ފަރުޟުވާނެ ޒަކާތް ޝަރުޢުގެ މަތިވެރި މަގުގައި
ދަރުމަވެތި މާތް ދީނުގެ ތިންވަނަ ރުކުނުގެ ގޮތުގައި
ނަފުސުގައި ހުރި "ދަބަރެއް" ފިލުވައިލެވެޔޭ މި ކަމުން
ހަފުސުކޮށްލާނެ ނުބައި ހުރިހާ ޢަމަލެއް އެކުގައި
މުއްސަނދީން، ފައިސާވެރި މީހުންމެ ޒަކާތް ދިނުމީ
ހުސްއަތާ އެ ތިބޭ ކަތުނަށް އޮތް ހައްގެއް އޭގައި
މުދަލުނާ ނަފުސުން ވާޖިބު ޞަދަގާތް ވީމާ
އުނދަގުލެއް ކަމު ނުބަލައި ދިނުމެ އޮތީ މާތް ފޮތުގައި
ހަރު މުދާ، އެއްކުރި ހުރިހާ ޙައްޤު ނުދީ ހިފެހެއްޓީމާ
ކަރު ވަށައިގެން އެމުދާތައް އެޅެޔޭ މަޙުޝަރުގައި
ފިޠުރު ދީ ބެހުމަށް ވާޖިބުވޭ ކުދިބޮޑު އަޚުނަށް
ފިޠުރު ޢީދުގެ ކޮއްތަށްވުރެ އިތުރުވަނީ ނަމަ ގޭގައި
މުދަލުގައި ޙައްޤު އޮތަސް ބައިކުޅަބައި ހިފެހެއްޓީމާ
އުނދަގުލާ ވޭނާ ކެކުޅުން ލިބެޔޭ މަޙުޝަރުގައި
އެއްކުރި ހުރިހާ މުދަލެއް ދޮންވެވި ކަޅު އަލިފާނުން
ނިތްކުރީގައި ތައް ޖެހެޔޭ ވާ ނަމަ ޙައްގެއް އޭގައި
އުނިވުމެއް ނެތް މުދަލުން އިތުރޭ ވާނީ ދިނުމުން
ކުނި ފިލައި ތާޙިރުކަން މުދަލަށް ލިބެޔޭ އެކުގައި
ހޭދަކުރަނީނަމަ މުދަލުން، އިތުރުވެ ހެދެޔޭ ކުރިލައި
އޭ، ދަވާއޭ ނަފުސަށް އޮތް މޮޅު ފަރުވާ ކަމުގައި
