މައްސަރުގެ ތެރެއިންވި މާތް ރަމަޟާންމަހުން މަތިވެރި ރެޔެއް
މައްސަރުން އެއްހާސް މަހާ އެއްވަރު ދަރުމަ ދެއްވާ ރެޔެއް
ލައިލަތުލްޤަދްރުގެ ނަމުން ޤުރްއާނުގައި ސާބިތުވެގެން
ސޫރަތުލްޤަދްރުން މޮޅަށް ތަފްޞީލު އެނގިގެންވާ ރެޔެއް
ރޯދަމަހު ފަހު ދިހަތެރެއިން އޮނަހިރި ރެޔެއް ކަމުގައި ކިޔަސް،
ހޯދުމަށް ޤުރްއާނުގައި ކަނޑައެޅި އެނގެން މީ ނެތް ރެޔެއް
ސިއްރު ދެނެވޮޑިގެންވަނީ ﷲ ޖައްލަ ޖަލާލުހޫ
ހިތްތަކުން ޤުރްބާންވުމަށް ތަޤްވާގެ މަގުގައި އޮތް ރެޔެއް
ފަޖުރު ލައްޖައުމާއި ހަމަޔަށް މާތްވި ޖިބުރީލުލްއަމީން،
އަރިހުގައި އެތަކެއް މަލާއިކަތުން މިބިމުގައިވާ ރެޔެއް
މުއުމިނުންނާ ބައިވެރިވެ މަތިވެރި މަލާއިކަތުން އެރޭ
މުއުމިނުންނަށް ހެޔޮދުޢާކޮށް ދެއްވަވާ މަތިވެރި ރެޔެއް
ރަޙްމަތާ ބަރަކާތް އަދައިގެން އަޅުކަމެއް ކުޅަނަމަ އެރޭ
އަޅުތަކުން ކުޅަ އަޅުކަމަށް ހާހުން ދަރުމަ ދެއްވާ ރެޔެއް
ފާފަ ފުއްސެވުމަށް އެރޭ ކުރެވޭ ދުޢާ ރޫޙީ ގޮތުން
ޚާއްސަކޮށް އެއްހާސް މަހާ އެއްވަރު ސަވާބު ލިބޭ ރެޔެއް
މުއުމިނުންގެ ދުޢާތަކާ ތަސްބީޙަ ތަހުލީލުގެ ތެރެއިން
މުއުމިނުން ކުޅަ ކުށްތަކަށް ތައުބާވުމަށް މަތިވެރި ރެޔެއް
ފުރުޞަތެއް މީ އަހަރަކުން އެއްފަހަރު ރަމަޟާންމަހު ލިބޭ
ޤުދްރަތުގެ ރަޙްމަތް އަދައިގެން ސަޖިދަކުރުމަށް މޮޅު ރެޔެއް
"ދޫނުކޮށް އަޅުކަންކުރޭ! ރަމަޟާންމަހުގެ ފަހު ދިހަތެރޭ
ދޫނުކޮށްލާ ނަމަ ދިމާވާނޭ އެއިން ހަމަ އެއް ރެޔެއް"
