Support Us

ބިން ފަސާދަކުރާ މީހުންނަކީ ކޮބާ؟

ފަސާދައަކީ ޤައުމުތަކާއި މީސްތަކުން އިނދަޖައްސަމުންދާ ބޮޑު ވަބާއެކެވެ. އެއީ ޢާލަމީ ވަބާއެކޭ ވެސް ބުނެވިދާނެއެވެ. އުންމަތްތައް ހަލާކުވެ ޚަރާބުވެގެން ގޮސްފައި ވަނީ އެ އުންމަތްތަކުގައި ތަފާތު ސިފަސިފައިގައި ފެތުރުނު ފަސާދަތަކުގެ ސަބަބުންނެވެ. މި ފަސާދައިގެ ތެރޭގައި އިޤްތިޞާދީ ފަސާދައާއި ތަޢުލީމީ ފަސާދައާއި މީޑިއާ ފަސާދައާއި އަޚްލާޤީ ފަސާދައާއި ސިޔާސީ ފަސާދައާއި އަމްނީ ފަސާދައާއި ޢަޤީދީ ފަސާދަ ހިމެނެއެވެ.

ﷲ ތަޢާލާ ވާހީ ކުރެއްވިއެވެ. (إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَن يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَافٍ أَوْ يُنفَوْا مِنَ الْأَرْضِ[1]– اللَّه އާއި، އެކަލާނގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި فساد ކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ صليب އަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި ވާތުފައި ނުވަތަ ވާތާއި ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި آخرةގައި، އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.)

ކީރިތި ﷲގެ މި ބަސްފުޅުތަކުން އެނގޭ ގޮތުގައި ޙައްޤަކާނުލައި މީހުން މެރުމާއި މި ބިމުގައި ނިރުބަވެރި ޢަމަލުތައް ހިންގުމަކީ ފަސާދައިގެ ބޮޑެތި ޖަރީމާތަކެކެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މީސްތަކުން ދަތުރުފަތުރުކުރާ މަގުތައް ނާމާންކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. މީސްތަކުންގެ މުދާތައް ފޭރިގަތުމަކީ އެއަށްވުރެ ވެސް ނުބައިކަން ބޮޑު ޢަމަލެކެވެ.

ފަސާދައިގެ މާނަ

  • އުރެދުން: މާތްﷲ ވަޙީ ކުރައްވަނީ (وَإِذَا قِيلَ لَهُمْ لا تُفْسِدُوا فِي الأرْضِ[2]– އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ،)
  • ހަލާކުވުން: މާތްﷲ ވަޙީ ކުރައްވަނީ (لَوْ كَانَ فِيهِمَا آلِهَةٌ إِلاّ اللَّهُ لَفَسَدَتَا [3]– އެ ދެތާނގައި (އެބަހީ: އުޑާއި، ބިމުގައި) اللَّه މެނުވީ إلهންތަކެއް ވީނަމަ، އެ ދެތަން ފަސާދަވެއްޖައީހެވެ.)
  • ސުންނާފަތިކުރުން: ﷲ ތަޢާލާގެ ބަސްފުޅެއްގައި އައިސްފައި ވެއެވެ. (إِنَّ الْمُلُوكَ إِذَا دَخَلُوا قَرْيَةً أَفْسَدُوهَا [4]– ހަމަކަށަވަރުން، ރަސްރަސްކަލުން (ހަނގުރާމަވެރި ގޮތުގައި) ރަށަކަށް އަރައިވަޑައިގެންފިނަމަ، އެރަށެއް ސުންނާފަތިކުރައްވައި، فساد ކުރައްވަތެވެ.)
  • މުންކަރާތް: ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (أُولُو بَقِيَّةٍ يَنْهَوْنَ عَنِ الْفَسَادِ فِي الأرْضِ[5]– ފަހެ، أمّة ތަކުގެ ތެރެއިން (دين ވެރިކަމާއި ހެޔޮވިސްނުމުގެ ތެރެއިން) ބާކީއޮތް މިންވަރެއްގެ ވެރިބަޔަކު، ބިމުގައި فسادކޮށް އުޅުން ނަހީކޮށް އުޅުނުނަމަ ކިހާ ރަނގަޅުހެއްޔެވެ!)

ފަސާދަ އަކީ އިންސާނާގެ ޢަމަލެއް

  • ދުނިޔެ ހަލާކުވެ ފަސާދަ ވަނީ އިންސާނާގެ ކުރާ ނުރަނގަޅު ޢަމަލުތަކުގެ ސަބަބުންނެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (فَهَلْ عَسَيْتُمْ إِنْ تَوليْتُم أَنْ تُفْسِدُوا فِي الأرْضِ وَتُقَطِّعُوا أَرْحامَكُمْ [6]– ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިޔެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި فساد ކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟)
  • މާތް ﷲ ސާފު ޞަރީޙަ ބަހުން އެކަން ބަޔާން ކުރައްވައި ވަޙީކުރެއްވިއެވެ. (ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ[7] – މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ފާސިދުކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް عملގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (توبة ވެ) رجوع ވުމަށްޓަކައެވެ.)
  • މި ބިމުގައި މީހުން ކުރަމުންދާ ފާސިދު ޢަމަލުތަކުގެ ސަބަބުން ދުނިޔެ ވަނީ އަޚްލާޤީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ޢިމްރާނީ ގޮތުންނާއި މޫސުމީ ގޮތުންނާއި ވެށީގެ ގޮތުން ޚަރާބުވެ ހަލާކުވެފައެވެ.

މިއަދު ދުނިޔޭގައި ފެތުރިފައިވާ ފަސާދައިގެ ޢަމަލުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ފާހަގަކުރެވޭ ބައެއް ކަންތައްތަކަކީ:-

  • އަނިޔާވެރިކަން: ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުން އެނގޭ ގޮތުގައި އަނިޔާވެރިކަން (ޡުލްމު) އަކީ ކުރީގެ އުންމަތްތައް އެކަމުގެ  ސަބަބުން ހަލާކުވެގެންދިޔަ ސަބަބެކެވެ. މި ކަމާ ދުރުހެލިވުމަށް ޤުރްއާން ވަނީ މީސްތަކުންނަށް ގޮވައިލައިފައެވެ. އަނިޔާވެރިކަމުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ޢަމަލަކީ ޝިރްކެވެ. އޭގެތެރޭގައި އުރެދުމުގެ ތަފާތު ބާވަތްތައް ހިމެނެއެވެ. އަނިޔާވެރިކަމުގެ ސަބަބުން މާތް ﷲ އެތައް ޤައުމުތަކެއް ވަނީ ހަލާކުކުރައްވައިފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَقَدْ أَهْلَكْنَا الْقُرُونَ مِن قَبْلِكُمْ لَمَّا ظَلَمُوا[8]– އަދި ހަމަ ކަށަވަރުން، ތިޔަބައިމީހުންގެ ކުރީގެ أمّة ތަކުގެ މީހުން އަނިޔާވެރިވީ ހިނދު، އެ أمّة ތައް ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ.) އެހެން ބަސްފުޅެއްގައި ވެއެވެ. (وَتِلْكَ الْقُرَى أَهْلَكْنَاهُمْ لَمَّا ظَلَمُوا [9]– އަދި އެއީ އެއުރެން އަނިޔާވެރިވީ ހިނދު، ތިމަންރަސްކަލާނގެ ހަލާކު ކުރެއްވި ރަށްތަކުގެ މީހުންނެވެ.) އެހެން އާޔަތެއްގައި ވަޙީ ކުރެއްވިއެވެ. (وَكَمْ قَصَمْنَا مِن قَرْيَةٍ كَانَتْ ظَالِمَةً [10]– އަނިޔާވެރިވި ކިތައްކިތައް ރަށުގެ أهل ވެރިން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވިން ހެއްޔެވެ؟) މިފަދަ އާޔަތްތަކަކުން އެނގެނީ ވޭތުވެދިޔަ ޒަމާންތަކުގައި މާތް ﷲ ބައެއް އުންމަތްތައް ހަލާކުކުރައްވައި ނައްތައިލައްވައިފައި ވަނީ އެ ޤައުމުތަކުގެ އަނިޔާވެރިކަމުގެ ސަބަބުންކަމެވެ.
  • ޖަރީމާތައް: ޖަރީމާއަކީ އޭގައި ޝިރްކާއި އެހެނިހެން އުރެދުންތައް ހިމެނޭ ޢަމަލެކެވެ. އެންމެ ނުބައި ބާވަތުގެ ޖަރީމާއަކީ ޝިރްކެވެ.
  • ކުށްފާފަތައް: އެ ޤައުމުތަކުގެ ކުށްފާފަތައް ޙައްދުފަހަނަޅައި ދިޔުމުގެ ސަބަބުން ހަލާކުކުރައްވައިފައިވާ ޤައުމުތަކެއް ވެއެވެ.

