Support Us

އޭ ޒަމާނާއޭ!

އޭޒަމާނާ ކޮން އަގެއްހޭ ދުނިޔެ އަށް ތިޔަ ވިއްކަނީ
ހޭނުލާ އޮވެ ރޭނިދީގައި ހޭ ތަމާޝާ ދައްކަނީ

ޝަރަފުވެރިކަން މާތް ބަނީއާދަމް ގެ ހަފަމުން ދަތްތަކުން
އަރުތެރޭ އަނިޔާގެ ހިތިރަހަ ލައްވަމުން ގޮށްމުށްތަކުން

ދަރަޖަވެރިކަންހޭ ނުފޫޒުގެ ބާރުގައި ދަންޖައްސަނީ
އޭ ޒަމާނާ ކޮން އަގެއްހޭ ދުނިޔެއަށް ތިޔަ ވިއްކަނީ

އަގުނެތިއްޖޭ އިލްމުވެރިކަން އޭގެ އަހުލުންނާ އެކީ
ނަގުދު ގައި ރަންތާޖު އެޅިގެން ބުއްދި ލުހި ފިކުރާ އެކީ

މަގުމަތީންހޭ ޙާކިމުން ހޮވުމަށް މިއަދު ލާއިގު ވަނީ
އޭ ޒަމާނާ ކޮން އަގެއްހޭ ދުނިޔެ އަށް ތިޔަ ވިއްކަނީ

ހެޔޮކަމެއް ނެތް ނިޔަތުގައި މީހުންގެ ކިބައިން އަސްލު ގައި
ތެޔޮލަމުން ދޮގުބަސްތަކުން އޮފުދާރު ކުރަމުން ގަސްދުގައި

ހެޔޮލަފާކަންހޭ ތަނުން ނެތިކޮށްލުމަށް ބޭނުންވަނީ
އޭ ޒަމާނާ ކޮން އަގެއްހޭ ދުނިޔެ އަށް ތިޔަ ވިއްކަނީ

ކުރަފަތާ ވަޅިޔާއި ޚަންޖަރު ނެރެ ވަކާލާތުގެ ބިމަށް
ޑުރަގު ބުއިމާ ފޭރުމާ އެކުވެރިކަމުގެ ވައްދާ އިމަށް

ބުރަތަކާ ނާމާންކަމާހޭ ކޮނޑުމަތީން ތިޔަ އުފުލަނީ
އޭ ޒަމާނާ ކޮން އަގެއްހޭ ދުނިޔެ އަށް ތިޔަ ވިއްކަނީ

ޙައްޤުތައް ޝަރުޢުގެ ދަމާ ބޭނުން ތިމާ މިސްރާބަކަށް
ޙައްދުތައް ޙުކުމާއި ދުރުކޮށް ބުނެ އެއީ އަނިޔާ އަކަށް

ރައްދު ދޭންހޭ މާތްއުސޫލަށްް ގަސްދުގައި ތިޔަ ތެދުވަނީ
އޭ ޒަމާނާ ކޮން އަގެއްހޭ ދުނިޔެ އަށް ތިޔަ ވިއްކަނީ

ކާބަފައިން ދެއްކެވި މަގާ އެދުރުންގެ ބަސްތައް ރޮއްވަމުން
ބާބަކުން ފެށި މާތަފާތުވި ފާޑަކަށް ކޮރުލައްވަމުން

ސާބަހަށްހޭ ބޭރު ދޫތައް ފަހިކުރަން ތިޔަ މަރުދެނީ
އޭ ޒަމާނާ ކޮން އަގެއްހޭ ދުނިޔެ އަށް ތިޔަ ވިއްކަނީ

ހަތުރުނާ މިތުރުންގެ ފަސްބައިގާ ނުބައި ފާހަގަލަމުން
ދަތުރުގައި މިސްރާބު ފަހަތަށް ބަދަލުކޮށް ކުރި އަނބުރަމުން

އަތުގެ ބާރުންހޭ ކަމެއް ހުރިހާ ކުރަން ތިޔަ ވިސްނަނީ
އޭ ޒަމާނާ ކޮން އަގެއްހޭ ދުނިޔެ އަށް ތިޔަ ވިއްކަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *