ހަވީރު ފިނިޖެހި، އިރު އޮއްސެމުން އައި ވަގުތެވެ. މަގުތައްމައްޗަށް ގުރޫޕް ގުރޫޕަށާއި ވަކިވަކި މީހުން ނިކުމެ ލަވަކިޔާ ތަފާތު ހުނަރުތައް ދައްކަމުން ދިޔައެވެ. މަގު ހިނގާ މީހުން އެ މީހުންނަށް ލާރިދީ ހަދައެވެ. މަގެއް މަތީގައި މައިކެއް ހިފައިގެން ލަވައެއް ކިޔާލަން މީހަކު ހަމަ އެކަނިމައިއެކަނި ވެސް ހުރެދާނެއެވެ. އަނެއް ބައި ފަހަރު ކޮންމެ ވެސް މިއުޒިކީ އިންސްޓްރޫމަންޓެއް ކުޅެމުން ވެސް ލަވަކިޔާން ގުރޫޕްގުރޫޕަށް ވެސް ތިބެދާނެއެވެ.
ހަވީރުގެ އެ ގަޑިއަކީ ހަވާއީގެ މަގުތައް މަތީގައި ކާރޫބާރޫ ބޮޑު ވަގުތެކެވެ. އެކި ތަންތަނުން ކާބޯތަކެތި ގަނެގެން ކަންކަންމަތީގައި ކުޅިބަލަން މީހުން ތިބޭތަނާއި ފޯރިދީ ހަދާ މަންޒަރާއި އެ މީހުންނާ ބައިވެރިވެ ނަށާތަން ވެސް ފެނެއެވެ. އިރުއިރުކޮޅުން ލާރި ދޭތީ ވެސް ފެނެއެވެ. ލާރިއަޅަން ކޮންމެވެސް އެއްޗެއް ބަހައްޓާފައި ހުރެއެވެ. ހަފުތާގެ ހުރިހާ ރެއެއްގައި ވެސް މިކަން މިހެން އޮވެއެވެ. ހުކުރު ދުވަހުގެރޭ ވަކިން ފޯރިގަދައެވެ.
މީހުން އުޅޭނޫޅޭ ގޮތް ބަލަމުން އަދި ފިހާރަތަކަށް ވަންނަމުން ދަނިކޮށް މަގުގެ އެއް ފަރާތަށް މެދު އުމުރަށްވުރެ ދުވަސްވީ މީހަކު އައިސް ހުއްޓިލައިފިއެވެ. އަދި ކުރިމަތީގައި ބޯޑެއް ބަހައްޓާފައި ކުޑަ ގިޓައަކުން މިއުޒިކު ކުޅެމުން ލަވައެއް ކިޔަންފެށިއެވެ. ކުރިމަތީގައި ލާރިއަޅަން ހެޔޮވަރުގެ ޕްލާސްޓިކް އެއްޗެއް ވެސް ބެހެއްޓިއެވެ. އެ މީހާގެ އަޑުގަދަކުރާ މޮބައިލް ސިސްޓަމުން އެ ހިސާބުގެ އަޑު އިތުރަށް ގަދަކޮށްދިނެވެ.
އެ މީހާއާ އަރާ ހަމަވިއިރު އެ ބޯޑުގައި ލިޔެފައި އޮތީ އޭނާއަށް އެހީވެދޭށޭ އެވެ. ހަވާއީގެ ހިތްގައިމު މަންޒަރެއް ކުރަހާފައިވާ އެ ބޯޑުގައި އެއަށްފަހު ލިޔެފައި އޮތީ އޭނާއަކީ ސިފައިންގެ ޚިދުމަތުގައި އުޅުނު މީހެއްކަމަށެވެ. އެހެން ނަމަވެސް ކުލި ދެއްކޭނެ ގޮތެއް އަދި ބިލްތައް ދެއްކޭނެ ގޮތެއް ނެތް ކަމަށެވެ. އޭނާ ބޭނުންވަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލަދޭށެވެ.
އެ މީހާ ލިޔެފައި އެވަނީ ތެދެއްކަމެއް އަދި ދޮގެއް ކަމެއް ނޭނގެއެވެ. އެނގޭކަމަކީ އޭނާ އެ ބުނަނީ ތެދެއް ކަމަށް ވާނަމަ އެއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުގެ ހާލަތެވެ. ޤައުމަށް ޚިދުމަތް ކުރުމުގައި އުމުރުގެ ބޮޑުބައި ހޭދަކޮށްފައި ނިކުންނަ މީހުންނަށް އެ ޤައުމުގައި ވެސް ގޮތެއް ނެތީތާއެވެ. އެކަމަކު އަޅުގަނޑަށް ފާހަގަކުރެވެނީ އަސްކަރިއްޔާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރާ މީހުންނަށް އެންމެ ހަރުދަނާ އިންތިޒާމުތަކެއް އޮންނަ އެއް ޤައުމަކީ އެއީއެވެ. އެއީ ސިފައިންގެ ޚިދުމަތް ބަލައިގަންނަ ޤައުމެކެވެ. ސިފައިންނަށް ގިނަ ކަންކަމުގައި އިސްކަންދޭ ޤައުމެކެވެ. އޭގެތެރެއިން ކުޑަ ދެތިން ކަމެކެވެ. ކޮންމެ އެއަރޕޯޓަކުން އެންމެ ފުރަތަމަ ބޯޓަށްއަރަން ފުރުސަތުދީ ބޯޑިންނަށް ގޮވާލަނީ ސިފައިންނަށެވެ. ފިހާރަކާއި ހޮޓާތަކާއި އަދި އަގުނަގައިގެން އާންމުންގެ މީހުންދޭ ގިނަ ޚިދުމަތްތަކުން ވެސް ސިފައިންނަށް ޚާއްޞަ ޑިސްކައުންޓްތައް ދެއެވެ.
އެހެން ވާހަކައެކެވެ. މަގުމަތިން ދިމާވި ރެސްޓޯރެންޓެއްގެ ޒުވާން ޝެފެކެވެ. މަޢުލޫމާތެއް ސާފުކޮށްލަން ވާހަކަ ދައްކާލިތަނުން ތަޢާރަފުވާން ޖެހިއްޖެއެވެ. ދެއްކި ވާހަކައެއްގެ ތެރޭގައި އަޅުގަނޑަކީ ދިވެއްސެއްކަމާއި ސިފައިންގެ މީހެއް ކަމަށް ބުނީމެވެ. އެ ވަގުތު އޭނާގެ މޭމަތީގައި އަތް އަޅާލާފައި ޚިދުމަތަށް ޝުކުރު އަދާކުރިގޮތުން އަޅުގަނޑު ހައިރާންވިއެވެ.
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment