Support Us

އިސްލާމީ އުއްމަތް… ލޯތްބާއި ކުލުނުގެ މުޖްތަމަޢު

މުސްލިމުންނަކީ ކުލަ ތަފާތުވިޔަސް ނަސްލު ތަފާތުވިޔަސް ގިންތިއާއި ފަންތި ތަފާތު ވިޔަސް މަޒުހަބު ތަފާތުވިޔަސް ޚިޔާލާއި ވިސްނުން ތަފާތުވިޔަސް އެއް އުންމަތަކަށް ނިސްބަތްވާ ބަޔެކެވެ. އުންމަތޭ ބުނެވިއްޖެނަމަ އެމީހުންގެ ހިތަށާއި ވިސްނުމަށް އަންނާނީ އިސްލާމީ އުންމަތުގެ ވާހަކައެވެ. އިސްލާމްދީނުގެ ސަބަބުން އެމީހުން އެއް އުންމަތަކަށް ނިސްބަތްވާތީއެވެ. [1]

މުސްލިމުން އެއް އުންމަތެއް

މުސްލިމުންނަކީ އިސްލާމީ ތާރީޚުގެ ތަފާތު ޢަޞްރުތަކުން އެނގޭގޮތުގައި އެއް ޖަމާޢަތެއްގެ ބައެކެވެ. އެމީހުން އެކަތިގަނޑަކަށް ހަދައިދީ އެއް  ވައުފަށުން ބަނދެލައި ދިނީ އިސްލާމީ ޢަޤީދާއެވެ. ތައުޙީދުގެ ކަލިމައެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((إِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ[2]– ހަމަކަށަވަރުން، މިއީ، އެއް أمّة އެއް ކަމުގައިވާ ތިޔަބައިމީހުންގެ أمّة އެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ!))

އެހެންކަމުން ﷲގެ ވަޙްދާނިއްޔަތާއި އެއްކައުވަންތަކަން ޤަބޫލުކުރާ އެންމެންނަކީ އިސްލާމީ އުންމަތުގެ މީހުންނެވެ. އާދަމުގެފާނާ ހަމައިން ފެށިގެން ދުނިޔެއަށް އައި މީހުންގެ ތެރެއިން ﷲއަށް އިމާންވި އެންމެންނަކީ މުސްލިމުންނެވެ. ﷲއަށް ޚާލިޞްކޮށް އަޅުކަން ކުރާ ﷲގެ އިލާހުވަންތަކަމާއި ރުބޫބިއްޔަތު ޤަބޫލުކުރާ އެންމެންނަކީ މުސްލިމުންނެވެ. މުސްލިމުންނަކީ އެއް އުންމަތެއްކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللّهِ [3]– މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ.))

މުސްލިމުން ޢަރަބީންނަށާއި ޢަޖަމީންނަށް، ޢަރަބީންނަށާއި އަމާޒީޣުންނަށް، ޢަރަބީންނަށާއި ކުރްދީންނަށް، ޢަރަބީންނަށާއި ތުރްކީންނަށް، ޢަރަބީންނަށާއި މެލޭމީހުންނަށް، ޢަރަބީންނަށާއި ފަޠާނީންނަށް، ޚަލީޖީންނާއި ޚަލީޖީނޫންމީހުންނަށް ފޮތިފޮތިކުރާން މަސައްކަތް ކުރާމީހުންނަކީ އިސްލާމީ އުޞޫލުތަކާ ޚިލާފު ބައެކެވެ. އެމީހުންނަކީ މަގުގެއްލުމަކަށް ގޮވައިލާ ބައެކެވެ. އެމީހުންނަކީ ޙަޤީޤަތަށް ފަސްއަޅައި ވަޅުލާން އުޅޭ ބައެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރައްވައިފައި ވަނީ «إنَّ اللهَ لا يَجمَعُ أُمَّتي على ضَلالةٍ [4]-ހަމަކަށަވަރުން ﷲ ތިމަންކަލޭގެފާނުގެ އުންމަތް ފުރެދުމެއްގެ މައްޗަށް ޖަމާ ނުކުރައްވާނެތެވެ.)) މި އުންމަތް ފުރެދުމެއްގެ މަތީގައި ނުވަތަ ބިދްޢެއްގެ މަތީގައި ޖަމާކުރާން އުޅޭ މީހުން އެ ކުރާ މަސައްކަތަކީ ﷲގެ މި ބަސްފުޅާ އަރާރުންވާ ކަމެކެވެ. އެކަމަށް މާތްﷲ މަގު ތަނަވަސްކޮށް ނުދެއްވާނެތެވެ.

އިސްލާމީ އުންމަތަކީ އިސްލާންދީނާއެކު އުފަންވެފައިވާ ޙަޤީޤަތެކެވެ.މި އުންމަތް ބޮޑުވެ ފުޅައުވެފައިވަނީ އެ ދީން ފެތުރިގެން ދިޔުމާއެކުގައެވެ. އެއީ ދީނީ މަންޠިޤުންނާއި ތާރީޚީ ޙަޤީޤަތްތަކުންނާއި ޖޯގްރަފީ ޙަޤީޤަތުންނާއި ޒަމާނީ މަންޠިޤުންނާއި އެހެން މީހުންގެ މަންޠިޤުން ވެސް ޙަޤީޤަތެކެވެ.

ދީނުގެ ނަޒަރުގައި މުސްލިމުންނަކީ އެއް އުންމަތެއްގެ ބައެކެވެ. އެއީ ނަސްލުގެ ގޮތުންނާއި ޤައުމުގެ ގޮތުންނާއި ބަހުގެ ގޮތުން ސިންދަފާތު ބަޔަކަށް ވިޔަސް އެއީ ހަމަ އެއް ބަޔެކެވެ. ﷲ ތަޢާލާ މިކަން ބަޔާންކޮށް ދެއްވައި ވަޙީ ކުރެއްވިއެވެ. ((وَجَعَلْنَاكُمْ شُعُوباً وَقَبَائِلَ لِتَعَارَفُوا [5]– އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ.))

މި ބަސްފުޅުން އެނގެނީ މުސްލިމުން ތަފާތު ޤައުމުތަކަށް ނިސްބަތްވުމަކީ މަސްއަލައެއް ނޫންކަމެވެ. މުސްލިމުންގެ މެދުގައިވާ މި ނަސްލީ ތަފާތުތަކާއި ބަހުގެ ތަފާތުތަކާއި ޖޯގްރަފީ ތަފާތުތައް އިސްލާންދީނުގެ ސަބަބުން ވަނީ އެއްގަލަކަށް އަރައިފައެވެ. މި އެންމެން ވަނީ އިސްލާމީ ތާހުގެ ތެރޭގައި ވިރި އެއް މަޢުދަނަކަށް ވެފައެވެ. އެމީހުންގެ ޢަޤީދާއާއި އަގުތަކާއި ޙުކުންތަކާއި އާދާބުތަކާއި އަޚްލާޤިއްޔާތުގެ ސަބަބުން އެ މީހުން ވަނީ އެއް ގިއުގަނޑެއްގެ ތެރޭގައި އެއް ޝަޚްޞަކަށް ވެފައެވެ. އިސްލާމީ ތަފާތު ޤައުމުތަކުގެ މެދުގައިވާ މި ސިންދަފާތުތަކަކީ އެމީހުންގެ ބާރާއި މުއްސަނދިކަން ދައްކުވައިދޭ ޢުންޞުރުތަކެކެވެ. އެއީ އެކަތި އަނެކައްޗާ އަރާރުންކޮށް ނަފްރަތުކުރުވާ ޢުންޞުރުތަކެއް ނޫނެވެ. އުންމަތަށް ނިސްބަތްވުމަކީ ވަޠަނަށާއި ޤައުމަށް ނިސްބަތްވާ ނިސްބަތްވުން ބާޠިލު ކުރާ ކަމެއްނޫނެވެ. އިސްލާންދީން ޤައުމު ދެކެ ލޯބިވުން މަނައެއް ނުކުރެއެވެ. އެހެނީ ޤައުމު ދެކެ ނުވަތަ ވަޠަނު ދެކެ ލޯބިވުމަކީ ފިޠުރީ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ހިޖްރަ ކުރެއްވުމަށް ޓަކައި މައްކާއިން ބޭރަށް ނުކުމެވަޑައިގެން ޙަދީސް ކުރެއްވިއެވެ. ((واللَّهِ إنِّي أعلمُ أنَّكِ خَيرُ أرضِ اللَّهِ وأحبُّها إلى اللَّهِ ولَولا أنَّ أهلَكِ أخرَجوني مِنكِ ما خرَجتُ [6]– ﷲ ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިބާއަކީ ﷲގެ އެންމެ ހެޔޮ ބިންކަމާއި ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ފަރާތްކަން ތިމަންކަލާނގެފާނަށް އެނގިވަޑައިގަންނަވައެވެ. ތިބާގެ އަހްލުން ތިމަންކަލޭގެފާނު ތިބާގެ ގާތުން ބޭރަށް ނެރެނުލިނަމަ ތިމަންކަލޭގެފާނު ބޭރަށް ނުކުމެވަޑައިނުގެންނެވީމުހެވެ.))

އިންސާނަކު ތަފާތު ދާއިރާތަކަކަށް ނިސްބަތް ވެދާނެއެވެ. އެއީ އެއްބައިން އަނެއް ބައި ފުރިހަމަކޮށްދޭ ތަކާމުލީ ކަމެކެވެ. އެއީ އަރާރުންވާ ކަމެއްނޫނެވެ. ކީރިތި ރަސޫލާ ﷺގެ ބައެއް ޞަޙާބީން އެބޭކަލުންގެ ޤައުމުތަކަށް ނިސްބަތް ކުރެވިގެން މުޚާޠަބު ކުރެވިފައި ވެއެވެ. ސަލްމާނުލް ފާރިސީ (ފާރިސް ކަރައަށް ނިސްބަތް ކުރެވުނީ އެކަލޭގެފާނަކީ އަޞްލު ފާރިސްކަރައިގެ ބޭކަލަށް ވާތީއެވެ.) އެކަލޭގެފާނާ ބެހޭގޮތުން ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވީ ކީކޭތޯއެވެ؟ ((سَلمانُ مِنّا أَهلَ البيتِ [7]– ސަލްމާނަކީ ތިމަންކަލޭގެފާނުމެންގެ އަހްލުލް ބައިތިގެ މީހެކެވެ.)) ބިލާލުގެފާނުގެ ނަންފުޅަކީ ބިލާލުލް ޙަބަޝީއެވެ. ޞުހައިބުގެފާނަކީ ޞުހައިބުއްރޫމީއެވެ.

އިސްލާމީ މުޖްތަމަޢު

އިސްލާންދީން މި ވަނީ ޢަރަބީންނާއި ފާރިސީންނާއި ރޫމީންނާއި ޙަބަޝީން އެއްބައެއް ކަމުގައި ހަދައިފައެވެ. ވަޠަނާއި ރަށް ތަފާތުވިޔަސް އެއީ އެއް ގެއަކަށް ނިސްބަތްވާ ބައެކެވެ. އެއީ ތަކާމުލީ މުޖްތަމަޢެކެވެ. މި މުޖްތަމަޢުގައި ކޮންމެ ފަރްދަކަށް ވެސް އަމާންކަމާއި ޢިއްޒަތްތެރިކަމާއެކު ދިރިއުޅުމުގެ ފުރްޞަތު ލިބިފައިވެއެވެ. އޭނާއަށް މިނިވަންކަމާއި ހަމަހަމަކަން ލިބިގެން ވެއެވެ. ޙައްޤުތަކާއި މަސައްކަތްކުރުމުގެ ފުރްޞަތު ތަނަވަސް ވެފައިވެއެވެ. އެއީ އޯގާވެރި އުޚުއްވަތްތެރި މުޖްތަމަޢެކެވެ. މިއީ ޞާލިޙު ޢަމަލާއި ފައިދާހުރި ޢިލްމުގެ މުޖްތަމަޢެކެވެ. އެއީ އެކަކު އަނެކަކަށް އަޅައިލުމާއި ރަޙްމުކުރުމާއި ކުލުނާއި ލޯބީގެ މުޖްތަމަޢެކެވެ. އެއީ އުފެއްދުންތެރިކަމާއި އާރާސްތުކުރުމާއި ބިނާކުރުމުގެ މުޖްތަމަޢެކެވެ. އެއީ މަސައްކަތުގައި އޚްލާސްތެރި ވަޢުދު ފުއްދުމުގައި ވަފާތެރި ހިތްހެޔޮ މުޖްތަމަޢެކެވެ. އެއީ ހެޔޮކަންތަކަށް އަމުރު ކުރާ މުންކަރާތްތައް ނަހީކުރާ އެއް ހަށިގަނޑެއްގެ ވެރި މުޖްތަމަޢެކެވެ.[8]

އިސްލާމީ މުޖްތަމަޢަކީ އިންސާނާގެ ރޫޙާއި އިންސާނާގެ ކަރާމަތާއި އިންސާނާގެ ޙައްޤުތައް ރައްކައުތެރިކޮށްދޭ މުޖްތަމަޢެކެވެ. ﷲގެ ޙަޟްރަތުގައި ގެފުޅުގެ ހުރްމަތްތެރިކަމަށްވުރެ އިންސާނާގެ ލޭގެ ޙުރްމަތްތެރިކަން ބޮޑެވެ. އެއީ އިންސާނާއަށް އަމާންކަންދޭ މުޖްތަމަޢެކެވެ. އެއީ މާފުކުރުމާއި ތަސާމުޙުގެ މުޖްތަމަޢެކެވެ. އެއީ ހުރިހާ ދިރޭ އެއްޗެއްސަށް އޯގާވެރި މުޖްތަމަޢެކެވެ. ބުޅަލެއް ގެނެސް ބަނދެފައި އޭއްޗަށް ކާންނުދީ ބޭއްވުމުގެ ސަބަބުން މި މުޖްތަމަޢުގެ އަންހެނަކު ނަރަކައަށް ވަންނާން ޖެހުނެވެ. އަދި އެއީ ކަރު ހިއްކައިގެންފައިވާ ކުއްތާއަކަށް ފެންފޮދެއް ދިން ކުށްފާފަތައް ގިނަ އަންހެނަކަށް މާތްﷲ ފާފަފުއްސަވައިދެއްވައި ސުވަރުގެ ވެއްދެވި މީހުން އުޅުނު އޯގާވެރި ނިކަމެތި މީހުންނަށާއި އެއްޗެއްސަށް އަޅައިލުމުގެ މާތް މުޖްތަމަޢެކެވެ. މިއީ ބައިނަލްއަޤްވާމީ މުޖްތަމަޢުން ޤަރާރުތައް ފާސްކޮށްގެން ޖަނަވާރުންނަށް އޯގާވެރިވުމުގެ ދުވަހެއް ފާހަގަކުރަން ފެށުމުގެ ކުރީން އެކަން ދަންނަ އެ ގޮތަށް ޢަމަލު ކުރި މުޖްތަމަޢެކެވެ.

އެއީ އަންހެނުންގެ ޙައްޤުތަކާއި މިލްކިއްޔާތުތަކާއި އަބުރުތައް ރައްކައުތެރިކުރާ މުޖްތަމަޢެކެވެ. މައްކާ ފަތަޙަ ކުރެއްވި ދުވަހު ޢަލީގެފާނު މުޝްރިކަކު ޤަތުލު ކުރައްވަން އުޅުއްވި ހިނދު އުއްމު ހާނީ އޭނާއަށް ޙިމާޔަތް ދެއްވުމުން އުއްމު ހާނީ ޙިމާޔަތް ދެއްވި މީހަކަށް ތިމަންކަލޭގެފާނު ޙިމާޔަތް ދެއްވައިފީމޭ ޙަދީސް ކުރެއްވިއެވެ.

މި މުޖްތަމަޢަކީ ބަދަލު ހިފުމުގެ ޖާހިލީ ރޫޙުން ޠާހިރުވެފައިވާ މުޖްތަމަޢެކެވެ. މިއީ ކީރިތި ރަސޫލާ ﷺގެ ބޮޑުބޭބޭފުޅު ޙަމްޒަތުގެފާނުގެ ޤާތިލު ވަޙްޝީގެ ތައުބާގެ ޤަބޫލު ކުރި މުޖްތަމަޢެވެ. މިއީ ޙަމްޒަތުގެފާނު ޤަތުލުކޮށްދިނުމުން ވަޙްޝީ މިނިވަންކުރި އަބޫ ސުފްޔާނުގެ އަނބިކަނބަލުން ހިންދު  އިސްލާންވެ ވަޑައިގަތުމުން އޭނާއަށް މާފުދިން މުޖްތަމަޢެވެ.

މި މުޖްތަމަޢަކީ ޙައްދުތައް  ޤާއިމުކުރުމުގައި ޢިއްޒަތްތެރީންނާއި އާދައިގެ މީހުން ތަފާތު ނުކޮށް ޢަދްލު އިންސާފު ޤާއިމު ކުރި މުޖްތަމަޢެކެވެ. މަޚްޒޫމު ވަންހައިގެ މާތް އަންހެނަކު ވައްކަން ކުރުމުން އޭނާ އަތް ނުކަނޑުއްވާ ދޫކޮށްލައްވާތޯ ކީރިތި ރަސޫލާ ﷺ އަށް ދެންނެވުމުން ކޯފާ އިސްކުރައްވާ ޙަދީސް ކުރެއްވީ (لو أنَّ فاطمةَ بنتَ مُحمَّدٍ سرَقَتْ، لقطَعْتُ يدَها[9]– މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަންކުރެއްވިކަމުގައި ވިޔަސް ތިމަންކަލޭގެފާނު އެކަމަނާގެ އަތްޕުޅު  ބުރިކުރައްވާނަމެވެ.) މި މަސްއަލައިގެ އުސާމަތުގެފާނު ރަސޫލާގެ އަރިހުން ޝަފާޢަތަށް އެދިވަޑައިގަތުމުން ޙަދީސް ކުރެއްވީ ((أتَشْفَعُ في حَدٍّ مِن حُدُودِ اللَّهِ – ﷲގެ ޙައްދުތަކުގެ ތެރެއިން ޙައްދަކާ ބެހޭގޮތުން ކަލޭގެފާނު ޝަފާޢަތްތެރިވެ[10] ވަޑައިގަންނަވަނީ ތޯއެވެ؟))

އެއީ ފާފަވެރިވުމާއި ޢަދާވަތްތެރިވުމުގެ މައްޗަށް އަނެކަކަށް އެހީވެ، ވާގިވެރިވާ މުޖްތަމަޢެއް ނޫނެވެ. އެއީ ހަވާނަފްސާ އެއްގޮތަށް މީހުން މަރައި މުޖްތަމަޢެއް ނޫނެވެ.

އަޅުގަނޑުމެން މަސައްކަތް ކުރަންވީ ނަފްރަތްތެރިކަމުގެ ބަދަލުގައި ލޯބި ޒިރާޢަތް ކުރާށެވެ! މަޒްހަބީ ފިތުނައިގެ ބަދަލުގައި ޤައުމު ދެކެ ލޯބިވުން ޒިރާޢަތް ކުރާށެވެ. ދޮގުވެރިކަމުގެ ބަދަލުގައި ތެދުވެރިކަން ޒިރާޢަތް ކުރާށެވެ! ޤައުމު ގަނޑުބަޑުކުރުމުގެ ބަދަލުގައި އެންމެން އެކުގައި ޞުލްޙަވެރިކަމާއެކު އުޅުމުގެ އުޞޫލުތައް ޒިރާޢަތް ކުރާށެވެ!

[1]  – الأمة الإسلامية حقيقة لا وهم – ޑރ. ޔޫސުފުލް ޤަރްޟާވީ – ޞ : 7-8

[2] – الأنبياء : 92

[3]  – آل عمران: 110

[4]  – أخرجه الترمذي (٢١٦٧)، والحاكم (٣٩٦)، وأبو نعيم في «حلية الأولياء» (٣/٣٧)

[5]  – الحجرات: 13

[6]  – أخرجه أحمد (١٨٧١٧)، وأبو يعلى (٥٩٥٤)، والبيهقي (٢/٥١٨)

[7]  – السيوطى ، الجامع الصغير  (4680 )

[8]  – المجتمع المسلم كما بينه الإسلام في الكتاب والسنة –  محمد علي الهاشمي – ޞ : 8

[9]  – أخرجه البخاري (٣٤٧٥)، ومسلم (١٦٨٨)، وأبو داود (٤٣٧٣) واللفظ له، والترمذي (١٤٣٠)، والنسائي (٤٨٩٩)، وابن ماجه (٢٥٤٧)

[10]  – މާނައަކީ އަދަބު ލުއިކޮށް ދިނުމަށް އެދުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *