Support Us

ނާއިޝް: ސްކޫލްގައި ރައިވަރު ހުށަހަޅައިދެނީ

ނާއިޝް: ދިވެހި ރައިވަރަށް އުދަވި އަލިއަލި އިރެއް

މި ލިޔުމުގެ އުސްލޫބު ތަފާތުވާނެއެވެ. ވިދާޅުވަމުން ގެންދެވި ވަރަކަށް ލިޔުމުގެ ބޭނުން އޮޅުންފިލައިވަޑައިގަންނަވާނެއެވެ. ނިމެންދެން ވިދާޅުވާން ވާނެއެވެ. ތަފާތު ނަޒަރުން ވިސްނައިވަޑައިގަނަވަމުން ކުރިޔަށް ވަޑައިގަންނަވާށެވެ. ކުޑަކުޑަ ނާއިޝްއަކީ ދިވެހި ރައިވަރަށް އުދަވި އަލިއަލި އައްޔެކެވެ. އެ ކުޑަކުޑަ ނާއިޝްއާ ބައްދަލުވެވަޑައިގަންނަވަން ދެން ލިޔުން ވިދާޅުވާށެވެ.

ދިވެހި ވަޒަންބަހުރުވައިގެ ބާވަތްތަކުން އެންމެ ދިވެހިވަންތަ ގޮތްހުރި އަމިއްލަވަންތަ އުފެއްދުމަކަށް ފެންނާން އޮތީ ރައިވަރެވެ. ރައިވަރާ މެދު ވާހަކަ ދައްކަވަމުން އެމެރިކާގެ އޮހަޔޯ ޔުނިވަރސިޓީގެ ދާރިސް ޑރ. ގެރެޓް ފީލްޑް ވިދާޅުވީ ދިވެހި ރައިވަރުގައި ހުންނަ ބަސްއޮޅުވުން ފަދަ ސިފައެއް އޭނާ ބެއްލެވި އެހެން އެއްވެސް ގައުމެއްގެ ޅެންވެރި އުފެއްދުމަކުން ދެކެވަޑައި ނުގަންނަވާ ކަމުގައެވެ.

ތެދެކެވެ! މިފަދަ ކިތަންމެ އަޖައިބުވަނިވި ސިފަތަކެއް ރައިވަރުގައިވެއެވެ. އޭގެ ބަސްތަކުގެ ފުރިހަމަކަމެވެ. އޭގެ މުލައަކުރާއި ބަނޑުވައްއަކުރުގެ ރީތި އެއްވަރުކަމެވެ. އޭގެ ފިލިކޯޅި އެއް ގޮތް ކުރުމުގެ އުސްލޫބެވެ. އޭގެ ކާފިޔާތަކުގެ ނަލަކަމެވެ. ގަތްބަހެވެ. ފަހުބަހެވެ. ތިން ބަހުގެ ތެރޭ ނުވަތަ ހަ ބަހުގެ ތެރޭ ބަޔާންކޮށްފައިވާ މާސިންގާ ފަރުބަދަހައި ބިޔަ، ހައިވަކަރުހައި ހަރު ބުނުންތަކެވެ. އަގުހުރި ފިލާވަޅުތަކެވެ. އެންމެ އާދަޔާޚިލާފު ސިފައަކީ އޭގެ ރާގެވެ. ދިވެހިވަންތަ ރަހައެވެ.

ރައިވަރުގެ ހަމަ ވަކި ގޮތެއްގައި ތަރުބީވެފައި ނެތި އޮތް އޮތުން ނައްތަވައިލައްވައި، ތަރުތީބު މަގެއް ކޮށްޓަވައި ތިން ބަހާއި ހަ ބަހުގެ މައްޗަށް ރައިވަރުގެ ހަމަ ހިފެހެއްޓެވީ އައްޝައިޚް އެދުރު އުމަރު މާފަތްކަލޭފާނެވެ. އެ ހަމަތަކުގެ މައްޗަށް ބިނާކުރައްވައިގެން އޭނާ ވަނީ ރައިވަރު ފޮތެއް ހައްދަވައިފައެވެ. އެއީ ބޮޑުތާހީދެވެ. އޭގެފަހުން ބަނޑޭރި ޙަސަން މަނިކުފާނާއި އައްޝައިޚް މުޙައްމަދު ޖަމާލުއްދީން އިބްނުއްނާއިބް ޢީސަލް މުލަކީ އާދެ ނާއިބު ތުއްތު، އެކި މައުޒޫގައި އެކި ދާއިރާތަކަށް އަމާޒުކުރައްވައި އަލިމަހާއި ގިލާދަތުން އުއްތަވައި ގައްތަވައި ރަތުރަނުން މުލައްމާ ކުރައްވައިގެން  ދިވެހި އަދަބަށް ވެދުން ކުރައްވައިފައިވާ ރައިވަރުގެ ގިލަފަތިތަކުގެ ވިދުން ގަދައެވެ. ނަލައެވެ.

