Support Us

އިނާދު އާއި ސެގީ އުނދޯއްޔެއްގައި، ރާއްޖޭގައި...
އިނާދު އާއި ސެގީ އުނދޯއްޔެއްގައި، ރާއްޖޭގައި...

"ރާއްޖޭގައި ކަށުނަމާދުކުރުމާއި އޭނާގެ މައްޗަށް އުމްރާއެއްވުން އެއީ އަޅުގަނޑުގެ އަންހެނުންގެ އެންމެފަހުގެ ވަސިއްޔަތް"

"ރާއްޖޭގެ ބޮޑު މިސްކިތެއްގައި ކަށުނަމާދުކުރުމާއި އޭނާގެ މައްޗަށް އުމްރާއެއްވުން އެއީ އަޅުގަނޑުގެ އަންހެނުންގެ އެންމެ ފަހުގެ ވަސިއްޔަތް،" އިނާދު މުހައްމަދު އަލީ ބުންޏެވެ.

އިނާދަކީ ހއ. ދިއްދޫ، އަލްމަރުހޫމް މުޙައްމަދު ޢަލީ އާއި ޕެރިސްގޭ ނަސީމާގެ ކުއްޖެކެވެ. ނެދަލޭންޑްސްގެ ސިގްރިޑް ވިންޓަރ މަންސް (ސިގީ)އާ ކައިވެނިކޮށްގެން އާއިލާއާއެކު ދިރިއުޅެމުން އައީ ނެދަލޭންޑްސްގައެވެ.

އިނާދާއި ސިގީއަށް 26 އަހަރުގެ އަނީސާ އިނާދު މުހައްމަދު އަލީ ވަނީ ލިބިފައެވެ. އަދި ކުރިން ލަންކާގެ މަރީނާއާއި އިނާދު ކުރި ކައިވެންޏަށް، މާޒިން އިނާދު މުހައްމަދު އަލީ ވަނީ ލިބިފައެވެ. ނަމަވެސް އުމުރުން 34 އަހަރުގެ މާޒިންވެސް ދިރިއުޅެމުން އަންނަނީ ބައްޕަމެނާއެކު ނެދަލޭންޑްސްގައެވެ.

އިނާދު އާއި ސިގީ އަދި އާއިލާގެ މެމްބަރުން…

މަޖީދިއްޔާއިން ތައުލީމު ހާސިލްކުރި އިނާދު، 56، އެންމެ ފުރަތަމަ މަޝްހޫރުވެގެން އައީ އަލްމަރުހޫމް ކާމިނީގޭ މުހައްމަދު ޒާހިދުގެ މިއުޒިކް ގްރޫޕު "ޓެވްންޓިއެތު ސެންޗަރީ ބީ.ސީ"ގެ ބޭސް ގިޓަރިސްޓް އަދި ވޯކަލިސްޓެއްގެ ގޮތުގައި، 1985 ގައެވެ. ފަސް އަހަރު ދުވަހު ބީ.ސީގައި ރިސޯޓު މިއުޒިކް ކުޅުމަށްފަހު 1992 ގައި ކްރީމު މުހައްމަދު މާޖިދުގެ މަޝްހޫރު "މޭޒޯ ބޭންޑު" ވުޖޫދަށް ގެނައީވެސް އިނާދުގެ ހިއްސާއާ އެކުގައެވެ. މެޒޯގައި ވަރަށް މަޝްހޫރުވި ބައެއް ލަވަތައް އިނާދު ކިޔައިފައިވެއެވެ.

"މިއުޒިކް ދާއިރާގައި އުޅުނަސް އެއީ މުޅި އުމުރަށް ކުރެވޭނެ ކަމެއް ނޫންވީމާ މިއުޒިކާ ދުރުވެ، އާއިލާއާއަށް ވަގުތު ދޭން ނިންމީ،" އިނާދު ބުންޏެވެ.

އިނާދު ބީސީގައި ލަވަ ކިޔަނީ ފޮޓޯ: އިނާދު/އެފްބީ

ސިގީއާ 1992 ގައި ކައިވެނިކުރުމަށްފަހު އިނާދުގެ ދޮށީ ދަރިފުޅު މާޒިނާއެކު ނެދަލޭންޑްސަށް ބަދަލުވެ، ދިރިއުޅެމުން އަންނަނީ އެ ގައުމުގައެވެ. މާޒިންވެސް އެއިރޯ ސްޕޭސް އިންޖިނިއަރިން އިން މާސްޓާސް ހެދުމަށްފަހު، ވަޒީފާ އަދާކުރަމުން އަންނަނީ އައި.ޓީ. ސްޕެޝަލިސްޓެއްގެ ގޮތުން ނެދަލެންޑްސްގައެވެ. ނެދަލެންޑްސްގެ ކުއްޖަކާ ކައިވެނިކޮށް މާޒިނަށް ވަނީ ދޮޅު އަހަރުގެ ކުއްޖަކު ލިބިފައެވެ. އެހެންކަމުން އިނާދުގެ ދެމަފިރިންވެސް އެންމެ ބޮޑު ލޯތްބެއް ދެމުން އައީ ކާފަ ދަރިފުޅަށެވެ.

"އަނީސާވެސް ކައިވެނިކުރަން އުޅުނީ މިދިޔަ އަހަރު. އެކަމަކު ކޮވިޑްގެ ކަންތަކާ ހެދި ކައިވެނި ލަސްވަމުން ދިޔައީ. މަންމަ ދުނިޔޭގައި ކައިވެނިކުރަން އަނީސާވެސް ވަރަށް ބޭނުންވެފައި ހުރީ،" އިނާދު ކިޔައިދިނެވެ.

ނެދަލެންޑްސްގައި ދިރިއުޅެމުން ވެސް ދޭތެރެދޭތެރެއިން ސިގީއާއެކު އިނާދު މާލެ އާދެއެވެ. އެންމެ ފަހުން ރާއްޖެ އައީ ކޮވިޑްގެ ކުރިން، 2019 ގައެވެ.

އިނާދާއި ސިގީގެ ކުޑަ އާއިލާގެ އުފާވެރި ދިރިއުޅުމަށް ކުއްލި ސިހުމެއް ލިބިގެންދިޔައީ މިދިޔަ އަހަރު އެޕްރީލް މަހުއެވެ. އެއީ ސިގީގެ ފައި ދުޅަވެގެން ޑޮކްޓަރަށް ދެއްކި ހިސާބުންނެވެ.

"ޑޮކްޓަރުންނަކަށް ނޭނގުނު ކިހިނެއްވެގެން ކަމެއް. ދެން އިންވެސްޓިގޭޝަން ތެރެއިން ފެނުނީ ވަރަށް މަދު ބަޔަކަށް ނޫނީ ނުޖެހޭ ވައްތަރެއްގެ ކެންސަރެއް ޖެހިފައިވާކަން. ރަހިމުގެ އެތެރެއިންނާއި ބޭރުން. ނެދަލެންޑްސްގެ އެންމެ ރަނގަޅު އެއް ހޮސްޕިޓަލުން ފަރުވާ ދެމުން އައިސް، ފަހަރަކު ފަރުވާއެއް ރިޖެކްޓްކުރަމުން ގޮސް، ކީމޯތެރަޕީއަށް ވެސް ނުގުޑީ،" އިނާދު ކިޔައިދިނެވެ.

ކެންސަރާ ހަނގުރާމަކުރަމުންދިޔަ ސިގީއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އާއިލާއަށް ލިބުނު އެންމެ ފަހު ފުރުސަތަކީ، އިނާދާއި ސިގީގެ ކައިވެންޏަށް 30 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ މާޗު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އާއިލީ ބައްދަލުވުމެވެ.

"އެ ދުވަހު ވަރަށް އުފާކޮށް އުޅުނު ސިގީވެސް. އެކަމަކު އެ ދުވަހަށްފަހު ހާލު ދެރަވަމުން ގޮސް، އަނެއްކާވެސް ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާ ދެމުން އައިސް ޑޮކަޓަރުންނަށް ދެން އިތުރު އެއްވެސް ފަރުވާއެއް ނުދެވޭ ހިސާބަށް ގޮސް އުންމީދެއް ނެތުމުން މިދިޔަ އެޕްރީލް މަހުގެ 17ގައި ގެއަށް ގެނެސް ގޭގައި ބަލަހައްޓަމުން އައީ. ސައުވީސް ގަޑިއިރު ނަރުސް ކުދިން ތިބޭނެ. ޑޮކްޓަރުންވެސް ގަވައިދުން އަންނާނެ. ގޭގައި ދެވޭނެ އެންމެ ފުރިހަމަ ފަރުވާ ދެމުން އައީ."

ސިގީ: ނިޔާވީ 56 ވަނަ އުފަންދުވަހު

ސިގީގެ އެންމެ ފަހު ވަގުތުކޮޅުގައި އިނާދުގެ ހުރިހައި ވަގުތެއް ސިގީ ކައިރީގައި ހޭދަކުރިއެވެ.

"ގޭގައި އަޅުގަނޑުމެންނަށް ހަފުތާއެއްހާ ދުވަސް މި ލިބުނީ. ހުރިހައި ކުދިންނަށް ވަސިއްޔަތްކުރުން ފަދަ ކަންތައްތައް އެ ދުވަސްކޮޅު ކުރި. އަންހެނުންގެ ވަރަށް ބޮޑު އެދުމެއް ތިމަންނާ ނިޔާވެއްޖެ ހާލަތެއްގައި ރާއްޖޭގެ ބޮޑު މިސްކިތެއްގައި ތިމަންނަގެ މައްޗަށް ކަށުނަމާދުކޮށްދިނުމަކީ. ހަމަ އެންމެ ބޮޑުކޮށް ކަށުނަމާދު ކޮށްދިނުމާއި ތިމަންނަގެ މައްޗަށް އުމްރާއެއް ކޮށްދިނުމަށް އަންހެނުން އެދުނު."

ސިގީ އާއި އޭނާގެ އާއިލާއަކީ ކްރިސްޓިއަނުން ކަމަށް ވިޔަސް، ފަހުން ސިގީ ވަނީ ދެ ޝަހާދަތް ކިޔައި އިސްލާމްވެފައި ކަމަށް އިނާދު ބުންޏެވެ. އަދި ގުރުއާންް ތަރުޖަމާ އަޑުއަހައި ހެދި ކަމަށް ވެސް އިނާދު ބުންޏެވެ.

އެންމެ ފަހު ނޭވާއާއެކު ސިގީ ދުނިޔެއާ ވަކިވީ ހުސްވި އެޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. އިއްތިފާގުން އެއީ ސިގީގެ 56 ވަނަ އުފަންދުވަހެވެ.

"ހުރިހައި ކުދިންނާ ވާހަކަ ދައްކާ ހަދައިފައި ނިދާލި ގޮތަށް އަނެއް ދުވަހުގެ ފަތިސް ނަމާދަށްފަހު ނިޔާވީ،" އިނާދު ބުންޏެވެ.

އިނާދު ބުނީ ސިގީގެ ޖަނާޒާގެ ކަންތައް، އެޕްރީލް 29 ގައި ނެދަލެންޑްސްގައި ބޭއްވުމަށްފަހު، އޭނާ ދެން އެންމެ އަވަސްވެގަތީ ސިގީގެ ފުރަތަމަ ވަސިއްޔަތް ފުރިހަމަކުރަން ކަމަށެވެ. އެ ގޮތުން މަރާ ގުޅޭ ގާނޫނީ ލިޔެކިއުންތައް ތަރުޖަމާކޮށްގެން މިއަދު މާލެ އައިސް، ޣައިބަށް ކުރެވޭ ކަށުނަމާދުގެ ކަންތައް، ދިވެހި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ހަމަޖެއްސީ ކަމަށެވެ.

ސިގީގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

"ކަށުނަމާދަށްފަހު ދެން އަޅުގަނޑު ބަލާނީ ވީހާ އަވަހަކަށް އުމްރާގެ ކަންތައް އަދާކުރަން،" އިނާދު ބުންޏެވެ.

އިނާދު ބުނީ ސިގީ ނިޔާވުމަކުން ދިރިއުޅުން އަނެއްކާވެސް ރާއްޖެއަށް ބަދަލުކުރަން އަދި ނުވިސްނާ ކަމަށެވެ. ސަބަބަކީ ދިރިއުޅުމުގެ ހުރިހައި ކަމެއް ނެދަލެންޑްސްގައި ވަރަށް ރަނގަޅަށް ހަމަޖެހިފައި އޮތުމުންނެވެ.

"އެކަމާ ވިސްނަން އަދި މާ އަވަސް ދެއްތޯ؟" އިނާދު ބުނެލިއެވެ.

މާދަމާ އޮންނަ ކަށުނަމާދުގައި ވީހާ ގިނަ ބަޔަކު ބައިވެރިވުމަކީ އިނާދުގެ ވަރަށް ބޮޑު އެދުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31142
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ގައިބަށް ކަށި ނަމާދު ކުރުން ނޯވޭ. އޭނަ އިސްލާމްވީމަ ކީއްވެ މުސްލިމު ނަމަކަށް ބަދަލު ނުކުރީ

  2. މީގައި ބޭނުންވަނީ ބިޔަ ކަށުނަމާދެއް ނޫން. ދުނިޔޭގައި ހެޔޮ ޢަމަލް ކޮށް މުސްލިމުންގެ ގޮތުގައި އުޅުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *