އޭ ވަފާތެރިކަން! ތިބާ ސިއްރެއް މަށަށް ބުނެދޭނުހޭ؟
ބޭވަފާތެރި ޙީލަތުގެ، ޝަރަފެއް ސަފުން ބުނެދޭނުހޭ؟
ކުރި ޚުޝާމަދުތައް ވަކިން އޮފުދާރު ވާނޭހެން އެއީ
ބަރިޔަކަށް އަތުރާލި އަގުނެތް، އަޞްލުނެތް ތަޢުރީފުހޭ؟
ނިތް އަރާމުން އެއްކިބާވެވި ފިކުރު ކުރިހާ ކުރުމަކީ
ހިތްވަށައިގެން ކުރި ޠަވާފުގެ މާނަ ނެތް ދައުރާނުހޭ؟
މަދަދުވެރިވީ ހިތުގެ ޚާލިސް ތެދު އަޤީދާ އޭ މަށަށް،
މަދު ދުވަސްކޮޅަކަށްޓަކައި ދައްކާލި ހެޔޮ މެހެމާނުހޭ؟
އަހުދުތައް ކުރެވުނު މުޤައްދަސް "ޢިޝްޤު ވިހި" މައިދާނަކީ
ބަހުގެ ޢިތުބާރާ، ލަފުޒު، ނީލަން ކިޔުނު ދަރުބާރުހޭ؟
ރަހުމު ނެތް ދުނިޔޭގެ ދަޅަޔަށް ހެއްލިގަތް އަހުރެން މިއީ
ވަހުމުގައި އަނިޔާގެ ދިލަޔަށް ސަޖިދަ ޖެހި މައުމޫމުހޭ؟
ތިބި ބަޔަކު ހެކިވާނެހެން ލަކުނާއި، ޒަޚަމާާ، ވޭންތަކާ،
ލިބި މިދިޔަ ހާނިކަ އަކީ، ލޯބިން ނެގެނު މަޙްޞޫލުހޭ؟