* ރާގު: ޕީނާ ހަރާމު ހެ ނަޕިލާނާ ހަރާމުހޭ……..
ލޯބީގެ ގުލްޝަނުން ހަމަ ބިނދެލާ ހިތޭ ވަނީ
ލޯބިން އަރާމު ލައްޒަތު ހޯދާ ހިތޭ ވަނީ
ފިޔަތަކުގެ ފަރިކަމާ އަދި ކަރުގަނޑުގެ ނަލަކަމުން
ފިޔަތަކު މަތީ މަޑުންއޮވެ ފިރުމާ ހިތޭވަނީ
ފަތިހުގެ އަރާމު ހޯދަން ފިނި ހޫނުކަން މަތީ
ޝަބްނަމްގެ ތިކިތަކުން ތެމި ފޯވާހިތޭ ވަނީ
ހޭލައި ނުނިދި މިހެން އޮވެ ކުރެވޭ ޚިޔާލުގައި
ބޭޒާރު ނުވެ ތިމަލުގައި ބޮސްދޭހިތޭ ވަނީ
ބަޅިނދާ ކޮކާ، މަލާ ކުޅެ ފޮނިބޮއެ ހަދާގޮތަށް
ހަށިގަނޑުގެ ވިންދު ތިމަލާ ކުޅެލާހިތޭ ވަނީ
ބާދޭ ޞަބާ! ގެނެސްދޭ ތިޔަމަލުގެ މީރުވަސް
ޙާޞިލުވިނަމަ ލެޔާއެކު މޮޑެލާ ހިތޭ ވަނީ
އިޙްސާސްތަކާ ދިރުން މުޅި ހަށިގަނޑުގެ ލޭހިނގާ
އިޙްސާސްވާ ގޮތަށް ވެސް ކުޅެލާހިތޭ ވަނީ
ދެއްވާނެނަމަ ހިތަށް އަރައޭ ފުރްޞަތެއް މަށަށް
ދެއްވައިފިނަމަ އެކީ އޮވެ މަރުވާ ހިތޭ ވަނީ
