މަގާމެއް ލިބުނަކަސް މީހާ، ބޮޑާވާންވީ ކަމެއްނޫނޭ
މަގާމުން މޮޅުކަމަށް ބެލެނީ މަގާމުގެ ސައިޒަކުން ނޫނޭ
ޙަވާލުކުރާ ކަމެއް ޤާބިލްކަމާ ހަމަހަމަ ކަމާއެކުގައި
އަދާނުވެވޭ ކަމެއްގައި ހުރުމަކީ އަގުހުރި ކަމެއް ނޫނޭ
މަޤާމުގެ ވާޖިބާ ޒިއްމާ ބަރާބަރު ނުކުރެވޭ ޙާލުން،
މަގާމެއްގައި ހުރުން އެއަކީ ލިބޭ މޮޅު ޢިއްޒަތެއް ނޫނޭ
ނުފޫޒާ ބާރުހުރި މީހެއް، ނުފޫޒުންދޭ މަގާމެއްގައި،
ނުފޫޒުގެ ބާރުގައި ހުއްޓަސް ކުފޫ ހަމަވާ ކަމެއް ނޫނޭ
މަގާމު ފުރަން ޙަވާލުވިޔަސް މަގާމުގެ ބާރު އަދި ލިބުނަސް،
މަގާމުގެ ތަޖްރިބާއެއް ނެތި ކުރަންވާ ވަރު ކަމެއް ނޫނޭ
އަމިއްލަ ތިމާގެ ނަފުސާމެދު އަމިއްލަ ދުލުން ސަނާކިޔަކަސް،
އެހެން މީހުންގެ ލޯތްބާ އިޙްތިރާމު ލިބޭ ކަމެއް ނޫނޭ
ޢުލޫމުގެ ފަންނުގައި މީހާ އަރާ ހުރި ލީޑަރެއްނަމަވެސް
ސުލޫކެއް ނެތި ލިބޭނޭ އިޙްތިރާމެއް އޮތް ކަމެއް ނޫނޭ
ޙަޔާތުގެ ފަތްފުށަށް ބެލުމުން ވަފާތެރި މީހަކަށް ނުވެފައި،
ޖަމާޢަތުގައި "ކުރާ ގިރިޓީ" ނަޒާޙަތްތެރި ކަމެއް ނޫނޭ
ބަލާއިރު ފެންނަ ސިފަތަކުގައި ދެފުށް ދެ ގޮތަށް ބަދަލުވަންޏާ
ބަލާ މީހުންގެ ނަޒަރުން މީ އަމާނާތްތެރި ކަމެއް ނޫނޭ
މި ދުނިޔޭން ބާރު ހޯދައިގެން ޝަރަފުވެރި ކޯޓު ލައްވައިގެން،
މި ދުނިޔޭން ދުނިޔެ ހޯދައިގެން އުޅެން އެންގެވި ގޮތެއް ނޫނޭ
