ދުނިޔެ މީ އަޅެ ކީއްކުރަން މިވަރުން އުޅެންވީ މަންޒިލެއް
މުނިއަވަސް ފިލުވައިލެވޭވަރު ވެސް ނުވާ ކެހިވެރި ތަނެއް
އެއްދުވަހު ލިބެނީ އުފަންވީ ޚަބަރު އޭނާ ދުނިޔެއަށް
ދެން އެއާ ޖެހިގެން ލިބޭނީ ހަމަ އެ މީހާ މަރުވި ޚަބަރެއް
ރޭދުވާ އެކުގައި އުޅުނު މިތުރުންގެ ކައިރިން ވަކިވެގެން
ރޭގެ ނިދި ނިންމާލުމަށް ދޮޅިއުފުރަމުން ލާ ނޭވައެއް
މުޅި ޙަޔާތަށް ފޮނި އެތައް އުއްމީދަކާއެކު ކުރިކަމެއް،
ހުރި ތަނެއްގައި ހުރިގޮތަށް ހުއްޓާ ޢުމުރު ނިމިދާ ތަނެއް
އެކުވެރީންނާ ރައްޓެހިން ރަޙްމަތްތެރިން ގުޅިގެންމިތާ
އެކުއުޅެން ލިބެނީ މިދުނިޔޭން ދާދި ކުޑަކުޑަ ހިނދުކޮޅެއް
މައި ބަފައިންނާ އަނބި ދަރީންނާ ޢާއިލާ ޒިއްމާތަކުން
މައިބަފައިން ޙައްގެއް އަދާނުވެ އުޅެނިކޮށް ނިމިދާ ތަނެއް
ކީއްކުރަންތޯ އެކަކު އަނެކަކު މޫނުކެނޑި ދުޝްމިނުވަނީ
ކީއްކުރަންތޯ ދުނިޔެމީ އެއްވެސް އަގެއްނެތް ކުނިގަނޑެއް
ހެޔޮކަމެއް ނޫނީ މިތާ ކުރުމުގެ އޮތީ ކޮން ބޭނުމެއް
ހެޔޮކަމެއް ނެތް މީހަކީ ދެން ކީއްކުރާ "މުޅަ މަސްގަނޑެއް"
ވަގުތު ހޯދައިގެން ކުރަންވީ މާތް އިލާހަށް އަޅުކަމެއް
ވަގުތު ފާއިތުވުމުގެ ކުރިއަށް މިލިބެނީ ކުޑަ ހިނދުކޮޅެއް
ދުނިޔެ ހިތަކަށް ލިބި ތިމާ މުއްސަނދި ވެގެން ގޮސް އުދުހުނަސް
ދުނިޔެ ދޫކޮށްދާ ދުވަހު ގެންދަން އޮތީ ކުޅަ ހެޔޮކަމެއް
