Support Us

ޤައުމު ބުނެއެވެ.

އަސްކަރީ ފަހުލަވާނެވެ.

ހިތްވަރު ގަދަކުރާށެވެ.

ސާބިތުވެ ހުންނާށެވެ.

ޚިދުމަތުގައި ފަސް ނުޖެހެއްޗެވެ.

ތިޔަ ޚިދުމަތެއް މާއްދިއްޔަތުގެ ލޮލަކަށް ނުފެންނާއެވެ.

ޤައުމިއްޔަތަށް ނޫނީ ތަސައްވުރެއް ނުކުރެވޭނެއެވެ.

ޤައުމީ ލޯތްބަށް ނޫނީ ފަހުމެއް ނުވާނެއެވެ.

އެކަމަކު އަހަރެން ހަނދާން ނައްތައެއް ނުލާނަމެވެ.

 

އަސްކަރީ ފަހުލަވާނެވެ.

މިނިވަންކަމުގެ ޙަޤީޤީ މާނައަކީ ލެއާއި ފުރާނައެވެ.

ކާމިޔާބީއަށް ހަނގުރާމަކޮށްފައިވާ މީހުންނެވެ.

ޝަހީދުންނާއި ޤައުމީ ބަޠަލުންނެވެ.

އިއްޔެ އެމީހުންނެވެ. މިއަދު ތިބާއެވެ.

އެކަން ޒަމާން ހަނދާން ނައްތާލަފާނެއެވެ.

އެކަމަކު އަހަރެން ހަނދާން ނައްތައެއް ނުލާނަމެވެ.

 

އަސްކަރީ ފަހުލަވާނެވެ.

ޤައުމީ ޚިދުމަތުގެ ކުރިބޯއްޓަކީ ކޮބައިހެއްޔެވެ؟

ޤައުމީ ޚިދުމަތުގެ ނާރެހަކީ ކޮބައިހެއްޔެވެ؟

ޤައުމާއި ރައްޔިތުންގެ ސިލްމާއި ސަލާމަތަކީ ކޮބައިހެއްޔެވެ؟

މި ޤައުމު ދެކެ އެންމެ ލޯބިވަނީ ކާކުކަން ދަންނަން ހެއްޔެވެ؟

އެއީ ތިބާއެވެ.

ތިބާ ނޫނީ ޤައުމަށްޓަކައި ފުރާނަ ދޭން އެއްބަސްވީ މީހަކު ނެތެވެ.

އެ ހިތްވަރެއް، އެ އަޒުމެއް، އެ ރޫޙެއް، ތިބާއަށް ނޫނީ ދައްކައިދެވިފައެއް ނުވެއެވެ.

އެކަން އަހަރެން ހަނދާން ނައްތައެއް ނުލާނަމެވެ.

 

އަސްކަރީ ފަހުލަވާނެވެ.

ޤައުމީ ރޫޙު ދިރުވާ އާލާކުރާށެވެ.

ދީނީ އަޤީދާ ހަރުދަނާކުރާށެވެ.

ތިޔަ ޚިދުމަތަށް ފަޚުރުވެރިވާށެވެ.

ޙައްޤުގެ މަގުގައި ހަނގުރާމަކުރާށެވެ.

ޤައުމު ދިފާޢުކުރާށެވެ.

ތިބާ ނެތްނަމަ ޤައުމީ ދިދައަށް މިނިވަންކަމުގެ ވައެއް ނުޖެހޭނެއެވެ.

ދައުލަތުގެ ކީރިތިކަމެއް ނޯތީހެވެ.

ރައްޔިތުންގެ މޫރިތިކަމެއް ނޯތީހެވެ.

އެކަމަކު އަހަރެން ހަނދާން ނައްތައެއް ނުލާނަމެވެ.

ފިސާރި ތެދެކެވެ. އަހަރެން ހަނދާން ނައްތައެއް ނުލާނަމެވެ.

 

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *