ޅަފަތުގައި އުފުލި މަގޭ މަންމަގެ ހެޔޮ އުނގު ދޯއޭ
ކަފަކޮޅެއްހެން ފިރުމައިދިން ލޮބުވެތި ގޮތް ދޯއޭ
***
ރޭގަނޑަށް ތަރިތަކުގައިވާ އަލިކަން ލޮލުގެތެރޭން
ނޭނގި ދުނިޔޭގެ ލޮލަށް މާ ފަރިވާ ކޮލުގެތެރޭން
އޭގެ ވާ އިހުސާސުން މަންމަގެ މާތް ހިތުގެ ތެރޭން
ކަފަކޮޅެއްހެން ފިރުމައިދިން ލޮބުވެތި ގޮތް ދޯއޭ
ހީނލުމުން ހީވެ އަގީދުން ކުލަވަރު ދިއްލޭހެން
ނީލަމާ ޔާގޫތުން އަގުނެތި ގޮސް ގެއްލޭހެން
ބީހުމުން ދޭ ލައްޒަތު ހީވެ އެއީ ޖަންނަތުހެން
ކަފަކޮޅެއްހެން ފިރުމުން ދިން ލޮބުވެތި ގޮތް ދޯއޭ
މާނައެއް ނެތް ބަހަކުން ބޭރުވެލާ ކޫސް އަޑަކުން
މާނަ ދުނިޔޭގެ ހަޔާތާ ގުޅިދާ ޝަރަޙައަކުން
މާނކުރެވޭ ލޮބުވެތި މަންމަގެ އުންމީދުތަކުން
ކަފަކޮޅެއްހެން ފިރުމުން ދިން ލޮބުވެތި ގޮތް ދޯއޭ
***
އަދު ކޮބައިހޭ މިހިތުން ލޯބި އެ މަންމާގެ ފުށަށް
ލަދުގަނޭހޭ ނަފުސާ އޭ ކުރެވުނު ފާފަ ކުށަށް
ތަދުތަކުން ހިތުގެ އޮހޭ ތެލުގެ ދިރުން ދީ އެ ވޮށަށް
ހަނދުމައިން އަދު ނުނިމޭ ކަރުނަ ފުދޭނޭ ތޯއޭ