ފަސާދައިގެ ސަބަބުން ހަލާކު ކުރެއްވި ބައެއް ޤައުމުތައް

  • ނޫޙުގެފާނުގެ ޤައުމު: ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވައިލެއްވުމުގައި ނޫޙުގެފާނު 950 އަހަރު ހޭދަކުރެއްވިއެވެ. އެކަލޭގެފާނު އެމީހުންނަށް ރޭގަނޑާއި ދުވާލު، ސިއްރާއި ފާޅުގައި މާތްﷲއަށް އަޅުކަންތައް ޚާލިޞް ކުރުމަށް ގޮވައިލެއްވިއެވެ. އެމީހުން ހަލާކު ކުރެއްވީ ބޮޑު ޠޫފާނެއް ފޮނުއްވައެވެ. އެ ޤައުމުގެ މީހުންގެ ތެރެއިން ސަލާމަތް ކުރެއްވީ ނޫޙުގެފާނަށް އީމާންވި މަދު މީސްކޮޅެވެ.
  • ޢާދު ބާގަ: ޢާދު ބާގައިގެ މީހުންގެ ގާތަށް ފޮނުއްވި ރަސޫލަކީ ހޫދުގެފާނެއެވެ. ހޫދުގެފާނު ﷲގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުމުން އެމީހުން ދިނީ ބީރު ކަންފަތްތަކެކެވެ. މާތް ﷲ އެމީހުން ހަލާކު ކުރެއްވީ ބާރުގަދަ ވަޔަކުންނެވެ. އެމީހުން ހަލާކު ކުރެއްވި ގޮތް ބަޔާން ކުރައްވައި ވަޙީ ކުރެއްވިއެވެ. ((وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ ‎﴿٦﴾‏سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ ‎﴿٧﴾‏ فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ ‎﴿٨﴾[11]އަދި عاد ބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ. (6) އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށް ދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ قوم ގެމީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ. (7) ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭހެއްޔެވެ؟)
  • ޘަމޫދު ބާގަ: ޘަމޫދު ބާގައިގެ މީހުންނަކީ ފާގަތިކަމާއެކު ދިރިއުޅުމުގެ މަގުތައް ތަނަވަސްކޮށް ދެއްވި، މޭސްތިރިކަމުގައި ކުރިއަރައިފައިވާ ވަރަށް ހުނަރުވެރި ފަންނުވެރި ބައެކެވެ. ނަމަވެސް މި ބައިމީހުން މި ނިޢުމަތްތަކަށް ހަރާންކޯރުވިއެވެ. މާތްﷲއަށް ޝަރީކު ކުރިއެވެ. އެމީހުންގެ ގާތަށް ފޮނުއްވީ ޞާލިޙުގެފާނެވެ. ޞާލިޙުގެފާނުގެ ދަޢުވަތަށް ފުރަގަސްދީ އެކަލޭގެފާނަށް އެބައިމީހުން ގޮންޖެއްސެވެ. އެމީހުންނަށް މުޢުޖިޒާތެއްގެ ގޮތުގައި ފޮނުއްވީ ބޮޑު ޖަމަލެކެވެ. މި ޖަމަލު ހެއްދެވީ ހިލަގަނޑަކުންނެވެ. މި ޖަމަލަށް ގޯނާ ނުކުރުމަށް ޞާލިހުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެންގެވިއެވެ. އެމީހުން ޞާލިޙުގެފާނަށް ގޮންޖަހައި އެ ޖަމަލު ކަތިލައިލިއެވެ. އެހިނދު މާތްﷲ އެމީހުންގެ މައްޗަށް ގަދަފަދަ ޢަޒާބެއް ފޮނުއްވައި އެމީހުން ހަލާކު ކުރެއްވިއެވެ. كَذَّبَتْ ثَمُودُ بِطَغْوَاهَا ‎﴿١١﴾‏ إِذِ انبَعَثَ أَشْقَاهَا ‎﴿١٢﴾‏ فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا ‎﴿١٣﴾‏ فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا [12]– ثمود ބާގައިމީހުން، އެއުރެންގެ އަނިޔާވެރިކަމުން (އެއުރެންގެ ނަބިއްޔާ) ދޮގުކުރޫއެވެ. (11) އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ. (12) ފަހެ، އެއުރެންނަށް اللَّه ގެ رسول އާ (އެބަހީ: صالح ގެފާނު) ވިދާޅުވިއެވެ. اللَّه ގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ! (13) ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذابގައި ހަމަހަމަ ކުރެއްވިއެވެ.)
  • ލޫޠުގެފާނުގެ ޤައުމު: މި ޤައުމަކީ އަޚްލާޤީ ފަސާދައިގެ މޫލަވެރީންނެވެ. އަންހެނުން ދޫކޮށް ފިރިހެނުން ފިރިހެނުންނާ އެއްޖިންސުން ޖިންސީ ގުޅުން ހިންގުން އީޖާދުކުރީ މި ޤައުމުގެ މީހުންނެވެ. މި ޤައުމުގެ މީހުން މާތް ﷲ ހަލާކު ކުރެއްވީ އެމީހުން ދިރިއުޅެމުންދިޔަ ބިން އެފުށް މިފުށަށް ބަންޑުން ޖައްސަވައެވެ. އެމީހުން އުޅުނު ސަދޫމު ސަހަރު މިއަދު ފެންނަން މި އޮތީ އެއްވެސް ދިރުމެއްނެތް މަރުވި ކަނޑުގެ ގޮތުގައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ‎[13]– ދެން ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ.)
  • ޝުޢައިބުގެފާނުގެ ޤައުމު: މިއީ އިޤްތިޞާދީ ފަސާދައިގެ މޭސްތިރީންނެވެ. މި މީހުންނަކީ އެއްޗެހި ވިއްކާއިރުގައްޔާއި ގަންނައިރުގައި މިނެކިރުމުގައި މަކަރުހަދައި އޮޅުވައިލި ބައެކެވެ. މި މީހުންނަކީ މީސްތަކުންގެ މުދާ ބާޠިލުގޮތުގައި ކައި އުޅުނު ބައެކެވެ. މި މީހުންގެ މައްޗަށް ފޮނުއްވި ޢަޒާބުގެ ތެރޭގައި ބިރުވެރި އަޑާއި ފިނިކަމާއި ހޫނުކަން ވެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (وَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ لَئِنِ اتَّبَعْتُمْ شُعَيْبًا إِنَّكُمْ إِذًا لَّخَاسِرُونَ ‎﴿٩٠﴾‏ فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ ‎﴿٩١﴾‏ الَّذِينَ كَذَّبُوا شُعَيْبًا كَأَن لَّمْ يَغْنَوْا فِيهَا ۚ الَّذِينَ كَذَّبُوا شُعَيْبًا كَانُوا هُمُ الْخَاسِرِينَ ‎﴿٩٢﴾‏ [14]– އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން، كافرވެގަތް ބޮޑުން ބުނޫއެވެ. شعيب ގެފާނަށް ތިޔަބައިމީހުން تبع ވެއްޖެނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުން ވާހުށީ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ. (90) ދެންފަހެ، ބިރުވެރި ބިންހެލުމެއް، އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ. (91) شعيب ގެފާނު ދޮގުކުޅަ މީހުން، އެގެތަކުގައި ދިރިނޫޅޭފަދައެވެ. شعيب ގެފާނު ދޮގުކުޅަ މީހުންވީ، ހަމަ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ.) ޝުޢައިބުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ފޮނުއްވި ޢަޒާބުގެ އެހެން ބާވަތެއް ބަޔާން ކުރައްވައި އަރަހުށި ﷲ ވަޙީ ކުރެއްވިއެވެ. (وَلَمَّا جَاءَ أَمْرُنَا نَجَّيْنَا شُعَيْبًا وَالَّذِينَ آمَنُوا مَعَهُ بِرَحْمَةٍ مِّنَّا وَأَخَذَتِ الَّذِينَ ظَلَمُوا الصَّيْحَةُ فَأَصْبَحُوا فِي دِيَارِهِمْ جَاثِمِينَ [15]‎- އަދި ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، شعيب ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެންތިބި މީހުން، ތިމަންރަސްކަލާނގެ رحمة ފުޅުން ސަލާމަތްކުރެއްވީމެވެ. އަދި (ބިރުވެރި) އަޑުއައިސް، އަނިޔާވެރިވީ މީހުން ހަލާކު ކުރިއެވެ. ދެން ހެނދުންވީއިރު، އެއުރެންގެ ގޯތި ގެދޮރުގައި އެއުރެންތިބީ، ކަކޫމައްޗަށް ތިރިވެ، މަރުވެފައެވެ.)
  • ފިރްޢައުނަކީ ސިޔާސީ ފަސާދައިގެ ރަނގަޅު މިސާލެކެވެ. އޭނާގެ ޚުދްމުޚްތާރުކަން ވަނީ ޙައްދުފަހަނަޅައި ގޮސްފައެވެ. ފިރްޢައުނަކީ ޢަޤީދާއާއި އިޖްތިމާޢީ ފަސާދައިގެ ވެސް ރަމްޒެކެވެ. ފިރްޢައުނާއި އޭނާގެ އަރިހު ބޭކަލުން ޙައްދެއްނެތް ތަނަވަސްކަމުގައި އުޅެމުންދިޔައިރު މިޞްރުގެ ނިކަމެތި ރައްޔިތުން އުޅެމުން ދިޔައީ "ފިރްޢައުނުގެ އަޅުންތަކެއްގެ" ގޮތުގައެވެ. މާތް ﷲ އޭނާ ސިފަކުރައްވައިފައި ވަނީ (وَإِنَّ فِرْعَوْنَ لَعَالٍ فِي الْأَرْضِ وَإِنَّهُ لَمِنَ الْمُسْرِفِينَ [16]– އަދި ހަމަކަށަވަރުން، فرعون އަކީ، ބިމުގައި ވަރަށް ބޮޑާވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން، އޭނާވަނީ (އަނިޔާވެރިކަމާއި فساد ވެރިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިންނެވެ.) މާތް ﷲ އޭނާ ހަލާކުކުރެއްވީ ކަނޑުގައި ޣަރަޤުކުރައްވައިގެންނެވެ.
  • ހޮނިހިރު ދުވަހުގެ ވެރީން (ޔަހޫދީން)ނަކީ ޢަޤީދާ ފާސިދުކަމުގެ މިސާލެކެވެ. މާތްﷲ އެމީހުންނަށް ހޮނިހިރު ދުވަހު މަހަށް ދިޔުން މަނާކުރެއްވުމުން ﷲގެ އަމުރުފުޅު އޮޅުވައިލުމަށް ޓަކައި އެކަމުގައި މަކަރާއި ޙީލަތް ހެދިއެވެ.

ޒަމާނީ ފަސާދަ

މި ޒަމާނަށް ބަލާއިރު ފަސާދައިގެ ބާވަތްތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ފާހަގަކުރެވޭ ބާވަތްތަކަކީ:-

  • އިޤްތިޞާދީ ފަސާދަ: މި ބާވަތުގެ ފަސާދަ ފެތުރިފައި ވަނީ ތަފާތު ގޮތްގޮތަށެވެ. ރިބާގެ ނިޒާމަކީ ފަސާދައިގެ ބާވަތެކެވެ. ފިހާރަފިހާރައިން އެއްޗެހި ވިއްކުމަށް ޓަކައި ގަންނަ މީހުންނަށް ދޭ ނަޞީބު ނަންބަރަކީ ފަސާދައިގެ ބާވަތެކެވެ. ވިޔަފާރީގެ ބޮޑެތި ޑީލްތަކުގައި ދޭ ކަމިޝަނަކީ ފަސާދައިގެ ބާވަތެވެ. ތިމާ ބޭނުންވާ ކަންކަން "ތަންކޮޅެއް ފަސޭހަ ގޮތަކަށް އަވަހަށް ކޮށްލުމަށް ޓަކައި" ދޭ ރިޝްވަތަކީ ވެސް ފަސާދައެވެ. މިއަދުގެ މާލީ ނިޒާމުގައި ނަގާކިޔާ ރައުސްމާލިއްޔަތާއި އިޝްތިރާކިއްޔަތު ފަދަ ނިޒާމުތަކަކީ ވެސް ފަސާދައިގެ ބާވަތްތަކެކެވެ.
  • އެންމެން ގަޔާވެގެން މި އުޅޭ ދީމުޤްރާޠީ ނިޒާމަކީ ސިޔާސީ ފަސާދައިގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. މި ނިޒާމުގައި އަޣްލަބިއްޔަތު ނެތް  ރައްޔިތުންގެ ޙައްޤުތައް އޮންނަނީ ވެއްޔާ މޮޑެވިފައެވެ. ޤަރާރުތައް ކަނޑައެޅުމުގައި އެމީހުންގެ ބައިވެރިވުމެއް ނެތެވެ.
  • އިންސާނީ ފަސާދައިގެ ތެރޭގައި އިންސާނީ ޙައްޤުތައް އިހްމާލުވެގެންދާ ދިޔުމަކީ ފަސާދައިގެ ތަފާތު ބާވަތްތަކުގެ ތެރޭގައި ހިމެނޭ  ކަމެކެވެ.
  • ވަޒީފާގެ ފަސާދަ އަށް ބަލާއިރު ކަމަށް އެކަށީގެންނުވާ މީހުންނަށް ވަޒީފާތައް ލިބުން ވެއެވެ. މީގެ އިތުރަށް މީޑިއާ ފަސާދައާއި ތަރްބަވީ ފަސާދައަކީ ވެސް މިއަދު މުޖްތަމަޢުތަކުގައި ފެތުރި ގައިގައި ވަކި ހިއްޕައިލައިފައިވާ ފަސާދަތަކެކެވެ.
  • ފަސާދަވެރީންނަކީ ހަލާކުވަނިވި ހަތިޔާރު އުފައްދާ މީހުންނެވެ. މި ހަތިޔާރު ވިއްކުމަށް ޓަކައި އެމީހުން ދަނީ ޤައުމުތަކުގެ މެދުގައި ހަތުރުވެރިކަން އުފައްދާ ދުޝްމަނު ކުރުވަމުންނެވެ. ނަތީޖާއަކީ އިންސާނުން ހަލާކުވެ ނެތިވެދިޔުމެވެ.
  • މުސްލިމުންގެ ގައިގައި ވަކި ހިއްޕައިލައިފައިވާ ބޮޑެތި ފަސާދަތަކުގެ ތެރޭގައި ކަންނެތްކަން ވެއެވެ. މިއީ މާތް ﷲއަށް ވަކީލުކުރުމުގެ މާނަ އޮޅުމުގެ ސަބަބުން ނުވަތަ އޮޅުވައިލުމުގެ ސަބަބުން ނުކުމެފައިވާ މޭވާއެކެވެ. ނަތީޖާއަކަށްވީ އުފެއްދުންތެރިކަމާ ދުރުހެލިވުމެވެ. އައު އީޖާދުތަކާ އެކަހެރިވުމެވެ. ޠާއިފީ ބައިބައިވުންތަކަށާއި މަޒްހަބީ އަރާރުންތަކަށް ގޮވައިލާގޮވައިލުންތައް އުތުރި އެރުމެވެ. މީސްތަކުންގެ މެދުގައި ފިތުނަ އުފެއްދުމަށް ޓަކައި މީސްމީޑިއާއާއި މިންބަރުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމެވެ.
  • މި ހުރިހާ ފަސާދަތަކަކަށްވުރެ ބޮޑީ ޢަލްމާނީންގެ ފަސާދައެވެ. އެމީހުން ވެފައިވަނީ ﷲ ގެ ޝަރީޢަތް ޤާއިމުކުރުމަށް ހުރަސްއަޅައި އެންމެ ބޮޑު ބާރަށެވެ. އެމީހުންގެ ޝިޢާރަކީ "ޤައިޞަރަށް ލިބިގެންވާ އެއްޗެއް ޤައިޞަރަށެވެ. ﷲއަށް ލިބގެންވާ އެއްޗެއް ﷲއަށެވެ."
  • ފަސާދަވެރީން ދަނީ މުޅި ކައުނުގެ ނިޒާމު ޚަރާބު ކުރަމުންނެވެ. ޢާއިލީ ނިޒާމު ނައްތައިލައި އެއް ޖިންސުން ޖިންސީ ގުޅުން ޤާއިމުކުރުމުގެ ކުޅި އުފަން ކުރުވުމުގެ ސަބަބުންނެވެ. ނަތީޖާއަކަށް ވާނީ އިންސާނީ ނަސްލު އިންދިރާސްވެގެން ނެތިގެން ދިޔުމެވެ.

މި ހުރިހާ ބާވަތްތަކެއްގެ ފަސާދަ ވަނީ އިސްލާމީ ގޮވެތިތަކުގައި ފެތުރިފައެވެ. މި ކަމުގެ ސަބަބުން މުސްލިމުން ވަނީ ތަރައްޤީގެ މައިދާނުގައި ފަހަތަށް ސޮއްސާލައިފައެވެ.

ފަސާދަ ނައްތައިލުމަށް ޓަކައި ފަސާދަކުރާ މީހުންނާ ކުރިމަތިލުމަށް ލިބިފައިވާ ހަތިޔާރަކީ ﷲގެ ދީނަށް އެނބުރި އައުމެވެ. މުސްލިމުންނަށް ޢިއްޒަތާއި ޤަދަރު ލިބިފައި ވަނީ މި ދީނުގެ ތަނބުތަކުގައި ބައިބައިނުވެ ހިފެހެއްޓި ޒަމާނުގައެވެ.

 

[1]  – އަލްމާއިދާ : 33

[2]  – އަލްބަޤަރާ : 11

[3]  – އަލްއަންބިޔާއު : 22

[4]  – އަންނަމްލު : 34

[5]  – ހޫދު : 116

[6]  – މުޙައްމަދު : 22

[7]  – އައްރޫމު : 41

[8]  – ޔޫނުސް : 13

[9]  – އަލްކަހްފު : 59

[10]  – އަލްއަންބިޔާއު : 11

[11]  – އަލްޙާއްޤާ : 6-8

[12]  – އައްޝަމްޝު : 11- 14

[13]  –  ހޫދު :  82

[14]  –  އަލްއަޢުރާފު : 90-92

[15]  – ހޫދު : 94

[16]  –  ޔޫނުސް : 83

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *