މިގައުމަށް "ދިވެހިބަހުގެދުވަސް" އަޔަސް އުފަލެއްނުވޭ ހިތަކަށް،
މިގައުމުން ކުރިމަގެއް އެއްވެސް ނެތޭ ފެންނަން ދިވެހި ބަހަކަށް
ފެށޭ ޢުމްރުގެ ޒުވާނުންނެއް ނެތޭ ޝައުޤެއް އަމިއްލަ ބަހަށް،
ހެވޭ! ބަސްމޮށެ އުޅެން އެއްވެސް އަމާޒެއް ނެތް ދިވެހި ބަހަކަށް
ނެތޭ އެއްވެސް އޮފީހެއް ކުލަބު ޖަމްޢިއްޔާ ޖަމާޢަތަކަސް
ނެތޭ އެއްވެސް މަގާމުގެ ދަރަޖައެއް ދެވިފައި ދިވެހި ބަހަކަށް
ލިޔާ ރަސްމީ ނުރަސްމީއެއް ކިޔާ ނުކިޔާ އެކައްޗެއްވެސް
ލިޔާށާ އަދި ކިޔަން މުސްތަޤުބަލެއް އަދު ނެތް ދިވެހި ބަހަކަށް
ކިޔަންހުރި ނޫސް މަޖައްލާޔާ އަހަންހުރި މީޑިޔާ ތައްވެސް
ލިޔާށާ އަދި ކިޔާކަށްވެސް، އުޞޫލެއް ނެތް ދިވެހި ބަހަކަށް
ލިޔާ މެސެޖާ ސިޓީއާ އާދެ! އިޢްލާނާއި ގެޒެޓުންވެސް
ލިޔާ ނަންބޯޑު، ދެންނެވުމުން، ނެތޭ ހަމައެއް ދިވެހި ބަހަކަށް
ސްކޫލެއްގައި އުޅޭ ދަރިވަރަކުވެސް، މާދަރި ބަހާ މެދުގައި
އުޞޫލާ ހަމަތަކާ ލިޔެ ކިޔުމަކަށް ނުދެވޭ ދިވެހި ބަހަކަށް
އަތާއި، ފަޔާއި، ދެލޮލާ، ނޭފަތާ، ކަންފަތް " އޮތީ " ކަމުގައި،
ކިޔާނަމަ ހެޔޮ ނުބައި ވަކިވާނެގޮތްވެސް ނެތް ދިވެހި ބަހަކަށް
ކިޔަން ކަންބޮޑުވަނީ އިނގިރޭސިބަސް ނުބައެއް ވެދާނޭތީ
ލިޔާކަށް އަދި ކިޔާކަށް ވިސްނުމެއްވެސްނެތް ދިވެހި ބަހަކަށް
ނެތޭ މިބަހުން ހަދާ ޑިގްރީގެ ބާޒާރެއް މިގައުމެއްގައި،
ނެތޭ އެއްވެސް މަގާމުގެ ޢިއްޒަތެއް ދެވިފައި ދިވެހި ބަހަކަށް
