Support Us

ކާމިޔާބީގެ ތަނބުތައް

މާތްﷲ އެކަލާނގެ އަޅުންނަށް އެކަލާނގެއަށް އީމާންވުމަށް ގޮވައިލެއްވުމާ ވިދިގެން ޞާލިޙު ޢަމަލުތައް ކުރުމަށް ގޮވައިލައްވައެވެ. މި ގޮވައިލެއްވުމުން އެނގެނީ ދުނިޔެއާއި ޢާޚިރަތް ކާމިޔާބު ކުރެވޭނީ ޞާލިޙު ޢަމަލުންކަމެވެ. އެހެންކަމުން ކުރަން ޖެހޭ ފުރަތަމަ ސުވާލަކީ ޢަމަލަކީ ކޮބައިހެއްޔެވެ؟

ބައެއް ކާތިބުންނާއި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެއީ އިންސާނާ ކުރާ ކޮންމެ މަސައްކަތެކެވެ. އެއީ މާއްދީ ކަމަކަށް ވެސް މާނަވީ ކަމަކަށް ވެސް ވެދާނެއެވެ. އެއީ ފިކްރީ ކަމަކަށް ވެސް ޖިސްމާނީ ކަމަކަށް ވެސް ވެދާނެއެވެ.

  • ކީރިތި ޤުރްއާނުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފައި ވަނީ އަމުރުގެ ބަސްފުޅުތަކުންނެވެ. ކީރިތި ޤުރްއާނުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފާ ބަސްފުޅުތައް ގިނަކަމުން ޤުރްއާނަކީ މަސައްކަތަށާއި ޢަމަލަށް ގޮވައިލާ ދަޢުވަތެއް ކަމަށް ހީވެދާނެއެވެ. އެފަދަ އާޔަތެއްގައި  މާތްﷲ ވަޙީ ކުރެއްވިއެވެ. ((وَقُلِ اعمَلُوا فَسَيَرَى اللَّهُ عَمَلَكُم وَرَسُولُهُ وَالمُؤمِنُونَ وَسَتُرَدُّونَ إِلَى عَالِمِ الغَيبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُم تَعمَلُونَ[1]– މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން عمل ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ عملތައް اللَّه ދެކެވޮޑިގެންވާނެތެވެ. އަދި އެކަލާނގެ رسول އާވެސް މެއެވެ. އަދި مؤمن ތަކުންވެސް މެއެވެ. އަދި ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ حضرة އަށް ތިޔަބައިމީހުން ރައްދުކުރައްވާ ހުށްޓެވެ. ދެން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.)) މި އާޔަތުގެ ތަފްސީރުގައި އައިސްފައި ވެއެވެ. އޭ ރަސޫލާއޭވެ! ކަލޭގެފާނު އެބައިމީހުންގެ ދުނިޔެއާއި އާޚިރަތަށް ޓަކައި މަސައްކަތް ކުރުމަށް އެބައިމީހުންނަށް އަމުރުކުރައްވާށެވެ! ބާއްޖަވެރިކަން ލިބޭނީ މަސައްކަތުންނެވެ. މަސައްކަތުގައި ފަސްޖެހުމަކީ ބަހަނާއެއް ނޫނެވެ. ގަދައަޅައި މަސައްކަތްކުރުމަށް އަތުކުރި އޮޅާލައިގެން މަސައްކަތަށް ނުކުންނާށެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ތިޔަބައިމީހުން ކުރާ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކެއް ދެކެވޮޑިގަންނަވާނެއެވެ. ތިޔަބައިމީހުން ޢަމަލުތައް ކުރާއިރު އެ ޢަމަލުތަކަށް ﷲ ބައްލަވައި ވޮޑިގަންނަވާނޭކަން ދަނެތިބެ ހުރިހާ ކަމެއްވެސް ރަނގަޅަށް ކުރާށެވެ. އެކަލާނގެ ތިޔަބައިމީހުން ކުރާ ޢަމަލުތަކުގެ މަޤްޞަދުތަކާއި ލަނޑުދަނޑިތައް ދެނެވޮޑިގަންނަވާނެކަން ދަނެ ހުރިހާ ޢަމަލުތަކެއްގައި ވެސް ﷲއަށް އިޚްލާޞްތެރިވާށެވެ. ތިޔަބައިމީހުން ކުރާ ކޮންމެ ކަމެއް އެކަލާނގެ ވަޖްހުފުޅު އަދައިގެން ކުރާށެވެ! ﷲއަށް އީމާންވާ މީހާ އޭނާގެ ޢަމަލުތަކުގައި ﷲއަށް ތަޤްވާވެރިވާނެއެވެ. މީހަކަށް ގޯނާއެއް ނުކުރާނެތެވެ. އޭނާ ﷲގެ ޝަރްޢު ފަހަނަޅައި ނުދާނެއެވެ. ތިޔަބައިމީހުންގެ ޢަމަލުތައް ﷲގެ ރަސޫލާއާއި މުއުމިނުތަކުން ވެސް ދެކޭނެތެވެ. އެބައިމީހުން މީސްތަކުންގެ ޢަމަލުތަކަށް ހެކިވާނެތެވެ.[2] މުޖާހިދު ވިދާޅުވެފައިވާ ގޮތުގައި މިއީ ﷲގެ އަމުރުފުޅުތަކަށް ފުރަގަސްދޭ މީހުންނަށް އޮތް ވަޢީދުގެ (އިންޒާރުގެ) ބަސްފުޅެކެވެ. ޤިޔާމަތްދުވަހުން އެބައިމީހުންގެ ޢަމަލުތައް ﷲ ތަބާރަކަ ވަ ތަޢާލާއަށާއި އެކަލާނގެ ރަސޫލާއަށާއި މުއިމުންނަށް ހުށައެޅޭނެތެވެ. އެމީހުން ފަޟީޙަތްވެ ބޭޒާރުވާނެތެވެ. [3]
  • ﷲ ސުބްޙާނަހޫ ވަ ތަޢާލާ އިންސާނުންނަށް ބިން ކިޔަމަންކޮށް ދެއްވުމާއި މި ބިމުގައި އިންސާނުންނަށް މަސައްކަތްކޮށް އުޅެވޭނެ މަގުތައް ތަނަވަސްކޮށް ދެއްވައިފައިވާ ދެއްވުމުން އިސްލާން ދީން މަސައްކަތަށް އިސްކަންދޭ މިންވަރު އެނގެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((هُوَ الَّذِي جَعَلَ لَكُمُ الأَرضَ ذَلُولاً فَامشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزقِهِ  وَإِلَيهِ النُّشُورُ [4]– އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެކަލާނގެ حضرة އަށެވެ.)) މި ބަސްފުޅުގެ ތަފްސީރުގައި ޢިލްމުވެރީން ވިދާޅުވަނީ ﷲ ތަޢާލާ މި ބިން އިންސާނާގެ ޚިދްމަތުގައި ލެއްވިއެވެ. މި ބިމުގައި ކޯރުތައް ލައްވައި މި ބިމުގައި ދަނޑުވެރިކަން ކުރެވޭނެ މަގު ތަނަވަސްކޮށް ދެއްވިއެވެ. އަދި މި ބިމުގައި ކަނޑުތައް ލައްވައި އިންސާނުންނަށް ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށް ދެއްވިއެވެ. މި ބިމުގައި ލެއްވި ދަނޑުފަނގުތަކުގެ ސަބަބުން ނަޢަމުސޫފިތައް ގެންގުޅެވޭނެ މަގު ތަނަވަސްކޮށް ދެއްވިއެވެ. ގަސްގަހާގެހީގެ ސަބަބުން ކާބޯތަކެތި ލިބޭނެ މަގު ތަނަވަސްކޮށް ދެއްވިއެވެ. މި މަގުތައް ތަނަވަސްވެގެން ދާނީ އިންސާނާގެ މަސައްކަތުންނެވެ. އިންސާނާ އޭއްޗެހި އޭނާގެ ޚިދްމަތަށް ގެނައި މިންވަރަކުންނެވެ. އެކަމަށް ޓަކައި މަސައްކަތް ކުރުމަކީ ތަވައްކުލު ކުރުން ނަފީކުރާ ކަމެއްނޫނެވެ. މި އާޔަތުގައި ވިޔަފާރުއަށް އިޝާރާތް ކުރައްވައިފައި ވެއެވެ. [5]
  • ކީރިތި ޤުރްއާން މަސައްކަތަށާއި ޢަމަލަށް ދެއްވައިފައިވާ އަހައްމިއްޔަތު ހާމަކޮށްދޭ ކަންކަމުގެ ތެރޭގައި އީމާންކަމާއި ޞާލިޙު ޢަމަލުތައް ގުޅުއްވުން ވެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((وَبَشِّرِ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أَنَّ لَهُم جَنَّاتٍ تَجرِي مِن تَحتِهَا الأَنْهَار[6] -އަދި إيمان ވެ صالح عملތައް ކުޅަ މީހުންނަށްޓަކައި، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ! އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގައި ހުރެތެވެ. އެ ސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް، އެއުރެންނަށް ލިބޭ ކޮންމެ ފަހަރަކު، އެއުރެން ބުނާނެތެވެ.))
  • މާތް ﷲ ވަޙީކުރެއްވި އެހެން ބަސްފުޅެއްގައި ވެއެވެ. ((وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا[7] ތިޔަބައިމީހުންގެ ތެރެއިން إيمان ވެ، صالح عمل ތައްކޮށް އުޅުނުމީހުންނަށް، އެއުރެންގެ ކުރިން އުޅުނު މީހުން خليفة ވެރިކުރެއްވިފަދައިން، ހަމަކަށަވަރުން، އެއުރެން ބިމުގައި خليفة ވެރިކުރައްވާނެ ކަމަށާއި، އެއުރެންނަށްޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ دين، ހަމަކަށަވަރުން، އެބައިމީހުންނަށްޓަކައި تمكين ކުރައްވާނެ ކަމަށާއި، އެއުރެންގެ ބިރުވެރިކަމަށްފަހު، ހަމަކަށަވަރުން، أمان ކަމަކަށް އެއުރެން ބަދަލުކުރައްވާނެ ކަމަށް، اللَّه وعد ކުރައްވާފައިވެއެވެ.))
  • ކީރިތި ޤުރްއާނުގައި އީމާންކަމާއި ޢަމަލު އެކުއެކީގައި ގެންނަވައިފައިވާ ހަތްދިހަ އެތައް އާޔަތެއްވެއެވެ. މި ބަސްފުޅުތަކުގައި މާތްﷲ ގޮވައިލައްވަނީ ހަނމައެކަނި ޢަމަލަކަށް ނޫނެވެ. އެހެނެއްކަމަކު އެކަލާނގެ ގޮވައިލައްވަނީ ޞާލިޙު ޢަމަލަށެވެ. ފައިދާހުރި އުފެއްދުންތެރި ޢަމަލަށެވެ. އެއީ އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ރަނގަޅުވެގެންދާނެ ޢަމަލެވެ. އެއީ އެކަމުގެ ސަބަބުން ފަރްދުންނާއި މުޖްތަމަޢު ރަނގަޅުވެގެންދާނެ ޢަމަލެވެ. އެއީ އެކަމުގެ ސަބަބުން އިންސާނާގެ މާއްދީ ހަޔާތާއި މާނަވީ ޙަޔާތް ރަނގަޅުވެގެންދާނެ ޢަމަލެވެ. އެއީ އިންސާނާގެ ޙަޔާތަށް އަމާންކަމާއި ފާގަތިކަމާއި ބާރާއި ތަނަވަސްކަމާއި ކަރާމަތާއި ހިތްހަމަޖެހުން ގެނެސްދޭނެ ޢަމަލެވެ.
  • މުސްލިމުންނަށް ޢަމަލުގެ އަގާއި ޢަމަލުގެ މައިދާންތައް ތަޞައްވުރުކުރެވި ދެނެގަނެވުނު ޒަމާނުގައި އެމީހުން އުފެއްދުންތެރި ބަޔަކަށް ވިއެވެ. ކައުނީ ޢިލްމުތަކާއި ޝަރްޢީ ޢިލްމުތަކުގައި ކުރިއަރައިގެން ދިޔައެވެ. އެމީހުންގެ އައު އީޖާދުތަކާއި ހޯދުންތަކުން ދުނިޔެ އަލިވެގެން ދިޔައެވެ. ދުނިޔޭގެ ހަ ފަރާތް ޖާހިލުކަމުގެ އަނދިރީގައި ބަކަތަޅަމުން ދިޔައިރު މުސްލިމުން ޢިލްމީ އަދި އަޚްލާޤީ ޙަޟާރަތެއް ޤާއިމުކުރިއެވެ. މުސްލިމުން ދުނިޔޭގައި ބަސްބުނާ ބާރުގަދަ ބައެއްގެ ގޮތުގައި ހާހެއްހާ އަހަރު ދެމިތިބޫއެވެ. އެމީހުންގެ ޙާލަތު ބަދަލުވީ އެމީހުންގެ ނަފްސުތަކަށް ނިކަމެތިކަން ވަދެ އެމީހުންގެ މައްޗަށް ދުޝްމަނުންނަށް ބާރުފޯރުވުމަށް ފުރްޞަތު ދެވުނު ހިސާބުންނެވެ. އެމީހުންގެ ޞާލިޙު ޢަމަލުތައް ތަސްބީޙައާއި ނަމާދާއި ރޯދައާއި ޙައްޖާއި ޢުމްރާގެ ތެރޭގައި ކަސްތޮޅުއެޅުވި ހިސާބުންނެވެ. މި ޞާލިޙު ޢަމަލުތަކުގެ ދާއިރާއިން ދުނިޔެ އާރާސްތުކުރުމާއި ދަނޑުވެރިކަމާއި ޞިނާޢަތާއި ވިޔަފާރިއާއި މޭސްތިރިކަމާއި ޢިލްމީ ދިރާސާކުރުންތައް ބޭރަށް ނެރުނު ހިސާބުންނެވެ. އަދި ކިއެއްހެއްޔެވެ؟ ބައެއް މީހުން ހީކުރިގޮތުގައި އެފަދަ ޢަމަލުތަކަކީ ޝައިޠާނާގެ ވަސްވާސްތަކެކެވެ. އެމީހުން މުސްލިމު ދަރީންގެ ހިތްތަކުގައި މި މަފްހޫމު އިންދައި ހެއްދިއެވެ. ބޭސްވެރިކަމާއި މޭސްތިރިކަމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ކޮލެޖްތައް ދޫކޮށް ފޮތްވިއްކުމާއި އަތަރު ވިއްކުމާއި މިސްވާކު ވިއްކުމަށް ކުރިމަތިލިއެވެ. ނަތީޖާއަކަށްވީ ފަންނިއްޔާތާއި ފުނޫނިއްޔާތުގައި ފަހަތަށް ސޮއްސައިލުމެވެ. ބަޑިއާއި ބޮމާއި ރޮކެޓާއި ފަނާކުރަނިވި ހަތިޔާރުތައް ހިފައިގެން މުސްލިމުންގެ ބިންތަކަށް އަރައި މުސްލިމުންގެ ޤައުމުތައް ހިފުމެވެ. މުސްލިމުން ޖިހާދަށް ނުނުކުމެ އެރީ މިސްކިތަކަށެވެ.  މިއީ ޞާލިޙު ޢަމަލުގެ މަފްހޫމު އޮޅުމުން މުސްލިމުންނާ ކުރިމަތިވި މުޞީބާތްތަކެވެ.

 

[1]  – التوبة 105

[2]  – أحمد مصطفى المراغي، تفسير المراغي…މަފްހޫމާ އެއްގޮތަށް މާނަކޮށްފައި

[3]  – އިބްނު ކަޘީރުގެ ތަފްސީރު

[4]  – الملك : 15

[5]  – އިބްނު ކަޘީރުގެ ތަފްސީރު ބައްލަވާ!

[6]   – البقرة : 25

[7]  – އައްނޫރު : 55

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *