ވެރިކަމާހެދި ވެސް ގައުމު އަޅުވެތިކަމަށް ދޫކޮށް ނުލާތި
އެކި ދެތިން މީހުންގެ ބޭނުމަކަށް މިތަން ވިއްކާ ނުލާތި
ޚާއިނުންނާ މަހުޖަނުންގެ އަމިއްލަ ގައުމެއް ނޫންކަމުން،
ފާތިޙުން ތިބިކަން މިތަނުގައިވެސް ހަނދާން ނެތިކޮށް ނުލާތި
އެންމެ މާތް ދީނާއި މިނިވަންކަމުގެ އުފަލުން އުޅެނިކޮށް،
އެންމެ ނިކަމެތި ޙާލުގައި އަޅުވެތިކުރަން ދޫކޮށް ނުލާތި
ހާދަ ގިނަ ގައުމީ ދަރީންގެ ޖިހާދަކާ ޤުރްބާނަކުން
ހާދަ ވަރަކުން ހޯދި މިނިވަންކަން، މިތާ ދަމަހައްޓަވާތި
ކުރިމަގަށް މިނިވަން ޖިހާދު ކުރަން ތިބޭ ޖީލުގެ ދަރީން،
މުޅި މަގަށް ނެރެގެން މިތާ ހަޅުތާލު ކުރުމަށް ނުފޮނުވާތި
ލޯބިވަންޏާއީ އުފަން ގައުމާއި ވަޠަނާ ދީނަށާ،
ލޯބިވާ ޅަދަރީން މަގަށް ނެރެ، ގަނަތެޅެން ދޫކޮށް ނުލާތި
"ތަނުގެ ހުރިހާ ކަނޑުފަޅާ އަދި ބިންތަކާ ވިއްކާލިޔަސް
ތަނުގެ މިނިވަންކަން ހިލާ! އަޅުވެތިކަމަށް ވިއްކާ ނުލާތި"
ދިވެހި މިނިވަންކަން މިތަނުގައި ފޭރިގަތް އެއްވެސް ބައެއް،
"ރިވެތި ގޮތަކަށް ނިމިފައެއް ނެތް! ތަނުގެ ތާރީޚުން" ބަލާތި
ހަރުފައެއް އޮޅުކޮށް ހަދައި އެއް ދާނުގައި ނިންދެވިއަކަސް،
"ފަހުވަގުތު ވިހަ ލާނެކަންވެސް" ތަޖުރިބައިން ހޯދާ ބަލާތި
އަނދިރި އާއި އަލީގެ ތެރެއިންވެސް ކުރާ ހުރިހާ ކަމެއް،
މަތިވެރިވި ﷲ ދެނެވޮޑި ގަންނަވާނެ! ހަނދާން ކުރާތި
