"އަރިއަޅާލައި ވެއްޓުމުން"، މުޅި ދުނިޔެވެސް އެދުވަހު ހުނޭ
ކަރުނަ ފޮހެލައިދިން ބަޔަކު، މިތުރުންގެ ގޮތުގައި އަދު ގުނޭ
"ދިރިއުޅެން" އުންމީދުތައް އާކުރި ހިތަށް މި އަމާޒުކޮށް
ދުރުތިބީން ދިން ޒަޚަމުތައް ފުންކަނޑުތަކަށްވުރެ މާ ފުނޭ
ކީއްވެގެންކަން ނޭނގުނަސް، މާޔޫސްކަމާއެކުގައި މި ހިތް
ވީއްލިގެން ދާން އުޅުނުހިނދު ބުއްދިން އެދުހު ހިފެހެއްޓުނޭ
ފުރުސަތެއް ހިނިތުންވެލަން، އިރުއިރުކޮޅުން އަދި ނުލިބުނަސް
ފަރިތަވީމާ ހާލަތަށް، ދަތި އުނދަގުލަށް ހިތް ހޭނުނޭ
ކޮންމެ ރިހުމެއް ހިތުތެރޭން ބޭރަށް ހެވޭ އަދި ނުނިކުތަސް
ކޮންމެ ހިއްސެއް ވަކިވަކީން މީ "ދުނިޔެކަން" ވިސްނައިދިނޭ
ހިތްވަރުން ލީ ނޭވަޔާއެކު ތެދުވެ ހިންދެމިލައި އަލުން،
ހިތްވަރެއް އިތުރަށްލުމުން މަންޒިލް މިހާރު ލޮލަށް ފެނޭ
ދިއްލުމަށް އައު ހުޅުކޮޅެއް މާދަން ޙަޔާތް ރޯޝަންކުރަން
އެއްލި ދިޔަ މާޒީގެ ޞަފްޙާއިން ދަރުސްތައް ލިބިދިނޭ
