ޒަމާނުގެ އުނގުމަތީން ހިނިތުންވެލާ ތަޢުބީރަކީ ތިޔައޭ
އަމާނުގެ ހައްގު ގައި އާދޭސް ކުރާ އުންމީދަކީ ތިޔައޭ
ބިމެއް ގައި ކާދުއެޅި ދީބުގެ ތަރޯތާޒާވެގެން ނިރުތައް
އިމެއްގައި ފޯދި މައު ފަރިވާން އެދޭ ގުލްޒާރަކީ ތިޔައޭ
ހެދޭހާ ރާޅުތައް ހަލަބޮލި ބަހުރުހިންދުން ފުޅޮއިފަށުގާ
އެދޭ މަޑުމޮޅި ހިމޭންކަމަކަށް ގޮވާ ސާހިލް އަކީ ތިޔައޭ
ނަގާލެވި ގެއްލެމުންދާ އިޢުތިގާދާ ހައިބަތާ ވަޠަނީ
ސަގާފަތު ރީތި ހޯދަން މަގު ހިފާ ސަމުގާ އަކީ ތިޔައޭ
ދިވާނާ ހަޑި ވެގެން ގައުމީ ރުކުންތައް ކަޝްފު ކުރަމުންދާ
ނިވާކޮށް ޖީލުތައް ދޭނޭ ރިވެތި ފޭރާމަކީ ތިޔައޭ
ހަނދާންތައް ދިރުވަމުން މާޒީގެ އަޑިއުސް ބިންތަކުން ގައުމީ
ވެދާން ތައްޔާރު ގުރުބާން ލޭ ހިނގާ އޮތް ޖީލަކީ ތިޔައޭ
މިއަދު ގައުމުގެ އިނގިލިކޮޅުގައިހިފައިގެން ފިރުކެމުން ހިނގިއަސް
ނިޔަތުގައި އޮތް ޒަމާން ތަސްވީރު ވާނޭ ސިއްރަކީ ތިޔައޭ