އެއީ ރައިވަރުގެ ގުލިސްތާނުގެ އެންމެ ކަލާސިކީ ރަތްމުތްތަކެވެ. އެދުރު ޢުމުރަ މާފަތްކަލޭގެފާނުގެ ބޮޑުތާހީދާއި ބަނޑޭރި ޙަސަން މަނިކުފާނު ހެއްދެވި އަރިއަތޮޅު އަރުމާދު ރައިވަރާއި ދިޔޯގެ ރައިވަރާއި ނާއިބު ތުއްތު ހެއްދެވި ތަޤުވީމުއްލިސާނިއާއި ސުއްކަތުރާ ހަބަރާއި ސިއްކަމޮހަރީއާއި ލަކުޑިފޮތް މުޑަނަފޮތާއި ރަޒުވާ ރައިވަރާއި ފަހުޒަމާން ރައިވަރު ފަދަ ރައިވަރުތަކެވެ. މި ތަކެތީގެ ނަން ނުގެނެސް ރައިވަރާ މެދު ލިޔާ ލިޔުމެއް ފުރިހަމަ ނުވާނެއެވެ. ރިވެތިކަމުގައި އެފަދަ ދެވަނައެއް ނެތް މޮޅު ރައިވަރުތަކުން ދިވެހި އަދަބު ފަރި ކުޅަ އަދީބުންނަށް ދެންނެވޭ ޝުކުރަކަށް ނިމުމެއް ނެތެވެ. އެހެނީ ރައިވަރަކީ ދިވެހި އަދަބީ ގުލްޒާރުގެ އެންމެ ފޮނި މާމެލާމެއްޔެވެ. ދިވެހި އަދަބު ދުށް އުފާވެރި އަދަބީ ބަހާރުގެ ބާނީ، އައްނަބީލް މުޙައްމަދު އަމީން ދީދީ ވިދާޅުވެފައި ވެއެވެ. "ރައިވަރުގެ ފޮނި މާމެލާމެލި ނެތި ހެދޭ ގުލްޒާރަކަށް ގައިމުވެސް ޅެންވެރިކަމުގެ ގުލްޒާރެކޭ ނުކިޔޭނެޔޭ"އެވެ.

ރައިވަރުގެ ރާގުގެ ގޮތުގައި މި ފަހަކަށް އައިސް މަދަރުސާތަކުގެ ކުދިންނާއި، އަދި ބައެއް އެހެން ފަރާތްތަކުން  އެކިއެކި ތަންތާނގައި ކިޔާ އަޑު އިވެނީ ރައިވަރުގެ ފުރިހަމަ ރީތި ރާގެއްގައެއް ނޫނެވެ. އެއީ 1990ގެ ފަހުކޮޅުގައި ކަހަލަ ގޮތަކަށް އާންމުވި ރާގެކެވެ. ހަގީގަތުގައި ރައިވަރުގެ ރާގަކީ އަހާއަހާ ފޫހިނުވާ އެއްޗެކެވެ. އިވުނުއިވުނުހެން ޒާތެއްގެ "މަސްތެއް" ކުރުވާ އެއްޗެކެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ. ދެން ފެނިވަޑައިގަންނަވާނީ މުޅީން އައު ވާހަކައެއްކެވެ. އައު ބާބެކެވެ.

ފަހުގެ ޒަމާނެއްގައި ރައިވަރުގެ ރީތި ރާގުގައި ރައިވަރު ކިޔުއްވި އެއް ބޭކަލަކީ މ. ގުލްޝަމީމާގެ އަލްމަރްޙޫމް މުޙައްމަދު ނިޒާރެވެ. އާދެ ރައިވަރުގެ ދުނިޔޭގައި މަޝްހޫރު ރަތްނިޒާރެވެ. ރަތްނިޒާރު ކިޔުއްވައިފައިވާ ރައިވަރުތައް އަޑުއަހާ ފޫއްސެއް ނުވެއެވެ. ދެން އެފަދަ އަނެއް ބޭކަލަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ ދިވެހި ލަވައިގެ ދުނިޔޭގައި މަޝްހޫރު ދޮހޮއްކޮބެއެވެ. އާދެ ނައިފަރު ދޮހޮއްކޮއެވެ. މި ދެ ބޭކަލުން ކުރެ ބޭކަލަކާ މޫނާމޫނުން އަޅުގަނޑާ ބައްދަލުވެފައެއް ނެތެވެ. އަމުދުން ރަތްނިޒާރެއް ލޮލުން ނުވެސް ދެކެމެވެ.

ނައިފަރު ދޮހޮއްކޮ

އެއީ 1990ގެ ކުރީ ކޮޅެވެ. އަޅުގަނޑު މަދަރުސަތުލް ޢާލިޔާގައި ކިޔަވަން އުޅުނު ދުވަސްވަރެވެ. ހަނދާންވަނީ 93 ނުވަތަ 94 ނުވަތަ 95އެވެ. ދެތިން ދުވަހަކު ދޮހޮއްކޮބެ ދުށީމެވެ. އެއް ދުވަހު ދުށީ ނިކަން ރީތި ހަވީރެއްގައެވެ. ކިލާހުގެ ދެތިން ބައިވެރިޔަކާ އެކު ވަން ހޮޓަލަކުންނެވެ. ހަނދާންވަނީ މާފަންނު މާކަރީ ހޮޓަލެވެ. އަޅުގަނޑާއި ރައްޓެހިން ސައިބޯން ތިބި މޭޒާ މާދުރު ނޫން ހިސާބެއްގައި ހުރި މޭޒެއްގެ ދޮށުގައި ދޮހޮއްކޮބެ ސައި ބައްލަވަނިކޮށެވެ. ނިކަން މަޖާ ވާހަކަދައްކަވާ އަޑު އިވުނެވެ. ދޮހޮއްކޮބެ އިންނެވި މޭޒުގައި ތިންހަތަރު މީހަކު ވެސް އިނެވެ. ދޮހޮއްކޮބޭގެ ސަކަ ވާހަކައިގައި ބައިވެރިވެ އެ ވެރިން ޖަހައިލާ މަޖާ ހިނިގަނޑުގަނޑުން ހޮޓާތެރެ ގުގުމައެވެ. އަޅުގަނޑަށް ދޮހޮއްކޮބެ އެނގުނީ އެދުވަހުއެވެ. އަނެއް ދުވަހަކު ދޮހޮއްކޮބެ ދުށް ހަނދާން ވަނީ ކޮންމެވެސް މިސްކިތަކުން ފައިބަންނަވައިގެން އޯކިޑުމަގުން ދުރުވަނިކޮށްނެވެ. ހުދު ގަމީހެއްގައެވެ. އިހުގެ ދަންނަބޭކަލުން ހުކުރަށް ދުރުވާ އިރު އަޅުއްވާ ޒާތުގެ މަޚުމަލުގެ ތާކިހާއެއް ބޮލުގައި އޮތް ހަނދާންވެއެވެ. މަޑުމުށިކުލައެކެވެ. ނުވަތަ ހުދެވެ. ނުވަތަ ކަޅެވެ. މާބޮޑަކަށް ހަނދާނެއް ނެތެވެ.

މާލެ އައުމުގެ ކުރިން ރަށުގައި އުޅުނު އިރުއް ސުރެ ދޮހޮއްކޮބެގެ "މަޚްމަލީ ރީތި އަޑު" އަޅުގަނޑަށް ވަނީ އިވި މާބޮޑަށް ވެސް އެ އަޑާ ގަޔާވެފައެވެ. ރޯދަމަހުގެ ދަންވަރު ގަޑީގައި ރޭޑިޔޯއިން ވަގުތުން ދޮހޮއްކޮބެ ކިޔުއްވި ލަވަތައް އަޑުއަހަން އަޅުގަނޑު މުޅި ޕްރޮގްރާމް ނިމެންދެން ކޮންމެ ރެއަކު އިންނަމެވެ. ގައިމުވެސް ދެ ރޯދަމަހަކު އެ ޝޯ އަޑު އެހީމެވެ. ދޮހޮއްކޮބޭގެ ލަވަތައް އަޅުގަނޑަށް ނިކަން ރީއްޗެވެ. ކިޔުއްވުމަށާއި ލަވަތަކުގެ ރާގަށާއި މާނައަށް އަޅުގަނޑުގެ ޝައުގުވެރިކަމުގެ ހިތް ވަނީ މާކުރިއްސުރެ ދެވިފައެވެ.

ޒަމާންތަކެއް ފަހުން ދިވެހި މުދައްރިސްކަން ވެސް ކިޔެވުމަށް ފަހު، ހ. އާމުލީގޭ ޓިޔުޝަން ކިލާހުގައި ކިޔަވައިދޭން އުޅުނު ދުވަސްވަރެވެ. އެ ކިލާހުގައި ކިޔަވައިދިނުން އޮންނަނީ ހަފުތާ ބަންދުގައެވެ. އެއީ 1999ނުވަތަ 2000ވަނަ އަހަރެވެ. އޭރު އަޅުގަނޑު ރަސްމީކޮށް މުދައްރިސްކަން ކުރީ މަޖީދިއްޔާ އިސްކޫލުގައެވެ.

ރައިވަރު ކިޔަވައިދޭން ވެގެން އަޅުގަނޑުގެ މުދައްރިސް ޢަބްދުﷲ ޞާދިޤާ މަޝްވަރާ ކުރި ކުރުމެއްގައި ދޮހޮއްކޮބެ ކިޔުއްވައިފައިވާ ރައިވަރުތަކެއް ރިކޯޑުކޮށްފައި އޮތް ރޯލެއް އަޅުގަނޑަށް ދެއްވައިފައި އޭގައި ހުރި ރައިވަރުތައް ދަރިވަރުންނަށް އަޑު އިއްވަމުން ރައިވަރު ކިޔަވައިދެއްވަން ވީ ނޫންތޯއޭ މުދައްރިސް ވިދާޅުވިއެވެ. ދޮހޮއްކޮބެ ކިޔުއްވަނީ ހަމައެކަނި ލަވައެއް ނޫންކަން އަޅުގަނޑަށް އެނގުނީ އެ ދުވަހުއެވެ.

ރޯލު ގެއަށް ގެންދިޔުމުގެ ހުއްދަ މުދައްރިސްގެ އަރިހުން ހޯދައިގެން ގެއަށް އައިސް ކެސެޓަށް ލެއްވީމެވެ. އެއިން އިވުނީ އަންތަރީސް ވާ ވަރުގެ ރީތި ރާގުތަކެކެވެ. މައިގަނޑު ގޮތެއްގައި ދެ ރާގެއްގައި ދޮހޮއްކޮބެ ރައިވަރު ކިއުއްވައިގައި އޭގައި ހުއްޓެވެ. ދޮހޮއްކޮބެ ކިޔުއްވުމުގައި އަޑުގެ ޕިޗް ވަރަށް މައްޗެވެ. އެހެން ކިޔުން ފަސޭހައެއް ވެސް ނޫނެވެ. އަޅުގަނޑަކީ ވެސް ކޮންމެވެސް ވަރަކަށް ރައިވަރު ކިޔާ މީހަކަށް ވެފައި ރައިވަރުގެ ރީތި ރާގުތައް ދަސްކުރަން ބޭނުން ވެފައި ހުރުމުން ދޮހޮއްކޮބެގެ އެ ރީތި ރާގުގައި ކިޔޭތޯ މަސައްކަތް ކުރީމެވެ. އެހެނަސް ދޮހޮއްކޮބެ ކިޔުއްވާހައި އޮމާންކަމާއި ފުރިހަމަކަމާއި ސޯރުކުރެއްވުމުގައި ހުންނަ ވިރުވައިއެޅުއްވުމަކާ ކައިރިޔަކަށް ވެސް ނުދެވުނެވެ.

ކޮންމެއަކަސް ދެތިން ދުވަހަކު އެ އެރައިވަރުތަކުގެ އަވައިގައި ޖެހިގެން އެކަމުގައި އުޅުނީމެވެ. ޖެހިގެން އައި ހަފުތާ ބަންދުގައި ކިޔަވައިދޭން އާމްލީގެއަށް ދިޔައީ ދޮހޮއްކޮބޭގެ ރާގުގައި ރައިވަރު ކިޔަން ހިސާބަކަށް ދަސްކޮށްގެންނެވެ. ދެ ރާގު ވެސް ގާތްގަނޑަކަށް ދަސްކުރީމެވެ.

އެ ދިޔަ ގޮތަށް ގޮސް ފުރަތަމަ ވެސް މުދައްރިސަށް ރައިވަރު ކިޔައިދީނެވެ. މިހާރު ވެސް ސޯދު މުދައްރިސް ވިދާޅުވި ބަސްފުޅު ހަނދާން އެބަހުއްޓެވެ. "މުނީރާ ނިކަން ބަލާބަލަ! އަޝްރަފް ދޮހޮއްކޮގެ ރާގު ދަސްކޮށްފި. ވަރަށް ރަނގަޅު. ވަރަށް ރީތި."

އަޝްރަފު އާއި ސޯދުބޭ (ކ)

ކޮންމެއަކަސް ރައިވަރު ކިޔުމުން އެއްވަނަ ލިބުނީތާއޭ ހިތައި ވަރަށް އުފަލުން ހުރެ ކިލާހަށް އައިސް ރައިވަރު މާނަކުރުމުގެ ފިލާވަޅެއް ދަރިވަރުންނަށް ނަގައިދިނީމެވެ. ގުރޭޑު 10އަކަށެވެ. ފިލާވަޅު ފެށީ ރައިވަރެއް ކިޔައިދީ ކުދިންނަށް އަޑު އިއްވައިގެންނެވެ. އެ ދުވަހު ކިޔަވައިދިނީ މި ބަޔާން ކުރާ ތިން ރައިވަރެވެ. ރައިވަތުރައް އަޑު އަހަމުން ކުދިންނަށް ޖެއްސީ ހުސްތަން ފުރާށެވެ. އެއަށް ފަހު ބަސްތަރުތީބާ މެދު ފިކުރުކުރުވައި ތަރުތީބު ކުރުވީއެވެ. އޭގެ ފަހުން މާނަ ކުރުމުގައި ފުރަތަމަ ފަށާންވީ ބަހަކާއި ނިންމާންވީ ބަހަކާ މެދު ނަޒަރުކުރުވީއެވެ. މާނަކުރުވީ އޭގެ ފަހުންނެވެ. ކުދިން ވަރަށް ގަޔާވި ފިލާވަޅެކެވެ.

ޔަކު ޖިންނި ބަގީޗާ

ހަކުގަ އިން ނަލަ ފުޅެއްމާ

ތަކުމު ކުލަ ފިޔަޔަށް އަރާ

ތަކުއަ އުޅޭ އުޅެ ނުވު ހިލާ

ރަކުދަންވަގޮސް އެހިނދު ރޯވަ

ގަކު ބިނދެލައިފި ސަހަރޯވަ

މިއީ ލޯބީގެ ރައިވަރެކެވެ. ރައިވަރުގެ މައުނައީ، "ޖިންނިން ބަލަހައްޓާ ބަގީޗާއެކެވެ. އެ ބަގީޗާގައި ހުރި ގަހެއްގައި އިން މަލެކެވެ. އެ މަލުގެ  ފިޔަތަކަށް އަރަނީ މުތުގެ ކުލައެވެ. ހިލާ އުޅެއުޅެ އެ މާ އަތަކު ނުތްވެވެ. އެ މާ ބިންނާ ނަމޭ ހިތައި އުޅެނިކޮށް ސަހަރޯއެވެ! އެއްރޭ ރޯ ދަންވަރަކު ވަގަކު އައިސް އެ މާ ބިނދެލައިފިއެވެ."

އަނެއް ރައިވަރަކަށް ކިޔަވައިދިނީ "ހައްސަބެޔަކަސް ތިޔާ" މި މަސްއޮޑި ރައިވަރެވެ.

ހައްސަބެޔަކަސް ތިޔާ

ގަސްކަރަ އޮބާ ބުން ހިސާ

ލަސްވެ ދިޔަ އޮޑި އައިނުގާ

މަސް ހުއްޓެ ކަންނެލި ގޮދާ

ރަސްއައިނެކޭ ބުނާހާއެ

ދައްސެއް ނޫނެ ތިޔަހާއެ

މީގައި އެކުލެވިގެންވާ މައުނައީ "ގަސްކަރަ އޮބާ ހިސާބު ދުރުން އޮތް އައިނުގައި ގޮދާމަހާއި ކަންނެލި ހުއްޓަސް އަދި އެ އައިނުން މަސް ބޭނުމުގައި ތިޔަ އޮޑި ކިތަންމެ ލަސްވިޔަސް، އަދި ހައްސަ (ހަހިޔަ/576) މަސް ބޭނިޔަސް، އެއީ ރަސް އައިނެކޭ ބުނާހައި ދަހި އައިނެއް ނޫނެވެ." މިއެވެ. ތިންވަނަ ރައިވަރަކަށް އެ ދުވަހު އަޅުގަނޑު ކިޔަވައިދިނީ "ރަށްދަށުން ފުރައިފާ" މިހެން ފަށައިފައި އޮތް ފަންޑިތަ ރައިވަރެކެވެ.

ރަށް ދަށުން ފުރައިފާ

ވައްޟުޙާޔާ ކުރިސިޔާ

އައްތެލީގައި ލިޔުއްވާ

ށަންފަދަށުގައި ދަންމަވާ

ފަންގަނޑު ހިބަރު ދުރުވެދާނެ

ދެން މަސް އައިން ލެފިދާނެ

މިރައިވަރުގެ އެންމެ ފަހު ބަހުގެ މުލަފިލި އެވަނީ ރަނގަޅަކަށް ނޫނެވެ. އެހެނަސް އެ ރައިވަރުގައި އޮތް ގޮތް ވީމާ އެ ގޮތް ބަޔާންކުޅައީއެވެ. އެކުލެވިގެންވާ މައުނައީ "ރަށުން އޮޑި ފުރުމަށް ފަހު އައްތެލީގައި (ހަމަ ރިޔަލުގައި އަރާކުރެވި އޮޑިޔާ ފޭކުރާން ވިއްދާ ދަނޑި) ވައްޟުޙާއާއި ކުރުސި ލިޔާށެވެ. އެއަށް ފަހު އޮޑީގެ ފަށަން( އޮޑިދޯނިފަހަރު ބަންނަން ކަމަޅީގައި ތިއްބާ ހަނި، ދިގު ލަކުޑިގަނޑު) ދަށުގައި ދަމާލާށެވެ. އޭރުން އޮޑި ކައިރީގައި އުޅޭ ފަންގަނޑު ހިބަރު އޮޑިޔާ ދުރަށް ހިނގައިދާނެއެވެ. އަދި މަސްއައިން އޮޑިޔާ ލެފިދާނެއެވެ. އެބަހީ އޮޑިދޮށަށް އަތުވެދާނެއެވެ.

މި ފިލާވަޅުގެ މަތީން ހަނދާންވުމުން މި ކަންކަން ހިތްމައްޗަށް ގެނެސްގެން ހަމަ ލިޔެލާ ހިތްވީއެވެ. ކޮންމެވެސް ފައިދާއެއް މީގެ ސަބަބުން މި ކިޔާ ބަޔަކަށް ލިބިދާނެއޭ ހިތަށް އަރާ ވަރުން ވެސް މެއެވެ. ކޮންމެއަކަސް މިހިސާބުން މިވާހަކަ އިހަށް ބާއްވާނަމެވެ. ދޮހޮއްކޮބޭގެ ރައިވަރުތަކުގެ ރާގުގެ މަތިން ހަނދާންކޮށްލެވުނީއެވެ. އިތުރަށް ވިދާޅުވަމުން ގެންދަވާށެވެ. ކުޑަކުޑަ ނާއިޝްއަކީ ދިވެހި ރައިވަރަށް އުދަވި އަލިއަލި އިރެކެވެ.

ދޮހޮއްކޮބެއާ މެދު ދަންނަވާން މިފަދަ ކިތަންމެ ވާހަކައެއް ހުއްޓަސް ހިތާމައަކީ، މި ނަޒަރުން ރަތްނިޒާރުގެ މައްޗަށް ވާހަކައެއް ދަންނަވާނޭ އަމިއްލަ އެއްވެސް ތަޖުރިބާއެއް އަޅުގަނޑުގެ އަތުގައި ނެތް ކަމެވެ.  އެހެންނަމަވެސް ސޯދު މުދައްރިސްގެ ފަރާތުން އަޅުގަނޑަށް ވަނީ ރަތްނިޒާރު ތައާރަފްވެފައެވެ. ރައިވަރު ކިޔުއްވުމުގައި އެފަދަ ދެވަނައެއް ނެތް ބޭކަލެއް ކަމަށާއި ރައިވަރު ކިޔުއްވުމުގައި ރާގު އަޅުއްވަން އަޑުން ހައްދަވާ ތަފާތު އުކުޅުތަކުގެ ވާހަކަ ސޯދުމުދައްރިސް ހިސާބަކަށް ވަނީ އަޅުގަނޑަށް ވިދާޅުވެދެއްވައިފައެވެ. ނަމަވެސް ރަތްނިޒާރުގެ ރާގެއް އޭރުވެސް ސީދާ އިވިފައެއް ނެތެވެ.

އޭގެ މާފަހުން އަޅުގަނޑު ދިވެހިބަހުގެ އެކެޑަމީގައި އުޅުނު އިރު 2014ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދިޔަ އަދަބީ އީދުގައި ހިމެނޭ މުބާރާތްތަކުގެ ތެރޭގައި އެއް މުބާރާތަކަށް ބޮޑެތި މީހުން ރައިވަރު ކިޔުމުގެ މުބާރާތެއް ހިމެނީމެވެ. މިގޮތުން 2019ވަނަ އަހަރު އެ މުބާރާތުގެ ނަން "ރަތް ނިޒާރުގެ ވާދައިގެ ތަށްޓަށް ބާއްވާ ރައިވަރު ކިޔުމުގެ މުބާރާތް"ގެ ނަމަށް ބަދަލުކުރެވުނެވެ. އެ ގޮތަށް ބަދަލުކުރީ ރައިވަރު ކިޔުމުގެ ރާގުތަކުގެ މައްޗަށާއި ރައިވަރު ކިޔުމުގައި ފެންވަރު ހުރި ގޮތެއްގައި އެ ކަން ކޮށްފައިވާ ފަރާތްތަކަކީ ކޮބައިތޯ ބަލަން ހޯދި ހޯދުންތަކުންނާއި ކުރެވުނު ދިރާސީ މަސައްކަތްތަކުގެ މައްޗަށް ބަލައިފައެވެ. މި ގޮތުން އެކެޑަމީން އެ ކަމަށް ޚާއްޞަ ކުރި ކޮމިޓީއަށާއި އެކެޑަމީގެ މެންބަރުންނަށް އެއްވަނަ ނަމަކަށް ފެނިވަޑައިގަތީ އަލްމަރުހޫމު ރަތް އާދަނުގެ ނިޒާރު ނުވަތަ ރަތްނިޒާރުގެ ނަންފުޅެވެ. ރަތްނިޒާރުގެ ރައިވަރު ކިޔުއްވުމުގެ ރާގުތައް އަޅުގަނޑަށް އިވުނީ އެ ކަމުގެ ތެރެއިންނެވެ. އޭނާގެ ލޮބުވެތި ދަރިކަނބަލުން ފާޠިމަތު ނިޒާރު ދެއްވި ރެކޯޑިންތަކަކުންނެވެ.

