އުންމަތުގެ މައިކަށިން އުފެދޭތީ ރިހުން ތަދާ
ދުންމާރި އަޑު އިވޭތަ ފުމޭ އުފުލަމުން ނިދާ
ވިންދޭ ޖަހާ މި ބާރުވަނީ ލޭގެ ހިނގުމުގައި
ނިންޖޭ ހަރާމްވެފައި މިވަނީ އޭގެ ހައްގު ގައި
ބިންދާނެ ރާޅު ހޮޅިލައި ހަމަލާގެ ރައްދު ގައި
ގެންދާށެ ދައްކަމުން އަޒުމާ ހިއްވަރާ ފިދާ
ނުލަނބާނަމޭ ބޮލެއް ކަނދުރާ ކެނޑިއަކަސް ކަނޑިން
ނުބަލާނަމޭ އަރާ ދުމަކަށް އުންޑަ އާ ބަޑިން
އުދަބާނި ހިލުވިޔަސް ކުފުރުގެ އެންމެ އަޑިއަޑިން
ތެދުވާށެ އިޢުތިގާދުގެ ޖަހަމުން މެޑެލް ވިދާ
ފުނޑުފުނޑު ކުރާށެ ދެއަތުން ކަށްޓާ މަހާ ހަމާ
ގުޑުގުޑުއަޅާނެ ރޫހެއް މިކަނޑުން ނުވޭ ބިމާ
ތުނޑު ތޫނު ޚަންޖަރެއް ކުރިޔަސް ތިޔަ މެޔާ ދިމާ
ގުޑުވައިނުލާށެ ފިޔަވަޅު ސާބިތުމަގުން މިދާ
ދިއްކޮށްނުލާނަމޭ މި އަތެއް ރުހުމަކުން ހިލާ
ސިއްކިމްގެ ލޯ ދެކޭށެ އަޅާ ދުރުމި އާ ފިލާ
ސިއްކައިގެ އަތްތަކުން ގަތަމުން ދާނެ ސިލްސިލާ
ވިއްކައިނުލާށެ ގައުމުގެ އޮތް ހައިބަތީ ރިދާ