މިއޮތް "ރޯމާ ދުވާލު" ބަލަން މިގައުމުގެ ރައްޔިތުން ތިއްބާ
މިއޮތް "ހަޑި ހޭވުމަށް ފަހުގައި" އެކަން ފޮރުވަން ތިހެން ނޫޅޭތި
އަމިއްލަ އެދުންތަކެއް އޮވެގެން އަމިއްލަ ވޮލެޓު ފުރާލައިގެން
އަމިއްލަ އަތުން ހެދޭ ގޯސްތައް ރަނގަޅު ކަމަކަށް ހަދަން ނޫޅޭތި
ތިމާ އަދި ލޯބިވާ ނަމަވެސް ތިމާގެ އެ މައިބަފައިން ނަމަވެސް
ދިމާޔަށް ފެންނަ ކުށްކުރުމުން އެއަށް ފަސްލާން ތިހެން ނޫޅޭތި
މިގައުމުގެ އެންމެ ބޮޑު ޖަލްސާ ހިނގައިދިޔަ ގޮތް ބަލަން އެތިބީ
މިގައުމުގެ ރައްޔިތުން ނިދިފައި ކަމަށް ތިޔަހެން ހަދަން ނޫޅޭތި
އެދޭ ޝަރަފާއި ބާރާ ބިންތަކާ ކަނޑުފަޅު ހިބައިން ދީފައި،
ފުދޭ ހެކިތައް މިހެން ހުއްޓާ ނުދޭ ކަމުގައި ހަދަން ނޫޅޭތި
ކުށެއް ކޮށްފައި ކުށަށް ތައުބާ ނުވާހާލުން އެކަން އޮށްބައި،
ކުށެއް ނޫންކަން އެއީ ދައްކަން "ރަނުން ގިރިޓީކުރަން" ނޫޅޭތި
ފެނާ އަލިފާން ނުއެނގި ތިބި މާ ކުރީ ޤަރުނެއްގެ ޙާލަތުގައި
ހިނގައިދިޔަ ކަންކަމާ މިއަދާ އަޅައި އެއް ހަމަކުރަން ނޫޅޭތި
މިތާ ފަރުދެއް ކަމަށް ވީތީ ކުރާ އަސަރުން ބުނާ ވާހަކަ،
ތިމާ ގައުމިއްޔަ އިޙްސާސެއް ނެތަސް ދެކޮޅަށް ފަށަން ނޫޅޭތި
މިތާ ހުރި ގޯސްތަކާ ހަޑި މިލަ އެކީ ފޮހެލަން ވަޢުދުކޮށްފައި
މިތާ މާޒީވެ ދިޔަ ކަންކަން އަލުން ދިރުވަން ތިހެން ނޫޅޭތި
އެނގޭ ބައިވަރު އެތައް ސިއްރެއް އެނގޭ މީހުން ތިބޭނެކަމާ،
"ތެޅޭނެ ކަމަށް ބަލައި ބިސް ހާއްޔަކަށް ދަނޑިލައި ހަލަން" ނޫޅޭތި