އަލްމަރުހޫމު ރަތް އާދަނުގެ ނިޒާރު ނުވަތަ ރަތްނިޒާރު

ހަމަފިސާރި ތެދެކެވެ. އެއީ އަޖައިބެއް ފަދަ ރީތިކަމެކެވެ. އެއްވެސް ބުރަކަމެއް ދަތިކަމެއް ތަކުލީފެއް ނެތި ރީތި ހަމައިގައި ނިޒާރު އެހެރަ ރައިވަރު ކިޔުއްވާ ގޮތް އެއީ ހަމަ ލާމަސީލު މިސާލެކެވެ. ނިޒާރު ނޭވާގެ ދިގުކަމާއި އަޑުގެ ދާއިރާގެ ފުޅާކަމާއި އަޑުގެ ބޭސް ގަދަކަމާއި ޕިޗް ހެޔޮވަރުކަމާއި މިހެން ގޮސް ކޮންމެ ކަމެއް ވެސް ވަރަށް ފުރިހަމައެވެ. ރާގު ގެންގުޅުއްވުމުގައި ކިޔުއްވައިފައިވަނީ ހަ ބަސް ރައިވަރެއް ނަމަ މުޅީން ވެސް ދެ ބަހުން ދެބަހުންނެވެ. ތިންބަސް ރައިވަރު ކިޔުއްވަނީ ފުރަތަމަ ބަސް ވަކީން ކިޔުއްވައި ހުއްޓަވައިލައްވައިފައި އަނެއް ދެ ބަސް އެކީގައެވެ. އެކަމަކު ބައެއް ރައިވަރުތައް ކިޔުއްވުމުގައި ގަތްބަހަށް ނިންމަވައެވެ. ފަހުބަސް ވަކިން ކިޔުއްވައެވެ.

ދޮހޮއްކޮބެ ވެސް އެކަން އެ މަގުން ކުރައްވައިފައި ވެއެވެ. އެކަމަކު، އެހެނަސް ދޮހޮއްކޮބެއަށް ރައިވަރު ކިޔުއްވަނީ ދޮހޮއްކޮބޭގެ އަމިއްލަ އުސްލޫބެއްގައި މާ މަތީ ޕިޗަކުން ތަފާތު ހަމައެއްގައެވެ. ނިކަން ރީތިކޮށެވެ. އެއީ ލަވަ ކިޔުންތެރިޔަކަށް ވުމުން ނުވެ ނުދާނޭ ކަމެއް ކަން ކަށަވަރެވެ. އާންމުކޮށް ހަމަ ހުރިހައި ރައިވަރެއްގެ ފަހުބަހުގެ ތެރެއަށް ރަތްނިޒާރު ވެސް އިތުރަށް ރާގު ހިފަހައްޓަވަން ލައްވަވާ އިތުރު ދެ ފިލި ދޮހޮއްކޮބޭ ވެސް އިތުރުކުރައްވައެވެ. މިސާލީ "ހަމަ، ނުވަތަ ދެން ބަލަ" ފަދަ ދެފިލީގެ އަކުރެވެ. މިސާލީ (ގަކު ހަމަ ބިނދެލައިފި ސަހަރޯވަ، ދައްސެއް ދެން ނޫނެ ތިޔަހާއެ، ދެން ބަލަ މަސް އައިން ލެފިދާނެ)މިއެވެ. މިއީ ކިޔުއްވުމުގައި ރަތްނިޒާރެކޭ އެއް ފަދައިން ދޮހޮއްކޮބެ ވެސް އިތުރުކުރައްވާ ދެފިއްޔެވެ. އެހެނަސް އެއީ ރައިވަރުގެ ހަގީގީ ވަޒަނުގައި ނަމަ އޮންނާން ޖެހޭ އެއްޗެއް ނޫނެވެ. އެހެނީ ރައިވަރުގެ ފަހުބަހުގައި އޮންނާނީ 11 ފިއްޔެވެ. ނުވަތަ 12 ފިއްޔެވެ.

ރައިވަރު ކިޔުމުގެ ދުނިޔޭގައި ރަތްނިޒާރު ވަރެއް ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އޭނާގެ ކިޔުއްވުމުގައި ހުންނަ ނަލަކަމާއި އޮމާންކަމާއި އަޑުގެ ލުއިކަމާއި ރާގުގެ ނިސްބީ ދާއިރާއަށް ފުދިފައިވާ މިންވަރު ހާމަވެއެވެ. ކޮންމެއަކަސް، ރަތް ނިޒާރެއް އަދަކު ދުނިޔެއަކު ނެތެވެ. އޭނާ ނިޔާވެއްޖެތާ އެތައް އަހަރެއް ވެއްޖެއެވެ. އެއީ ރައިވަރުގެ ކުރިއެރުމަށް އައި ހުއްޓުމަކަށް ވިއެވެ.

މާޒީއެވީ މާޒީއަށެވެ. ރަތްނިޒާރުގެ ރައިވަރު ރާގުތައް އިވެން އެބަހުއްޓެވެ. ދިވެހިރާއްޖޭގެ އަޑުގައި ވެސް އެބަ ހުއްޓެވެ. އަދި އޭނާގެ ބޭފުޅުންގެ އަތްޕުޅުގައި ވެސް އެތައް ސަތޭކަ ރައިވަރެއް އެބަހުއްޓެވެ. ރަތް ނިޒާރު ނިޔާވިއެއް ކަމަކު އޭނާގެ ހެޔޮ ޚިދުމަތް ދިރި އެބަ ވެއެވެ. ތާއަބަދު ދެމި ހުންނަ ހެޔޮ ޒިކުރާއެއްގެ ގޮތުގައެވެ. މިއީ ނިކަން ހެޔޮ ވާހަކައެކެވެ. އިތުރަށް ވިދާޅުވާށެވެ. ތިޔަ ވަޑައިގެންނެވުނީ މުހިންމު ބާބަކާ ހަމައަށެވެ. ކުޑަކުޑަ ނާއިޝްއާ ދެން ބައްދަލު ކުރައްވަން ތައްޔާރުވެވަޑައިގަންނަވާށެވެ.

ނާއިޝް: މުޅިން ތަފާތު ހުނަރެއްގެ ވެރިއެއް

އެއީ މީގެ ތިން ހަތަރު ދުވަހެއް ކުރިއެވެ. އަޅުގަނޑަށް ދެތިންފަހަރަކު ފާޠިމަތު ނިޒާރު ގުޅުއްވިއެވެ. އެއީ ރަތްނިޒާރުގެ ލޮބުވެތި ދަރިކަނބަލެކެވެ. އަޅުގަނޑު އެ ދުވަހު ކޮލެޖުގައި އުޅެން ޖެހުނު ގޮތަކުން ފާތުންގެ ފޯނުކޯލްތަކަށް ވަގުތުން ޖަވާބެއް ނުދެވުނެވެ. އެކަމަކު ހަމަ އަވަދިވުމާ އެކު އަޅުގަނޑު ފާޠިމަތު ނިޒާރަށް ގުޅީމެވެ. އަޅުގަނޑުގެ ފޯނު ފާތުން ވަގުތުން ނެންގެވިއެވެ. އަޅުގަނޑަށް ފޯނަށް ޖަވާބު ނުދެވުމުގެ އެއްވެސް ޝަކުވާއެއް ނުކުރައްވައެވެ. ވިދާޅުވީ އަޅުގަނޑު މާ އަވަދި ނެތި އުޅެނީ ހެން ހީފުޅުވާ ކަމުގައެވެ. ފާތުން އެހެން އެ ވިދާޅުވީ ދުވަހަކު ވެސް ފާތުންގެ ފޯނުކޯލަކަށް އަޅުގަނޑު ޖަވާބު ނުދީ ދޫކޮށްލައިފައި ނުވާތީ ކަމަށް ވެދާނެއެވެ. ކޮންމެއަކަސް، އަޅުގަނޑަށް ވަރަށް ބޮޑަށް މާފު އެދި ފޯނު ނުނެގުނު ސަބަބު ދެންނެވީމެވެ. ފާތުން ވިދާޅުވީ އެކަން އެނގިވަޑައިގަންނަވާ ކަމަށާއި ގުޅުއްވީ މުހިންމު ވާހަކައެއް ހިއްސާކުރައްވަން ކަމުގައެވެ. އެއީ ކޮންމެހެން ވެސް އަޅުގަނޑު ވަރަށް ޝައުގުވެރިވާނޭ ވާހަކައަކަށް ވެސް ވާނޭ ކަމަށް ފެނިވަޑައިގަންނަވާތީ ކޮންމެހެންވެސް ހިއްސާކުރައްވަން ބޭނުންފުޅުވީ ކަމުގައެވެ.

އަޅުގަނޑު ދެންނެވީމެވެ. ވިދާޅުވާށެވެ. ފާތުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ކޮއްކޮގެ ދަރިފުޅު އިއްޔެ އޭނާގެ ސްކޫލުން ބޭއްވި ހަރަކާތެއްގައި ކީ ރައިވަރެއް ރީތިކަމުން ހަމަ އަޝްރަފާ ހިއްސާކޮށްލަން ބޭނުންވީ. މާބޮޑު ޕްރެކްޓިސްއެއް ވެސް ނެތި ހަމަ އޭނަ މަންމަ ކިޔާ ވަރުން ކީ ރައިވަރެކޯ. ކުޑަކުޑަ ތަންކޮޅެއް ދިޔަ ރާގުން އުނިވެގެން. އެކަމަކު އަޅުގަނޑަށް ހަމަ ރީތިކަމުން އެ ފޮނުވައިލަން ވެގެން. އަޅެ އަޑުއައްސަވައިލަވަބައްލަވާ އަޝްރަފްގެ ވައިބަރއިން އެބަ ފޮނުވަން."

އަޅުގަނޑު އެހެންތޯއޭ އަވަހަށް ފޮނުއްވައިދެއްވާށޭ ދެންނެވީމެވެ. ފާތުން ފޮނުއްވި ރައިވަރު އަޅުގަނޑު އަހަމުން ދިޔަ އިރު ގައިން ދިޔައީ ހީބިހިނަގަމުންނެވެ. އަލުންބަލުން ރަތްނިޒާރުގެ ރާގު އައިސް ކަންފަތާއި ހިތުގައި ބީހުނު ފަދައެވެ. ވީ އުފަލެއް ދަންނަވާކަށް ވެސް ނޭނގުނެވެ. ވަގުތުން ފާތުންނަށް ގުޅީމެވެ. އަދި "ފާތުން.. މާޝާﷲ ބައްޕަ އަލުން އެނބުރި ދުރުވީ ނޫންތޯ!" އަޅުގަނޑަށް ދެންނެވުނެވެ. ފާތުންވެސް ވިދާޅުވީ ހަމަ އެހެން އިހުސާސްކުރެއްވޭތީ އުފާފުޅުން އަޅުގަނޑަށް ފޮނުއްވީ ކަމަށެވެ.

އެއީ ރަތްނިޒާރަށް ކާފަ ކިޔާ ކުޑަކުޑަ ކުއްޖެކެވެ. އެއީ ރަތްނިޒާރުގެ ދަރިފުޅު އަޙްމަދު ނިޒާރުގެ ލޮބުވެތި ދަރިފުޅު، އުމުރުން 12 އަހަރުގެ ޙުސައިން ނާއިޝް އަޙުމަދެވެ. ނާއިޝް އުޅެނީ ތ. އަތޮޅު މަދަރުސާގައެވެ. ގުރޭޑު ހައެއްގައެވެ. އަޅުގަނޑު ނާއިޝްއާ ވާހަކަދައްކައި ހިތްވަރުދޭން ވަގުތުން އޭނާގެ މަންގެ ފޯނު ނަންބަރު ފާޠިމަތު ނިޒާރު އަތުން ހޯދައިގެން ގުޅީމެވެ. އަދި ކާފަގެ ފުށުން ވާރުތަވި ރައިވަރު ރީތި ރާގު ދިރުވަން އިތުރަށް މަސައްކަތް ކުރަން ހިތްވަރު ދިނީމެވެ. ނާއިޝް ހުރީ ވަރަށް އުފާވެއެވެ.

