުވެރިވިީ ނުބައި ކުފުރާ
ނުބައި ޝިރުކުން ދިވެހި އުއްމަތް އަމާންކޮށް ދެއްވަވާފާނދޭ
