ނޫ އުޑުން އަލިމަޑުވަނީތޯ ރޭގަނޑަށް ތަރި ފިޔަޖަހާ
މޫސުމަށް ވައިރޯޅި ފިރަނީތޯ އިރުން ގަދަ ހަޅަޖަހާ
ލޭފަވެތި އުދަރެސްމަތީ މާޒީގެ އެއްކުރި ހިރަފުހުން
ބޭވަފާތެރި ކަޅުވިލާތައް ފަތުރަނީތޯ ބޯޖަހާ
ނުރުހުމާ ކުރިމަތިވުމުން ހިނދުގާ ހަގީގަތް ހާމަވާ
ބުރުނު ކޮޅިގަނޑުތޯ ޖެހެންވީ ގުގުރިތައް އަޑުގަދަ ޖަހާ
ހިންމަތާ މިންނަތުގެ އަތްތައް ސިއްރުވެރި ޖީބަށް މަހާ
ބިންމަތިން ވެލިކާން ތިބެން ދިވެހީން މިވީތޯ ބަނޑުޖަހާ
މީ ބިމޭ ޣާޒީންގެ ލަޝްކަރު ވީ ފިދާ މިބިމަށް ޓަކާ
ނީލަމަށް ލާންހޭ މިވީ އަދު ބިމުގެ ކަރުގާ ވާޖަހާ
ދުލުގެކުރިއަށް އަންނަ ބަސްތައް ހިތުގެ ޣިޔަރަތު ނުފުދިގެން
ފުލުފުލުން ކުށްވެރިކުރުންހޭ ލާޒިމީ ގުންފައިޖަހާ
ހިތުގެ ޝަކުވާ ކޯދުލައިގެން ފުރިއުތުރި ބަންޑުން ވިއަސް
ފިތުނަ އަށް ތޯ ވާހުށީ ލިޔެވޭ ލިޔުން އެ ނަމެއް ޖަހާ
ލޯބިވާ ގައުމަށް ޓަކައި ވިންދެއް ޖަހާނަމަ ހިތުތެރޭ
ލޯފުރާފައި ކަރުނަތޯ އަންނަން މިވީ އަދު ގިސްޖަހާ
ނޫނެކޭ މިވެލީގެ ތަސްބީހައިގެ ނަޣަރާ އުފުލަނީ
ދޫނުކޮށް ދުއްވާށެ ގައުމުގެ ނައު ރިޔާ ހުރިހާ ޖަހާ