ނާއިޝްއާ ބައްދަލުކުރައްވަން އަޅުގަނޑާއެކު ތިޔަ ވަޑައިގެންވި އެންމެހައި މިތުރުންނޭވެ! ރައިވަރު އޭގެ ރީތި ގޮތުގައި ދަރީންނަށް ދަސްކޮށް ދެއްވަން ނާއިޝްގެ ރައިވަރު ކިޔުން އިއްވައިދެއްވާށެވެ. މި ކުޑަކުޑަ ކުއްޖާފުޅުގެ ސަބަބުން ރައިވަރަށް އިތުރު އައުރޯކަން އަންނާނެއެވެ. އިރާދަކުރެއްވިއްޔާ ރައިވަރުގެ އިހުގެ ރީތި ރާގަކަށް ނިމުމެއް ނާންނާއެވެ. އެއީ ދިވެހިވަންތަކަމުގެ އަޑެވެ. ދިވެހީންގެ ވަޒަންބަހުރުވައިގެ އަމިއްލަވަންތަކަން އެންމެ ބޮޑު ދިވެހި ޅެމެވެ. އަދި ނުނިމެވެ. އަދިވެސް ވިދާޅުވަމުން ގެންދަވާށެވެ. ދެން އޮތީ ކޮންމެހެންވެސް ވިދާޅުވާން ޖެހޭ ބައެކެވެ.

މިއަދު އަޅުގަނޑު ވަރަށް އުފަލާ އެކު ފާޠިމަތު ނިޒާރަށް ޝުކުރު ދަންނަވަމެވެ. ނާއިޝްއަށް ހިތްވަރުދީ ސާބަސް ދެމެވެ. އޭނާގެ މަންމައަށާއި ބައްޕައަށް ޝުކުރާއި ތާރީފު ދަންނަވަމެވެ. މަރުހޫމު ރަތްނިޒާރުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.

ނާއިޝް (ކ) އޭނާގެ ކޮއްކޮއާއެކު ސަގާފީ ހެދުމުގައި…

މިއީ ނާއިޝްއެވެ. ނާއިޝްގެ ކިޔުން ތިޔަ އެންމެ ބޭފުޅުން ވެސް ވަޒަން ކޮށްލައްވާށެވެ. މިއީ އޭނާގެ ފުރަތަމަ މަސައްކަތެވެ. އެންމެ ދެތިން މިނިޓުގެ ފަރިކުރުމަކަށް ފަހު އޭނާ އޭނާގެ މަންމައަށް ދިން ހަދިޔާއެކެވެ. އަޅުގަނޑުމެން އެންމެނަށް އޭނާ ކުޅަ ހަދިޔާއެކެވެ. މި ހަދިޔާ އަޅުގަނޑު ދުށީ ދިވެހި އަދަބުގެ މާދާމާގެ އުފާވެރި މަންޒަރެއްގެ އުޖާލާ އައްޔެއްގެ ގޮތުގައެވެ. މިހާރު މަދަރުސާތަކުން އިވޭ ރައިވަރުގެ ރާގުގެ "ފުރިހަމަނޫން ގޮތް" ކެނޑި ރައިވަރުގެ ރީތި ނަލަ ރާގުގައި ރައިވަރުތައް އިވޭނޭކަމުގެ ފޮނި އުންމީދަށް އުދަވި އައު އިރެއްގެ ގޮތުގައެވެ. އެ އަލިއަލި އިރަކީ ކުޑަކުޑަ ނާއިޝްއެވެ. މި އުންމީދަށް ޓަކައި ތިޔަ އެންމެ ބޭފުޅުން ނާއިޝްއާ ބައްދަލުކޮށްލެއްވީތީ ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. ޙަމްދު ހުރީ އަރަހުށި ހުސްޠާހިރުވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. މި ފަދައިން މި ވާހަކަކޮޅު ލިޔުމުގެ ހެޔޮ ތައުފީޤު ދެއްވި ކަންމައްޗަށް އެކަލާނގެއަށް ޝުކުރު އަދާކުރަމެވެ. އަބަދުމެ އެދެނީ ދިވެހި ރައިވަރާއި ދިވެހި އަދަބަށް އުޖާލާ އަލިއަލި ފަތިސްތަކަށެވެ. ނާއިޝް ކީ އޭނާގެ ކާފަ ކިޔުއްވައިފައި އޮތް ރައިވަރެކެވެ. އެއީ މާނަފުން ރީތި ރައިވަރެކެވެ. ފިކުރު ހިންގަވައިލައްވާށެވެ.

ތަންމަކުނު ސެއްޅިޔާ

ނަންނުގަތި ހޯނާބޮނޑާ

ލަންދާށިނަގު ހަރުފަޔާ

ރަންކޮޅަށް ތީ ވަކިނުވާ

ތަށް ދަތިވިހައި ތުރާދޭމަ

ށަށް ބަލަމި އަޖައިބު ހީވޭމަ

މި ފުންފުން ރައިވަރުގައި މި ބުނަނީ "ސެއްޅިޔާއި ތަންމަކުނާއި ނަންނުގައްޗާއި ބޮނޑާއި ހޯނާއި ހަރުފަޔާއި ނަގުލަންދާށި ރަންކޮޅަށް ވަކިކުރަން ނޭނގޭތީ އަޖައިބުވާހައިވެއެވެ. ހިތަށް ދަތިވާހައި ތުރާވެސް ވޭމެއެވެ." މި ކަހަލަ ވާހަކައެކެވެ. އިތުރަށް ތިޔަބޭފުޅުން ވިސްނައިވަޑައިގެންދެއްވާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *