ވަކި ބަޔަކު "ތައްޕާހުގައި" ދިވެހިން އުޅެންވީ ކީއްކުރަން
އެކި ނުބައި ނުލަފާ ޔަހޫދީން ނަށް ވިކެންވީ ކީއްކުރަން؟
"އަށްސަތޭކަ އެތައް އަހަރު" މިނިވަންކަމެއް އޮތް ގައުމަކުން،
ނަންނަމުން އެކި ތަންތަނަށް އަޅުވެތިވަނީ އަދު ކީއްކުރަން؟
އެންމެ މާތް ދީނާ، އަމިއްލަ ބަހާ ސަގާފަތު އޮތް ބައެއް،
މުސްލިމުންގެ ޢަދުއްވުނަށް ވިކި ހުސްވެ ދާންވީ ކީއްކުރަން؟
ކަނޑު ފަޅާ ދަނޑުފަނގުގެ ރިޒުޤުން ދިރިއުޅޭ ކުޑަ ރައްޔިތެއް
ކަނޑު ފަޅާ ދަނޑު ބިންތަކާ ވިއްކާ ހަދަންވީ ކީއްކުރަން؟
މުސްލިމުން ނެތިކޮށް މަރައި ހަދަމުން އެދާހާ ދުޝްމިނުންނާ،
"އުލްފަތުގެ މާތައް އެކީގައި ފޮޅުވަނީ" ވެސް ކީއްކުރަން؟
ފަޚުރުވެރި މިވެވޭ ސަތޭކަ ޕަސެންޓު މުސްލިމު ގައުމަކުން
"އަދު މިތާ ބުދު ފައްޅިތައް ދަމަހައްޓަނީ" ބަލަ! ކީއްކުރަން؟
ކާބަފައިން އަބުރާއި ޢިއްޒަތު ގައި އުޅުނު މިނިވަން މިބިން،
ކާބަފައިން ނެތިވީ ދުވަހުގައި "ރަހުނު" މިކުރީ ކީއްކުރަން؟
މުސްލިމުންނަށް "ދުުޝްމިނުންނެއް" ހިތްހެވެއް ނުމެ ވާނެކަން
"މުޞްޙަފުން" ރަނގަޅަށް އެނގެން އޮތްއިރު މިއުޅެނީ ކީއްކުރަން؟
