ހިތުގައިޖަހާ ފޮނި ވިންދުތައް އިއްވައިދެނީ ތި ނަދާތަކޭ
ނިތުގައިވި ކަންބޮޑުވުން މަގޭ ފިލުވައިދެނީ ތި އަދާތަކޭ
ދަތި އުނދަގުލާ ކެކުޅުންތަކުން ދުރުކޮށް ތަސައްލީ ހޯދުމަށް
ލަތިދީ ނަޔާ ފައްވާރަކުން ފިނިކަންދެނީ ތި އޮހުންތަކޭ
ފިނިފިނި ނަސީމީ ރޯޅިތައް ގައިގައި އޮމާން ބީހޭހިނދުން
ހިނިތުންވަމުން ހިތު ވިންދުގައި އާލާވަނީ ތި އަސަރްތަކޭ
ގުލްޝަން ޢަބީރީ މާމަލުން ވަސްމީރު ފޮނި އެއްވަސްވުމުން
އުލްފަތުގެ ޖައްވީ މަސްރަހުން އިޙުސާސްވަނީ ތި ހުވަނދުތަކޭ
ގަސްތަކުގެ ފަރި ޙަރަކާތްތަކުން ގެނުވާ ނިހާއީ ހެލިލުމުން
ގަސްތާނުލައި ހިމަ ނާރުގައި ތިލަވެވިދަނީ ތި ހިލަންތަކޭ
މަޑުމަޑު ތެމާ ކަނޑުގައި ކުރާ ދަތުރުގެ އަމާން ދުވެލީތެރޭ
ގަނޑުކޮށް މަގޭ މި ވުޖޫދުގައި ވިކަމުންދަނީ ތި ހަދާންތަކޭ
އިރު އުދަވުމުން ކުރަހާލެވޭ އުދަރެހުގެ ޗާލު މަނާޒިރުން
ދިރުމެއް ލިބޭއިރު ލޯމަތީން ސިފަކޮށްދެނީ ތި ފޮޓޯތަކޭ
އައުދާނަ ތިޔަ ޖިސްމަށް ޓަކައި ނިމުމެއްނުވާ ތަޢުރީފުގައި
ކައުނާ ފަޒާ ފަވަމުންދަނީ ތިޔަ ނަމުގެ ރަން ލަހުޖާތަކޭ
