Support Us

މޫރިތި ބަސްފުޅެއްގެ ހިޔަލުގައި (ދެވަނަ ހަދީޘް)

عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (( كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ ))
ކީރިތި ރަސޫލާ صلى الله عليه وسلم ގެ މޫރިތި މި ބަސްފުޅު ރިވާކުރައްވާފައި ވަނީ ހަދީޘް ޢިލްމުގެ ގިނަގުނަ ރިވާޔަތްތަކެއް އުއްމަތަށް ގެނެސްދެއްވި މާތް މަތިވެރި ޞަޙާބީ އެކަލޭގެފާނަށް މާތް ﷲ ރުއްސުންލެއްވި أَبو هُرَيْرَةَ އެވެ.

އެކަލޭގެފާނު އިސްލާމްވެ ވަޑައިގެން ކީރިތި ރަސޫލާ صلى الله عليه وسلم ގެ ފައިންޕުޅު ދެކިވަޑައިގަތުމަށް މަދީނާއަށް ވަޑައިގެންނެވިއިރު ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙައިބަރަށް ވަޑައިގެންނެވެ. ކީރިތި ރަސޫލާއާ ބައްދަލުކުރެއްވުމަށް އަބޫހުރައިރާ ހައިބަރަށް ވަޑައިގެން ޙައިބަރުން ކީރިތި ރަސޫލާ صلى الله عليه وسلم އާ ބައްދަލުކުރެއްވިއެވެ. އެއަށް ފަހު މަދީނާއަށް ވަޑައިގެން މަސްޖިދުއްނަބަވީގައި އެކަލޭގެފާނު ޢިލްމު ޙާޞިލު ކުރެއްވުމުގައި ދެމިހުންނެވިއެވެ.

މި މާތް މޫރިތި ބަސްފުޅު އަލްއިމާމު މުސްލިމް އެކަލޭގެފާނުގެ ޞަހީހް ފޮތުގެ މުޤައްދިމާގައި ހިމަނާފައިވުމުން ބަސްބުނުމުގެ ކުރިން ބަހާމެދު ވިއްސާނުމުގެ މުހިންމުކަން ދޭހަވެގެންދެއެވެ. އަދި އިމާމު މުސްލިމް އެކަލޭގެފާނުގެ ފޮތުގައި މިކަމާ ގުޅިގެން ވަކިން ބާބެއް ގެންނަވާފައިވެއެވެ. އެއީ بَابُ النَّهْيِ عَنِ الْحَدِيثِ بِكُلِّ مَا سَمِعَ އަޑު އިވޭ ކޮންމެ ވާހަކަ އެއް ދެއްކުން މަނާވެގެންވާކަން ނަންގަނެވިގެންވާ ބާބެވެ.
މި ބާބުގެ ދަށުން ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޖާމިޢު މިބަސްފުޅު ((އަޑު އިވޭ ކޮންމެ ވާހަކަ އެއް ދެއްކުން ދޮގުވެރިއެއްގެ ގޮތުގައި ފުދިގެންވެއެވެ)). މި ހަދީޘާ މެދު ފުންކޮން ވިސްނާލުމުން ގިނަ ޝުޢޫރުތަކެއް ހިތުތެރޭ ހިނގައިގަނެއެވެ.

އާދެ މާތްވި އިސްލާމް ދީނުގައި ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ބާރު އަޅުއްވާފައިވާ ފަދައިން އެ ފަތުރާ މަޢުލޫމާތަކާއި ޚަބަރެއްގެ ތެދު ދޮގުމިން ދެނެގަނެގަތުމުގެ މުހިންމުކަމެވެ.

قال عمر رضي الله عنه : ( إياكم والفتن فإن وقع اللسان فيها مثل وقع السيف )

މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު ވިދާޅުވިއެވެ. ((ތިޔަބައިމީހުން ފިތުނަ އުފެއްދުމުން ދުރުހެލިވާށެވެ. އަދި ދުލުން ބޭރުކޮށްލާ ބަހެއްގެ ސަބަބުން އުފެދޭ ފިތުނަވެރިކަން ކަނޑިއަކުން ކޮށްލެވޭ ޒަހަމެއް ފަދައެވެ.))

އާދެ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީން ހަބުޝުކަރައަށް ހިޖުރަކުރެއްވުމާ ގުޅިގެން މައްކާގެ މުޝްރިކުން ރަށުތެރޭގައި ތަފާތު ގޮތްގޮތަށް ވާހަކަ ދައްކާ ރަށުތެރެ ހަލަބޮލިކޮށް ބޮޑެތި ފިތުނަތަށް އުފެއްދި އެވެ. މާތްވެގެންވާ އިސްލާމް ދީން ވަނީ މިފަދަ އެންމެހާ ނެދެވޭ ކަންކަމަކުން ބަރީއަވެގެނެވެ. މުސްލިމުންނަށް އޮތީ އެންމެހާ ފިތުނަވެރިކަމާއި ހަސަދަވެރިކަމާ ދުރުހެލިވުމެވެ.

އާދެ ދުނިޔޭގެ ލާއިންސާނީ ޚަބަރު ފަތުރާ ވަސީލަތްތަކުންނާއި އިސްލާމް ދީނުގެ ޢަދުއްވުން އިސްލާމް ދީނުގެ ނަމުގަޔާއި އެނޫން ގޮތްގޮތުންވެސް ގެނެސްދޭ ޚަބަރުތަކާއި މަޢުލޫމާތުތަކާ މެދު ބަސް ބުނެ އެ ޚަބަރެއް މަޢުލޫމާތެއް ފޯރުކޮށްދިނުމުގެ ކުރިން އެކަމުގެ ޞައްޙަކަން ދެނެގަތުމަށް ބާރު އަޅުއްވާފައި ވަނީ އިންތިހާއަށް އެކަމުގެ ހުރި ޙުތޫރަތްތެރިކަމުގެ ބޮޑުކަމުންނެވެ. މިފަދަ ޚަބަރުތަކާއި ބަސްތަކަކީ އިސްލާމީ ތަރަހައިގެ ތެރެއިން ނޫން ގޮތަކަށް އަންނަ ޚަބަރުތަކެއް ނަމަ އެކަމަށް ސަމާލުވުން ބޮޑުވެގެންވެއެވެ. އަދި ޚަބަރު ނެގުމާއި އަޑު އެހުމާއި ފޯރުކޮށްދިނުމުގައި އިސްލާމީ ތަރަހައިގައި ހިފަހައްޓަންޖެހެއެވެ.

ޙުޖުރާތު ސޫރަތުގެ 6 ވަނަ އާޔަތުގައި ވަނީ ( يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا)
މާނައީ :((އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކައިގެން އަތުވެއްޖެ ނަމަ އެޚަބަރެއް ރަނގަޅަށް ސާފުކޮށް އޭގެ ދޮގުތެދު ބަލާ ޙަޤީޤަތް ހޯދާށެވެ.))

އާދެ އިސްލާމް ދީނުގައި މިފަދަ ބޮޑެތި އިންތަކަކާއި މިންތަކެއް ކަނޑައަޅުއްވާފައި މިވަނީ މުޖުތަމަޢު އެންމެހާ ފިތުނަ ފަސާދައިން ސަލާމަތްކޮށް އެންމެހާ އިންސާނިއްޔަތުގެ ކަރާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ. މާތްﷲގެ މިދެންނެވި ވަހީ ބަސްފުޅު ބާއްވާލައްވަން ދިމާވި ސަބަބަކީވެސް ކީރިތި ރަސޫލާގެ އެންގެވުމާ ހިލާފުވެ އެކަލޭގެފާނަށް ހަގީގަތް އޮޅޭ ޒާތުގެ ޚަބަރެއް ކުރިމަތިކުރުވުމާ ގުޅިގެންނެވެ.

މިއާޔަތް ބާއްވާލެއްވުނު ސަބަބު ބަޔާން ކުރައްވައި، ކީރިތި ޤުރުއާނުގެ ތަފުސީރު ފޮތް ފަތުހުލްޤަދީރުގައި މިފަދައިން ލިޔުއްވާފައިވެއެވެ. އަލްޙާރިޘް ބިން ޟިރާރު ކިޔާ ބޭކަލަކު އެއްކުރައްވާފައިވާ ޒަކާތުގެ މުދާބަލައި ރަސޫލާ صلى الله عليه وسلم ފޮނުއްވައިގެން އަލްވަލީދު ބިން ޢަޤަބަތު ދިޔައެވެ. މި ވަލީދު މަގުގެ ވަކި ހިސާބަކަށް ގޮސްފައި ކޮންމެވެސް ބިރުވެރިކަމެއް ހިތަށް ވަދެގެން އޭނާ އެނބުރި ރަސޫލާ صلى الله عليه وسلم އަރިއަހަށް އައިސް ދެންނެވިއެވެ. އަލްޙާރިޘް ބިން ޟިރާރު އޭނާއަށް މުދާ ނުދީ މަނާކޮށް އަދި އޭނާ މަރަން އުޅުނު ކަމަށެވެ. ދެން ކީރިތި ރަސޫލާ صلى الله عليه وسلم ބަޔަކު ފޮނުވައިގެން ބެއްލެވިއިރު އެއީ ބޮޑު ދޮގެއްކަން ރަނގަޅަށް ސާބިތުވެއްޖެއެވެ.

ކީރިތި މާތް ސާހިބާގެ މޫރިތި ޖާމިޢު ބަސްފުޅުން ގިނަ ފިލާވަޅުތަކެއް މިވަނީ ދަސްކޮށްދެއްވާފައެވެ. ނަމޫނާ ދައްކަވާދެއްވާފައެވެ. ޚަބަރާއި މަޢުލޫމާތު ނެގުމާއި ފޯރުކޮށްދިނުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި އިންތައް ބަޔާންކޮށްދެއްވާފައެވެ. އިވޭހާ އަޑަކާއި ފެންނަހާ މަންޒަރެއް ހަޤީގަތަކަށް ހެދުމުގެ ބަދަލުގައި މުޖުތަމަޢުގެ ލާބަޔާއި މަންފާ ހުރި ގޮތުގައި ރިވެތި ވެއްޓެއް ބިނާކޮށް އަމަންއަމާންކަމާއި ހިތްފަސޭހަކަމާއި ދުޅަ ހެޔޮކަމަށް އިސްކަން ދިނުމެވެ. އިސްލާމީ ރިވެރި އާދަކާދަ އާއި ސަޤާފަތް ދިރުވުމެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން އިސް ކުރުމެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން އުފުލުމެވެ. މަތިވެރި މަޤާމަށް ވާޞިލުވުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *