އަލުން އާ ފެށުމަކުން މި ފެށީ، އެ ހިތްދަތި ބާބު ލައްޕާފައި
ލޮލުން އޮހޮރުނު ކަރުނަތައްވެސް އަތުގެ ނުފުށުންމެ ފޮހެލާފައި
ހަޔާތާ ލާމެހުނު ގުޅުމާ، ގުޅުންދިން ލައްޒަތާ އުފަލާ
އޮޔާދިޔަޔަސް އެޅީ ފިޔަވަޅު ހިތާ ވިންދާއި ހާނާފައި
ކެހުނު ފަރުދާގެ ނިވަލުންއައި ހަޔާތަށް ބާރު ޠޫފާނުން
ޖެހުނު ވައިރޯޅިއެއް ދިޔައީ އެ ހުޅުކޮޅު އަދު ނިވާލާފައި
އުދާހާ ވޭނުގައި ހިތްދަތި ގުނަން މަޖުބޫރުކުރި ރޭތައް
ހަނދާނާއެކު ވިޔަސް މާޒީ، އަލުން ނުކިޔަން ހުވާކޮށްފައި
ބަރާކޮށްގެން ހަޔާތުގެ ނައު، ފުރައިގެން މާ ދުރަށް މިދަނީ
ތަރާދުން ހިތުގެ، ބުރަދަންހުރި ކަރުނަތިކިތައް ކިރާލާފައި
ޚިޔާލުތަކާއި އިހްސާސްތައް، ގަޔާވީ ރީތި ހުވަފެންތައް
ހަޔާތުގެ ބިއްދޮށަށް ވަޅުލީ އަމިއްލަ އަތުން ކަފުންކޮށްފައި