"ސްކޫލެއް އެޅިއްޖެ، އިންޖީނުގެ އެޅިއްޖެ، ނަރުދަމާ އެޅިއްޖެ، މިސްކިތް ކޮބާ؟" "ވީހާވެސް އަވަހަކަށް އަޅުގަނޑުމެންނަށް މިސްކިތެއް އަޅައިދޭނެ ފަރާތެއް ހޯދަދެއްވާ!" "އަޅުގަނޑުމެންގެ މިސްކިތް ކޮބާ؟" "މިސްކިތު މުދިމަކު ނެތް" "ވ. ތިނަދޫ ރައްޔިތުން ކިހާ އިންތިޒާރެއް ކުރަންޖެހޭނެތޯ؟" "މިސްކިތެއް ދެއްވާ!"
މިއީ މިއަދުގެ އަސުރު ނަމާދަށްފަހު، ވ. ތިނަދޫގައި ފާޅުކުރަމުންދިޔަ ޝުއޫރެވެ. ދުއިސައްތައެއްހާ މީހުން އުޅޭ ރަށުގެ، ފަސްދޮޅަހެއްހާ މީހުން އަސުރު ނަމާދަށްފަހު، ލިއުންތައް ހިފައިގެން ނުކުމެ ގޮވައިލަމުންދިޔައީ އެ ރަށުގައި އެކަށީގެންވާ މިސްކިތެއް ނެތް ކަމަށާއި ވީހާ އަވަހަކަށް މިސްކިތެއް ބޭނުންވާ ކަމަށާއި އެކަން އަވަސްކޮށްދިނުމަށެވެ. މިއަދު ޝުއޫރު ފާޅުކުރި މީހުންގެ ތެރޭގައި، އެ ރަށުގައި އުޅޭ ގިނަ އަދަދެއްގެ ބަންގާޅީންވެސް ހިމެނެއެވެ.
ތިނަދުއަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ކުޑަ ރަށެވެ. ނަމަވެސް އެ ރަށުގައި ސްކޫލެއް އަޅައި، އިންޖީނުގެ އަޅައި، ނަރުދަމާ އަޅައި ނިމުނު އިރުވެސް މިސްކިތެއް ނެތުން ވަނީ ބޮޑު ޝަކުވާއަކަށް ވެފައެވެ.

ތިނަދޫގައި ފިރިހެނުންގެ މިސްކިތެއް ނެތުމުގެ މައްސަލަ ކުރިމަތިވީ، އެ ރަށުގައި ކުރިން ބޭނުންކުރި މިސްކިތް ހުރީ ގަބުރުތަކެއް މަތީގައި ކަމަށް ބުނެ، މީގެ 10 ވަރަކަށް އަހަރު ކުރިއްސުރެ އެ މިސްކިތް ބޭނުންކުރުން ހުއްޓާލައިފައި ހުރުމުންނެވެ. އެހެންކަމުން އެ ރަށުގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް ހުރިހައި ފިރިހެނުން މިހާރު ނަމާދުކުރަނީ އަންހެނުންގެ މިސްކިތުގައެވެ.
ތިނަދޫގައި މިއަދު އޮތް ޝުއޫރު ފާޅުކުރުމުގެ ހަރަކާތުގައި އިސްކޮށް އުޅުނު އަބްދުﷲ މަޖީދު ބުނީ އާބާދީ ކުޑަޔަސް، ރަށުގައި އެހެން ވަސީލަތްތައް ހުރި އިރު، މިސްކިތެއްގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ. އޭނާ ބުނީ ހުކުރު ދުވަހެއް ނުވަތަ އީދު ދުވަހެއްގައި އަންހެނުންގެ މިސްކިތަށް ސަތޭކަ މީހުންނަށް ވެސް ނޭރޭ ކަމަށެވެ. އެހެންވެ ނަމާދުކުރަން ގިނަ މީހުން ތިބެން ޖެހެނީ ދޭހައި އަތްވަކާއި ވެހޭހާ ވާރެއެއްގައި، ބޭރުގައި ކަމަށެވެ.

މަޖީދު އަދި ބުނީ ތަރައްގީގެ އެހެން މަޝްރޫއުތައް ރަށުގައި ހިންގި ނަމަވެސް މިސްކިތުގެ ވާހަކަ އެއްވެސް ގޮތަކަށް ނުދައްކާ ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ފިރިހެނުން ނަމާދުކުރާ އަންހެނުންގެ މިސްކިތުގައި ދާއިމީ އިމާމެއް ނުހުންނަ ކަމަށާއި މިސްކިތް ފޮޅައި ސާފުކޮށް ބަލަހައްޓާނެ މީހަކު ވެސް ނުހުންނަ ކަމަށް މަޖީދު ބުންޏެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ އަޅުގަނޑުމެންގެ ޝުއޫރުތައް، ކަމާ ބެހޭ ފަރާތްތަކަށް ރައްދުވެދާނެ ކަމަށް،" މަޖީދު ބުންޏެވެ.



advertisment